ލ. ގަމަކީ ސަރާސަރު ރީތި ދޮންވެލި ވެލިމަލައެއް ލިބިފައިވާ ހިތްގައިމު ރަށެކެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް، ޒަމާނީ ފެންވަރަށް ތާރަ އަޅާފައި އޮންނަމަގުގެ ގާތްގަނޑަކަށް ސާޅިހަކަށް ފަންސާހަކަށް ފޫޓު ހުޅަނގަށް އޮންނާނީ މި ދެންނެވި ހިތްގައިމު ވެލިމަލައެވެ. ރާއްޖޭގައި އެންމެ ދިގުކޮށް މިފަދަ ގޮތަކަށް އޮންނަ ހިތްގައިމު ވެލިމަލައެވެ. މި ހިތްގައިމު ރަށަށް މިފަހަރު އަޟްޙާ ޢީދު ނުވަތަ ބޮޑު ޢީދު އަންނަނީ ވަރަށް ބޮޑުކޮށެވެ. ވަކީން ޚާއްޞަކޮށް ގަމު ތުނޑީ އަވަށަށެވެ.
ލ ގަމު ތުނޑީ އަވަށުގައި މިފަހަރު، އަންހެންވެރީންނާއި ފިރިހެންވެރީންގެ ލަނގިރި އޮންނާނެ އެވެ. ލ. ގަމު ތުނޑީ ލަނގިރިއޭ ދެންނެވުމުން މީގެ ކުރީން އެ ލަނގިރި ފެނިފައިވާ ކޮންމެ ބޭފުޅަކަށްވެސް ސިފަވެގެންދާނީ ލަނގިރި ޖަހާއިރު އެ ނަށާ ނެށުމުގައި އެވެރިންގެ ހަށިގަނޑަށް އެގެންނަ ބަނޑިތަކެވެ. ގައިގައި އެންމެ ކަށިކޮޅެއްވެސް ނެތޭ ހީވާހާ ފަހެލިކޮށް (ފްލެކްސިބަލް ކޮށް) ހަށިގަނޑަށް، އަތްފަޔަށް، ބޮލަށް، ކަނދުރާއަށް އެ ގެންނަ ހަރަކާތުގެ ފަރިކަން އެނގޭނީ ހަމަގައިމުވެސް އެވެރީންގެ ލަނގިރި ކުޅިވަރު ބަލައިލީމައެވެ.
ގަމު ތުނޑީ ފިރިހެންވެރީންނަށް އެންމެ ތަންފުކެއްވެސް ދޫނުކޮށް، އަންހެންވެރީންގެ ލަނގިރިވެސް އޮންނާނެ ކަމަށް ގަމު ތުނޑީ ޢީދުކުޅިވަރުތަކުގައި އިސްވެ ހަރަކާތްތެރިވާ ސަނާ މުނިއަވަސް އަށް ބުންޏެވެ. ފިރިހެންވެރީންގެ ލަނގިރި ކުޅިވަރުން ފެނިގެންދާ ނަލަކަމާއި، ލަނގިރި ޖަހާ މީހުންގެ ކިބައިން ފެނިގެންދާ ފަހެލިކަން، އަންހެންވެރީންގެ ލަނގިރި ކުޅިތަކުން ފެނިގެންދާނީ ދެގުނަ ތިންގުނަ ކުރީގައި ކަމީ އެއްވެސް ޝައްކެއް އޮންނާނެ ކަމެއް ނޫނެވެ. މީގެ އިތުރުން އަންހެންވެރީންގެ ބަނޑިޔާޖެހުމާއި، ދަނޑިޖެމުގެ އިތުރުން ބޮޑުބެރާއި ނެށުމުގެ އައިޓަމްތައްވެސް އޮންނާނެއެވެ.
ރަށުގެ މަގުތައްމަތީގައި ޢީދުގެ ސަގާފީ ކުޅިވަރުތައް އޮންނާނެއެވެ. ސްޓޭޖް ހަރަކާތްތައްވެސް ރާވަމުން، ފަރިތަކުރުންތައްވެސް މިހާރު ހުރީ މެކުހަށް ޖަހާފައެވެ. ކުއްލި ރޭސްތަކާއި، ކުޑަކުދީންގެ ހަވީރާއި ޢީދުގެ ސަގާފީ ކުޅިވަރުތަކުން ގަމު ތުނޑި ޖަރީކޮށްލުމަށް އެ އަވަށުގެ ކުދިބޮޑު އެންމެން ތައްޔާރުވަމުން އަންނަތާ މިހާރު މަހަކަށްވުރެން ގިނަދުވަސް ވެއްޖެވެ.
ގަމު ތުނޑީ އަވަށު ޢީދު ކުޅިވަރުގައިި މިފަހަރު ވަރަށް ގިނަ ތަފާތު ކުޅިވަރުތަކެއް ފެނިގެންދާނެއެވެ. ކޯޑިކެނޑުމާއި “ބޭ ކޮޅުން” (ބޮޑުމަސް ދުއްވުމާއި މާލި އެރުމުގެ) ހަރަކާތްތައް ފަދަ އެތަކެއް ސަގާފީ ކުޅިވަރުތައް އޮންނާނެ އެވެ. މީގެ އިތުރުން ޢީދުގެ ދެވަނަ ދުވަހު އެއަވަށުގައި ހުންނަ ރިވަރީސް ގެސްޓްހައުސްއާ ދިމާ އަތިރިމަތީގައި އޮންނަ ހިތްގައިމު ވެލިމަލައިގައި ބާއްވާ “ބީޗް ފެސްޓިވަލް” އަކީ ވަރަށް ޚާއްޞަ ހަރަކާތެކެވެ. މި ފެސްޓިވަލްގައި ލަނގިރި، ހަރުބީ، ބަނޑިޔާ، ބޮޑުބެރު ފަދަ ސަގާފީ ކުޅިވަރުތައް އޮންނާނެކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން “ތުނޑު މާއުފާވެރި” މި ޝިޢާރުގެ ދަށުންވެސް ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވެއެވެ.
ގަމު ތުނޑީ ޢީދުކުޅިވަރުތަކުގެ ލޮނުހެޔޮވަރު ކޮށްލުމަށް މ. މުލަކު ލަނގިރި ޓީމުގެ ލަނގިރިޖެހުން އީދުގެ ދެވަނަ ދުވަހު އޮންނާނެ އެވެ. މީގެ އިތުރުން ތިންވަނަ ޢީދު ދުވަހުގެ ރޭ ސްޓޭޖް ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށްލުމަށް “އެކަތި ބޮޑުބެރު ގުރޫޕު”ގެ ފޯރިގަދަ ބޮޑުބެރުވެސް އޮންނާނެއެވެ.
ލ. ގަމު ތުނޑީ ފިރިހެން ލަނގިރި ޓީމުން އެމީހުންގެ އަވަށުގައި ޢީދުގެ ފޯރި ގެނައުމުގެ އިތުރުން ލ. މާމެންދޫއަށް ލަނގިރި ޖެހުމަށް ދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ތުނޑީ އަވަށުގެ އިޖްތިމާޢީ އަދި ތަރައްޤީގެ ހަރަކާތްތަކުގައި އަބަދުވެސް މަސައްކަތްކުރަމުން އަންނަ އިސްމާޢީލް ޢަލީ (ތުނޑީ އިއްސެ) މުނިއަވަސް އަށް ބުންޏެވެ.
ގަމު ތުނޑީ އަވަށުގައި މިވަރުގެ ވަރުގަދަ ބޮޑު ޢީދެއް ފާހަގަކުރާއިރު، ތުނޑީ މީހުން ބުނާހެން “ކަލޫނޭ މިފަހަރަ އީދަ ކޮޅޭން ދާންވޫ ގަމަ ތުނޑުވަކަށްނޮ!” މިހެން ބުނެނުލާ އަޅުގަނޑަށް ވަކީން ހުރެވޭނެތޯއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!