އަހަންނަކީ މާބޮޑު ވިސްނުމެއް ނެތި އުފަލުގައި ކިޔެވުމުގެ ހަޔާތުގައި ދުވަސްތައް ގުނަމުން ދިޔަކުއްޖަކީމެވެ. ކިޔެވުމުގައި ރަން ވަނަތަކާ ހަމައަށް ދިއުމަކީ އަހަރެންގެ އެންމެ އުންމީދީ މަންޒިލެވެ. ދިރިއުޅުމުގައި އެކި މީހުނަށް ދިމާވާނީ އެކި އިމްތިހާނާއެވެ. އުންމީދު ނުކުރާ ކިތަންމެ އިމްތިހާނަކާވެސް ކުރިމަތިލާން ޖެހިދެއެވެ. އަހަރެންގެވެސް ލޮލުގެ ކުރިމަތީގައި ކުރަހައިގެން ގެންގުޅުނީ ކިޔެވި މާއްދާތަކުން ލިބޭނެ އިމްތިހާނެކެވެ. ނަމަވެސް ތަޤުދީރު ނިޔާކުރީ މުޅިންވެސް އެހެން މަގެކެވެ.
އެކަމެއް ފުރަތަމަ ފެށުނީ ޤުރުއާން ކުލާސް ދޮށުންނެވެ. އާދައިގެ މަތިން ކިޔަވަން ދިއުމުގެ ތެރެއިންނެވެ. ކިޔަވަން ދިޔަގޭ ކުރިމަތީ ހުންނަ ގެއިން ނިކުންނަ ފިރިހެނެކެވެ. އާނއެކެވެ. އެއީ މީހަކާ އިނދެ ދަރިއަކުވެސް ހުރި ފިރިހެނެކެވެ. އަހަރެންގެ ގެއާ ޤުރުއާން ކުލާސް ދުރުނޫންކަމުން އާއްމުކޮށް އެތަނަށް ގޮސް އައިސް ހަދަނީ އެކަންޏެވެ.
މާގިނަ ކުދިންނާ ރަޙުމަތްތެރިކަން ނުބާއްވާތީ ވާހަކަ ދައްކާވެސް މާގިނަ ކުދިންނެއް އަހަރެންގެ ނުތިބެއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ކުޑަ އިރުއްސުރެ އަހަރެން ރަޙުމަތްތެރިންނަކީ ފޮތްތައް ވިއްޔާއެވެ.
ފުރަތަމަ ދުވަހެވެ. އަހަރެން ފަހަތުން މީހަކު އަންނަކަމުގެ އިޙުސާސް އަހަންނަށް ކުރެވެން ފެށުނެވެ. ދުނިޔޭގައި ހިނގާއިރު ފަހަތަށް ބަލަމުން ހިނގަން ނުވާނޭ މާމަ ބުނާތީ ފަހަތަށް އެނބުރި ބަލަން ނުކެރޭ ހާލު ހިނގުމުގެ ސުޕީޑް ބާރުކޮށް ގެއަށް ވަދެ އަވަހަށް ތަޅުލައި ފުންނޭވާ ތަކެއް ލައި، މީހާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. އަބަދުވެސް ޓީވީއާއި ރޭޑިއޯއިން ފޮނުވާ ހޭލުންތެރިކަމުގެ ޕުރޮގުރާމްތަކުގައި ބުނާ ގޮތަށް ބޮޑު މީހަކާ އެކަން ހިއްސާކުރުމަށް މަންމައަށް އެވާހަކަ ކިޔައިދިނީމެވެ. ނަމަވެސް މަންމަގެ ފަރާތުން ލިބުނު ޖަވާބަކީ އަހަރެން ހިތްހަމަ ޖެހުނު ޖަވާބަކަށް ނުވިއެވެ. މަންމަ މާބޮޑު ކަމަކަށް ނަހަދާ ބުނެލީ ހަމައެކަނި އެއީ އަހަންނަށް ކުރެވުނު ވަހުމެއް ކަމަށެވެ. އެންމެ ފަހަރަކު އެކަމާ ފުންކޮށް ވާހަކަ ދައްކާލައި އަހަރެން ޖެހިލުންވަންޏާ އަހަންނާއެކު މަންމަ ވެސް ދާނެކަމަށް ބުނެލިނަމަ އަހަރެން ކިހައި ހިތްހަމަ ޖެހޭނެ ނޫންހެއްޔެވެ؟
ކޮންމެއަކަސް މިކަން އާއްމު ކަމަކަށް ވާން ފެށިއެވެ. އެއީ އަހަރެންގެ ވަހުމެއް ނޫންކަން އަހަންނަށް ގައިމެވެ. އެހެންކަމުން އެއްދުވަހު ފަހަތަށް އެނބުރި ބަލައިލީ ޔަޤީން ކުރުމުގެ ނިޔަތުގައެވެ. އެމީހާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހީފައި ހުރި ހުރުންވީ އޭނާ ދެކެ އަހަރެން އިންތިހާއަށް ފޫހި ކުރުވި ކަމަކަށެވެ.
ދުވަހަކަށް ފަހު ދުވަހެއް އަހަންނާ އޭނާ ކައިރިވާލެއް ބޮޑުވަމުން ދިޔައެވެ. މަންމަ ކައިރީ އެއީ މިވެނި ތާކުން ފެންނަ މިވެނި މީހެއްގެ ފިރިއެއްކަން ބުނެދިނީ ދަންނަ ކުއްޖެއް ކުރެން ބުނެގެން ހޯދި މަޢުލާމާތުގެ އަލީގައެވެ. ނަމަވެސް މަންމަ ފަރާތުން އެކަމަށް ފިޔަވަޅެއް އެޅިތަނެއް ފެނިގެން ނުދިޔައެވެ. މަންމަ ކައިރީ އިތުރަށް މިވާހަކަ ޙިއްސާކުރުމަކީ ފޫނެއް ފަޔަށް ފެންފުރުުން ކަމުގައި އިޙުސާސް ވުމުން އެކަން ނުކޮށް ހުއްޓައިލީއެވެ. ދުނިޔެ މަތީ އެންމެ އިތުބާރު ކުރާ މީހާ ފަރާތުން އެއްބާރުލުން ނުލިބުމުން ދެން އެހީގެ އަތް ދިއްކުރަމުންދާނީ ވަކި ކާކު ފަހަތުން ހެއްޔެވެ؟
އެންމެ ފަހުން އެމީހަކު ނުފެންނަ ހިސާބަކަށް އަހަންނަށް ދެވޭކަމަކަށް ނުވިއެވެ. ދާ ކޮންމެ ތާކުން އެމީހާ އަހަރެންގެ ފަހަތުން އަޅުވައިލައެވެ. ބޭހުން ނުގުޑާ ބޮލުގެ ރިހުމަކަށް އެމީހާ އިސާހިތަކު ވެގެން ދިޔައެވެ. ކުރިން ދުރުދުރުން އަންނަ އައުން ކައިރިވެ ގައިގަައި އަތްލާ ހިސާބަށް ދާންފެށިއެވެ. ސަލާމަތްވާން ކުރާނެ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ބޮލުގައި ރިއްސައޭ ކިޔާ ގެއިން ނުނިކުމެ އޮންނަން ފެށީމެވެ. ކިޔެވުމަށް މަކަރު ހެދުމަށްޓަކައި ދޮގު ހަދައިގެން ގޭގައި އޮންނަނީ ކަމަށް އަހަރެން ލޭބަލް ވެގެން ދިޔައެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް ގެއިން ބޭރަށް ނުދާން ގަދަފައި ހިތްޕާލައިގެން އަހަރެން އޮތީމެވެ.
މިހެން އޮއްވާ ކުއްލިއަކަށް އަހަރެންގެ ކޮޓަރި ހުޅުވާލައި އެވަނީ އެމީހާ ނޫން ދެވަނަ މީހެއް ނޫނެވެ. އަހަންނަށް އޮވެވުނު ތަނެއްވެސް ނޭގެއެވެ. ގައިގައި އަޅައިގެން އޮތް ރަޖާގަނޑު ނަގާ މެއާ ބާރުކޮއްލަމުން ކޮޅަށް ޖެހެވުނެވެ. އެމީހާ ނުލަފާ ހިންޏެއްގައި އައިސް އަހަރެންގެ ގަޔާ ކައިރިވެލީ އެއްވެސް ޖެހިލުމެއްނެތިއެވެ. އަހަރެން އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތީ އަޑުއަހާނެ ވަކި މީހަކު ހުންނާނެ ކަމަކަށް ނޫނެވެ. މަންމަ ވާނީ ދަނޑުގައިކަން އަހަންނަށް އެނގެއެވެ. ބައްޕަ ވެސް ގެއަށް އަންނާނެ އިރެއް ނޭގެއެވެ.
ރޯމަހެއް ތެޅޭހެން އޭނާގެ އަތުތެރޭގައި އަހަރެން ތެޅިތެޅި އޮތް އިރު އަހަރެންގެ އަޑުއަހާނެ ހަމަ އެކަކުވެސް ނާދެއެވެ. އަހަރެންގެ މައުސޫމް ހަށިގަނޑު އޭނާ ވީދާ ކުދިކުރިއިރު އަހަރެންގެ އަޑު އަހައިލާނެ ފަންޏެއްވެސް ނެތެވެ. އޭނަގެ މަސްތު ފިލުވައިގެން ހަމަޖެހިލައިގެން ނިކުތްއިރު އަހަންނަށްޓަކައި ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. އަހަރެންގެ އެނިކަމެތި ހާލު ދެކެލަން ވަދެލާނެ މީހަކުވެސް ނުވިއެވެ. އެންމެ ފަހުން އެހާލުގައި ރޮއެރޮއެ އޮވެ ވޭނުން ފުރިފައިވާ ހަށިގަނޑާއެކު ތެދުވެ ސާފުވީ ބޮޑު މުޅަމަސްގަނޑެއްގެ ތެރެއިން ސާފުވާހެނެވެ. އަހަރެންގެ ހަށިގަނޑުގައި ހުރި ޒަޚަމްތައް ވެސް މީހަކަށް ފެނުނުކަމަކަށް ވެސް ނުވިއެވެ.
ތަދާ ވޭނުގައި އުޅެމުން ދިޔައިރު އެއްވެސް މީހެއް އަހަންނަށް ކިހިނެއް ވެފަހޭވެސް އަހައިނުލީތީ މިއަދުވެސް އެންމެންނަށްޓަކައި އަހަރެން ހިތުގައި ޝަކުވާ އިންތިހާއަށް ވަނީ ފުނިޖެހިފައެވެ. ހަޔާތުގައި އެންމެ ގަދަ ވޭން އަހަރެން ތަހައްމަލުކުރަމުން ދިޔައީ އެކަނިމާއެކަންޏެވެ.
އެކަން ހިނގިފަހުން އަހަރެން އެއްގޮތަކަށް ވެސް ކިޔެވުމުގައި ނޫޅެމެވެ. ތަޅު ނުލައި އެންމެ ހިނދުކޮޅެއްވެސް ނުބަހައްޓަމެވެ. ދެލޯ މެރިލާއިރަށް އެ ނުބައި ފުރޭތަ އަހަރެންގެ ލޯކުރިމައްޗަށް ސިފަވެެގެން ދެއެވެ. ހަމަނިދި ނުލިބި އެތައް ދުވަހެއް އެހާލުގައި އަހަރެން ކަޑައްތު ކުރަމުން ގެންދިޔައީމެވެ. މަންމަމެންގެ ފުށުން އަހަންނަށް އަޑުއިވެމުން ދިޔަ ބަސްތަކަކީ އަހަރެންގެ ނިކަމެތި ހިތް ޗިސްކޮއްލާ ފަދަ ބަސްތަކެކެވެ. ކަންނެތްކަމާ ފޮޅުކަމުން ނުކިޔަވާ ބޮޑުވާ ހިތުން އޮންނަ މުޅަ މަސްގަނޑަކަށް ހަދާ ގިނަ ވަގުތުތަކުގައި ކާއެތިކޮޅެއްވެސް ނުދީ އަހަރެން ގެންގުޅުނީ މުސީބާތަކަށް ހަދައިގެނެވެ.
އަހަންނަށް ދެވަނަ ހަމަލާ އައިއިރު އަހަރެން އޮތީ ހޭލައެވެ. އެމީހާ ކޮޓަރިއަށް ވަންކަން އަހަންނަށް އެނގެއެވެ. ކޮޓަރި ތަޅުލެވުނު ހަނދާން އަހަރެންގެ ނެތެވެ. ތަޅުނުލެވި ހުރީމާ ވަނީ ކަމަށްވެސް ވެދާނެއެވެ. އެމީހާ އައިގޮތަށް އައިސް އޭނާގެ ކަރުހިއްކުން ފިލުވަން މަސައްކަތް ފެށިއެވެ. ކުރީ ފަހަރުހެން އަހަރެން އެއްވެސް ގަދައެއް ނުހަދަމެވެ. އަގައިން އުފްވެސް ބުނެނުލަމެވެ. ކަމެއް ކުރާހާ ހަކަތައާއި ހިތްވަރުވެސް ނެތީމައެވެ. ހަދާނެ އެއްޗެއް ހަދަންދެން އަހަރެން އޮތީ އަމިއްލަ ހާލަށް ރޮއެލަރޮއެލައެވެ. ކުއްލިއަަކަށް އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އެނދުކައިރީގައި ހުރި މޭޒުމަތީގައި އޮތް ވަޅިއެކެވެ. އަތް އެއްލައިފިއްޔާ ނިކަން ފަސޭހައިން އަތުޖެހޭނެކަން އަހަންނަށް ވިސްނުނެވެ.
އަހަރެންގެ ހަށިގަނޑަށް ލިބުނީ ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭގެއެވެ. ވަގުތުން އެއްލި އަތުން އެވަޅި ނަގައި ފުރަތަމަ އެތިފަހަރުވެސް އަމާޒުކުރީ އޭނާގެ ކަރަށެވެ. ބާރު އަޑުފަށްގަޑަކާ އެކު އަހަރެންގެ ގައިމަތިން އޭނާ މުށިގަނޑު މައްޗަށް ވެއްޓިގަތެވެ. ހަމަހިލާ އެފުރޭތަ ސަލާމަތްވެ ދިއުމަކީ އަހަރެން ވިޔަދޭނެ ކަމެއް ނޫންތާއެވެ. ފުންމައިގެން ތެދުވެ ހަޅޭއްލަވަމުން ޖެހުނު ތާކަށް ވަޅި ޖަހަމުން ދިޔައީ ބަޔަކު ކިތަންމެ މަސައްކަތެއް ކުރިއަސް އިތުރަށް މިދުނިޔެއަށް އެއަނިޔާވެރިކަން ދަމަހައްޓަން ނާދެވޭނެވަރު ކުރާށެވެ. ލޭގެ ކޯރެއް މުޅި ކޮޓަރީގައި ހެދިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އެތައް ފަހަރެއް މަތިން ވަޅި ޖެހުމަށްފަހު ހުއްޓައިލީ ގައިގެ ހަކަތަ ހުސްވެގެންނެވެ. ތެދުވެ ހެދުން ނަގައި ގަޔަށް މަހައިލީމެވެ. ގައިގައި ނެތް ބާރުލައި އެމީހާ ދަމާ ކޫތާފައި ގޭގެ ދޮރާހަމަައަށް ނެރެ ބާރަށް ހަޅޭއް ލަވައިގަތީމެވެ. މީހުން އެއްވާކަށް މާގިނަ އިރެއް ނުނަގައެވެ. އަހަރެންގެ ވޭނުގެ އަޑު އަހަން އެއްވާނެ މީހަކު ނުވިޔަސް މި ކުޅިގަނޑު ބަލަން އެއްނުވާ މީހަކު ނެތެވެ. ދުނިޔޭގެ އާދައެވެ. ތަދާ ވޭނުގެ އަޑުއަހާނެ ހަމަ އެންމެ މެއްސެއްހައި ހިސާބުވެސް ނުވާނެއެވެ.
އަހަރެންގެ ބާކީ ދިރިއުޅުން ޖަލުގައި ހޭދަކުރަން ޖެހިގެން އަހަރެން ދެރައެއް ނުވެއެވެ. އެންމެ ރައްކާތެރިކަމާ އަޅައިލުން އަހަންނަށް ބޭނުންވި ތާންގައި އަހަރެންގެ އިއްފަތްތެރިކަމާ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔައިރު އަހަންނަށް ލިބުނު އެއްޗެއް ކޮބައި ހެއްޔެވެ؟ އަހަރެން މިއަދު މިހުރީ އުފަލުންނެވެ. އަހަރެންގެ ހަޔާތުގައި ހޯދަންޖެހުނު އިންސާފު އަހަރެން ހޯދީމެވެ. އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާނޭ އެންމެ ބޮޑު ބިރާ އަހަރެން ހަނގުރާމަކޮށް ކުރި ހޯދީ އެކަނިމާއެކަންޏެވެ.
ވިސްނާށެވެ. ހަޔާތަކީ ކުރުއެއްޗެކެވެ. އެކި މީހުނަށް ދިމާވާނީ އެކި ކަހަލަ ކަންތަކެވެ. އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު ބިރަކީ އެކުއްޖާގެ އިއްފަތްތެރިކަން ގެއްލުވައިލަން މަސައްކަތްކުރާ ފަރާތުން އަންނަ ބިރެވެ. މިފަދަ ދަނޑިވަޅުގައި އެކުދިންނަށް އެއްބާރުލުންދީ އެކަމުން އަރައިގަތުމަށް ހިތްވަރުދީ އެކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެކުދިންނާ އެކުގައި ފައިތިލަ ސާބިތުކުރާށެވެ. މިކަންކަމަކީ މިހާރު މިކުޑަކުޑަ ރާއްޖޭގައިވެސް އާއްމުކޮށް ދިމާވަމުންދާ ކަންކަމެވެ. އެތައް ކުއްޖެއް މިކަހަލަ ކަންތައް ހިއްސާނުކުރެވި މި ބިރުވެރިކަމުގައި ދުވަސްތައް ގުނާކަން ގައިމެވެ. މިކުދިންނަށް އެހީވުމަކީ ހަމައެކަނި މައިންބަފައިންގެ ޒިންމާއެއްވެސް ނޫނެވެ. މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. މިކުދިންގެ މި ބިރާއި ދެކޮޅަށް ހަނގުރާމަކުރުމުގައި އަޅުގަނޑުމެން އެންމެންވެސް މިކުދިންނާ އެކު ފައިތިލަ ސާބިތުކުރަމާތޯއެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި