މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) އެންމެ ފަހުން އުފެއްދި ލޯބީގެ ފީޗާ ފިލްމު ”ބޮސް“ އަންނަ އޮގަސްޓް މަހުގެ އެއް ވަނަ އަދި ދެވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާއިރު، މިއަދު އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެއެވެ.

ހިތްގައިމު، އަސަރުގަދަ ލޯބީގެ ފިލްމު ”ބޮސް“ ގެ ޓިކެޓް މިއަދު މެންދުރުފަހު 2:00ން ފެށިގެން އޮލިމްޕަހުގައި ވިއްކަމުންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ނަހޫ މުނިއަވަސް އަށް ބުންޏެވެ.

ބެލުންތެރިންގެ އެދުމުގެ މަތީން މީގެ ކުރިންވެސް އެކި ފަހަރުމަތިން އޮލިމްޕަހުގައި ”ބޮސް“ ދައްކާފައިވެއެވެ. މިފަހަރުވެސް ”ބޮސް“ އަޅުވަނީ މި ފިލްމު ބެލުމަށް އެތައް ބަޔަކު އެދެމުން އަންނާތީ ކަމަށް ނަހޫ ބުނެއެވެ.

ފިލްމުގައި ދައްކުވައިދެނީ ލޯތްބަށްޓަކައި ދޭ ބޮސް އެެއްގެ ބާރުގަދަ ކަމެވެ. އެ މަތިވެރި ލޯބީގެ ޙައްޤުގައި ކުރެވޭ އިޚްލާސްތެރި ދުއާ އާއި މަސައްކަތުގެ ފޮނި މޭވާ ލިބިގެން އަންނަކަމަށެވެ. ”ބޮސް”އަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ރަނގަޅު ޢިބްރަތެއް މުޖުތަމަޢަށް ލިބިގެންދާ ފިލްމެކެވެ.

”ބޮސް“ގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ނަހުލާއެވެ. ޑައިރެކްޓްކުރީ ސާކް އެވޯޑް ހޯދާފައިވާ އެކްޓްރެސް އާއިޝަތު ރިޝްމީ އެވެ. ފިލްމުގެ ތަރިންނަކީ މަރިޔަމް އައްޒަ އާއި މުޙައްމަދު ޔުނާން އެވެ. މީގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ)، ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު އަދި އަލީ ޝަމީލް ވެސް ހަރަކާތްތެރިވެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ކުޑަދަށުން ނެރެފައިވާ ”ބޮސް“ އަކީ ނަހޫގެ ’ޔޫސުފް‘ ގެ ރެކޯޑް ބްރޭކް ކޮށްލާާފަދަ، ނަހޫ ސްޓައިލް ގެ ފިލްމެއް ބެލުމަށް އެދިއެދި ތިބި ފިލްމު ބެލުންތެރިންގެ ދިގު އިންތިޒާރަށް ނިމުން ގެނެސްދިން މޮޅު ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ