“ކޮންމެ ކުލައެއްގައިވެސް ރީތިކަމެއް ވެއެވެ.” މީ މިއަދު އަޅުގަނޑު “ފޭސްބުކް” ގެ “ނިއުސްފީޑް” ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތް ތަންކޮޅެކެވެ. މިބަސްކޮޅު ހަމަ ފެނުމާއެކު އަޅުގަނޑަށް ހުއްޓެވުނެވެ. އަދި އެތައް ފަހަރަކު މިބަސްކޮޅު ތަކުރާރު ކޮށްލެވުނެވެ. ބަސްކޮޅުގެ ތިރީގައި ތަންކޮޅެއް ކުދި އަކުރުން މާޖިދު ޖަހާފައި އިނެވެ. ކޮންމެއަކަސް މިބަސްކޮޅު އަޅުގަނޑު ނިކަން ފުންވަޅުގަނޑަކަށް ޣަރަޤުކޮށްލިއެވެ. މި ޖުމުލައިގެ ބަސްތަކުގެ ތިލަކަމާއެކު މާނައިގެ ފުންކަން އަޅުގަނޑުގެ ހިތް އަތުލިއެވެ. ވަގުތުން މިބަސްކޮޅު ފޯނުގައި ރައްކާކޮށްލީމެވެ. ތިޔަ ލޮބުވެތި ކިޔުންތެރިން ގަބޫލު ކުރައްވާށެވެ. މިލިޔުން ލިޔަން ފެށުމުގެ ކުރިންވެސް އެތައް ފަހަރަކު މިބަސްކޮޅު ކިޔައިފީމެވެ.
ކޮންމެއަކަސް އެކި މީހުނަށް ސިފަވެ މާނަކުރެވޭނީ އެކި ގޮތަށެވެ. މިތާނގައި ހުށަހަޅައި މިދެނީ އަޅުގަޑަށް މާނަ ކުރެވުނު ގޮތެވެ. ކުލަތައް އަޅުގަނޑަށް ސިފަވެގެން ދިޔައީ ދެމަފިރިއަކަށް ލިބިފައިވާ ލޯބިލޯބި ކުދިންކޮޅެއްގެ ސިފައިގައެވެ. ‘ރީތިކަމުން’ ހަމައެކަނި އިހުސާސް ކޮށްދިނީ ރީތި ސިފައަކަށް ނޫނެވެ. ތަފާތުކަމާއި ކެރުންތެރިކަމާއި އަދިވެސް ލިބިފައި ހުރި އެތައް ހުނަރެއްގެ މައްޗަށެވެ. މިހާރު ތިޔަ ކިޔުންތެރިންނަށް ވެސް ސިފަވެއްޖެ ދޮގެއްތޯއެވެ؟
ބަސްކޮޅުގެ ތެރެއަށް ޢަރަޤުވެލައްވަމާ ހިންގަވާށެވެ. ވިސްނަވާށެވެ. އަޅުގަނޑުމެންނަށް ﷲގެ ހަޟުރަތުން ލިބިފައިމިވާ ލޯބިލޯބި ދަރިންކޮޅު އަޅުގަނޑުމެންގެ ދިރިއުޅުން ފުރިހަމަކޮށްދޭ ނޫންތޯއެވެ؟ ނަމަވެސް އޭގެ އެއްވެސް ކުއްޖެއްގެ ސިފަ ވައްތަރު ނުވާ ތާނގައި އުޅުމާއި އަޚުލާގާއި ކުރާ ކަންތައްވެސް ވައްތަރެއް ނޫނެވެ. ހަމަގައިމުވެސް މީގައި ފޮރުވިފައިވާ ރަނގަޅު ޙިކުމަތެއް އޮންނާނެކަން ޔަޤީނެވެ.
ބައެއްފަހަރު މަދުން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަ ހިތާމަވެރި މަންޒަރެކެވެ. ފިރިހެން ކުއްޖެއް، ނޫނީ އަންހެން ކުއްޖެއް ވިހައިގެން ނުވާނެކަމަށް ބަލިވެއިނދެ ދުވަސްފުރެމުންދާ އަންހެނުންނާ ދިމާއަށް ބުނެލައެވެ. މި ބުނެވެނީ ކިހައި ވަރެއްގެ އެއްޗެއްކަން ހަމަ ނުވިސްނެނީތޯއެވެ؟ އަޅުގަނޑުމެންނަށް ދެން އޮންނަ މަދު ސިކުންތު ކޮޅުގައި އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ވާނޭގޮތް ބުނެ ނުދެވޭހާލު މިކަހަލަ އެއްޗެއް ދުލުން ބޭރުކުރަން ހެޔޮވާނެ ހެއްޔެވެ؟ ވަކި ޖިންސެއްގެ ކުއްޖެއް ވިއްޔާ އުފުލަންޖެހޭ ބުރަ ކުޑަވަނީ ހެއްޔެވެ؟ ނޫނީ ވިހާއިރު އަޅާ ވޭން ކުޑަ ވަނީ ހެއްޔެވެ؟ ހަމަގައިމުވެސް ތަފާތެއް ނުވެއެއް ނޫންތޯއެވެ؟
ކުއްޖާ ލިބުމާއެކު ގައިގެ ކުލައަށް، ކުއްޖާގެ ރޫފައަށް ތިޔަ ފާޑު ކިޔަނީ ކީއްވެހެއްޔެވެ؟ ކޮންމެ ކުލައެއްގައި ކޮންމެ ރޫފައެއްގައި އޮތަސް އެއީ ދެމަފިރިއެއްގެ ލޯބީގެ ނިޝާނެވެ. ލޯތްބަކީ ނުހަނު ރީތި އެހާމެ ފޮނި އެއްޗެއް ނޫންތޯއެވެ. ވީއިރު އޭގެ މޭވާ ހަޑިވާންވީ ކީއްވެ ހެއްޔެވެ؟ ތިމާގެ އަމިއްލަ ނަފުސު، އެނިޝާނުގެ ދިފާޢުގައި ނަގައި ކޮޅަށް ބަހައްޓަމާ ހިންގަވާށެވެ. ދުނިޔެއަށް އައުމަށްފަހު އެތުއްތު ތުއްތު ދަރިފުޅަކީ ތިޔަ ދެމަފިރިންގެ ޒިންމާއެކެވެ. އެޒިންމާ ފުރިހަމައަށް އަދާކުރަމާ ހިންގަވާށެވެ. އެއްވެސް ބުރަދަނެއް ނެތް އެ ފާޑުކިޔުންތަކާ ދަރިފުޅާ ދެމެދުގައިވާ ފާރަކަށް ތިޔަ މައިންބަފައިން ވަމާ ހިންގަވާށެވެ.
ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. ކޮންމެ ކުއްޖަކު ދޮން ކުލައިގައި ތިބޭކަށް ނުޖެހޭނެއެވެ. އެކުދިންގެ ކާމިޔާބީ ބިނާވަނީ އެކުދިންގެ ގައިގައި ހުންނަ ކުލައަކުން ނޫނެވެ. އެކުދިންނަށް ލިބިދޭ ރީތި އަދަބު އަޚުލާގެއްގެ މައްޗަށެވެ. އެއަޚުލާގުން ތިޔަ މައިންބަފައިން އެކުދިންގެ ނަފުސުތައް ފުރާލައްވާށެވެ. ހަމަގައިމުވެސް ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ނޫންތޯއެވެ. އެކުދިންގެ އަމިއްލަ ނަފުސަށްކުރާ ގަދަރާ އިޙުތިރާމް ތިޔަ ފަރާތްތަކުން ގަދަކޮށް، ކަމަރު ބަނދެލަދެއްވާށެވެ. އެހެންކަމުގައި ވަނީނަމަ އެކުދިން ބަލިކަށި ވެގެން ނުދާނެކަން ކަށަވަރެވެ.
އަޅުގަނޑުމެންގެ ދަރިންގެ ފުރަތަމަ ހަރުފަތްތައް ފަށަން މިޖެހެނީ ތައުލީމުންނެވެ. ނަމަވެސް މިކަން ހަނދާނުގައި ބަހައްޓައިދޭށެވެ. ކޮންމެ ކުއްޖަކީ ކިޔެވުމަށް މޮޅު ނުވެދާނެ ކުއްޖެކެވެ. ކިޔެވުމަށް ދަށް ވިޔޭ ކިޔާފައި އެކުއްޖާއަކީ ބޭކާރު، ކަމެއް ނުކުރެވޭ ގަމާރެއްގެ ގޮތުގައި “ލޭބަލް” ކުރުން ހުއްޓާލައްވާށެވެ. ކޮންމެ ކުއްޖަކަށްވެސް ކޮންމެވެސް ހުނަރެއް ލިބިފައި ވާނެއެވެ. ޅައުމުރުގައި އެކުދިންގެ އެ ހުނަރު މައިންބަފައިން ދެނެގަންނާށެވެ. މިކަން ދެނެގަންނަށް “ފެއިލް”ވާ ހާލުގައި އެކުދިންގެ ބޮލުގައި ގަމާރުގެ “ޓެގު” އެޅުވުން ހުއްޓާލައްވާށެވެ. ތިޔަ މައިންބަފައިންނަކީ ފުރާފުރިހަމަވެ އެހެންބައެއްގެ ޒިންމާ ނަގައިގެން ތިބި ބަޔަކީމުއެވެ. އެހެން ކަމަށްވާއިރު ހުރިހައި ކަމެއް ފުރިހަމަވެފައި ތިބި ބަޔަކު، އެ ކުޑަކުއްޖާގެ ހުނަރު ދެނެނުގަނެވޭ ކަމުގައި ވަނީނަމަ މިތަނުން ގަމާރީ ކާކު ހެއްޔެވެ؟
އަބަދުވެސް ކަންކަން އެންމެ ރަނގަޅަށް ކުރެވޭ ކުއްޖާއަށް އަހައްމިއްޔަތުކަން ދިނުމުގެ ބަދަލުގައި ދަށްކޮށް ކުރެވޭ ކުއްޖާއަށް ތިޔަ ފަރާތްތަކުގެ އެއްބާރުލުން ދެއްވާށެވެ. އެ ދެއްވާ އެހީތެރިކަމާ އެއްބާރުލުމާ އެކު އެކުއްޖާ އެކަމުން ކުރިއަރާވަރު ނިކަން އެއްފަހަރުވެސް މިކަން މިގޮތަށް ކުރުމަށްފަހު ބައްލަވާލައްވާށެވެ. ތިޔަފަރާތްތައް އެންމެ ބޭނުންވާ އެދެވޭ ނަތީޖާ ނެރެދޭ ކުއްޖަކީ އެއީ ކަމުގައިވެސް ވެދާނެއެވެ.
އަޅުގަނޑުމެންނަށް ލިބިފައިވާ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ގޮތުގައި ކުރިއަށް ދިއުމަށްޓަކައި މަގު ކޮށައިދޭން ތިބި ބަޔަކީ އަޅުގަނޑުމެން މައިންބަފައިންނެވެ. އަޅުގަނޑަކީ ދެކުދިންގެ މަޔަކީމެވެ. ދެ ޖިންސްގެ ދެކުދިން ކަމުގައި ވިޔަސް އަޅުގަނޑުގެ އަޒުމަކީ ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ޤާބިލުކަމާ ލިބިފައިވާ ހުނަރުން އެންމެ މަތީ ހަރުފަތަށް ގެންދިއުމަށްޓަކައި އަޅުގަނޑުގެ ފެންވަރުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. ކޮންމެ ކުއްޖެއްގެ ގައިގައިވެސް ޚާއްޞަކަމަކާއި ތަފާތު ތަކެއް ހުންނަކަން ދަނެ އެކުދިންނާ އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އުންމީދެވެ. ތިޔަ އެންމެހައި ކިޔުންތެރިންވެސް އެކުދިންގެ ‘ރީތި ކަމާއެކު’ ބަލައިގަތުމަކީ އަޅުގަނޑުގެ އެދުމެވެ. އެހެނީ “ކޮންމެ ކުލައެއްގައިވެސް ރީތި ކަމެއްވެއެވެ.” އެރީތި ކަން ތިބާގެ ނަޒަރުގައި ބަހައްޓަވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި