މިނިވަންކަމަށް 54އަހަރު ފުރޭ ހިނދު، އެކި މީހުންގެ ޚިޔާލާއި ވިސްނުން އެކި ކަންކަމުގައި އެކި ހިސާބަށް ގޮސް ހުއްޓޭނެކަމީ ޠަބީޢީ ކަމެކެވެ. މުނިއަވަސްގެ ކިޔުންތެރިއެއްގެ ފަރާތުން މިނިވަން ދުވަހު ލިބިފައިވާ މިނިވަން ޝުޢޫރެއް، މިނިވަން ޚިޔާލެއް ކިޔުންތެރީންނާއި ހިއްސާކޮށްލާނަމެވެ. މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުޑަކުއްޖެއްގެ ބައްޕަގެ ފަރާތުން ލިބިފައިވާ ވަރަށް ފުރިހަމަ ތަޞައްވުރެކެވެ. އާދެ، އެބޭފުޅާގެ ނަޒަރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅައިލުމާ ބެހޭ ޤައުމީ ތަޞައްވުރެކެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދީންނަށް ދެވޭ އެލަވަންސް ބޮޑުނުކުރެވޭ ކަމަށް ވާނަމަ، މުޅި ރާއްޖޭގައި މިފަދަ ކުދީންނާއި މީހުންނަށް ބޭނުންވާ ތަފާތު ޚިދުމަތްތައް ފޯރުކޮށްދެވޭނެ މާހައުލެއް ޤާއިމުކުރުމަކީ ދެން ކުރެވެން އޮތް އެންމެ މުހިންމު ކަންތައް ކަމަށް އަޅުގަނޑު ދެކެމެވެ. މިގޮތުން ރާއްޖޭގެ ކަންކޮޅުތަކުން ފެނިގެން ދިއުމަށް އަޅުގަނޑު ވަރަށް ބޭނުންވާ ބައެއް ކަންތައްތައް ހިއްސާކޮށްލާނަމެވެ.

1- ކޮންމެ އަތޮޅެއްގައި ‘އެކްސެޕްޝަނަލް ލާރނަރ ސެންޓަރ’ އެއްގެ ނަމުގައި މަރުކަޒެއް އުފެއްދުން. މިހާރުވެސް މިނިސްޓްރީ އޮފް ޖެންޑަރގެ މަރުކަޒުތައް އަތޮޅުތަކުގައި ހުންނަކަން ފާހަގަކޮށްލަން. އެފަދަ މަރުކަޒުތަކުގެ ދަށުންވެސް މިދެންނެވިގޮތަށް އުފައްދާ މަރުކަޒުތައް ހިންގިދާނެ.

މިގޮތުން އުފައްދާ މަރުކަޒުތައް ވާންޖެހޭނީ ސްކޫލާއި ހޮސްޕިޓަލާއި މުޖުތަމަޢަށް އެހީތެރިވެދޭ ‘ހަބް’ތަކަކަށް.

2- މިފަދަ މަރުކަޒުތަކަށް ބޭނުންވާ ފަންނީ ބޭފުޅުން އުފެއްދުމަށް ނުވަތަ ހޯދުމަށް ރަނގަޅު ފައިދާހުރި ޕެކޭޖެއް އެނައުންސްކޮށްފި ނަމަ މިކަމަށް ޤާބިލު ބޭފުޅުން މި ދާއިރާއަށް ވަންނާނެކަމީ ޔަޤީންކުރެވޭ ކަމެއް.

3- ފަންނީ ބޭފުޅުންގެ ތެރޭގައި އެކިއެކި ތެރަޕިސްޓުން (ސްޕީޗް، އޮކިއުޕޭޝަނަލް، ބިހޭވިއޮރަލް) ތެރަޕިސްޓުން ހިމެނޭ. މީގެ އިތުރުން ސައިކިއޭޓްރިސްޓުން، ސައިކޮލޮޖިސްޓުން ފަދަ މިދާއިރާއަކަށް ބޭނުންވާނެ ބޭފުޅުން ކޮންމެ އަތޮޅެއްގައި ހުންނަ މަރުކަޒެއްގައި ތިބުން މުހިންމު. އެ އަތޮޅެއްގެ މަރުކަޒުތަކުން އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް ބަލިތައް ދެނެގަތުމަށް ހަދާ ޓެސްޓްތައް ކުރުން (ޑައިގްނޯސިސް) އާއި ފަރުވާ އާއި ތެރަޕީތައް ދެމުން ގެންދަންވާނެ.

4- މިގޮތަށް ހެދިއްޖެނަމަ، މާލެ ނުގޮސް އަތޮޅުތެރެއިން އެކަން ފަހިވީމާ މިފަދަ އާއިލާތަކުގެ ޖީބަށްވެސް ވަރަށް ލުއިވެގެން ދާނެ.

5- މި މަރުކަޒުތަކުގައި ސެންސަރީ ޕާކްތަކާއި ފިޒިއޮތެރަޕީ ޖިމް އަދި ސެންސަރީ ކޮޓަރިތައް ހުރުން ވަރަށް މުހިންމު.

6- މި ހުރިހައި ކަމެއް ކޯޑިނޭޓްކުރާއިރު ސްކޫލް އާބާދީއަށް ފުރިހަމަ އެއްބާރުލުންދޭ ބަޔަކަށް މި މަރުކަޒުތައް ވާންޖެހޭ. ސްކޫލް އާބާދީއަށް އައިއީޕީ IEP ހެދުމާއި ތަންފީޒުކުރާނީ މި މަރުކަޒުތަކުގެ ފުރިހަމަ އެއްބާރުލުމާއެކު.

7- ހޮސްޕިޓަލް އަދި މުޖުތަމަޢުގައި ވެސް މައިނޯރިޓީ އާބާދީ (ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މި މަދު އާބާދީ) އަށް ޚާއްޞަ ވެއިޓިން އޭރިއާއެއް، ޕާކް ނުވަތަ ސެންސަރީ ކޮޓަރި ހެދުމަކީ މުސްތަގުބަލަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް.

8- މި މަރުކަޒުތައް ފެށިގެންދާ ދުވަސްވަރު ބޭރުގެ ފަންނީ ބޭފުޅުން މުވައްޒަފުންނަށް ތަމްރީނުދީ މޮނިޓަރިންގައި މުޅި ރާއްޖޭގައި ބޭނުންކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް އެޅިގެންދާނެ ބާރެއް.

9- ތަންފީޒުކުރުމާއި ޖަވާބުދާރީ ކުރުވުމަކީ އެންމެ މުހިންމު އެއް ކަންތައް. ބޮޑު ޚަރަދެއް ކޮށްގެން މިކަން ފެށުމަށްފަހު، އެފަދަ މަރުކަޒުތައް ރަނގަޅަށް ޖަވާބުދާރީ ނުކުރެވިއްޖެނަމަ މިކަން ކުރުމަށް އެ ހޭދަކުރެވުނީ ބޭކާރު ފައިސާތަކެއް. އެ ކުރެވުނީ ބޭކާރު ޚަރަދެއް.

ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށްދޭ އެލަވަންސް ބޮޑުކުރިޔަސް ބަޖެޓަށް ބުރަވާނެ އެވެ. މިކަން މިގޮތަށް ކުރިޔަސް ބަޖެޓަށް ބުރަވާނެ އެވެ. ނަމަވެސް އިޚްލާޞްތެރިކަން ހުރެއްޖެނަމަ މި މައިނޯރިޓީ އާބާދީ އަކީ (ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ މި މަދު އާބާދީ އަކީ) ވެސް “ގޯލްޑް” ހޯދިދާނެ ފަދަ ކުދިންނާއި މީހުންނަށް އިންޝާﷲ، ވާނެއެވެ.

ކިޔުންތެރިޔާގެ މި ތަޞައްވުރު ކިޔައިލުމުންް މިއީ ރަނގަޅު ތަޞައްވުރެއް ކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވެއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ފަރާތްތަކަށް މިފަދަ ކަމެއް އެކުލަވައިލުމުގެ މުހިންމުކަން އާއްމު ރައްޔިތުމީހާ އާއި ތަންފީޒީ އިދާރާތަކުގައި ތިއްބެވި ބޭފުޅުންނަށްވުރެން ބޮޑަށް އެނގިލައްވާނީ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ ބެލެނިވެރިންނަށް ކަމަށް ޤަބޫލުކުރަމެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން މިއަދު ވިސްނާން ވެއްޖެކަމެއް ނޫންތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.