މިއަހަރު ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ’އައި ފިލްމްސް‘ގެ ފުރަތަމަ ފިލްމު ”ބަވަތި” އަކީ އެފިލްމުގެ ނަމުގެ ތަފާތުކަމުގެ އިތުރުންވެސް ވަރަށް ގިނަ ގޮތްގޮތުން ތަފާތުވެގެންދާނެ ފިލްމެކެވެ. އެހެންކަމުން މި ފިލްމު ބަލަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރެއިން ހަ ސަބަބަކަށް މި ބަލައިލަނީ ސިލްސިލާ ގޮތެއްގައެވެ. އެގޮތުން ބަވަތި ބަލަންވީ ފުރަތަމަ ސަބަބަށް މިއަދު ބަލައިލާނަމެވެ.

“ބަވަތި”ގެ ލީޑް ކުޅެފައިވަނީ ނުޒްހަތް ޝުއައިބް
ނުޒްހަތް ޝުއަބްގެ ނަމަކީ ފިލްމް އިންޑަސްޓްރީއަށް އާ ނަމެއް ނޫނެވެ. ފިލްމު ‘މަލިކާ’ އިން ދިވެހި ފިލްމް އިންޑަސްޓްރީގައި ވަކިހިއްޕައިލި އެކްޓްރެސްގެ އަލިކަން ދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.

މިއަހަރު ނުކުތް ފިލްމްތައްކަމަށްވާ ‘ގޮއްރާޅު’، ‘މާމުއި’ އަދި ‘ލީނާ’ އިން ނުޒޫ ފެނިގެން ދިޔަނަމަވެސް މިއިން ކޮންމެ ފިލްމެއްގައިވެސް ނުޒޫ ކުޅެފައިވަނީ ވަރަށް ތަފާތު ރޯލުތަކެކެވެ. ހަމަ އެހެންމެ މިއިން ކޮންމެ ރޯލަކުން ނުޒޫވަނީ ބެލުންތެރިންގެ ހިތްދަމައިގެންފަ އެވެ.

މިހުރިހާ ރޯލުތަކަށް ވުރެވެސް ތަފާރު ރޯލްއަކުން މިއަހަރު ސެޕްޓެމްބަރ ދޭއް ގައި ނުކުންނަ ފިލްމް “ބަވަތި” އިން ނުޒޫ ފެނުން މިއީ މިފިލްމް ބަލަން ދާންޖެހޭ އެންމެ މުހިންމު އެއް ސަބަބެވެ. “ބަވަތި”ގެ ލީޑުން ނުޒޫ ފެނިގެންދާއިރު މިފިލްމްގައި ނުޒޫ ފެނިގެންދަނީ އެކަނި އުޅުމަށް ލޯބިކުރާ މަޑުމައިތިރި އަންހެން ކުއްޖެއްގެ ކެރެކްޓާއިންނެވެ.

“ބަވަތި”ގައި ނުޒޫ ދައްކައިދީފައިވަނީ ވަރަށް ތަފާތު ކެރެކްޓަރއެއް – ފޮޓޯ: މުނިއަވަސް

ދިރިއުޅުމުގައި ދިމާވާ އެތަކެއް ބައިވަރު ސަބަބުތަކާ ހެދި މާޔޫސްވެފައި ހުރި އަންހެންކުއްޖަކަށް އެކަމުން ސަލާމަތްވާން ލިބޭ ފުރުސަތުގައި ހިފައިގެން މީހަކާ އިނދެގެން މާލެއަށް ބަދަލުވަނީ ދިރިއުޅުމުގެ ހިތާމަތައް އުފަލަށް ބަދަލުކުރުމުގެ ނިޔަތުގައެވެ. އެކަމަކު ނުޒޫގެ އަލަތު ފިރިމީހާ ހޯދައިދޭން ބުނި އުފާތަކުގެ ބަދަލުގައި ދިރިއުޅުމުގައި ބިރުވެރި ކަންތައްތަކަކަށް ބަދަލުވެ، ކުރިއަށްވުރެން ބޮޑު ހިތާމައެއްގެ ތެރެއަށް ގެބިގެންދާ އަންހެންކުއްޖެއްގެ ބައި ވަރަށް ފުރިހަމައަށް ނުޒޫ އަދާކޮށްދީފައި ވާކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެއެވެ.

”ނުޒޫ މިފިލްމަށް އާނއެކޭ ބުނީމަ ވަރަށް އުފާވި، އަދި ސަޕްރައިސްވެސް ވި ، ސަބަބަކީ އަޅުގަނޑަކީ އާ މީހަކަށް ވެފައި ނުޒޫ އަކީ މޮޅު ސަޓާރަކަށް ވުން” ފިލްމު “ބަވަތި”ގެ ލީޑް ކުޅުމަށް ނުޒޫ އެއްބަސްވުމުން އެކަމުގެ ހިތްހަމަޖެހުމުގައި ހުރި އިއްލެ ބުންޏެވެ.

”އެކަމަކު ކިތަންމެ އަލަކަސް ނުޒޫ އާ އެކީގަ މަސައްކަތް ކުރަން އެއްވެސް ވަރަކަށް އުނދަގުލެއް ނޫން، އަޅުގަނޑު އާ ވިޔަސް ކިތަންމެ ފަހަރަކު ސީން ޖައްސަން ބޭނުން ވިޔަސް ނުޒޫ ނޫނެކޭ ނުބުނޭ، އަދި އެންމެ ފަހު ޝޮޓާއި ހަމައަށްވެސް ނުޒޫގެ ބެސްޓް ހަމަ ދިން” ނުޒޫގެ މަސައްކަތާމެދު ފިލްމްގެ ޑައިރެކްޓަރ އިއްލެ ބުންޏެވެ.

އެހެންކަމުން ނުޒޫގެ ތަފާތު މި ކެރެކްޓަރ ބަލައިލަން ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރެޔަށް ދިވެހި ފިލްމު ބެލުންތެރިން ތައްޔާރުތޯއެވެ؟

ފިލްމު “ބަވަތި”ގެ ޝޫޓިން ތެރެއިން – ފޮޓޯ: މުނިއަވަސް

އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ ފިލްމު ”ބަވަތި“ގައި މުހިންމު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ނުޒޫގެ އިތުރުން ހަރަކާތްތެރިވަނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ އިފްނާޒް ފިރާގެވެ. އިފްނާޒަކީ ދިޓީވީގެ އިތުރަށް ދި ވީޓީވީގައިވެސް ބައެއް ޝޯތައް ހުށައަޅާދީފައިވާ ޕްރެޒެންޓަރެވެ. މީގެ އިތުރުން އިފްނާޒަކީ ބައެއް އިޝްތިހާރުތަކުންވެސް ފެންނަ ފަންނާނެކެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.