މި އަހަރު ސެޕްޓެމްބަރު 24 ގައި ރިލީޒްކުރުމަށް ނިންމާފައިވާ ބިރުވެރި ފިލްމު ”ކާކު؟”ގެ ހިތްގައިމު ލަވަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ލަވަ “ބުނެބަލާށޭ ކަލާ…” ގެ ބައެއް މަންޒަރުތަކާއެކު ފިލްމު އިތުރު މަންޒަރުތަކެއް މިއަދު ދައްކާލައިފިއެވެ.

މީ ޕްރޮޑަކްޝަނުން އުފައްދައި މަޝްހޫރު ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށްފައިވާ މި ލަވައިން ފެނިގެންދަނީ ފިލްމުގެ ލީޑް އިބްރާހިމް ސޮބާ (ކުޑަ ސޮބާ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އެވެ. ލަވަ ކިޔާފައިވަނީ އިސްމާޢީލް ޝިޔާރު އެވެ.

ފިލްމު ”ކާކު؟”އަކީ މާއެނބޫ ލިޔެ ޑައިރެކްކޮށްފައިވާ ފިލްމެކެވެ. މިއީ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއްކަން ފިލްމުގެ ޑައިރެކްޓަރުގެ ފަރާތުން ނުސީދާކޮށް ލިބުނު މަޢުލޫމާތުން މުނިއަވަސް އަށް އެނގިފައިވާއިރު، މިހާރު ވަނީ އެކަން ކަށަވަރުވެސް ވެފައެވެ.

ފިލްމުގެ ޑައިރެކްޓަރާއެކުގައި ކޮފީ މޭޒެއްގައި ދެކެވުނު ވާހަކަތަކަކުން، ފިލްމުގެ ޑައިރެކްޓަރ މާއެނބޫ ދެއްކި ވާހަކަތަކަކުން މިއީ ޙަޤީޤީ ކަންތައްތަކެއް ހިމެނޭ ފިލްމެއްކަން ދޭހަވިއެވެ. އެކަން ޔަޤީން ކުރުމަށް ތަފާތު ގޮތްގޮތަށް ސުވާލުތައް ކުރަން ފެށުމުން އެންމެފަހުން، މި ފިލްމުގެ ފަހަތުގައި ފޮރުވާފައިވާ ބޮޑު ސިއްރު މިވަނީ ހާމަކޮށްފައެވެ.

”މިއީ އަސްލު މިހައިތަނަށް އާއްމުކޮށްފައި ނުވިޔަސް، ޙަޤީޤަތުގަވެސް ހިނގާފަވާ ހާދިސާއެއް ހިމެނޭ ފިލްމެއް.“ ފިލްމަކީ ޙަޤީޤީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެއްކަމަށް އެއްބަސްވަމުން މުނިއަވަސް އަށް މާއެނބޫ ބުންޏެވެ.

ފިލްމު ”ކާކު؟”ގެ ކާސްޓުންގެ ތެރޭގައި ކުޑަ ސޮބާ އާއި އިރޫގެ އިތުރުން ހިމެނެނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ހާމިދު އަލީ، ޝާފިއު މުހައްމަދު އާއި އައިޝާތު ޔާސިރާ އެވެ. މީގެ އިތުރުން ވަރަށް ޚާއްޞަ ފެނިލުމަކުން މާއެނބޫ ވެސް ފެނިގެންދާނެ އެވެ.

ފިލްމު ”ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.

ފިލްމު ”ކާކު؟”ގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަހްމަދު އެވެ. ފިލްމުން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

ފިލްމު ”ކާކު؟“ގެ އެފްއެކްސް ހަދާފައިވަނީ ބޮޑު ރިޔާއެވެ. ފިލްމަށް ކޮސްޓިއުމް ފޯރުކޮށްދީފައިވަނީ ’ޕެންޓަގްރާމް‘، ‘ޓޮޕް ލޭޑީ’ އަދި ‘އޮބީ’ އިންނެވެ. ކެމެރާކޮށް އެޑިޓްކޮށްފައިވަނީ މާއެނބޫއެވެ. ފިލްމުގެ ސްޕެޝަލް އިފެކްޓާއި ޑްރޯން މަންޒަރުތައް ނެގީ ކުޑަ ސޮބާއެވެ. މިއުޒިކް ތައްޔާރުކުރީ ‘ސޮލް ސީރީޒް’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ