‎ޝައްކެއް ނެތެވެ. ދުނިޔޭގެ ދިރިއުޅުމުގައި އެންމެ ފަރުވާތެރިވާން ޖެހޭ ކަމަކީ ފަރުޟު ފަސް ނަމާދެވެ. އެންމެ ބޮޑަށް ފަރުވާތެރިވެ ހިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ތަންތަނަކީ ނަމާދު ކުރުމަށް ހެދިފައި ހުންނަ މިސްކިތްތައް ކަމުގައި އެއްވެސް ވަސްވާހެއް ނެތެވެ. ކިތަންމެ ޒީނަތް ތެރިކޮށް ނުވަތަ އާދައިގެ ގޮތަކަށް ބިނާކުރެވިފައި ވީނަމަވެސް މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ.

‎ޑިމޮކްރެޓިކް އުސޫލުން ވެރި ކަމުގެ ނިޒާމު ހިންގަމުން ގެންދާ ގައުމެއްގައި މިނިސްޓްރީތަކާއި، ވުޒާރާ، ވިދާރާ އަދި އިދާރާތައް ކޮންމެ ކަމަކަށްވެސް ހެދިފައި ހުރެއެވެ. އެގޮތުން އިސްލާމީ ކަންކަން ބެލެހެއްޓުމަށް ހެދިފައި ހުންނަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަވާލުކޮށްފައި އޮންނަނީ ކައުންސިލް އިދާރާތަކަށެވެ. ކައުންސިލު އިދާރާގައި މިކަންކަމަށް ހާއްސަ ކުރެވިފައިވާ ކައުންސިލަރަކު ހުންނަ ކަން ފާހަގަކުރަމެވެ.

ލ. ގަމު ތުނޑީ މަސްޖިދުލް ފަލާޙްގެ ހާލަތާމެދު ރައްޔިތުން ކަންބޮޑުވޭ – ފޮޓޯ: މުނިއަވަސް

‎ހައްދުންމަތީ ގަމު ތުނޑީ އަވަށުގައި ހުންނަ މަސްޖިދުލް ފަލާޙް. މިއީ އެ ރަށުގައި ހުންނަ އެންމެ ބޮޑު އަދި ފުރިހަމަ މިސްކިތެވެ. 2006 ހިސާބުގައި ބިނާކުރި މި މިސްކިތަކީ ހަގީގަތުގައި ވެސް ރަނގަޅު ފެންވަރެއްގައި ހެދިފައި ހުރި މިސްކިތެކެވެ.

ލ. ގަމު ތުނޑީ މަސްޖިދުލް ފަލާޙްގެ ހާލަތާމެދު ރައްޔިތުން ކަންބޮޑުވޭ – ފޮޓޯ: މުނިއަވަސް

މަގުމަތީގައި މާބޮޑު އަލިކަމެއް ނޯންނަ ހިސާބެއްގައި ހުންނަ މި މިސްކިތް ބިނާކުރި ފަހުން މިއަދާ ހަމައަށް އައިއިރު އެއްވެސް މަރާމާތެއް ކުރެވިފައެއް ނުވެއެވެ. މިސްކިތަށް ވަނުމަށް ތިން ގޭޓް ހުރި ނަމަވެސް އެއިން އެއްވެސް ގޭޓެއްގެ ލައިޓް ނުދިލެއެވެ. މިސްކިތުގެ ގޯތިތެރޭގައި ފަނަރަ ލައިޓް ޕޯސްޓު ހުރިއިރު އެންމެ ލައިޓެއްވެސް ނުދިއްލެއެވެ. ޕޯސްޓުތައް ދަބަރަށްވެ ހޯލްޑަރުތަކަށް ފެން އެޅި ހަލާކުވެފައި ވީނަމަވެސް ލޮލުގެ ހިމަކޮޅުން ވެސް އެތަނަށް ބަލައިލާނެ އިސްވަރާރަކު ނެތެވެ. މި ލައިޓްތައް ރަނގަޅުކުރާ ނަމަ މުޅި ތަނުގެ ވައިރު ބަދަލު ނުކޮށް ރަނގަޅު ނުކުރެވޭ ވަރަށް ވަނީ ހަލާކު ވެފައެވެ. ޒުވާން ކުދިން ޑާންޑޫން ލާފައި ދިޔަކަމުގައި ވިޔަސް އިސްރައްވެހިން ބައްތި ދިއްލައިގެން މިސްކިތަށް އަރާފައިބާތީ ފެނެއެވެ. ފާޚާނާގެ ދޮރުފަތް ހުރީ ހަލާކު ވެފައެވެ. ހަރުކޮށްފައި ހުރި ތޭރަ އޭސީގެ ތެރެއިން ހަތަރު އޭސީ ހުރީ ހަލާކު ވެފައެވެ.

ލ. ގަމު ތުނޑީ މަސްޖިދުލް ފަލާޙްގެ ހާލަތާމެދު ރައްޔިތުން ކަންބޮޑުވޭ – ފޮޓޯ: މުނިއަވަސް

‎ގަމު ކައުންސިލު އިދާރާގައި ފަސް ކައުންސިލަރުން ތިއްބަވާއިރު އެބޭފުޅުން ޒިންމާ އުފުއްލެވުމުގައި މިފަދަ ކަންކަމަށް ބައްލަވަން ނުޖެހެނީތޯއެވެ؟ ކައުންސިލަރުން، ރައްޔިތުންނަށާއި ގައުމަށް އަދި ދީނަށް ޚިދުމަތްކުރައްވާ ގޮތަކީ މިއީތޯއެވެ؟ ރައްޔިތުން، ކައުންސިލަރުންގެ ފަރާތުން ކުރާ އުންމީދަކީ މިއީތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަލީ ނިހާސް
އަލީ ނިހާސް އަކީ
އަދަބީ އަދި އިޖްތިމާޢީ މައުޟޫތަކަށް ލިޔުމުގައި ކުޅަދާނަ ލިޔުންތެރިއެކެވެ.