މި އަހަރު ސެޕްޓެމްބަރު 24 ގައި ރިލީޒްކުރުމަށް ނިންމާފައިވާ ‘މީ ޕްރޮޑަކްޝަން’ގެ ބިރުވެރި ފިލްމު ”ކާކު؟”ފިލްމުގެ ކޮންސެޕްޓަކީ މިހާރުވެސް ހިނގަމުންދާ ކަމެއް ކަމަށް ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.
ވީޓީވީގެ ސިނަމާ އެންޓަޓެއިންމެންޓް ޝޯއިން އަމާޒުކުރެވުނު ސުވާލަކަށް ޖަވާބުދެމުން މާއެނބޫ ބުނީ މުނިއަވަސް އިން ‘މީ ޕްރޮޑަކްޝަން’ގެ ސްޓޫޑިއޯއަށް ކުރި ޒިޔާރަތެއްގައި ކުރެވުނު އިންޓަވިއުއެއްގައި އެވަގުތު ހާމަނުކުރަން ހުރި ބައެއް ވާހަކަތައް ބުނެވުނުކަމަށާއި އެކަން މުނިއަވަސް އިން ހާމަކޮށްފައިވާކަމަށެވެ.
“އަސްލުގާ މި ވާގޮތަކީ ދެން ރިޕޯޓަރުންނަކީ ވަރަށް ނުރައްކާ ބައެއް. މުނިއަވަސް އަކީ އަޅުގަނޑުމެންގެ އޮންލައިން މީޑިއާ ޕާޓްނަރަށްވީމަ އެބޭފުޅުން މާލެ އައިސް އަޅުގަނޑުމެންގެ ސްޓޫޑިއޯއަށް ވަޑައިގެން ކުރި އިންޓަވިއުއެއްގެ ތެރޭގައި ނުބުނަން ހުރި އެއްޗެހިތަކެއްވެސް އޮތީ ބުނެވިފަ. ދެން އޭގެ ތެރެއިން އަސްލުގަ ހާމަކުރަން ބޭނުންވާ ވަގުތަކު ނޫންކަން ނޭނގެ ހާމަކުރެވުނީކީ. ދެން އެބޭފުޅުން ނޫހުގަ ޖެހީ.” ފިލްމު ”ކާކު؟” ވާހަކައަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއްކަން ފުރުތަމަ ފަހަރަށް މީޑިއާއަށް އާއްމުވިގޮތް ކިޔައިދެމުން މާއެނބޫ ބުންޏެވެ.
“…..ދެން ”ކާކު؟”އަކީ ރައްޓެއްސަކު ގުޅައިގެން ދިމާކޮށްފަ ކިޔައިދީފަ އިން ވާހަކައެއްގެ މައްޗަށް އޭނަގެ ހަމަ ރިއަލް ލައިފްގަ މިހާރުވެސް އޭނަ އެކަމުގެ ތެރޭގަ އުޅެމުންދަނީ. އޭނަ ކިޔައިދީފަ އިން ވާހަކައެއް ދެން އޭތި އަޅުގަނޑު ފިލްމަކަށް ހަދަން ބޭނުންވެގެން، ފިލްމަކަށް ބަދަލުވެގެންދާއިރު ވަރަށް ގިނަ ކަންތައްތަކެއް އިތުރުވެފަ ހުންނާނެ ދޯ. އެގޮތުން ދެން ފިލްމުގެ ކޮންސެޕްޓް އެއީ ހަންޑްރެޑް ޕަސެންޓް ހަމަ މިހާރުވެސް ހިނގަމުންދާ ކަމެއް.” ފިލްމު ”ކާކު؟”ގެ ވާހަކަ ބިނާކުރެވުނު ގޮތް ބުނެދެމުން ސިނަމާ ޕްރޮގްރާމުގައި މާއެނބޫ ތަފްޞީލުކޮށްދިނެވެ.
ފިލްމުގެ ވާހަކަ ލިޔުނީ މާއެނބޫއެވެ. ވާހަކަ ލިޔުމަށްފަހު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އާއި ހަވާލުކޮށްގެން ސްކްރީންޕްލޭ ލިޔުއްވީކަމަށްވެސް މި ޝޯގައި މާއެނބޫ ކިޔައިދިނެވެ.
“ދެން މަހްދީ ވަރަށް ފުރިހަމަ ގޮތުގަ އެ މަސައްކަތް ކޮށްދީފަ އިނީ. މަހްދީއަށްވެސް ވަރަށް ޝުކުރު އަދާކުރަން، ވަރަށް ރަނގަޅު މަހްދީގެ މަސައްކަތްވެސް. އަސްލު އަޅުގަނޑުގެ ވާހަކައަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދިޔަ މަހްދީގެ ސްކްރީންޕްލޭއިން.”
ފިލްމު ”ކާކު؟”ގެ ކާސްޓުންގެ ތެރޭގައި ކުޑަ ސޮބާ އާއި އިރޫގެ އިތުރުން ހިމެނެނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ހާމިދު އަލީ، ޝާފިއު މުހައްމަދު އާއި އައިޝާތު ޔާސިރާ އެވެ. މީގެ އިތުރުން ވަރަށް ޚާއްޞަ ފެނިލުމަކުން މާއެނބޫ ވެސް ފެނިގެންދާނެ އެވެ.
ފިލްމު ”ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.
ފިލްމު ”ކާކު؟”ން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.
ފިލްމު ”ކާކު؟“ގެ އެފްއެކްސް ހަދާފައިވަނީ ބޮޑު ރިޔާއެވެ. ފިލްމަށް ކޮސްޓިއުމް ފޯރުކޮށްދީފައިވަނީ ’ޕެންޓަގްރާމް‘، ’ޓޮޕް ލޭޑީ‘ އަދި ’އޮބީ‘ އިންނެވެ. ކެމެރާކޮށް އެޑިޓްކޮށްފައިވަނީ މާއެނބޫއެވެ. ފިލްމުގެ ސްޕެޝަލް އިފެކްޓާއި ޑްރޯން މަންޒަރުތައް ނެގީ ކުޑަ ސޮބާއެވެ. މިއުޒިކް ތައްޔާރުކުރީ ’ސޮލް ސީރީޒް‘ އިންނެވެ.
މާއެނބޫ ބުނީ ފިލްމުގެ ހުރިހައި މަސައްކަތެއް ނިމި މިހާރު އޮތީ ކްލެސިފައިވެސް ކޮށްފައި ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!