އެއްވެސް ޝައްކެއްނެތެވެ. މާދަރީބަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ލިޔުންތައް އަސަރުގަދަ ކުރެވޭނެ އެތައް ލަފުޒުތަކެއް އެބަހުއްޓެވެ. އެފަދަ ލަފުޒުތަކުން ލިޔުން ތަކަށް ފޮނިމީރުކަން ލިބިގެންދާނެކަން ކަށަވަރެވެ. އެފަދަ ލަފުޒު ތަކުން ލިޔުންތައް މުއްސަނދިކުރެވޭނެ ކަން ގައިމެވެ. އެފަދަ ލަފުޒުތަކުން ލިޔުންތައް އޮފްކާރު ވެގެންދާނެކަން ޔަޤީނެވެ. އަދި ކީއްތޯއެވެ. މަރުޖާނުތަކެއް ފަދަ އެ ލަފުޒުތަކުން، ލިޔުންތައް ޖަރީވެގެން ދާނެ ކަމާމެދު ވަސްވާހެއް ނެތެވެ.
އިތުރު ބަހުސަކަށް ބޭނުމެއް ނެތެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، ދިވެހިބަހުގެ ރަދީފަށް ނަޒަރު ހިންގަވާލެއްވުމުން މެންދުރުގެ އިރުފަދައިން، މިކަން ސާބިތުވެގެން ދާނެއެވެ.
އާދޭހެވެ. އަލިމަސްތަކެއް ފަދަ ޗާލު ލަފުޒުތައް އެކުލެވިގެންވާ، ދިވެހިބަހުގެ ރަދީފުގެ ފުނަށް ފީނަން ފެށީމެވެ. އަޅުގަނޑުގެ ނަޒަރު ހުއްޓިގެން ދިޔައީ، ކާމިލުވެގެންވާ “ހަމަބަސް” ތަކާއި، “ފަހިބަސް” ތަކަށެވެ.
ހަމަބަހޭ ތޯއެވެ. އާދެ! ހަމަބަސް ހެދިފައި ހުންނާނީ، ދެލަފުޒު ލާމެހިގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެއްވައްތަރެއްގެ ދެ ލަފުޒު އެކުވެގެންނެވެ. އެ ދެ ލަފުޒުގެތެރެއިން ފުރަތަމައަށް އޮންނަ ލަފުޒުގައި މާނައެއް އޮންނާނެއެވެ. އެހެންނަމަވެސް ދެވަނައަށް އޮންނަ ލަފުޒުގައި މާނައެއް ނޯންނާނެއެވެ. މިސާލަކަށް ދަންނަވާނަމަ، “ލަކުޑިފަކުޑި” އަކީ، ހަމަބަހެކެވެ. ފުރަތަމަ ލަފުޒަކީ “ލަކުޑި” އެވެ. މި ލަފުޒުގައި މާނައެއް އެބައޮތެވެ. ނަމަވެސް “ފަކުޑި” އަކީ، މާނައެއް އޮތް އެއްޗެއްނޫނެވެ. އެހެންނަމަވެސް މި ދެލަފުޒު އެއްކޮށްލުމުން މާނައެއް އޮންނާނެއެވެ. އާދެ! “ލަކުޑިފަކުޑި” އަކީ، ލަކުޑީގެ ހުރިހާ ބާވަތަކަށް ކިޔާ ނަމެކެވެ.
ކުރިން ދެންނެވުނުގޮތާއި ޚިލާފަށް، ހަމަބަހުގެ އަނެއް ބާވަތުގެ މިސާލެއް ފާހަގަކޮށްލާނަމެވެ. “އަގަޑުބަގަޑު” މިއީ ހަމަބަހެކެވެ. މި ލަފުޒުގައިވާ “އަގަޑު” އަކީ، މާނައެއް އޮތް އެއްޗެއްނޫނެވެ. އަދި ހަމަ “ބަގަޑު” ވެސް މިފަދައެވެ. އެހެންނަމަވެސް “އަގަޑު” އާއި “ބަގަޑު” އެކުވުމުން ހަމަބަހަކަށްވެ މާނައެއް އެބައޮވެއެވެ. އާދެ! “އަގަޑުބަގަޑު” މިއީ، އެއްޗެހި އެކުވެގެންވާ ގަޑުބަޑެވެ. ނުވަތަ އެއްޗިއްސަށްވާ އެގޮތްމިގޮތެވެ.
ދެން ތިޔަބޭފުޅުންގެ ސަމާލުކަމަށް މިދަންނަވާލަނީ، ފަހިބަހަށެވެ. ފަހިބަހަކީ ތޯއެވެ. ފަހިބަސްވެސް ހެދިފައި ހުންނާނީ، ދެލަފުޒު ލާމެހިގެންނެވެ. ހަމަބަހާއި ޚިލާފަށް، ފަހިބަހުގައި އޮންނަ ދެލަފުޒުގައި، ވަކި ދެމާނައެއް އޮންނާނެއެވެ. އެހެންނަމަވެސް އެ ދެލަފުޒު ގުޅިލާމެހުމުން، ފަހިބަހަކަށްވެ ވަކި މާނައެއް އެބައޮވެއެވެ. މިސާލަކަށް ދަންނަވާނަމަ، “އޮރިބޮރި” އަކީ، ފަހިބަހެކެވެ. މިލަފުޒުގައިވާ “އޮރި” އަކީ، މާނައެއް އެކުލެވިގެންވާ ވަކި ލަފުޒެކެވެ. “ބޮރި” އަކީވެސް، މިފަދަ ލަފުޒެކެވެ. މާނަ ބައްލަވާލެއްވުން ކީއްތޯއެވެ.
(1) އޮރި[ނަން]: {ހ} ގަދަ ނުބައި ވަހެއް ހުންނަ، ތެޔޮގިނަ މަސްމީރު ފަރުމަހެއް.
{ށ} ފަތިއެއްޗެއްގެ ދެކޮޅު ދެއަތަށް އެނބުރިފައިވާ ވުން.
(2) ބޮރި[ނަން]: {ހ} ކައްކައިފައި ހުންނަ ރިހަފަދަ ދިޔާތަކެތި ގިނައިރުވެ ނުބައިވުމުން ދިޔަގަނޑުގެ މައްޗަށް އަރާ ބޮކިތައް. {ށ} ފެންގަނޑަކަށް ދޮއްޓެއް ނުވަތަ ދަނޑިއެއް ކުއްލިއަކަށް ކޮއްޕާ ހަލުވައިގަތުމުން އަރާ ބޮކިތައް.
އާދެ! “އޮރި” އާއި “ބޮރި” މި ދެލަފުޒުގެ މާނަ ސާފުވެގެން ހިނގައްޖެއެވެ. މި ދެ ލަފުޒު އެކުވުމުން ފަހިބަހަކަށްވެ އިތުރު މާނައެއް އުފަންވެގެން ހިނގައްޖެއެވެ. ދަންނައެ، “އޮރިބޮރި” އަކީ، އެގޮތްމިގޮތަށްވާ އޮރި އެވެ.
ދެން މިހާހިސާބުން، ދިވެހި ރަދީފުގެ ޞަފުޙާތަކަށް ބައްލަވާލައްވަމާ ހިންގަވާށެވެ. އަޅުގަނޑުމެން ފުރަތަމަ ބަލައިލާނީ ހަމަބަސްތަކަށް، އެހެންނޫންތޯއެވެ.
1. ހަމަބަސް
(1) ހަޅޭފަޅޭ [ނަން]: {ހ} ހަޅޭ. {ށ} މީހަކު ނެރޭ ގަދައަޑު.
(2) ހަދިޔާބަދިޔާ[ނަން]: ހަދިޔާގެ ގޮތުގައި ފޮނުވާ ތަކެތި.
(3) ހާސިލުމާސިލު[ނަން]: ރަށަށް ބޭރުން އަންނަ މުދަލުންނާއި، ރަށުން ބޭރުވާ މުދަލުން ސަރުކާރަށް ނުވަތަ ރަށު މީހުންނަށް ނަގާ ތަކެތި.
(4) ހެލިފެލިވުން[މަސްދަރު]: {1} ހިނގައި ބިނގައި އުޅުން. {2} ޙަރަކާތްތެރިވުން.
(5) ކޮރުންބޮރުން[ކަންއިތުރު]: އުނދޯލި ހެއްލާއިރު ވާ ކަންކުތި.
(6) ކުސްމުސް[ނަން]: ހިތާނުވެގެން ދެކޮޅުވެރިގޮތުގައި ކިޔާކުދި.
(7) ޚަރަދުބަރަދު[ނަން]: {ހ} ހޭދަކުރާ ތަކެތި. {ށ} ޚަރަދު. {ނ} ދީނީގޮތުން ބަލަހައްޓަން ޖެހިފައިވާ ބަޔަކަށް ނުވަތަ މީހަކަށް ކެއިންބުއިމާއި އެހެނިހެން ކަންތަކަށް ކުރަންޖެހޭ ހޭދަ.
(8) އަހުލުވަހުލު[ނަންއިތުރު]: {ހ} ގާތްތިމާގެ. {ށ} އެހީވާ.
(9) އަލުންބަލުން[ކަންއިތުރު]: {ހ} މުޅިން އާކޮށް. {ށ} “އަލުން” މިބަސް ގަދަކުރަން ބުނާގޮތް.
(10) އާދަކާދަ[ނަން]: {ހ} ބަޔަކުމީހުންގެ މެދުގައި ވަކި ގަވާއިދަކަށް ހިނގައިފައި ހުންނަ ކަންތައްތައް. {ށ} ކަންހިނގާމަގު. {ނ} އާދަކޮށް ކުރަމުން އަންނަ ކަންތައްތައް.
(11) ހޭޑި ފޭޑި[ނަން]: {ހ} ކަންތައްކުރުމުގެ ފާޑު. {ށ} ކަންކަމުގެ ވައްޓަފާޅި. {ނ} މީހުންގެ އުޅުމުގައި ހުންނާންވީ ގޮތްތައް.
(12) އާޖުފާޖު[ނަން]: {ހ} ދިޔަވަރު ހިކޭއިރު އަޅާ އޮޔާއި ފޫދޭއިރު އަޅާ އޮއި. {2} ހޭޑިފޭޑި.
(13) އުކުނޑިބުކުނޑި[ނަން]: ފެންއެޅިފައިހުންނަ ހަނަފަސް ތަންތަނުގައި އުޅޭ ކުދިކުދި ދިރޭ އެއްޗެއް. މިއީ ފުމޭ އެއްޗެކެވެ.
(14) އެބޯޅޭމިބޯޅޭ[ނަންއިތުރު]: {ހ} ވަކިގޮތަކަށް ނުވާގޮތަށް އުޅޭ. {ށ} ތާކުންތާކު ނުޖެހޭ.
(15) އޭޑިފޭޑި[ނަން]: އުޅުމުގެ ވައްޓަފާޅި.
(16) އޮޅުންބޮޅުން[ނަން]: މާބޮޑަށް އޮޅޭ އޮޅުން.
(17) ދަނޑުފަނގު[ނަން]: ގަސްގަހާގެހި ހައްދާ ދަނޑު ދަނޑާއި އާމްދަނީ ލިބޭ، ހިންނަ ފަދަ ތަންތަން.
(18) ސިޓީބިޓީ[ނަން]: ސިޓީޔާ އެފަދަ ތަކެތި.
(19) ސުކުނިމުކުނި[ނަން]: ކުދިކުދި އެއްޗެހީގެ އޭތިމީތި.
(20) ސުގުޅިމުގުޅި[ނަން]: {ހ} އޭތިމީތި. {ށ} އެއްތަނެއްގައި ހުންނަ އެކިވައްތަރުގެ ބާއެއްޗެހި.
(21) ގަޑުބަޑު[ނަން]: {ހ} ބައެއް ކަހަލަ އެއްޗެހިވާ ނުވަތަ ކުރާ ތަޣައްޔަރު. މިސާލު: މި ރިހާކުރު މިހުރީ ގޮދަންފުށް އަޅައިގެން ގަޑުބަޑު ކޮށްފައެވެ. {ށ} އަސްލާއި އެހެން އެއްޗެއް އެކުވާ އެކުުވުން. {ނ} ބައެއްގެ އުފެދޭ ހަމަނުޖެހުން.
(22) ލަޓޯފަޓޯ[ނަންއިތުރު]: {ހ} ވިޔާނުދާ. {ށ} ގޮތެއް ފޮތެއް ނެތް. {ނ} އެއްވެސް ކަމެއް ކުރުމުގެ ފެންވަރެއް ނެތް.
(23) ލާޗާރުބިޗާރު[ނަންއިތުރު]: އެގޮތް މިގޮތަށް އުޅޭ.
(24) ކޫސަނިމޫސަނި[ނަން]: ކޫސަނި މިބަސް ގަދަކުރުމަށް ބުނާ ބަސް.
(25) ހޭލަމޭލަ[ނަން]: ބަޔަކު ކަމަކާ ހަރަކާތްތެރިވުމުގެ ގޮތުން ހިނގާބިނގާވެ އުޅޭ އުޅުން.
(26)ހިނގާބިނގާ ވުން[މަސްދަރު]: ހިނގައި ހަރަކާތްތެރިވެ އުޅުން.
(27) ކަރަދުބަރަދު[ނަން]: ކުރަންޖެހޭ ހުރިހާ ޚަރަދަކަށް ނިސްބަތްކޮށް ބުނާގޮތް.
(28) އެނބުރެމުންސެނބުރެމުން ދިއުން[މަސްދަރު]: އެނބުރެމުން ބަދަލުވަމުން ދިއުން.
(29) ސަލާންގަލާން ކުރުން[މަސްދަރު]: ސަލާންކޮށް ޚަބަރު ދަބަރު އޮޅުންފިލުވުން.
(30) ސަކުމަކު[ނަން]: {1} މަކުޑި. {2} ތަންޑު.
(31) ސަރޯފަރޯ[ނަން]: {1} އާދައިގެ. {2} ދެރަ ނިކަމެތި.
(32) އާއްޖަފާއްޖަ[ނަން]: {ބޯދާ} ދިޔަވަރު ހިކި ބޮޑުވުން.
އާދޭހެވެ. އިސްވެ މި ނަކަލުކުރި ލަފުޒުތަކުންވެސް، ދިވެހި ބަހުގެ ތަނަވަސްކަން ހާސާވެގެން ހިނގައްޖެ ނޫންތޯއެވެ. އިތުރު ބުރުހާނަކަށް އެދިވަޑައިގަންނަވާނަމަ، ފަހިބަސްތަކަށް ބައްލަވާލައްވަމާ ހިންގަވާށެވެ.
(2) ފަހިބަސް
(1) ހަސްފަސް[ނަން]: {ހ} ކިރިޔާ އުޅެވޭފަދަ.
(2) ހިތަކަށްބިތަކަށް[މަސްދަރު]: {ހ} ބޭނުން ގޮތަކަށް. {ށ} ހިތަށްއެރި ގޮތަކަށް.
(3) އަދަބުސަދަބު[ނަން]: އިޙްތިރާމްގެ ގޮތްތައް.
(4) ޚަބަރުދަބަރު[ނަން]: ޚަބަރާއި ޚަބަރާބެހޭ މަޢުލޫމާތު.
(5) ހަރުވަރު[ނަންއިތުރު]: {ހ} މެދު ޢުމުރަށްވުރެ މައްޗަށް ޖެހިލައިފައިވާ. {ށ} ހަރުވަމުން އަންނަ.
(6) ދަތުރުފަތުރު[ނަން]: ހުރިހާ ބާވަތެއްގެ ދަތުރު.
(7) ދަނޑުހަނގު[ނަން]: ދަނޑުފަނގު.
(8) ލޮލުންބޮލުން އެދުން[މަސްދަރު]: ކަމަކަށް ވަރަށް ބޮޑަށް އެދުން.
(9) ލަދެއްތަދެއް ނެތުން[މަސްދަރު]: އެއްވެސްކަހަލަ ލަދެއް ބިރެއް ޖެހިލުންވުމެއް ނެތުން.
(10) ގޮތެއްފޮތެއް ނެތުން[ނަންއިތުރު]: {ހ} ވަކި ހަމައެއް ނެތް. {ށ} ވަކި އިންތިޒާމެއް ނެތް.
(11) ގަދަފަދަ[ނަންއިތުރު]: {ހ} ވަރުގަދަ. {ށ} ބާރުގަދަ.
(12) ސަޑިފަޑި[ނަން]: {ހ} ހަޑި މުޑުދާރު. {ށ} ނުތާހިރު.
(13) އެގޮތްމިގޮތް[ކަންއިތުރު]: ތަރުތީބެއް ނެތި އެކި ގޮތްގޮތަށް.
(14) އެތަންމިތަން[ނަން]: {ހ} ހުރިހައި ތަނެއް. {ށ} އެކި ތަންތަން.
(15) އެވެނިމިވެނި[ނަންއިތުރު]: ކަންތައްތަކެއްގެ ނުވަތަ އެއްޗެހިތަކެއްގެ މައްޗަށް އިޝާރާތްކޮށް ނަން ނުބުނެ އޭގެ ބަދަލުގައި ބުނާ ގޮތެއް. މިސާލަކަށް: {ހ} އެވެނިމިވެނި ގޮތަށް އުޅޭ! {ށ} އެވެނިމިވެނި ކަންތައް ކުރޭ! {ނ} އެވެނި މިވެނި އެއްޗެހި ހޯދާ!
(16) އެކޮޅުމިކޮޅު[ނަން]: {ހ} ކަމެއް ނުވަތަ އެއްޗެއްގެ ހުރި ގޮތް. {ށ} ޙަޤީޤަތް.
(17) އަޑުބަޑު[ނަން]: އަޑުތައް.
(18) އަގުމަގު[ނަން]: އަގު.
(19) ކަމެއްދަމެއް [ނަން]: ކަންބޮޑުވާ ފަދަ ކަމެއް.
(20) ބޯޓުނޯޓު[ނަން]: ބޯޓުފަހަރުން މުދާ ބާލާއިރު ބޯޓު ބައްތެއްޔަށް އެފަހަރަކު އެރުވި މުދަލުގެ ހިސާބު ލިޔެފައި އޮންނަ ސިޓީ.
(21) ހިސާބުކިތާބު[ނަން]: މުދަލާއި ފައިސާއާއި ބެހޭ ލިޔެކިޔުން.
ދަންނައެ، މިނޫނަސް މިފަދަ ކިތަންމެ ލަފުޒެއް މާދަރީބަހުގައި އެބަހުއްޓެވެ. އަދިކީއްތޯއެވެ. މިފަދަ އެތައް ލަފުޒުތަކެއް އުފެއްދޭނެ އޮއްޓަރުވެސް މާދަރީބަހުގައިވެއެވެ. އާދެ! އަޅުގަނޑުމެންގެ ލިޔުންތައް މިފަދަ ލަފުޒުތަކުން ތަނަވަސްކުރަމާތޯއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި
ދެބަހުގެ މާނަ އޮޅިފައެއް ނޫންތަ ތިއޮތީ؟
saruna.mnu.edu.mv/jspui/bitstream/123456789/5020/1/Hamaeh%20namaeh%20netheve.pdf