ވިދަމުން އަންނަ ހުނަރުވެރި ތަރި ނުޒުހަތު ޝުއައިބް ވަރަށް ތަފާތު ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފިލްމު “ބަވަތި“ގެ ޓިކެޓަށް ނަން ނޯޓްކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މުޅިން އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ ޕްރޮޑަކްޝަން ހައުސް ‘އައި ފިލްމްސް’ އިން ގެނެސްދޭ އިލްޔާސް ވަހީދުގެ އަލަތު ފިލްމު “ބަވަތި“ގެ ޓިކެޓަށް ޕްރީ-ބްކިންގ ހެއްދުމަށް ފުރުޞަތު ހުޅުވައިލީ މިއަދު އެވެ. ޕްރީ-ބްކިން ހެއްދުމަށް 7390005 އަށް ގުޅުމަށް ‘އައި ފިލްމްސް’ އިން އެދެއެވެ.

ފިލްމު “ބަވަތި“ގެ އަންހެން ލީޑްގައި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ހަރަކާތްތެރިވާއިރު، ފިރިހެން ލީޑުން ފެނިގެންދާނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާޤެވެ. އިފްނާޒަކީ ދިޓީވީގެ އިތުރަށް ވީޓީވީގައިވެސް ބައެއް ޝޯތައް ހުށައަޅައިދީފައިވާ ޕްރެޒެންޓަރެވެ. މީގެ އިތުރުން އިފްނާޒަކީ ބައެއް އިޝްތިހާރުތަކުންވެސް ފެންނަ ފަންނާނެކެވެ.

ފިލްމު “ބަވަތި” އަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއް ކިޔައިދޭނެ ފިލްމު “ބަވަތި” ސިނަމާތަކަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.