“ޢިއްޒަތާއި ޝަރަފެއްގެ މަތިވެރި، އޭ އަރާހުރި ބަޠަލެކޭ، ޢިއްޒަތުއްނަފުސެއްގެ އަގުހުރި ލާމަސީލު މިސާލެކޭ”

އާދެ! އިސްވެދިޔަ ބައިތުގައި، ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، އެ އިޝާރާތްކުރައްވަނީ ކޮންބޭފުޅަކަށްތޯއެވެ. އެއްވެސް ޝައްކެއް ނެތެވެ. އެ ވިދާޅުވާ ލާމަސީލު މިސާލަކީ، މުޅި ޤައުމު އެބޭފުޅަކަށްޓަކައި ފަޚުރުވެރިވުން ޙައްޤު ނާދަލު މިސާލެކެވެ. މި ޤައުމުދުށް ވަރުގަދަ ސިޔާސީ މުޙައްނިކެކެވެ. ހިންމަތްތެރި މުޞްލިޙެކެވެ. ޚިދުމަތްތެރި މުޢާވިނެކެވެ. ޙިކުމަތްތެރި މުޢައްލިމެކެވެ. ހިންގުންތެރި އިސްދާރެކެވެ. ވަފާދާރު ވަޒީރެކެވެ. ލަފާދާރު ދަރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. އަދި ކީއްތޯއެވެ. އެބޭފުޅަކީ، ޤައުމިއްޔަތު ދިރުއްވެވި، ޙުއްރިއްޔަތު ދެމެހެއްޓެވުމަށް މަސައްކަތްޕުޅުކުރެއްވި، ޤާބިލިއްޔަތު ޝަޚްސިއްޔަތެއްމެއެވެ.

އާދޭހެވެ. އަޅުގަނޑުގެ ގަލަން ފިރުކައިލާ ހިތްއޮތީ، އެ ޢިއްޒަތްތެރި ބޭފުޅާގެ، މަތިވެރި މަތިކޮޅަށް އަލިކަމެއް އަޅުވާލުމަށް ފަހުގައެވެ. އެބޭފުޅާގެ މަތިކޮޅަކީތޯއެވެ. އާދޭހެވެ. އެބޭފުޅާއަކީ، މާލެއަތޮޅު ހުރާގެ، ދޮންމަރުދުރު ފަނޑިއްކިލެގެފާނުގެ، އިބްރާހިމް އެދުރުތަކުރުފާނުގެ، ޢަލީ ބޮޑުމުރީދު ތަކުރުފާނުގެ، ޙުސައިން ދޮށިމޭނާކިލެގެފާނުގެ، އަޙްމަދު ދޮށިމޭނާކިލެގެފާނު(ދޮން އަޙްމަދުދީދީ)، ނައިފަރުގޭ މަރްޔަމް މަނިކެއާއި ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ޢަލީ ދޮށިމޭނާކިލެގެފާނުގެ ދޮށީދަރިކަލުންނެވެ. މަންމާފުޅަކީ މާލޭ ދީނުކަލޭފާނުގެ މަރްޔަމް މަނިކެއެވެ.

އާދެ! ހިޖުރައިން 1260 ވަނަ އަހަރުގެ ޖުމާދުލްއޫލާ މަހުގެ 15ވީ ހުކުރު ދުވަހަކީ، ޢަލީ ދޮށިމޭނާކިލެގެފާނާއި، މާލޭ ދީނު ކަލޭފާނުގެ މަރްޔަމް މަނިކެއަށް ޚާއްސަ އުފާފުޅެއް ލިބިވަޑައިގެންނެވި ދުވަހެކެވެ. ކޮންކަމަކާތޯއެވެ…؟ ވަހުމެއްނެތެވެ. އެ ބަރަކާތްތެރިވީ ހުކުރު ދުވަހަކީ، އެ ދެމަފިރިކަނބަލުންގެ ޙަޔާތުގެ ޙަޤީޤީ ތަރި، މި ދިވެހި އާފާޤުން ފާއްދައިލި ދުވަހެވެ. މާލްދީބުގެ މުސްތަޤުބަލު ރޯޝަންކުރާނެ، ނޫރާނީ ސޫރުދަ(އިރު) ފެނުންތޮޅިލި ދުވަހެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެދެމަފިރިކަނބަލުންގެ ހަހުރަވެތި ދޮށީދަރިކަލުން މި ހަސްތީގެ އަލިކަންދެކެވަޑައިގަތް ދުވަހެވެ. ކޮންތަނެއްގައިތޯއެވެ…؟ އާދޭހެވެ. ހެންވޭރު އަތިރީގޭގައެވެ.

އެ ޢިއްޒަތްތެރި ބޭފުޅަކީތޯއެވެ. ގަލޮޅުގޭ ޢަލީ ދޮށިމޭނާކިލެގެފާނާއި، މަރްޔަމް މަނިކެގެ ދޮށީދަރިކަލުންނަކީތޯއެވެ. ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު އެވިދާޅުވާ ބަޠަލަކީތޯއެވެ. ޝައްކެއްނެތެވެ. އެބޭފުޅަކީ…. އާދެ! ދިވެހި ދީބު ދުށް އަގުހުރި ތިން ބަޠަލުންކަމުގައިވާ، ސުއްމުވުލްއަމީރުލްޙާއްޖަ އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި، ސުއްމުވުލްއަމީރުލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނާއި، ޢަބްދުލް ޙަމީދު ދީދީގެ އަހުރަވެތި ބައްޕާފުޅެވެ. ހަމައެހެންމެ ދިވެހި އަދަބީ ގުލިސްތާނުން ފޮޅުނު “ފިނިފެންމާ” ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނާއި، ދިވެހި ސަރިދާލޭސް(ރަސްކަމުގެ ތަޚުތު) އެންމެފަހުން ފަޅުފިލުއްވެވި އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލްގެ ލޭފަވެތި ކާފާފުޅެވެ. އާދޭހެވެ. އޮނަރަބަލް އަލްއުސްތާޛު އިބްރާހިމް ޝިހާބު ވިދާޅުވެފައިވާ “ހުރާ ގުލްޒާރު ފަރިކުރި މާތަކުގެތެރެއިން ފަޚުރަކަށްވާ” ސުއްމުވުލްއަމީރުލް ޙާއްޖަ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ.

ސުއްމުވުލްއަމީރު މުޙައްމަދު އަމީންދީދީ ވިދާޅުވިގޮތުގައި، އިބްރާހިމް ދޮށިމޭނާކިލެގެފާނަކީ، “ފަސް ފޫޓެއްހައި ދިގުމިނުގެ، ބައިމަތިފުޅު ފުޅާ، ހައިބަވަންތަ، ދޮން، ހަށިކޮޅު ސީދާ، “އަބުއި” ބޭފުޅެކެވެ.”

އާދޭހެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ޢިލްމުވެރިކަމޭތޯއެވެ. އެއްވެސް ޝައްކެއްނެތެވެ. އެކިލެގެފާނަކީ، އޭރު ސާސްތުރަވަތީގައި(ދިވެހިރާއްޖޭގައި) ހުންނެވި އެންމެ ޢިލްމުވެރި، ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅާކަމީ ވަންހަނާވެގެންވާ ކަމެއްނޫނެވެ. މިހެނީ، އެކިލެގެފާނަކީ، އެޒަމާނުގައި ދިވެހިރާއްޖެއިން ޢިލްމު ޙާޞިލް ކުރެވޭން އޮތް އެންމެ ފުރިހަމައަށް، ޢިލްމު ޙާޞިލް ކުރެއްވެވި ބޭފުޅެއްމެއެވެ. އެއަށްފަހު ކަލްކަތާއަށް ވަޑައިގެން، އެތަނުގެ މަދަރުސާއެއްގައި ހައެއްކަމަސް ވާންދެން އިނގިރޭސި ކިޔަވައި ވިދާޅުވިއެވެ. ދެން…. އާދެ! ދެން ފެނިގެންދިޔައީ، އަމިއްލަފުޅަށް ތަޢުލީމް ޙާޞިލް ކުރައްވަން ފެއްޓެވިތަނެވެ. ޢަރަބި، އިނގިރޭސި، އުރުދޫ ފަދަ ބަސްބަހުން ލިޔެފައިވާ ފޮތްތަކުން، މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރައްވަމުން ގެންދެވިތަނެވެ. ހަމައެހެންމެ އެކިލެގެފާނަކީ، ދިވެހިބަހުގެ އަދަބުތައްވެސް ދެނެވަޑައިގެންވާ ބޭފުޅެކެވެ. ދިވެހިބަހުގެ ގިނަ ލަފުޒުތައް ދެނެވަޑައިގަންނަވާ ބޭފުޅެއްމެއެވެ. އާދެ! ޖަރުމަނުންގެ މަޝްހޫރު ޕުރޮފެސަރު، ވިލްހެލްމް، ގައިގަރ، ލިޔުއްވާފައިވާ ފޮތް “ދިވެހިބަހުގެ މުޠާލިޢާ” ލިއުނީވެސް، އިބްރާހިމް ދޮށިމޭނާކިލެގެފާނާއި، އެކިލެގެފާނުގެ ދޮށީދަރިކަލުން އަޙްމަދު ދޮށިމޭނާކިލެގެފާނުގެ އަރިއަހުން ލިބުނު އަގުނުކުރެވޭފަދަ އެހީތެރިކަމުގެ ނަތީޖާއެއްގެ ގޮތުންކަމަށް، މުޙައްމަދު އަމީންދީދީ ވިދާޅުވެފައިވެއެވެ. އަދިކީއްތޯއެވެ. އެކިލެގެފާނަކީ، ފަރާސަތުގެ މޮޅު ޢިލްމުވެރިއެއްވެސްމެއެވެ.

ހަމައެހެންމެ އެކިލެގެފާނަކީ، ދީނަށް ނުހަނު ލޯބިފުޅުކުރެއްވި ބޭފުޅެކެވެ. ޢިލްމުވެރިންނަށް ކަމޭހިއްތެވި ބޭފުޅެކެވެ. ސައްޔިދުބޭކަލުންނާއި ދަންނަބޭކަލުންގެ އަރިހުގައި އުޅުއްވާ، އެބޭކަލުންގެ ދަރެސްތަކުން މަންފާ ހޯއްދެވި ބޭފުޅެކެވެ. މިސްކިތަށް ވަޑައިގެން ޖަމާޢަތުގައި ފަރުޟު ފަސްނަމާދު ކުރެއްވެވި އަޅުވެރި ބޭފުޅެކެވެ. ޤުރުއާން ތިލާވަތު ކުރެއްވުމުގައި ވަގުތުތައް ހޭދަކުރެއްވެވި ބޭފުޅެކެވެ. ޒިކުރު ކުރުމުގައި ދޫފުޅު ތެތްކޮށް ބޭއްވެވި ބޭފުޅެކެވެ. ޙައްޖުގެ މަތިވެރި އަޅުކަން ދެފަހަރު އަދާކުރެއްވި ބޭފުޅެކެވެ. ފަޤީރުންނާއި މިސްކީނުންނަށް މަދަދުކުރެއްވި މަދަދުގާރެއްމެއެވެ. ޤައުމުގެ ދަރީންނަށް ނަސޭޙަތާއި ވަސޭހަތްދެއްވި މުރުޝިދެއްމެއެވެ.

އާދެ! އަޅުގަނޑުގެ ގަލަން ކުރިއަަށް ހިންގައިލާނީ، ޢަބްދުﷲ ޖަލާލުއްދީނަށް، އިބްރާހިމް ދޮށިމޭނާކިލެގެފާނު ދެއްވާފައިވާ އަގުހުރި ނަޞޭހަތްފުޅުތަކެއްގެ ހަނދާންއާކޮށްލުމަށް ފަހުގައެވެ. “އެދުވަސްވަރުގައި ދޮޅަހަކަށްރޭ މަޣުރިބުނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި އަތިރީގޭ އުތުރު ފެންޑާގައި އަޅުގަނޑުފަދަ ކުޑަކުއްޖަކަށް އެފަދަ ބޮޑުވެރިއަކު ޚާއްޞަ މަޖިލީހެއް ބޭއްވެވިއެވެ. އެރޭތަކުގައި މުޅީންވެސް ދެއްވީ ހެޔޮ ނަޞޭޙަތްފުޅެވެ. ދިރިއުޅުމުގެ މަތިވެރި ދަރެސްތަކެވެ. އޭގެތެރޭގައި ވިދާޅުވި ތިންބަސްފުޅެއް އަޅުގަނޑު ދެކެނީ އަޅުގަނޑުގެ ކާމިޔާބުގެ މައިގަނޑުކަމުގައެވެ. އެއްބަސްފުޅަކީ: ފުލުގޮށް ނުޖެހޭށެވެ. (ފުލުގޮށުގެ މާނައަކީ، ކޮންމެވެސް ނުރަނގަޅު ގޮތެއްގައި ކުށްވެރިކަމެއް ސާބިތުވުމެވެ.) އަނެއް ބަސްފުޅަކީ: ކަލޭ ކަމަކަށް އިޞްލާޙެއް ގެންނާން އެދެނީވިއްޔާ އެކަމަކާއިގެން އަމިއްލަވެގަންނާން ނޫޅޭށެވެ. އެދޭ އިޞްލާޙުގެ މަޢުޟޫޢު ވެރިޔެއްގެ ސިކުނޑިފުޅަށް ވެއްދޭތޯ ބަލާށެވެ. ވަދެއްޖެއްޔާ އެވެރިޔެއްގެ އަތްޕުޅުމަތީގައި، އެކަން އިޞްލާޙު ވެވިދާނެއެވެ. ވެރިޔާއަށް ރީތި ލިބިފާ ކަލެޔަށް ޘަވާބުލިބިދާނެއެވެ. މިނޫން މަގެއް ހިފައިފިއްޔާ ގިނަފަހަރަށް ކާމިޔާބުލިބުން ދުރުވާނެއެވެ. އަދި ބައެއްފަހަރު ކަލެޔަށް ދެރައެއްވެސް ލިބިދާނެއެވެ. އަނެއްބަސްފުޅަކީ، ކަލޭގެ ޙަޔާތުގެ ރައުސްމާލަކީ ތެދުވެރިކަމާ އަމާނަތްތެރިކަން ކަމުގައިލާށެވެ. މިޔަށްވުރެ ހެއު އެހީތެރިއެއް ކަލޭގެ އަތެއްގާ ނުހިފާނެއެވެ.”

ޝައްކަކަށް ވަސްވާހަކަށްތަނެއް ނެތެވެ. އެކިލެގެފާނަކީ، “ދީނީ ރޮނގުން ކުރިޔަށް އެގެންދެވި ނުހަނު ގިނަގުނަ ކަންތަކުން” މި ދީބުގެ ދަރިން އާރާސްތުކޮށްދެއްވެވި ބޭފުޅެއްމެއެވެ. އޭގެތެރެއިން ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، މާލޭގެ ހަތަރު އަވަށަށް، ކުދިންނަށް ޤުރުއާން އުނގަންނަވައިދެއްވާނެ އެދުރުން، ދަޢުލަތުގެ ފަރާތުން ލެއްވުމެވެ. އާދޭހެވެ. ކޮންމެ އަވަށަކަށް އެދުރެކެވެ.

އާދެ! އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ޢުމުރުފުޅުން އެކާވީސް އަހަރުފުޅުވީތަނާ، އެކިލެގެފާނުގެ ބައްޕާފުޅާއިއެކު ބަނޑޭރިގޭގައި މަސައްކަަތްޕުޅު ކުރައްވާން ފައްޓަވައިފިއެވެ. އޭރު އެކިލެގެފާނުގެ ބައްޕާފުޅު ހުންނެވީ ބޮޑުބަނޑޭރިކަމުގައެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވެގެން ހިނގައްޖެއެވެ. ދެން ފެނިގެން ދިޔައީ، އެ ކިލެގެފާނުގެ ބައްޕާފުޅު ބޮޑުބަނޑޭރިކަމުން އިސްތިޢުފާދެއްވި މަންޒަރެވެ. އާދޭހެވެ. ދަޢުލަތުގެ ކަންތައްތައް ހިނގަމުންދާގޮތް، ޢަލީ ދޮށިމޭނާ ކިލެގެފާނަށް ޤަބޫލުފުޅުކުރައްވަން ދަތިފުޅުވެވަޑައިގަތީއެވެ. ހުރިހާކަމެއް ހިނގަމުންދިޔައީ ޢަލީ ދޮށިމޭނާކިލެގެފާނުގެ ލަފާފުޅާ ދިމާ އިދިކޮޅަށެވެ. އަދި ކިއެއްތަ، ތަށަށްކިޔަނީ މަރިޔަނބުހޭވެސް އަހައިނުލިއެވެ. ކަހާތަން ހިރުވައިވެސްނުލިއެވެ. ކަންމިހެންހުރުމާއެކު، ދިވެހިރާއްޖެ ދޫކުރައްވައި، ސިލޯނަށްވަޑައިގެން ގާލީގައި ވަޒަންވެރިވެ ވަޑައިގަތީއެވެ. ހަމައެހެންމެ އޭގެ ކުޑަދުވަސްކޮޅެއްފަހުން އިބްރާހިމް ދޮށިމޭނާކިލެގެފާނުވެސް ސިލޯނަށް ވަޑައިގެންފިއެވެ. އާދެ! ދުވަސްކޮޅެއް ވޭތުވެގެން ހިނގައްޖެއެވެ. ކަންވީގޮތަކީތޯއެވެ…! އާދޭހެވެ. ބޯކެޔޮވަލަކު ހުޅުލީހެން، ޢަލީ ދޮށިމޭނާކިލެގެފާނުގެ ނަންފުޅު ސިލޯނުގެތެރޭގައި ފެތުރިގެން ހިނގައްޖެއެވެ. އެކިލެގެފާނުގެ މުއްސަނދިކަމާއި ދީލަތިފުޅުކަމުގެ ސަބަބުން، މަޝްހޫރު ބޭފުޅަކަށްވެއްޖެއެވެ. ހަމައެއާއެކު، އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅުވެސް ވިދުވަރެއް ފަދައިން، ސިލޯނުގެ ހަތަރުބިތަށް ފޯރައިފިއެވެ. ސިލޯނުގެ އަހުލުވެރިން އިތުބާރުކުރާ މަޤުބޫލު ބޭފުޅަކަށްވެގެން ހިނގައްޖެއެވެ. އަދިކިއެއްތަ، އެދެބަފައިކަލުންގެ ނަންފުޅުވަނީ، ޔޫރަޕާއި ހަމައަށް ވާޞިލްވެފައެވެ.

އާދެ! ހިޖްރައިން 1299 ވަނަ އަހަރު ޖުމާދުލްއާޚިރާމަހުގެ 2ވީ ހުކުރުދުވަހަކީ، އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް، ގާލީގެ ތުރުކީ ސަފީރުކަން ލިބިވަޑައިގަތްދުވަހެވެ. އެއީ މީލާދީ ސަނަތުން 1882 ވަނައަހަރުގެ އޭޕްރީލްމަހުގެ 21 ވަނަދުވަހެވެ. ހަމައެއާއެކު ސިލޯނުގައި އޮންނަ އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން، ޖޭ.ޕީ(ޖަސްޓިސް އޮފް ދަ ޕީސް) ކަމުގެ ޢިއްޒަތްތެރި ދަރަޖަ އެކިލެގެފާނަށް ދެއްވައިފިއެވެ.

އާދެ! ސަރަންދީބު(ސިލޯނު)ގައި މިމަގުން ކަންތައްތައް ކުރިއަށްދާއިރު، މަޙަލްދީބުގެ ޙާލަތަކީ ކޮބައިތޯއެވެ. އާދޭހެވެ. ހިޖްރައިން 1299 ވަަނަ އަހަރު ޞަފަރުމަހު، 20ވަނަ ދުވަހަކީ، މާލްދީބުގެ ތާރީޚު ދުށް އެންމެދިގު މުއްދަތުގައި…، އާދެ! 48އަހަރު ވާންދެން ރަސްކަމުގެ ރަންސަންދާނަ(ރަސްކަމުގެ ތަޚުތު) ފަޅުފިލުއްވެވި އައްޞުލްތާން މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު ބަންޑާރައިން (މުސްކުޅި ބަންޑާރައިން) އަވަހާރަވީދުވަހެވެ. މިރަދުންނަކީ، އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ބައްޕާފުޅުގެ ދެބެންގެދެދަރި ބޭފުޅެކެވެ.

ރަދުން އަވަހާރަވުމުން، ސިންގާސަނާއަށް އިސްކުރެއްވީ، ރަދުންގެ ދެވަނަދަރިކަލުން، އައްސުލްޠާން އިބްރާހިމް ނޫރައްދީން ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުންނެވެ. މި ރަދުން ރެދަނލިކުރައްވަން ފެއްޓެވިތާ އަހަރެއް ފާއިތުނުވަނީސް އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ފަތްކޮޅެއް ފޮނުއްވައިފިއެވެ. މި ފަތްކޮޅުގައި ވަނީ، ރަދުންގެ ބޮޑުވަޒީރުކަމުގެ މަޤާމާއި، ހަވާލުވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ކަން މިހެންހުރުމާއެކު، އިބްރާހިމް ދޮށިމޭނާކިލެގެފާނު ތުރުކީ ސަފީރުކަމުން ދުރުވެވަޑައިގެން، މާލެވަޑައިގެންފިއެވެ. ކީއްވެގެންތޯއެވެ…. އެއްވެސް ޝައްކެއްނެތެވެ. ޤައުމަށް ލޯބިފުޅުކުރައްވާލެއް ބޮޑުކަމުންނެވެ. ޤައުމަށް ޚިދުމަތްކުރެއްވުމުގެ އިޚްލާޞްތެރި ނިޔަތާއި އެކީގައެވެ.

އާދޭހެވެ. “ދިވެހި އުންމަތް އެތައް ގޮތަކުން ނިދީގައި ޣަރަޤުވެވި ތިއްބާ” ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ޤައުމަށް ޚިދުމަތްކުރައްވަން ފައްޓަވައިފިއެވެ. ދުވަސްކޮޅެއް ވޭތުވެގެން ދިޔަތަނާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވަރަށް މުހިއްމު މައްސަލައަކާއެވެ. އާދެ! އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ފަރާތުން، މާލޭގައި އާގުބޯޓު ދެލިބޭލުމުގެ ސްޓޭޝަނެއް އުފެއްދުމުގެ މައްސަލައެވެ. އެހެންނަމަވެސް އެފަދަ ސްޓޭޝަންއެއް މާލޭގައި ހެދުމަށް ފެނިވަޑައިނުގަންނަވާކަމަށް، އިބްރާހިމް ދޮށިމޭނާކިލެގެފާނު ވަކާލާތުކުރެއްވިއެވެ. އެކިލެގެފާނަކީ، ދުނިޔެތެރެއަށް ހޭފުޅުލެއްވިފައިވާ ބޭފުޅެއްކަމަށްވުމުން، މިކަމަކީ އެހާ އެދެވޭކަމެއްނޫންކަން ވިސްނިވަޑައިގަތީއެވެ. އާދޭހެވެ. “ކުރިން އަދި މާކުރިން “ހަންފެތުރުމަށް” ކުރިމިންނަތާ ދެކޮޅަށް،” ދުލެއްނުދެއްވާ އެކަން ހުއްޓުވިއެވެ. މި ޖިހާދުގެ ނަތިޖާއަކަށްވީ، ހިޖުރީ ސަނަތުން 1302 ވަނައަހަރު ޝައްވާލުމަހުގެތެރޭގައި، އެކިލެގެފާނަށް ދޮށިމޭނާކަމަށް ކޮލިލެއްވުމެވެ.

އާދެ! އައްސުލްޠާން އިބްރާހިމް ނޫރައްދީން ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން ރަސްކަމުން އިސްތިޢުފާދެއްވައި، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އައްޘާނީ ކުޑަބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތްއިރުގައިވެސް ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. ހަމައެހެންމެ އައްސުލްޠާން އިބްރާހިމް ނޫރައްދީން ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު ވޭތުވެގެންދިޔަ ހަތަރު އަހަރު ބޮޑުވަޒީރުކަން ކުރެއްވެވީވެސް އެކިލެގެފާނެވެ. އެދުވަސްވަރުގެތެރޭގައި، ބޭރުކަރަތަކުން ދިވެހިރާއްޖެއަށް ގެންނަ ތަކެތީން، މަޢުމޫލު(އިމްޕޯޓު ޑިއުޓީ) ނަގާގޮތަށް ހަމަޖެއްސެވީ އެކިލެގެފާނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުކުރެވޭ ބައެއްތަކެތިންވެސް ޑިއުޓީ ނެގިގެންދިޔައެވެ. އާދެ! މިއީ އެކިލެގެފާނު ޚިދުމަތްތަކުގެތެރެއިން ޚާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މީގެއިތުރުން މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގެ ކުރީކޮޅުގައި، މާލޭގެ ވަށައިގެން ތޮށިލެއްވުމުގެ އެންމެ އިސްވެރިޔަކީވެސް، އެކިލެގެފާނެވެ.

އަދި ކިއެއްތަ، ދިވެހި ސިންގާސަނާއަށް ދެވަނަފަހަރަށް އިސްވެ ވަޑައިގަތް، މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި ވަޒީރުލް އަޢުޡަމްގެ މަޤާމުގައި ހުންނެވީވެސް އެކިލެގެފާނެވެ. އެކިލެގެފާނުގެ ލަފާފުޅުގެމަތީން، މިދައުރުގައި ޤައުމަށް ނުހަނު ގިނަ އިޞްލާޙުތަކެއް ގެނެވުނެވެ. އޭގެތެރޭގައި މަޙަލްދީބާއި ސަރަންދީބާއި ދެމެދުގައި ޕޯސްޓު ހިންގަވާން ފެއްޓެވުން ހިމެނެއެވެ. މުޙައްމަދު ޝަމްސުދީން ރަދުންގެ ދޮށީދަރިކަލުން ޙަސަން ޢިއްޒުއްދީންއާއި، ސުއްމުވުލްއަމީރު މުޙައްމަދު ފަރީދުދީދީއާއި، އަލްއަމީރު ޙަސަން ފަރީދުދީދީއާއި، ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނާއި، އަލްފާޟިލް ޙުސައިން ޙިލްމީދީދީއާއި، އަލްފާޟިލް އަޙުމަދު ކާމިލްދީދީ ރާއްޖެއިން ބޭރަށް ކިޔަވައިދެއްވަން ފޮނުއްވެވުން ހިމެނެއެވެ. އެއްވެސް ޝައްކެއްނެތެވެ. މިއީ ތަޢުލީމީގޮތުން އެޅިގެންދިޔަ ވަރަށްވެސް މުހިއްމު، ވަރަށްވެސް ހަރުދަނާ ފިޔަވަޅެއްމެއެވެ. އެއްވެސް ޝައްކެއްނެތެވެ. އެކިލެގެފާނުގެ އަގުހުރި ޚިދުމަތްތައް ގިނަގުނަވެގެންވެއެވެ. އެހެންނަމަވެސް…. އެހުރިހާ ޚިދުމަތްތަކެއްވެސް ކޮށްދެއްވާފައިވަނީ، އެތައް ޤުރުބާނީއަކާ އެކުގައެވެ. އާދެ! “އެކިފަހަރު އެކިމިންވަރަށް، ހަލަބޮލިވެފައިވާ ކަނޑުތެރޭ” ކުރެއްވެވި ހިންމަތާއި މިންނަތުންނެވެ. މިގޮތްމަތިން ގާތްގަނޑަކަށް 40 އަހަރު ވަންދެން ދިވެހިޤައުމަށް ޚިދުމަތްކުރެއްވެވިއެވެ. އެއްވެސް ޝައްކެއްނެތެވެ. “ދިވެހިއްޔަތަށްއައި ކޮންމެ އިޞްލާހެއްގެ ސިއްރާ އަސްލަކީ، ރިވެތިވި ހުރާގޭ ދަރިކޮޅުން ވިދި ހަވަނަ ތަރިކަމުގައިވަނީ.”

އާހް! ހިޖްރައިން 1343 ވަނައަހަރުގެ ރަމަޟާންމަހުގެ 6 ވަނަދުވަހަކީ، “މަތިވެރިވި ޢާއިލާއިން ފަޚުރެއްކަމަށް އެވާ” އާދެ! ހުރަވީ ދަރިކޮޅުގެ ސުއްމުވުލްއަމީރު އިބްރާހިމް ދޮށިމޭނާކިލެގެފާނު އަވަހާރަވި ދުވަހެވެ. އެއީ މީލާދީ ސަނަތުން 1920 ވަނައަހަރުގެ މާރިޗް މަހުގެ 31 ވަނަދުވަހެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތުގެ ތެރޭގައެވެ. މާތްﷲ، މަރްޙޫމުގެ ފުރާނަފުޅަށް ރަޙްމަތް ލައްވާފާނދޭވެ! އާމީން!

އާދެ! “ނުލިބުނުކަމަކު ހާރެއްގަތަން ކުލަރީތި މާތަކެއް،
ޝުކުރާއި ހަނދާނުން މިއީ ކުރެވޭ ވެދުންތަކޭ”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.