އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”އަށް އަޙްމަދު ނަޒީހް (ރާޅު ބޯއީ) ކިޔައިދީފައިވާ ހިތްގައިމު ލަވަ ‘ހީލާ’ގެ ވީޑިއޯ ލަވަ ރިލީޒްކޮށްފިއެވެ. އައި ފިލްމްސްގެ ޔޫޓިއުބް ޗެނަލްއަށް ލަވަ ދޫކޮށްލާފައިވާއިރު، މި ލަވަ ވަނީ ވީޓީވީގެ ސިނަމާ ޕްރޮގްރާމުގައި ރޭ ދައްކާފައެވެ.

ހިތްގައިމު އަމިއްލަ ރާގަކަށް ނަޒީހް ކިޔާފައިވާ ‘ހީލާ’ ލަވައިގެ ޅެމާއި ރާގު ހެދީވެސް ނަޒީހް އެވެ. މިއުޒިކް ހެދީ އިސްމާއިލް އަދީލް (މިސްޓީ) އެވެ. ފިލްްމުގެ ހިތްގައިމު މަންޒަރުތަކެއް ހިމަނާފައިވާ މި ލަވަ އަކީ ފިލްމުގައި ހިމެނޭ ހިތްގައިމު ލަވަތަކުގެ ތެރެއިން ލަވައެކެވެ. އިބްރާހިމް ވިސާން (ކަނޑި) ސިނެމަޓޮގްރަފީ ތައްޔާރު ކުރިއިރު، ލަވަ ޑައިރެކްޓުކޮށްފައި ވަނީ އިލްޔާށް ވަހީދެވެ.

’އައި ފިލްމްސް‘ގެ ފުރަތަމަ ފިލްމު ”ބަވަތި” އަކީ ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެކަން، މިހައިތަނަށް ފެނިފައިވާ މި ފިލްމުގެ މަންޒަރުތަކާއި ފިލްމާމެދު ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އާއި ތަރިން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

ފިލްމުގެ ފިރިހެން ލީޑް އިފްނާޒަށް އެންމެ ކަމުދާ ލަވައަކީވެސް “ހީލާ” ކަމަށް އިފްނާޒް ވެސް ބުނެއެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ މުހައްމަދު ނަޒީހު (ރާޅު ބޯއީ)އަކީ އޭނާގެ ވަރުގަދަ އަޑުން، ތަފާތު ސްޓައިލެއްގައި ލަވަ ހުށައަޅައިދެމުން އަންނަ ކުޅަދާނަ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ.

ބަވަތި”ގައި ‘ހީލާ’ ގެ އިތުރުން އެހެން ލަވައެއްވެސް ހިމެނެއެވެ. މީގެ އިތުރުން ފިލްމުގެ ޕްރޮމޯ ލަވަ، ”ބަވަތި” އަށްވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އިލްޔާސް ވަހީދު ޑައިރެކްކޮށްފައިވާ އައި ފިލްމްސްގެ ”ބަވަތި”ރިލީޒްކުރަނީ 02 ސެޕްޓެމްބަރު 2019 ގައެވެ. ފިލްމުގެ ލީޑް ތަރިންނަކީ އިފްނާޒް އާއި ނުޒޫ އެވެ.

މިމަހު 20 ވަނަ ދުވަހުން ފެށިގެން ފިލްމުގެ ޓިކެޓް އޮލިޕްޕަހުން ވިއްކަން ފަށާނެއެވެ. ”ބަވަތި”ގެ ޓިކެޓް ގަތުމަށް ޕްރީ-ބުކިންގ ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަތޮޅުތެރޭގައި މިފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އެބައޮތް ކަމަށްވެސް އިލްޔާސް ބުންޏެވެ. ”ބަވަތި”ގެ ޕްރީ-ބްކިން ހެއްދުމަށް 7390005 ފޯނު ނަންބަރު އައި ފިލްމްސް އިން ވަނީ އާއްމުކޮށްފައެވެ.

ބަވަތި”ގައި ދައްކުވައިދޭނީ މައްސަލަ ބޮޑު ދިރިއުޅުމަކަށް ފަހު ހަމަޖެހިގެން ދިރިއުޅުމެއް ފަށަން މަސައްކަތް ކުރާ އަންހެނެއްގެ ދިރިއުޅުމުގެ މައްޗަށް ރޫހާނީ އެއްޗެއް ބާރު ފޯރުވުމުން ދިމާވާ ކަންތައްތަކެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.