ސެޕްޓެމްބަރު 24ގައި ސިނަމާއަށް އައުމަށް ތައްޔާރުވެފައި ’މީ ޕްރޮޑަކްޝަން’ގެ ބިރުވެރި ފިލްމު ”ކާކު؟”ގެ ޕްރޮމޯޝަން ލަވަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ނެރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ފިލްމު “ކާކު؟”ގެ ލީޑް ރޯލުން ފިލްމީ ދާއިރާއަށް އަލުން އަނބުރާ އަންނަ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރ އިބްރާހިމް ސޮބާހް (ކުޑަ ސޮބާ) ވީޓީވީ ސިނަމާ ޕްރޮގްރާމްގައި ބުނީ މިހާރު އެ ލަވައިގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“މި ބަލަނީ ފުދޭވަރަކަށް ތަފާތުކޮށް، ކްރިއޭޓިވްކޮށް އެ ލަވަ ބެލުންތެރިންނާ ހަމައަށް ގެނެވޭތޯ.” ފިލްމުގެ ސްޕެޝަލް އިފެކްޓްސް ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ސޮބާ ބުންޏެވެ.

މިއީ ބިރުވެރި ފިލްމަކަށްވާއިރު މި ފިލްމިގަައި ސްޕެޝަލް އިފެކްޓްސް އާއި ވިޝުއަލް އިފެކްޓްސްތައް ވަރަށް ބައިވަރު ހުންނާނެ ކަމަށް ސޮބާ ބުންޏެވެ.

“ސްޕެޝަލް އިފެކްޓްސް ޕްލަސް ވިޝުއަލް އިފެކްޓްސް މި ފިލްމުގަ ހުންނާނެ ވަރަށް ބައިވަރު. މާއެނބޫ މި ފިލްމު ހަދަން ވެގެން ޑިސްކަސްކުރިއިރުގަ ސޮބާ އަމިއްލައަށްވެސް ބުނިން މާއެނބޫއޭ މީ ވިޝުއަލް އިފެކްޓްސް އެކަނި ހަދައިގެން މީތި ކަމަކު ނުދާނޭ، ކޮންމެވެސް ވަރަކަށް ޖެހޭނޭ ސްޕެޝަލް އިފެކްޓްސްއާ ޕްރެކްޓިކަލް އިފެކްޓްސްއާ ދޭތި އެއްކޮށްގެންނޭ ހަދަން. އެހެން ނޫނިއްޔާ މީތި މީގަ މި އޮތްގޮތަށް ޑެލިވަރ ނުކޮށްދެވޭނޭ.” ފިލްމުގައި ހުރި އެފެކްޓްސްތަކާމެދު ސޮބާ ބުންޏެވެ.

“ހުންނާނެ ވިޝުއަލް އިފެކްޓްސް ފުދޭވަރަކަށް ބައިވަރު ހަދާފަ. ދެން ބޮޑު ރިޔާގެ ކުޅަދާނަކަން މީގެން ފެނިގެންދާނެ ވިޝުއަލް އެފެކްޓްސް އިން.” ފިލްމުގެ ވިޝުއަލް އެފެކްޓްސް ހަދާފައިވާ ބޮޑު ރިޔާއަށް ތަޢުރީފުް ކުރަމުން ސޮބާ ފާހަގަކުރިއެވެ.

މި ފިލްމުގެ ބައެއް ޕްރެކްޓިކަލް އެފްކްޓްސް އާއި ސްޕެޝަލް އެފެކްޓްސްގެ މަސައްކަތް ސޮބާވެސް ކޮށްފައިވެއެވެ.

ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ އެކްޓިންއަށް ތަޢުރީފް ކުރަމުން ސޮބާ ބުނީ ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ ހާމިދު ޢަލީގެ އެކްޓިން އާދަޔާޚިލާފަށް މޮޅު ކަމަށެވެ.

“އަސްލު ހަގީގަތުގައި ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ވަރަށް ބޮޑަށް ވިސްނާފަ ނެގި ޑިސިޝަން އެއްކަން ނޭނގޭ ހާމިދު އެ ކެރެކްޓަރ އަށް ލުން އެއީ. ވަރަށް ރަނގަޅަށް އޭތި ޑެލިވަރ ކޮށްދީފަ އިނީ އޭނާ.” ހާމިދުގެ ރޯލާމެދު ސޮބާ ފާހަގަކުރިއެވެ.

މީގެ އިތުރުން މި ފިލްމުން ފެނިގެންދާ އައިޝަތު ޔާސިރާގެ އެކްޓިންއިން އެކްޓްކުރުމަށް އާކަމެއް ފެނިގެން ނުދާނެ ކަމަށާއި އޭނާގެ އެކްޓިން އެހާވެސް ފުރިހަމައަށް ދައްކައިދީފައިވާކަމަށް ސޮބާ ބުންޏެވެ. އަރަމުން އަންނަ ތަރި އިރުފާނާ އިބްރާހިމް އާއި ޝާފިއު މުޙައްމަދުގެ އެކްޓިންވެސް ވަރަށް ފުރިހަމަވާނެ ކަމަށްވެސް ސޮބާ ބުނެއެވެ.

“އޯވަރޯލްކޮށް ފިލްމުގެ ކެރެކްޓަރތައް އެކްޓަރުން ކުޅެދީފަ އިނީ ވަރަށް ފުރިހަމައަށް.” ތަރިންގެ އެކްޓިންއާމެދު ޚާއްޞަގޮތެއްގައި ސޮބާ ފާހަގަކުރިއެވެ.

މުޙައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށްފައިވާ ފިލްމު “ކާކު؟” މާލޭގައި ޕްރިމިއަރ ކުރުމަށްފަހު މި ފިލްމު ޝޫޓްކޮށްފައިވާ ރަށް، ކުޅުދުއްފުށީގައިވެސް ޕްރިމިއާ ނައިޓަކާއި އެކުގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވެއެވެ. އެއަށްފަހު ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް ފިލްމު ދެއްކުމަށް މަސައްކަތް ކުރުމަށް ފިލްމުގެ ޓީމުން ތިބީ ތައްޔާރަށްކަމަށް ސޮބާ ބުންޏެވެ.

ފިލްމު ”ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.

ފިލްމު ”ކާކު؟”ން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.

ފިލްމު ”ކާކު؟”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.