ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ’އައި ފިލްމްސް‘ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”ގެ ޓިކެޓް، މިއަދު އޮލިމްޕަހުގައި ވިއްކަން ފަށައިފިއެވެ.

އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ ”ބަވަތި” ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި އަމާޒު ކޮށްފައި ވަނީ ޢާއިލީ މައްސަލަ ތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ އަންހެން ކުއްޖަކު، އުފާވެރި މުސްތަޤުބަލަކަށް އެދި ކުރާ އުއްމީދުތައް، ރޫޙާނީ ބާރެއްގެ ސަބަބުން ވިއްސި ވިހާލިވެގެންދާ ގޮތުގެ މައްޗަށެވެ.

ފިލްމު ”ބަވަތި”ގެ އަންހެން ލީޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ހަރަކާތްތެރިވާއިރު، ފިރިހެން ލީޑުން ފެނިގެންދާނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވިޔަސް، އެކްޓިންގެ ހުނަރު އިޝްތިހާރުތަކުންނާއި ބައެއް ޝޯތަކުން ދައްކާފައިވާ ފަންނާނު، އަހުމަދު އިފްނާޒް ފިރާޤެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ބަވަތި”ގެ ޓީޒަރ ޓްރެއިލަރތަކާއި އޮފިޝަލް ޓްރެއިލަރ އާއްމުކުރުމާއެކު، މި ފިލްމަށް ކުރެވޭ އިންތިޒާރު އެތައް ގުނައެއް އިތުރުވެފައިވެ އެވެ. މީގެ އިތުރުން މީސްމީޑިއާގައި ފިލްމުގެ ވާހަކަތައް އިތުރުވެފައިވާއިރު، މިއީ މިއަހަރު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އެއް ފިލްމަށް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ބަވަތި”ގެ ޓައިޓަލް ނަމާއި ގުޅުވައިގެން ވަރަށް ތަފާތު ސްޓައިލެއްގައި ނެރެފައިވާ ޕްރޮމޯޝަނަލް ލަވައަށްވެސް އާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންގޮސްފައިވެއެވެ. މީގެ އިތުރުން ފިލްމުގެ ދިގު ޓްރެއިލަރ ބަލައިލުމުން ފިލްމު ބަލައިލުމަށް ކުރެވޭ އިންތިޒާރު އިތުރުވެފައިވެއެވެ.

ބަވަތި”އަކީ ދިވެހި ސިނަމާތަކަށް މިއަހަރު އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވެގެންދާނެކަމަށް އައި ފިލްމްސްއިން ބުނެއެވެ. ފިލްމް “ބަވަތި“ގެ ޖުމްލަ 21 ޝޯވ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ.

ފިލްމު ”ބަވަތި”ރިލީޒް ވުމުގެ ކުރިން، މި ފިލްމުގެ ސްކްރީނިންގ ރައިޓްސް ދިރާގުން ގަނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.