ވާހަކަ ކިއުމަކީ ވަރަށް ވެސް މުހިންމުކަމެކެވެ. އޭގެ ފައިދާވެސް އެހާބޮޑުކަމެކެވެ. ގިނަގިނައިން ވާހަކަފޮތްތައް ކިއުމަކީ ސިކުނޑި ތަނަވަސްވެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވާކަމެކެވެ. ދީނީ، ޢިލްމީ، ތާރީޚީ ފޮތް ކިޔައިހެދުމަކީ ތިބާގެ ދިރިއުޅުމަށް އެތައް ގޮތަކުން އޭގެ ފައިދާކުރާނެ ކަމެކެވެ.

ނަމަވެސް ފޮތްކިމުގެ މާނައަކީ ތިމާ އަތުގައި ޖެހުނު ކޮންމެ ފޮތެއް ކިޔުމެއް ނޫނެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ކިޔަން ދެވޭ ފޮތްތަކަކީ އެ ފޮތްތަކުން އެކުދިންނަށް ލިބޭނީ ފައިދާތޯ ނޫނީ ގެއްލުންތޯ ކޮންމެހެންވެސް ބަލަންޖެހޭ ފޮތްތަކެކެވެ. އެހެން ނޫންނަމަ އެފޮތްތަކުގެ ސަބަބުން ހީނުކުރާފަދަ ގެއްލުމެއް އެކުދިންނަށް ކުރުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

ޢާންމުކޮށް ކުޑަކުދިން ކިޔަން ދެވޭ ފޮތްތަކަށް ނަޒަރެއް ހިންގާލާނަމެވެ.

ޓާރޒަން: ޓާރޒަންގެ ހަށިގަނޑުގައި ފޭރާމެއް ހުންނާނީ އުނަގަނޑުން ތިރީގައެވެ. އެވެސް ކަކުލާ ހަމައަށެވެ. ޖަންގަލީތެރޭގައި އުޅޭ އުޅުމުން ރިވެތި އެއްވެސް އާދައެއް އޭނާގެ ކިބައިން ނުފެނެެެއެވެ.

ސިންދްރެއްލާ: ސިންދްރެއްލާ ގެއަށް އަންނާނީ ދަންވަރުއެވެ. އަންހެންކުއްޖަކާ ބަލާފައި ސިންދްރެއްލާގެ އުޅުމުން ނެގެނީ ވަރަށް ވިޔާނުދާ އުޅުމެކެވެ.

ޕިނޯކިއޯ: ޕިނޯޗިއޯ އަކީ ދޮގުހެދުމުގައި އަރާ ހުރި މީހެކެވެ. އެއްވެސް ހާލެއްގައި ތެދެއް ނުހަދާނެއެވެ.

އަލާޑިން: އަލާޑިން އަކީ ވަގުންގެ ރަސްގެފާނެވެ.

ބެޓްމޭން: ބެޓްމޭން ކާރު ދުއްވަނީ ގަޑިއަކު 200 މޭލު ބާރުމިނުގައެވެ. މީގެން ކުދިންގެ ސިކުޑިތަަކަށް ފޮނުވައިދޭ މެސެޖަކީ ދުއްވުމުގައި ހައްދުފަހަނައެޅުމެވެ.

ރޯމިއޯ އެންޑް ޖޫލިއެޓް: ލޯބީގެ ނަމުގައި އަމިއްލައަށް ފުރާނަ ދުއްވާލައެވެ.

ސްނޯވައިޓް: ސްނޯވައިޓްގެ މުޅި ދިރިއުޅުން ބިނާކުރަނީ އެތައް ފިރިހެނުން ތަކަކާއިއެކުގައެވެ.

ވިސްނާލާށެވެ. މިފަދަ ވާހަކަތަކުން އަޅުގަނޑުމެންގެ ޅަދަރިންގެ ސިކުނޑިތަކަށް ލިބޭނީ ކޮންކަހަލަ އިބްރަތެއްތޯއެވެ. ދަރިން ކޮޕީ ކުރާނީ މި އާދަތައް ނޫންތޯއެވެ. އެކުދިން ވިޔާނުދާ ގޮތަކަށް އުޅުނީމާ އަޅުގަނޑުމެން ދައްކާނީ ކޮން އުޒުރެއްތޯއެވެ. އެ ކުދިން އެދަސްކުރީ އަޅުގަނޑުމެންގެ އަތުން އެކުދިން ދަސްކުރުމަށް ދެވުނުއެއްޗެއް ނޫންތޯއެވެ.

ވިސްނާށެވެ. ކުޑަކުދިން ކިޔައިލުމަށް މިދަންނަވާ ފޮތްތައް ދިނުމުންވާނީ ކީއްތޯއެވެ. ނޫނީ މިވާހަކަތައް އެކުދިންނަށް ކިޔައިދިނުން ވާނީ ކީއްތޯއެވެ.

އަބޫބަކުރު رضي الله عنه އަށް ބައްލަވާލައްވާށެވެ. އެކަލޭގެފާނުގެ ތެދުވެރިކަމަށް ބައްލަވައިލައްވާށެވެ. އިސްލާމްދީނަށްޓަކައި ވީގުރުބާނީ ކުދިންނަށް ކިޔައިދީ އެފަދަ ތެދުވެރިކަމެއް ހުރި ކުއްޖަކު ބިނާކުރެވޭތޯ ބަލަމާ ހިނގާށެވެ.

އުމަރު رضي الله عنهގެ އިންސާފުވެރިކަން ދެކިބަލާށެވެ. ހިންގުންތެރިކަމާއި އަދުލުވެރިކަން ކުދިންނަށް ކިޔައިދެއްވާށެވެ.

އުޡްމާނު رضي الله عنهގެ ކިބައިގައި މާތްﷲ އަށްޓަކައި އޮތްލަދުވެތިކަން ތާރީޚްއިން ފެންނަންއެހެރީއެވެ.

އަލީގެ رضي الله عنهގެ ހިތްވަރުފުޅު ގަދަކަމާއި ކެރުންތެރިކަމުން މިސާލުނަންގަވާށެވެ.

ޚާލިދުބުން ވަލީދު ހަނގުރާމައިގެ މައިދާނުގައި ދެއްކެވި ހިތްވަރާއި ކުރެއްވެވި ޖިހާދުގެ ވާހަކައިން އެކުދިންގެ ހިތުގައި އިސްލާމްދީނަށް ނަސްރުދިނުމުގެ ވަރުގަދަ އަޤީދާއެއް ހަރުލެއްވޭތޯ ބަލަމާ ހިންގަވާށެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ ހިތުގައި އެކަމަނާގެ ބައްޕާފުޅަށް އޮތް ލޯބިން ފިލާވަޅުލިބިގަނެ މައިންބަފައިންނަށް ދަރިންގެ ހިތުގައި އެފަދަ ލޯތްބެއް އަށަގަންނަވަމާ ހިނގާށެވެ.

މިކަން މިހެންއޮތްއިރު ވިސްނާލަން އެބަޖެހެއެވެ. ބޮޑުއަގު ދީފައި ފިހާރަތަކުން ގަނެގެން ގެނެސް ކުދިންގެ އަތަށް ދެވޭ ފޮތްތަކުން އެކުދިންނަށް ކުރަނީ ފައިދާއެއްތޯ ނޫނީ ގެއްލުންތޯ ބަލަންޖެހެއެވެ. އަޅުގަނޑުގެ ނަސޭހަތަކީ ތިބާގެ ދަރިންނަކީ ދެ ދުނިޔޭގައި ބާއްޖަވެރި ކުދިންތަކަކަށް ހެދޭތޯ ގަދައަޅާ މަސައްކަތްކުރައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް