ސެޕްޓެމްބަރު ދެވަނަ ދުވަހުގެރޭ އައުމާމެދު ދެން އޮތީ އެންމެ ހަތް ދުވަހެވެ. އައި ފިލްމްސް އިން އުފައްދާފައިވާ ފިލްމު ”ބަވަތި” ސިނަމާއަށް އަންނަން އޮތީވެސް އެންމެ ހަތްދުވަސް ކަން އައި ފިލްމްސް އިން އިޢުލާނުކުރީ “ބަވަތި” ވަރަށް އަސަރުގަދަ މަންޒަރުކޮޅެއް ހިމެނޭ ވީޑިއޯއަކާއެކުގައެވެ.

ރޭ އާއްމުކޮށްފައިވާ މި ވީޑިއޯއިން ފެނިގެންދަނީ “ބަވަތި” ފިލްމުން ފެންނާނެ އަސަރުގަދަ މަންޒަރުތަކުން ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުތަސް އިލްޔާސް ވަހީދު (އިއްލެ)ގެ ޑައިރެކްޝަންގެ ހުނަރުވެރިކަން މި މަންޒަރުން އެކަނިވެސް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ކުރިއަރަމުން އަންނަ ނުޒޫގެ މޮޅު އެކްޓިން އޭގެ އެންމެ ފުރިހަމަ އަސަރާއިއެކު ދައްކުވައިދެއެވެ. ފީޗާ ފިލްމަކުން އެކްޓިންގައި އަލަށް ފެނުނަސް، އިފްނާޒްގެ ހުނަރުވެރިކަންވެސް މި ވީޑިއޯކޮޅުން ފެނިގެންދެއެވެ.

“ބަވަތި”ގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެފައިވާއިރު، ވަރަށް ބޮޑު ތަރުޙީބަކާއެކު ޓިކެޓް ވިކެމުންދާކަމަށް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ބުނެއެވެ.

“ބަވަތި” އަކީ ކޮންމެހެންވެސް ބަލައިލަންޖެހޭ ފިލްމުތަކުގެ ލިސްޓަށް ގެންނަންޖެހޭ ސަބަބުތައް މުނިއަވަސް އިން މީގެ ކުރިން ވާނީ ގެނެސްދީފައެވެ. އެހެންކަމުން އެ ވާހަކަތައް ތަކުރާރުކުރާކަށް ނެތީމެވެ. ތަފާތު، މޮޅު ފިލްމެއް ބަލަން ބޭނުންނަމަ ހަމަ ކޮންމެހެންވެސް “ބަވަތި” ބަލައިލަން ޖެހޭކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

“ބަވަތި” އަކީ ބިރުވެރި، އިޝްޤީ ލޯބި، މައިވަންތަކަމުގެ ލޯބި އަދި ހެއްވާ މަޖާ ބައިތަކެއް އުކުލެވިގެންވާ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދޭނީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ރޫހާނީ ބާރެއް އައިސް، ދިމާވާ ކަންތައްތަކެކެވެ.

ފިލްމުގެ ޑައިރެކްޓަރާއި ޓީމުން ބުނަނީ މިއީ ވަރުގަދަ ސަސްޕެންސް ތްރިލާއެއް ކަމަށެވެ. ފިލްމުގައި ވާގޮތް ރަނގަޅަށް އެނގިގެންދާނީ ފިލްމުގެ އެންމެ ފަހު ފަސްވަރަކަށް މިނެޓާއި ހަމައިންކަމަށް ބުނެއެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.