ފަތިހުގެ ފިނި ފިނި ރޯޅިތައް އެންމެ ފުރަތަމަވެސް ބީހިލާ އިންސާނަކީ އަހަރެންނޭ ބުނުމަކުން ދޮގަަކަށް ނުވާނެއެވެ. އަަރައިގެން އަަންނަ އިރުގެ ހޫނުކަންވެސް އެންމެ ފުރަތަމަ އިޙްސާސް ކުރާނީ އަހަންނެވެ. މަޖުބޫރެއްނޫނެވެ. ކުރާ ހިތެއްވެސް ނުވެއެވެ. ކުރާނެކަމެއްވެސް ނެތީއެއް ނޫނެވެ. ނަމަވެސް ހިތަށް ހިތްހަމަޖެހުން ލިބޭތީ ކުރަނީއެވެ. އާއެކެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތުކޮޅަކީ އަހަރެންގެ ހައްޤެކެވެ. އަހަރެންގެ އަޖަލުހަމަވަން ދެނެވެ. މުޅި ކާއިނާތު އަބަދުވެސް އެކަމަށް ހެކިވާނެއެވެ.

ލޯބިވާ ފިރިއެއްގެ އޯގާތެރިކަންވެސް އިންތިހާ ދަރަޖައަށް ލިބެއެވެ. އެކަމަކުވެސް އެ އޯގާތެރިކަމުން މިހިތަށް ހިތްހަމަޖެހުން ނުލިބެނީއެވެ. ހަމައެކަނި އުފާވަނީ މި ދެތުންފަތެވެ. ހައިރާންނުވާށެވެ. މިއުޅެނީ އުފަލުންނެވެ. އުފާ ނުވަނީ ހިތް އެކަންޏެވެ. އެކަމަކު މި ދެލޮލަކުން އެންމެ ކަރުނަތިކެއް ވެސް ނާދެއެވެ. މި ދެލޮލެއް ފެންކަޅިއެއްވެސް ނުވެއެވެ. އަބަދުވެސް ފެންނަން ހުންނާނީ އުޖާލާ ވިދުވަރެކެވެ.

އަހަރެންގެ ސިކުނޑިއާއި ހިތް ހައިޖާނުވެގެން އެއް އިރެއްގައިވެސް އަހަރެން ނޫޅެމެވެ. އެހެންވެ އަހަރެން އެއްވެސް މީހަކާއި އެއްވެސް ސުވާލެއް ނުކުރަމެވެ.

މީހުން ބުނާތީ އަހަމެވެ. ހިތް އުފާނުވެ ދިރިއުޅުމެއް ނޫޅެވޭނެއެވެ. ލޯބިނުވާ މީހަކާއި އެކީގައި އުފަލެއްނެތެވެ. މީހަކު ހިތަށް އަނިޔާއެއް ދީފިނަމަ ދިރިއުޅުން ހުއްޓުނީއެވެ. ހުރިހާ އުފާތަކެއް ގެއްލުނީއެވެ.

ނަމަވެސް ބުނަން ހެއްޔެވެ؟

އަހަރެންވެސް ލޯބިވީމެވެ. އެލޯބީގައި ޖެއްސުނުހައި ކުލައެއް ޖައްސައިގެން ޖަރީ ކުރީމެވެ. އެތަކެއް ހުވަފެންތަކެއް ބެލީމެވެ. ނިދާފައި އޮވެގެން އެކަންޏެއްނޫނެވެ. ހޭލާ ހުރެވެސް މެއެވެ.

ބަދަލުގައި ލިބުނީ ކެއްސެކެވެ. ބޭވަފާތެރިވީއެކޭ ނުބުނާނަމެވެ. ކެހިވެރިއެކޭވެސް ނުބުނާނަމެވެ. ކީއްވެގެން ކަން އެނގޭ ހެއްޔެވެ؟ ކޮންމެ މީހަކަށްވެސް އެމީހަކު ލޯބިވާ ނުވަތަ ބޭނުން މީހަކާއި އެކީގައި އުޅުމުގެ އިޚްތިޔާރާއި ޙައްޤު އޮންނާނެ ދޯއެވެ.

ތިމާ ލޯބިވާ މީހާ ތިމާ ދެކެ ލޯބިވުން މަޖުބޫރެއްނޫނެއް ނޫން ހެއްޔެވެ!

ޤަބޫލުކުރަމެވެ. ހިތަށް ވިސްނައިދިނުން ވަރަށްވެސް އުނދަގުލެވެ. އަނެކާގެ އުފަލަށް އުފާވުމަށް އަބަދުވެސް އަހަރެމެން އެންމެންނަށް ނަސޭޙަތްތެރިވަމެއް ނޫން ހެއްޔެވެެ؟ ވީއިރު އަހަރެމެން ހިތްއެދޭ މީހަކު އެހެން މީހަކަށް ހިތްއެދުމުން އެކަމާއި އަހަރެމެން ރޮއެ މަރުވާންވީ ހެއްޔެވެ؟ ހަޤީޤީ ލޯބީގެ މާނައަކީ ކަރުނައެއް ނޫނެވެ.

ފަހަރެއްގައި މި ޚިޔާލު ތަފާތުވެދާނެއެވެ. ނަމަވެސް މި ބުނަނީ ލޯބިވާ މީހާގެ މަތިން ހަނދާންނައްތައިލުމަކަށް ނޫނެވެ. އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރީ ކަމެކެވެ.

މިސާލެއް ބުނަން ހެއްޔެވެ؟
މިސާލަކީ އަހަންނެވެ.
އާއެކެވެ. ލޯބިވެވުނެވެ. އަދިވެސް ލޯބިވަމެވެ. ހުރިހާ ހަނދާންތަކެއް ހަމަ އެތާޒާ ކަންމަތީގައި އެބަހުއްޓެވެ. ނަމަވެސް ދިރިއުޅެމެވެ. ހުރިހައި ޒިންމާއެއް ނަގަމެވެ. ހިތަށް އުފަލެއްނެތަސް މިއުޅެނީ އުފަލުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް