އެއީ މިމަހުގެ 25 ވަނަ ދުވަހެވެ. ވަގުތަކީ ހިތްގައިމު ދުވަހެއްގެ ހިތްގައިމު ހަވީރުގެ ވަގުތެވެ. މާގިރި ހޮޓެލް ކައިރިއަށްގޮސް އަހަރެން މަޑުކޮށްލީ ހަމަގައިމުވެސް ގަޑި ނުޖެހޭނެކަން ޔަޤީންވާހާ އަވަހަށެވެ. ގަޑިޖެހިއްޖެއްޔާ ކަންތައްތައް ގޯސްވާނެކަން އަހަންނަށް އެނގެއެވެ. އިންތިޒާރުކުރަން ފެށީ އެ އަންހެން ކުއްޖާ އަންނާނެ ވަގުތަކަށެވެ. މީގެ ކުރިން ބައްދަލުވެފައިނުވާ އެކުއްޖާ ފާހަގަކުރާނީ ކިހިނެއްބާއޭ ހިތަށްއަރާ ހާލުގައި ވަގުތު ގުނަން ފެށީމެވެ. ނަސީބެކެވެ. ވަގުތު ގުނަން ހުންނާކަށް ނުޖެހުނެވެ. އެކުއްޖާ އައިސް މަޑުކޮށްލައިފިއެވެ. އެކުއްޖާގެ އަތުގައި އޮތް ކެމެރާއިން އެއީ ކާކުކަން އަންގައިދޭ ކާޑެއްގެ މަސްއޫލިއްޔަތު އަދާކޮށްދިނެވެ.

އަންހެންކުއްޖާ އައުމުން އަހަރެމެން ދެމީހުންވެގެން އިންތިޒާރުކުރަން ފެށީމެވެ. މިފަހަރުވެސް އިންތިޒާރުގެ ގަޑިތައް ގުނާކަށް ނުޖެހުނެވެ. “ބަވަތި” ޓީމު އައިސް މަޑުކޮށްލީވެސް ގަޑިއަށެވެ.

އަހަރުމެން ދެމީހުން ނިސްބަތްވާ ދެ އޮންލައިންގެ ނަންބުނެ، އަހަރުމެންގެ ނަންވެސް ބުނެ ތަޢާރަފުވެއްޖައިމެވެ. “ބަވަތި” ޓީމުން ވާހަކަދެއްކީ ޖާނުން ވަރުގަދަ، ވަރުގަދަ ތުނބުޅިއެއްވެސް ލާފައިހުރި މީހެކެވެ. “ބަވަތި” ޓީމުން އަހަރުމެންނަށް އެނގޭ މީހަކަށް ނުވަތަ ދަންނަ މޫނަކަށް ހުރީ ފިލްމުތަކުން ފެންނަ ކުއްޖެކެވެ. އެއީ ނުޒޫ ކިޔާ ކުއްޖެންކަން އަހަރުމެންނަށް އެނގެއެވެ.

“އަޅުގަނޑު މީ އިލްޔާސް، ބަވަތި ފިލްމުގެ ޑައިރެކްޓަރ. ދެން މިތިބީ އިފްނާޒް، ނުޒޫ، ފިލްމުގެ އެއް ޕްރޮޑިއުސަރ އާސިމް އަލީ (ސިމްބެ).” ވަރަށް ހިތްހެޔޮކަމާއެކު، ދެކެފަރިތަ މީހެއްހެން އިލްޔާސްގެ ނަމުން ތަޢާރަފުވި މީހާ އޭނާގެ ޓީމު ތަޢާރަފުކޮށްދިނެވެ.

ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ފިލްމު “ބަވަތި”ގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު އަދި ލީޑް ދެ ތަރިންނާއެކު މުނިއަވަސް އާއި ދުވަސް އެމްވީން މާގިރި ހޮޓެލްގެ ‘ނިއު ޕޮއިންޓް އިން’ގައި ކޮފީއެއް ބޯން މަޑުކޮށްލީ ‘ކޮފީ ވިތު “ބަވަތި” ޓީމް’ ޖައްސާކަށް ނޫނެވެ. ނަމަވެސް ކޮފީ ބޮމުން “ބަވަތި” ބޮޑު އިންޓަވިއުއެއް ނެގުމަށެވެ.

ތަންކޮޅެއް ހާސަރު ދިގުވެއްޖެދޯ އެވެ. ކުރާނެ ކަމެއް ނެތެވެ. އެދުވަހު ކުރިއަށްގެންދެވުނީ ފިސާރި މަޖާ ކޮފީ އިންޓަވިއުއެކެވެ. މިހައި ހިސާބުން މުނިއަވަސް އާއި ދުވަސް އެމްވީން “ބަވަތި” ޓީމާއި ކުރެވުނު ސުވާލާއި ޖަވާބުތައް ހުށައަޅައިލަމެވެ. ފެށުމުގެ ގޮތުން އަހަރެމެން ކޮށްލީ “ބަވަތި”- މި ލަފުޒާއި ގުޅޭގޮތުން ސުވާލެކެވެ.

“ބަވަތި” ވަރަށް ޔުނީކް ނަމެއް އަސްލު. އެ ނަން ހޯދާފަ އޭނީ ކިހިނެތްތޯ؟ ކާކުތޯ އެ ނަން ފިލްމަކަށް ކިއީ؟

ޑައިރެކްޓަރ އިއްލި: އަސްލު އެންމެ ފުރަތަމަ އެކި ނަންނަމާ ދޭތެރޭ ވިސްނަމުން ވިސްނަމުން ގޮއްސަ، މީ އާދަމް ނަސީރާ ވަރަށް ރައްޓެހިވާނެ. ދެން އާދަމް ނަސީރު ކައިރީގަ ފިލްމުގަ ވާގޮތް ކުޑަކޮށް ކިޔައިދިނީ. ކިޔައިދީފަ މަ ބުނީ މިއަށް ނަމެއް، އަސްލު ވިސްނީ ސިފަ ނުވަތަ ސޫރަ ކިޔަން ވެގެން. މިއަށް ތަފާތު ނަމެއް ދީބަލާށޭ. އާދަމް ނަސީރު ދިން ނަމެއް “ބަވަތި” އަކީ. އާދަމް ނަސީރު ބުނީ “ބަވަތި” ވަރަށް ސަޅިވާނޭ. އޭގެ މާނައަކީ ދެރަކަމެއް ވުމަށްފަހު ދެންވާ ކަންތައްތަކޯ.

“ބަވަތި” މި ނަމާ ދޭތެރޭގަ ވަރަށް ހިތްހަމަޖެހޭތަ؟

ޑައިރެކްޓަރ އިއްލި: ނަން އަސްލު ތަފާތުވީމަ އޭގެ ވާހަކަ އެންމެންވެސް ދައްކާ.

އާސިމް އަލީ: އޭރުގަ ނަން ހަމަޖެއްސިއިރުގަވެސް އެނަމަށް ސްޓިކްވީ ވެސް އެހެންވެގެން. ދުވަހަކުވެސް އަޑުއިވިފަ އޮތް ނަމެއް ނޫން.

އާއްމު ނޫން ނަމެއް ދިނީމާ ފިލްމުގެ މާކެޓިންގ އަށް ކިހިނެއްވަނީ. ރަނގަޅަށްތަ ދަނީ ނޫނިއްޔާމު-

ޑައިރެކްޓަރ އިއްލި:: މީހުން ވަރަށް ސުވާލު އުފައްދާ. ބައެއް މީހުން ފުރަތަމަ އަހާ ސުވާލަކީ ބަވައްޗަކީ ކޮންއެއްޗެއްހޭ.

އާސިމް އަލީ: ފިލްމުގަ ވާގޮތް ބެލުމަށްވުރެެ ބޮޑަށް ނަމުގެ ވާހަކަ ފުރަތަމަ އަހާ

ކޮން ކަހަލަ ފިލްމެއް އަސްލު މި ފިލްމަކީ ބިރުވެރި ފިލްމެއްތަ ނޫނީ..؟

ޑައިރެކްޓަރ އިއްލި: ބިރުވެރި ފިލްމެއް ނޫން. ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބިރުވެރި ފިލްމެއް ނޫންކަން. މިއީ ހަމަ ތްރިލާއެއް. މީގަ ހަމަ ވެގެންދާގޮތް އެނގޭނީ އެންމެ ފަހު ފަސްވަރަކަށް މިނެޓް ތެރޭގަ. އޭގެ ކުރިއަކުން ނޭނގޭނެ. ސަޕްރައިޒެއް ގޮތުގަ ބޭޢްވޭނީ.

ސޯންގުން ހީވަނީ ބޮޑަށް ބިރުވެރި-

އިފްނާޒް: މީ ދެން ހަޔާތުގަވެސް އަސްލު ދިމާވޭތާ ސިއްސައިގެންދާ ކަހަލަ ކަންތައްތަކާ ލޯބީގެ ކަންތައްތަކާ. ދިރިއުޅުމުގަވެސް ވެއެއްނު އެކަހަލަ ކަންތައްތައް. އެކަމަކު މުޅި ދިރިއުޅުން އެއީ ބިރުވެރި ކަމަކަށް ނުވޭތާދޯ.

ނުޒޫ: އަންއެކްސްޕްކްޓެޑް ކަންތައް އަންނާނެނު އަމިއްލަޔަސް ވެސް ދޯ.

އެހެންވީމަ އަސްލު ފިލްމުގެ ފެށިގެން ނިމެންދެކަށް އިންނަނީ ސަސްޕެންސް ހިފަހައްޓާފައޭދޯ ތި ބުނަނީ؟

ޑައިރެކްޓަރ އިއްލި: ފިލްމުގަ ސަސްޕެންސް ހިފަހައްޓާފަ ހުރިވަރަކީ އަހަރުމެން ފިލްމުގެ ކްރިޕްޓް ދިން އިރުގަވެސް އެމީހެއްގެ ބައި އެމީހަކަށް ދިނީ. ފިލްމުގަ އިފްނާޒްގެ ރައްޓެހިންގެ ބައިގަ އުޅޭ މީހުންނަކަށް އިފްނާޒް ރަށަކަށް ދިއުމަށްފަހުގަ ރަށުތެރޭ ވީ ކީއްކަމެއްވެސް، ނޫނީ ކައިވެންޏަށް ފަހު ގެއަށް އައިސް ދެންވީ ކިހިނެއް ކަމެއްވެސ ނޭނގޭނެ. އެމީހާއަށް އެނގޭނީ އެމީހާގެ ޑައިލޮގާ އެމީހާ ފިލްމަށް ދޭންޖެހޭ ކޮންޓްރިބިއުޝަން އެކަނި. އެވަރަށް ފިލްމުގެ ސަސްޕެންސް ހިފަހައްޓައިގެން އަހަރުން އުޅުނީ.

ސްކްރިޕްޓް އެއްކޮށް އެނގިފަ އިންނާނީ ނުޒޫ އަށާ އިފްނާޒަށާ އެކަނި. އެހެންވީމަ އެ ދެމީހުންނަށް އެނގޭނެ ފިލްމު އެއްކޮށް.

ދެން މިހާރު ޓިކެޓް ވިއްކަމުންދޯ ދަނީ. ކިހިނެއްވަނީ ތަރުހީބު؟

ޑައިރެކްޓަރ އިއްލި: ތަރުހީބު ރަނގަޅު ހަމަ. ފުރަތަމަ ޝޯ އޯލްމޮސްޓް ފުލް މިހާރު.

ދެން ކާސްޓުން ހޯދި އިރު ކިހިނެއް އަސްލު ވިސްނާފަ އިނީ. މުޅިން އާކުދިންތަ އުޅެނީ؟

ޑައިރެކްޓަރ އިއްލި: އާނ މިކުއްޖާ (ނުޒޫ އަށް އިޝާރާތްކޮށްލަމުން) ނޫނީ ހުސް އާކުދިން. (އެންމެން މަޖާ ހިނިގަނޑެއް ޖަހައިލިއެވެ. އެއްވެސް ދުރުކަމެއް، ޒާތްކޮޅުބޮޑުކަމެއް ނެތެވެ. އަހަރުމެންނަށް ހީވީ ރައްޓެހިންތަކަކާއެކު މަޖާ ކޮފީއެއްގައި ތިބެވުނުހެންނެވެ.)

99 ޕަސެންޓް، ދަރާ ރަޝީދާ ނުޒޫ އާ އެކަނި އާ ނޫނީ. (ދެން އިއްލި ފެށީ ތަރިންތައް ގުނާށެވެ. އެވަގުތު ނުޒޫ މަޖާ ހިނިގަނޑެއް ޖަހައިލިއެވެ.)

12 ކެރެކްޓަރ އުޅޭނެ.

އެމީހުންގެ (އާކުދިންގެ) ޕާފޮމަންސާ ދޭތެރޭގަ ހިތްހަމަޖެހޭތަ؟

ޑައިރެކްޓަރ އިއްލި: އާނ ވަރަށް ހިތްހަމަޖެހޭ އެމީހުންގެ ޕާފޯމަންސާ ދޭތެރޭގަ. އަސްލު އެންމެންވެސް އާވިޔަސް އަހަރުމެން ކުލާސްތަކެއް ނަގައިދިނިން. އަސްލު ކްލާސްތަކުގަ މެއިން ލީޑް ބޮޑަށް އުޅޭނީ. ދެންތިބި މީހުނަށް އަހަރުމެން ޝޫޓްގެ އެއް ދުވަސް ކުރިން ސްކްރިޕްޓް ޕްރެކްޓިސްކޮށް އެކްޓިން ޕްރެކްޓިސްކުރުމަށްފަހު ލޮކޭޝަންގަ މި ޖައްސަނީ. އެހެންވީމަ އަސްލު ޓައިމް ވެސް ވަރަށް ސޭވް ވޭ.

ދެން އާކުދިން ހޮވިއިރުގަ ކޮބާ ދިމާވި ދަތިތަކަކީ؟

ޑައިރެކްޓަރ އިއްލި: އާކުދިން ހޮވިއިރަކު ނުވޭ ދައްޗެއް. އަސްލު ދަތިކަމަކަށްވީ އަހަރުމެން އާވީމާ ދިމާވި ދަތިތައް. އަލަށް ފިލްމު އިންޑަސްޓްރީއަށް ބަޔަކު ނުކުންނައިރުގަ ދިމާވާ ދަތިތައް ހުރީ. މިސާލަކަށް ނުޒޫ ކައިރީގަ ފިލްމު ކުޅެދޭން ބުނީ މީގެ ޓޫ ޔަރސް ކުރިން ނުޒޫއާ ދިމާވެގެން ނުޒޫ ކައިރީ މި ބުނަނީ ދުވަހެއްގެ ކޮޅުންވެސް އިއްލެ ފިލްމެއް ހަދަންޏާ ފިލްމު ކުޅެދޭނަންހޭ. ބުނީމަ ނުޒޫ ބުނީ އާނއެކޯ. ދެން އޭރުވެސް ނުޒޫވެސް ސީރިއަސްކޮށް ނޫންކަން ނޭނގެ ނެގީ.

އިފްނާޒް: ނުޒޫ އަކަށް ހިއެއްްނުވޭ އަސް އިލްޔާސް، އިއްލި އެހެން ސީރިއަސްކޮށް ބުނި އެއްޗެކޭ. (އިފްނާޒްގެ ޖުމްލައިގެ ފަހު ބައިގައި ހިފަމުން ނުޒޫވެސް އެއްބަސްވިއެވެ.)

ނުޒޫ: … ހަމަ ވީޓީވީން މިހެން ނުޒޫ ދިޔައީވެސް ވީޓީވީގެ ކޮންމެވެސް އެހެން ޕްރޮގްރާމެއްގެ ލަވަތަކެއް ހަދަންވެގެން. އިއްލި އެފަހަރު ޑައިރެކްޓްކުރަން އިން ލަވަ ނުޒޫއަށް ނުކުޅެވި ނުޒޫ އެހެން ލަވަތަކެއް ކުޅުނީމަ-.

“ބަވަތި” ހަދަން އެންމެ ފުރަތަމަ ޚިޔާލުކުރި ހިސާބުން ފެށިގެން ވަރަށް ބޮޑު ޑްރީމެއްދޯ ހަގީގަތަކަށް ހެދުން. ދެން އެހެން ވެއްޖެކަމަށް ވަންޏާ ކާސްޓުން ހޮވާއިރުގަ އަސްލު ވަރަށް ބޮޑަށް ބަލާނެކަން ނޭނގެ ރަނގަޅު ކުދިންތަކެއް ހޯދަން؟

ޑައިރެކްޓަރ އިއްލި: އަސްލު ނުޒޫ އެނގޭ. ނުޒޫގެ އެކްޓް ރަނގަޅު. ދެން އިފްނާޒާ އެކީގަވެސް ވޯކްކުރިން. ދެން މި ދެމީހުންގެ އެކްޓް ރަނގަޅު ހަމަ. ދެން މަންމަ. މަންމަ ބައިން ފެނިގެންދާނީ ފާތިމަތު ލަތީފާ. ދެން އޭނަގެ އެކްޓިންވެސް ހަމަ ރަނގަޅު. މީ ހަމަ ފިލްމުގަ އެންމެ ބޮޑަށް އެކްޓިން ދައްކަން ޖެހޭ ތިން މީހުން. އެހެންވެ ހަމަ އެ ތިންމީހުންގެ އެކްޓް ރަނގަޅަށް ދެއްކާނެކަން އެނގޭ. ދެން އާ އެކްޓަރުންނެކޭ ކިޔާފަ ވަކި އުނދަގުލެއް ނުޖެހޭ، ދެން ހަމަ ހުރިހާ އެންމެންވެސް ހަމަ ވަރަށް މޮޅު. އޮފީސްތަކުގެ ޑްރާމާ މުބާރާތުގަ އުޅެފަތިބި މީހުންވެސް އެބައުޅޭ. ފިލްމަށް އަލީ. އެކަމަކު އެކްޓް ކޮށްފަ ތިބީ.

އާސިމް އަލީ: ރައްޓެހިންނަށް ތިބި މީހުންގެ ތެރެއިންވެސް އައްޔަވެސް އެއީ ދެ ލަވައެއް ކުޅެފަ އޭނަވެސް އެއީ ލަވަތައް މަޝްހޫރު ނުވިޔަސް ކުޅެފަ ހުރި މީހެއް، މީހުންނަށް އަނެއްހެން ނޭނގެނީ. ދެން ހަމަ ތިބުނާހެން ޓެލެޑްރާމާ ތަކުގަ އުޅެފަހުރި މީހުން، ޝޯ އެއްޗެއްސަށް އަރާ މީހުން. އެހެންވީމަ އަނެއްހެން ކެމެރާއަށް އަލެއް ނޫން. އެކަމަކު ފިލްމަށް އާ.

ޝޫޓިންއަށް ކިހައިދުވަހެއް ނެގި؟

ޑައިރެކްޓަރ އިއްލި: ޝޫޓިން އަހަރުން ޝެޑިއުލްކުރީ ވަން މަންތު. ދެން އެކަމަކު އަހަރުން ވަން މަންތު ޝެޑިއުލްކުރީ ހެނދުނުން ފެށިގެން ރޭގަނޑު ބާރަ ޖަހަންދެން. އެކަމަކު އަހަރުމެން ޝޫޓްކުރީ ހެނދުނުން ފެށިގެން ހަވީރަށް، ހައެއް ޖަހަންދެން. ދެން އެހެންވީމާ ކުޑަ ޑިލޭތަކެއް އައި. ދެން ރާއްޖެތެރެއަށް ގޮސްފަ އެދޭތެރެއިން ނުޒޫ ފުރައިގެން ދިއުމާ ދެން އިތުރ ުކަންތައްތަކެއް ދިމާވުމުގެ ސަބަބުން-.

އަސްލުގަ އަހަރުމެންނަށް ވޯކް ކުރެވިފަ އިންނާނީ ހަމަ ވަން މަންތު.

މުނިއަވަސް އާ ދުވަސް އެމްވީން “ބަވަތި” ޓީމާއިއެކުގައި ވަރަށް ގިނަ ވާހަކަތައް ދެއްކީމެވެ. މީގެކުރިން މީޑިއާއަށް ރިލީޒްވެފައިނުވާ ބައެއް ވާހަކަތައްވެސް އެބަހުއްޓެވެ. ނަމަވެސް މިވަގުތަށް “ބަވަތި” ޓީމާއި އެކުގައި އަހަރުމެން ކުރިއަށްގެންދިޔަ ބޮޑު އިންޓަވިއުގެ ފުރަތަމަ ބައި ނިންމާލާނަމެވެ. ދުވަސް އެމްވީން އެހާ ގިނަ ސުވާލުތަކެއް ނުކުރީ ކީއްވެގެންބާއޭ ހިތަށް އަރާފާނެއެވެ. ދުވަސް ގެ ނޫސްވެރިޔާ ފޮޓޯ ނެގުމުގައި އަވަދިނެތި އުޅެން ހަމަޖައްސާފައި އޮތުމުން މައިގަނޑުގޮތެއްގައި ސުވާލުކުރީ މުނިއަވަސް އިންނެވެ.

ފިލްމު ”ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަލީ ނިހާސް
އަލީ ނިހާސް އަކީ
އަދަބީ އަދި އިޖްތިމާޢީ މައުޟޫތަކަށް ލިޔުމުގައި ކުޅަދާނަ ލިޔުންތެރިއެކެވެ.