ހުނަރުވެރި ފިލްމީތަރި ޢަލީ ސީޒަން އާއި އަބްދުﷲ ޝިވާޒް (މާސްކޭ) އުފައްދަމުންދާ “އަނދިރިކަން” ފިލްމުގެ ޕޯސްޓަރެއް ދައްކާލައިފިއެވެ. މ. މަޑުއްވަރީގައި ބާރު ސްޕީޑްގައި ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ މަޤްބޫލު އެކްޓްރެސް ޝީލާ ނަޖީބުގެ ބައިތައް ޝޫޓްކޮށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަނދިރިކަން” ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. ފިލްމުގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދުގެ މުހިންމު ބައިތަކެއްވެސް ފެނިގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ސީޒަން ބުނެއެވެ.

ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ މި ފިލްމު ކެމެރާކުރަނީ މާސްކޭއެވެ. ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނެއެވެ. ދެގަޑި ފަނަރަ މިނެޓްގެ މިފީޗާ ފިލްމަކީ ފެމެލީ ޑްރާމާ ސްޓައިލްގެ ފިލްމެއްކަމަށް ސީޒަން މަޢުލޫމާތުދެއެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަންސް އާއި، މާސްކޭގެ މާސްކޭ ސްޓޫޑިއޯ އިން އުފައްދާ މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގައެވެ.

އާއިލީ ޑްރާމާ ސްޓައިލަށް ސީޒަން އެންމެ ފަހުން ޑައިރެކްޓްކޮށް ނެރެފައިވަނީ 2016 ގައި ރިލީޒްކުރި ”ވަފާތެރި ކެހިވެރިޔާ“ އެވެ. އެ ފިލްމަކީ ދިވެހި ފިލްމު އޯޑިއަންސް ބަލައިގެންފައިވާ ރީތި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.