ބ.ދަރަވަންދޫގެ ބޮޑުމަގެއްގައި އެރަށުގެ ރަހުމަތްތެރިއަކާއެކު ހިނގާލާފައި ދަނިކޮށް، އުމުރުން ގާތްގަޑަކަށް ނުވަ ވަރަކަށް އަހަރުގެ ކުއްޖަކު ގޮވާލި އަޑުއިވުނީ “ހަރަހެރި އެބަ އާދެ” އެވެ. މި ވަނީ ކީއްތޯ ބަލާލުމުގެ ޝައުގުވެރިވުމާއިއެކު ރަހުމަތްތެރިޔާ ގާތު އެއީ ކޮންބައެއްތޯ އަހާލެވުނެވެ. އެހިނދު ރަހުމަތްތެރިޔާ އެދުނީ ދިވެހި ރަދީފް ބަލާލުމަށެވެ. ޖީބުގައި އޮތް ފޯނުނަގާ ދިވެހި ރަދީފަށް ވަދެލައިފީމެވެ. ހަރަހެރި ޖަހާލުމަށް ފަހު ސްކްރީނުން ފެނިގެން ދިޔައީ “ރަށްވެހި” ގެ މާނަ ތިލަވެގެން އައިތަނެވެ. މިހިސާބުން އިތުރަށް ރަހުމަތްތެރިޔާގެ ގާތުގައި އެއީ ކޮންބައެއްތޯ އޮޅުންފިލުވާލުމަށް އަދި އެއްފަހަރު އަހާލެވުނެވެ. ރަހުމަތްތެރިޔާ ބުނެލިއެވެ. އަޑު އައްސަވާށެވެ.

26 ފެބްރުއަރީ 2019ގައި ބ.ދަރަވަންދޫގެ ފަސްގަޑަށް އުފަންވި ހަރަހެރި ޖަމްޢިއްޔާ އަކީ ކަށިނޫފުރައިގެ މަދު ކުދިންކޮޅެއްގެ އިސްނެގުމަކަށް އުފެދިގެން އައި ޖަމްޢިއްޔާ އެކެވެ. ތިބާ ގެ އުފަންރަށަށް އެކުދިންގެ ފަރާތުން ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައެވެ. ދީނީ ކަންކަމާއި ތަޢުލީމީ ކަންކަމުގައި އެހީފޯރުކޮށްދިނުމަށެވެ. ރަށަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުން ކުރެވޭ އެންމެހާ ކަންކަމުގައި ބައިވެރިވުމުގެ ގޮތުން ނެވެ. މަޑުމަޑުން ހީނަރު ވަމުން އަންނަ ސަގާފީ ކުޅިވަރު ތަކާއި ދިވެހިންގެ އާދަކާދަތައް ދައްކުވައިދޭ އެންމެހާ ކަންކަން ދިރުވާ އާލާކުރުމަށެވެ. ޒުވާނުން މަގުމަތިވިޔަ ނުދީ އެމީހުންނަކީ ވެސް މުޖުތަމައުގައި ބޭނުންހިފޭ ބަޔަކަށް ހެދުމަށެވެ.

ހަރަހެރި ޖަމިއްޔާގެ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ހަރަހެރި ޖަމިއްޔާ

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖަމްޢިއްޔާ އިން ހިންގުނު ހަރަކާތްތަކުން ލިބުނީ ހީނުކުރާވަރުގެ ފޮނި ނަތީޖާތަކެވެ. ބ.ދަރަވަންދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އައްސަރިބަހާ ސާބަހުގެ ހޫނު މަރުހަބާތަކުން ޖަމްޢިއްޔާގެ މެންބަރުން ނަށް ލިބުނީ އިތުރު ހިތްވަރަކާ ޖޯޝެކެވެ. ހަރަހެރި ޖަމްޢިއްޔާ އާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ދަރަވަންދޫގެ ކުދި ބޮޑު އެންމެންގެ ހިތުގައި ބިންވަޅު އެޅިގެން ދިޔައެވެ. ރަށުގެ ރައްޔިތުން ހަރަހެރި ބަލައިގެންފިއެވެ.

ހަރަހެރި ޖަމިއްޔާގެ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ހަރަހެރި ޖަމިއްޔާ

ހަރަހެރި ޖަމްޢިއްޔާގެ ކާމިޔާބު މަސައްކަތްތަކުގައި ދީނީ ކަންކަމުގެ ތެރޭގައި ރަމްޝާން މަހުގެ ތެރޭގައި ހުކުރު މިސްކިތުގައި ދީނީ ނަސޭހަތް ދިނުމާއި ހެޔޮ ނަސޭހަތުގެ ބަސްތައް ހިމެނޭ ބެނާތައް ރަށުގެ އެކި އެކި މަގުތަކުގައި ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ސްކޫލްގެ ޕްރައިމަރީ ކުދިންނަށް ކުޑަކުދިންގެ ހަވީރު ފާހަގަކޮށްދިނުމާއި މަދަހަ މުބާރާތުގައި ބައިވެރިވުން ހިމެނެއެވެ.

ކާބަފައި ޒަމާނުއްސުރެން ފެށިގެން ދަރަވަންދޫ އަކީ ސަގާފީ ކުޅިވަރުތައް ކުޅެމުން އަންނަ ރަށަކަށް ވީހިނދު، މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ހަރަހެރި ޖަމްޢިއްޔާގެ ފަރާތުން ފާހަގަ ކުރުމުގައި، ކާބަފައިންގެ ކުޅިވަރުތަކާއި ސަގާފީކަންކަން ދައްކުވައިދޭ ކުޅިވަރުތައް ފުރިހަމަ ގޮތެއްގައި ގެނެސްދީފައިވާކަން ބ.ދަރަވަންދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރި މެހުމާނުން ވަނީ ފާހަގަ ކޮށްފައެވެ. ހާއްސަގޮތެއްގައި ފިރިހެނުންގެ އަސްރަފްތާއާއި އަންހެންކަބަލުންގެ ބިލަތްދަފި ނެގުމުގެ ހަރަކާތަކީ ވަރަށް ތަރުޙީބި ލިބިގެން ދިޔަ ސަގާފީ ކުޅިވަރުތަކެވެ. މީގެ އިތުރުން ހަރަހެރި ބޮޑުބެރުގްރޫޕުން ހުށައަޅައިދިން ޝޯވް ވެސް ވެގެންދިޔައީ ވަރަށް ފޯރިގަދަ ޝޯއަކަށެވެ. ހަރަހެރި ބޮޑުބެރު ގެ ފަރާތުން ޖަހަމުންދިޔަ ބެރުތަކުގެ ރީތިކަމާއި ލަވަކިއުންތެރިން ވިރުވާ އަޅާލަމުންދިޔަ ލަވަތަކުންނާއި ނެށުންތެރިންގެ ފަރި ހަރަކާތްތަކުން، އެ ސަރަހައްދަށް ޖަމާވި މީހުން، ވެހެމުން ދިޔަ ވާރޭގައި ވެސް އެ ސަރަހަށްދުން ދުރަށް ނުގޮސް ތިބިކަމީ ހަރަހެރި ބޮޑުބެރުގްރޫޕް ފަހުރުވެރިވާން ޖެހުނު ކަމެކެވެ. ހަމަ އެހާވެސް ކުޅަދާނައީއެވެ.

ހަރަހެރި ޖަމިއްޔާގެ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ހަރަހެރި ޖަމިއްޔާ

މީގެ އިތުރުން އަންހެނުންގެ ދެލިމާލި އާއި ފިރިހެނުންގެ ދެލިމާލީގެ އިތުރުން، ޢީދު ހުޅާއި ރަދުންވެދުމަށް ދިއުން ކަހަލަ ކުޅިވަރު ތަކަކީވެސް އާންމުންގެ ތަރުޙީބު ލިބިގެން ދިޔަ ކުޅިވަރުތަކެވެ. އަންހެން ކަބަލުންގެ ބަނޑިޔާ އާއި މާފަތި ނެށުމުގެ ހަރަކާތް ތަކަކީ ދިވެހި ސަގާފީ ކުޅިވަރުތައް އާލާކުރުމަށް ހަރަހެރީގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކަކަށް ފުދެއެވެ.

ހަރަހެރި ޖަމިއްޔާގެ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: ހަރަހެރި ޖަމިއްޔާ

“ފުދިއްޖެއެ…ފުދިއްޖެ އެ” ދެމިޔަކަނުން ސޮނިފައިބާ ހާލުގައި ރަހުމަތްތެރިޔާ އާއި ދިމާލަށް އަހަރެންނަށް ބުނެވުނެވެ. ހަރަހެރި ޖަމްޢިއްޔާގެ މެމްބަރުންގެ ހުރި ހިތްވަރުގަދަ ކަމާއި ކަމެއް ފެށުމާއެކު އެކަމެއް ނިމުމާ ހަމައަށް ކުރާ ބުރަ މަސައްކަތް އިހުސާސްވާ ހާލުގައެވެ.

އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަން ބޭނުންވަނީ މިފަދަ ކެރޭ ޒުވާނުންނެވެ. ގައުމަށާއި ރަށަށް ހިދުމަތްކުރާނެ ދިވެހި ދަރީންނެވެ. ތިމާގެ އަމިއްލަ އެދުމަށް ވުރެ ރަށުގެ ކުރިއެރުމަށާއި ތަރައްގީއަށް މަސައްކަތްކުރާނޭ ފަހުލަވާނުން ތަކެކެވެ. ހަރަހެރި ޖަމްޢިއްޔާ އިން ތިޔަކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށިއެވެ. އާމީން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ