ބައިސްކޯފު ވީޑިއޯ ސްޓްރީމިން އެޕުން ދައްކަމުން އަންނަ ފާތިމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް “ހުވާ”ގެ ސީރީޒް ފިނާލޭއަށް ދިއުމުގެ ކުރިން ކުޑަކުޑަ ބްރޭކެއް ނަގައިފިއެވެ.

ރާއްޖޭގައި ފުރަތަމަ އުފެއްދި ވެބް ސީރީޒް “ހުވާ”ގެ ބޮޑު އޯޑިއަންސް އިންތިޒާރުކުރަމުން ދިޔަގޮތަށް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ސީރީޒް ދައްކާފައެއް ނުވެއެވެ. ރޭގެ އެޕިސޯޑް ނުދެއްކުމުން ބެލުންތެރިންގެ ކަންބޮޑުވުންތައް އޮހިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ބްރޭކެއް ނަގާނެކަން ބައިސްކޯފުން ކުރިއާލައި އިއުލާނުވެސް ކުރިއެވެ.

“މި ވީކްގަ “ހުވާ” އިން ބްރޭކަށް ދިޔައީ ބައިސްކޯފުން އެކަން އިއުލާނުވެސް ކޮށްފަ. ރޭގަ ނުދެއްކީމަ ބެލުންތެރިން ވަރަށް ސުވާލުކުރަމުންދަނީ.” ސީރީޒްގެ އެއް ޑައިރެކްޓަރު ފާތުމަތު ނަހުލާ މުނިއަވަސް އަށް ބުންޏެވެ.

“ސީޒް ނިމެން ހަތަރު އެޕިސޯޑަށް ވީމަ އެއް ހަފުތާގެ ބްރޭކެއް ނެގީ. ދެން އިންނާނީ ހަތަރު އެޕިސޯޑް. އެއީ 81 އަދި 82. އެއަށްފަހު އެޕިސޯޑް 83 އަދި 84 އެއީ ސިރީޒް ފިނާލޭ. އެ ދެ އެޕިސޯޑް ދައްކާނީ އެކީގަ.” ވަރުގަދަ ސަސްޕެންސަކާއި ހަމައިން އެންމެ ފަހުން ދެއްކި އެޕިސޯޑް ނިންމާލާފައިވާ “ހުވާ” ވެބް ސީރީޒުން ނެގި ބްރޭކްގެ ތަފްޞީލު ދެމުން ނަހޫ ބުންޏެވެ.

ބައިސްކޯފުން ހާމަކޮށްފައިވާގޮތުން “ހުވާ”ގެެ 80ވަނަ އެޕިސޯޑް 05 ސެޕްޓެމްބަރުގައި އަދި 81ވަނަ އެޕިސޯޑް 09 ސެޕްޓެމްބަރުގައި ދެއްކުމަށްފަހު ފައިނަލް ދެ އެޕިސޯޑް ދައްކާނީ 12 ސެޕްޓެމްބަރުގައެވެ. ނަހޫގެ ވާހަކަ އަދި ސްކްރީންޕްލޭއަކަށް ހަދާފައިވާ “ހުވާ” ޑައިރެކްޓްކުރީ ނަހުލާ އާއި ފައިސަލް އެވެ.

ނަހޫ އިތުރަށް ބުނީ “ހުވާ” ސީރީޒުން ކާމިޔާބުކަމާއެކު މި ކުރި ދަތުރުގެ ވާހަކަތައް ހިމެނޭ އިންޓަވިއުތަކެއް މި ހަފުތާގައި ދައްކާނެ ކަމަށެވެ. “އޭގައި ހުންނާނެ އަހަރުމެން އެންމެންގެ އިންޓަވިއުތައް.”

ވެބް ސީރީޒް “ހުވާ”ގައި ހިމެނޭ ދެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ‘ހުވާ’ އަދި ‘މިވާގޮތެއް’ ލަވަ ދިރާގުގެ މައިޓޯން އިން ލިބެން ހުންނާނެ ކަމަށްވެސް ނަހޫ ބުންޏެވެ.

“ހުވާ” ގެ ތީމް ލަވަ ‘ކަރުނަޔާ ވޭނާ އުދާހާ’ގެ މައިޓޯން އަކީ 37556-37554 އެވެ. އަޝްފާ އާއި ޝަލަބީ ކިޔާފައިވާ ‘މިވާގޮތެއް’ ލަވައިގެ މައިޓޯންއަކީ 37560-37557 އެވެ.

“ހުވާ” ނިމުނަސް، ބެލުންތެރިންނަށް ނަހޫގެ އައު ވެބްސީރީޒެއް ގެނެސްދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

“ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ނަހޫގެ ކޮންމެވެސް އުފެއްދުމެއް ބެލުންތެރިންނަށް ފެންނަވަރުވާން ބޭނުމީ. އަޅުގަނޑު ޤަބޫލުކުރާގޮތުގަ އަޅުގަނޑުމެންގެ އޯޑިއަންސާ އެންމެ ގާތުން އަޅުގަނޑުމެން ގުޅުވައިލަދޭ އެއްޗަކީ ބައިސްކޯފު. އެހެންވީމަ ބައިސްކޯފުގެ އެ ގަޑީގަ އަޅުގަނޑުގެ ކޮންމެވެސް އުފެއްދުމެއް ބެލުންތެރިންނަށް ބަލައިލެވެން ހުންނަން ބޭނުން.” ނަހޫ ފާހަގަކުރިއެވެ.

ރާއްޖޭގެ ފުރަތަމަ ވީޑިއޯ ސްޓްރީމިން އެޕް ‘ބައިސްކޯފު’ގައި “ހުވާ”ގެ އިތުރުންވެސް ގިނަ ވެބް ސީރީޒްތަކާއި ފިލްމާއި ލަވަ ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ބައިސްކޯފުގައި ހިމަނަމުންދަނީ ދިވެހީންގެ އުފެއްދުންތައް އެކަންޏެވެ. މީގެ އިތުރުން ރާއްޖޭގެ ޓީވީ ޗެނަލްތައްވެސް މި އެޕުން ބަލައިލެވެން ހުރެއެވެ. ވީޑިއޯގެ އިތުރުން އޯޑިއޯ ލަވަ، މަދަހަ އާއި ގިނަ އަދަދެއްގެ އޯޑިއޯ ވާހަކަތައްވެސް މި އެޕުން އަޑުއަހައިލެވެން ހުރެއެވެ. ދިވެހީންގެ މެދުގައި މިހާރު އެންމެ މަޤުބޫލު ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިން ޕްލެޓްފޯމަކީ ބައިސްކޯފު އެޕްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.