މިއަހަރު އޯގަސްޓު މަހުގެ 29ވީ ބުރާސްފަތި ދުވަހަކީ މުޅި ޤައުމު ރޮއްވައިލި ތާރީޚީ ދުވަހެކެވެ. އުފާވެރި އާއިލާ އެއް ހިތާމައިގެ ފުން ކަނޑަކަށް ގަންބައިލި ކަޅު ދުވަހެކެވެ. އެތަކެއް ދަރިވަރުންގެ ލޯތައް ކަރުނައިން ފުރާލި ބަނަ ދުވަހެކެވެ. ދިވެހި ޤައުމުގެ ކުޅިވަރަށް ހިމޭން ކަމެއް ގެނުވި ޖަޒުބާތުން ފުރިގެންވާ ދުވަހެކެވެ. ދިވެހިން ސިޔާސީ ބައިބައި ވުމުން އެއްފަރާތް ކުރުވި އަސަރުން ފުރިގެންވާ ދުވަހެކެވެ.

ތެދެކެވެ. ދެމަފިރިންނާއި ލޯބިލޯބި ކުއްޖަކު ދެ ރަށެށްގައި ތިބުމަށްފަހު ބައްދަލުވުމުގެ ފޮނި އުންމީދުގައި ގަޑި ގުނަގުނާ ތިއްބާ ހީނުކުރާ، އުންމީދުނުކުރާ ހާލަތަކަށް ކަންކަން ގޮސް މުޅި ހަޔާތް އަލުން އާ ފެށުމަކުން ފަށަން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ބޮޑު ޓީވީ ޗެނެލް އަކުން އެ މަންޒަރު އަޅުގަނޑުވެސް ބެލި ނޮޅިވަރަންފަރު ސުކޫލަށް އެންމެ ގިނަދުވަހު ކޮށްދެއްވި އިޚްލާސްތެރި މަސައްކަތުގެ އަގު ވަޒަންކޮށް ނައިބު ރައީސް އަތްޕުޅުން އިނާމް ހާސިލްކުރެއްވި، އެތައް މުދައްރިސުންނަކަށް ނަމޫނާ ދެއްކެވި ބޭފުޅަކު އަޅުގަނޑުމެނާ ވަކިވެގެން ދިއުމަކީ ކުޑަ ކަމެއް ނޫނެވެ. އެތައް ދިވެހި ދަރިންނެއް ތަރުބިއްޔަތު ކުރެއްވި އުސްތާޒެއް ގެއްލި ދިއުމަކީ އެކަމުން ތައުލީމީ ދާއިރާއަށް ބަޔާން ނުކުރެވޭ ވަރު ހިތާމަ އަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކާމިޔާބު ކޮންމެ ފިރިހެނެއް ފަހަތުގައި ހިތްވަރުގަދަ އަންހެނެއް ހުންނާނޭ ބުނާ ގޮތަށް އަޅުގަނޑުމެން އެންމެން ލޯބިވާ މުދައްރިސް ކުރެއްވި އެ ބިޔަ ބޮޑު ގައުމީ މަސައްކަތުގެ އެންމެ ބޮޑު ހިއްސާދާރެއްގެ ބައި އަދާކުރި ކަނބަލުންގެ ތެރެއިން ފިސާރި ކަނބަލެއް ވަކިވެ ދިއުމަކީ އަޅުގަނޑުމެން މިހެން ލިޔެލައިގެން ފުއްދައިލެވޭނެ ކަމެއް ނޫނެވެ.

ޤައުމު ފަޚުރުވެރިވާ ފަދަ މަންމަ އާއި ބައްޕަ ދޫކޮށް ބައްޕަ އަށް ދޫނުދީ ދިވެހި ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި ލޯބިވާ ޤައުމާ ލޯބިވާ ރަށާ އެކުވެރިން ދޫކޮށް އެހެން ޤައުމެއްގައި ހުއްޓާ މި ޚަބަރު ލިބުމަކީ އަޅުގަނޑުމެނަށް އިހުސާސް ކުރެވޭ ވަރަށްވުރެ ފުން އަސަރެއް ކުރާނެ ކަމެކެވެ.

‎މި ހިނގައިދިޔަ ހިތާމަވެރި ހާދިސާއިން ދިވެހިންނަށް ހިތާމައިގެ އިތުރުން އިބްރަތްތެރި އެތައް ފިލާވަޅެއްވެސް ލިބިއްޖެއެވެ. އަޅުގަނޑު އެދެނީ ދިވެހި ރާއްޖޭގެ ކަނޑުދަރު ފަތުރު ކުރުމުގެ ޤާނޫނަށް ލައިފް ޖެކެޓް އެޅުން މަޖްބޫރު ކުރާ އިސްލާހެއް ގެނައުމަށެވެ. މި އިސްލާހަށް އަޅުގަނޑުމެންގެ ލޯބިވާ އުސްތާޒުގެ ނަމުން ނަން ދިނުމަށެވެ.

‎އަޅުގަނޑުގެ ދުޢާއަކީ މި ހިތާމަވެރި ހާދިސާގައި ނިޔާވި ފުރާނަތަކަށް ސުވަރުގޭގެ އެންމެ މަތީ ނިއުމަތް މިންވަރު ކޮށްދެއްވާ އާއިލާތަކަށް ކެއްތެރިކަން ދެއްވުމެވެ.

އާމީން

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.