ސެޕްޓެމްބަރު 02 ވަނަ ދުވަހުގެރޭ ރިލީޒްކުރާ އައި ފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި”ގެ ލަވަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ލަވަ “މީބަލަ ލޯބިކަން…” ދައްކާލައިފިއެވެ.

ވީޓީވީގެ މެހެމާނު ސަރާ ގައި އިއްޔެ ރިލީޒްކުރުމަށްފަހު އައި ފިލްމްސްގެ ޔޫޓިއުބް ޗެނަލްގައިވެސް “މީ ބަލަ ލޯބިކަން…” ވަނީ ހިމަނާފައެވެ.

ފިލްމުގެ ހިތްގައިމު މަންޒަރުތަކަކާއެކު ރިލީޒްކޮށްފައިވާ މި ލަވައަކީ ޔާމީން ރަޝީދުގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެކެވެ. މިއުޒިކް ހެދީ އިސްމާޢީލް އަދީލް (މިސްޓީ) އެވެ. ޅެމާއި ރާގު ހެދީ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި) އެވެ.

ފިލްމު “ބަވަތި”ގައި ޝެހެނާޒްގެ ބައި ކުޅޭ ނުޒޫ އާއި އިއްބެގެ ބައި ކުޅޭ އިފްނާޒް އެކިއެކި މަރުހަލާ ތަކުގައި ފެނިދެނިވެ، ދެމީހުންގެ ދެމެދުގައި ޖަޒުބާތީ ގުޅުމެއް އުފެދޭ ހިނދު، މިއީ ބަލަ ލޯބިކަން އެނގޭހޭ މި ސުވާލު އުފެދެއެވެ.

ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓް ކުރީ އިލްޔާސް ވަހީދު އެވެ. އިއްލި ބުނީ މިއީ ޒުވާން ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއްކަމަށެވެ.

މި ފިލްމަކީ ދިވެހިންގެ މުޖްތަމައުއާއި ގުޅޭ، ދިވެހި ފިލްމީ އޯޑިއަންސް ބަލައިލަން ބޭނުން ކަހަލަ ރަހަތަކެއް ހިމެނިފައިވާ، ތަފާތު ފިލްމަކަށްވާނެކަމުގެ ޔަގީންކަންވެސް ޕްރޮޑަކްޝަން ޓީމުން ދެއެވެ.

ފިލްމު ”ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.