ދަރިފުޅާ އަދީލް… މަންމައަށް ފެންފޮދެއް ދީބަލަ!” ނިދި ތާއްޔަށް ޖެހިޖެހި އިން އަދީލުގެ ކަންފަތުގައި އޭނާގެ މަންމަގެ އަޑު ޖެހުނުހެން ހީވިއެވެ. އަދީލް މަންމައަށް ބަލާލިއެވެ. މަންމަ އޮތީ ހޭލައެވެ. އަދީލް އިށީންދެ އިން ގޮނޑިން ތެދުވެ މަންމަގެ އެނދުގެ އަނެއް ފަރާތުގައި ހުރި ކަބަޑް މަތީގައިހުރި ފުޅިން ފެންފޮދެއް ތައްޓަކަށް އަޅަން ފެށިއެވެ.
” “މަންމަ ގޮވާލި ނަމަ… މަށަށް ނިދުނީއޭ!” އަދީލް މަންމަ އަށް ފެންތަށި ދިއްކޮށްލަމުން ބުނެލިއެވެ.
“ދަރިފުޅަށް ނިދިޖެހިލީމަ މަންމަ ހަމަ ޤަސްދުގަ ގޮވާނުލީ… މިހާރު ކިތައްރޭ މިވަނީ ހޭލާ އިންނަތާ!” އަދީލްގެ މަންމަ ސުރައްޔާ އޮތީ އަދީލާއި މެދު ކަންބޮޑުވެފައެވެ.
“މަންމަ މާބޮޑަށޭ މިހާރުވެސް ކަންކަމާ ތި ވިސްނަނީ!… ޑޮކްޓަރު އިއްޔެވެސް ބުންޏެއްނު އެވަރަށް ނުވިސްނާށޭ!” އަދީލް ކުޑަކުއްޖަކަށް ނަސޭޙަތް ދޭ ބީދައިން އޭނާގެ މުސްކުޅި މަންމައަށް ނަސޭޙަތްތެރި ވިއެވެ.
“މަންމަ ކައިރީ އަބަދު ނުއިނަސް ވެދާނެނު… ދޭބަލަ ބޭރު ޖޯލީގަ ޖައްސާލަން!” އެންމެ ފަހުން އަދީލްގެ މަންމަ ގޮތް ނިންމިއެވެ.
އަދީލް ބޭރަށް ނުކުމެ ޖީބުން ފޯނުނަގައި ގަޑިބަލާލިއެވެ. އޭރު މެންދަމު 2 ގަޑިބައިވަނީއެވެ. އެރެއަކީ ކުނިވިއްސާރަ ވެހެމުން އަންނަ ރެއެއްކަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބޭރުގައި ހުރި ޖޯލިތައް ހުރީ ފަޅަށެވެ. ޓީވީ ބަހައްޓާފައި ހުރި ހަޓުގެ ތެރޭގައި ދެމީހަކު ތިއްބެވެ.
އަދީލަކީ މާގިނައިން ގަމަށް ގޮސްއުޅޭ މީހެއް ނޫންކަމުން މިވީ ތިންދުވަސް ތެރޭގައި ދަންނަ މީހަކާވެސް ދިމާވީ ދެފަހަރަކުއެވެ. މާލެއިން ކިޔަވައިގެން އައިސް އޭނާގެ ރަށްކަމުގައިވާ ކުނަހަންދޫ ސްކޫލްގެ އިދާރީ މުއައްޒަފެއްގެ ވަޒީފާ އަދާކުރަންފެށިތާވެސް އަދި މިވީ އަހަރެއްވަރެވެ. އޭނާގެ މަންމަ ބަލިވެގެން ހޮސްޕިޓަލަށް އައިސް އެދުމަތިކޮށް އެޕެންޑިކްސް އޮޕަރޭޝަން ކުރީއެވެ. ޢާއިލާގައި ދެންތިބީ އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންކަމުން ހޮސްޕިޓަލުގައި އަދީލް އުޅެންޖެހިފައިވަނީ އެކަނި މާ އެކަންޏެވެ.
އަދީލް ގޮސް އިށީނީ ހޮސްޕިޓަލު އިންފާރުކައިރީ ހުންނަ ފޯނު ބޫތާއި އެންމެ ގާތުގައި ހުންނަ ޖޯލިފަތީގައެވެ. ޖޯލިފަތި ހުރީ މަގުމައްޗަށް ވާގޮތަކަށް އަނބުރާލާފައެވެ. ޖޯލީގައި އޮށޯވެލައިގެން އޮތްއިރު އަދީލްގެ ކުރިމަތިން ފެންނަމުންދަނީ ހިތްގައިމު މަންޒަރެކެވެ. އިރާކޮޅު ވެހުނު ކުނިވިއްސާރައަށްފަހު މިހާރު އޮތީ މާހައުލު މުޅިން ބަދަލުވެފައެވެ. އުޑުމަތިން ވިއްސާރަވިލާތައްކެހި ސާދަވިލޭރޭގެ ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފުރުޞަތު ދެމުން ދިޔަކަހަލައެވެ.
އަދީލު ބަލަމުން ގެންދިޔައީ އުޑުމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށެވެ. ކުއްލިއަކަށް ގިނިހިލައެއް އޮއްސެމުން ދިޔަތަން އަދީލްގެ ލޮލުގައި އަޅައިގަތެވެ. އެ ގިނިހިލަ އޮއްސުނީ ކުރިމަތީގައި އޮތް ވިނަގަނޑުތެރެއަށޭ ހީވާހާ ގާތަށެވެ. ފެނިގެންދިޔަ ހިތްގައިމު މަންޒަރުން ލިބުނު ހިތްހަމަޖެހުމާއިއެކު ޖޯލި ކުރިމަތީގައިހުރި ބުރުމައްޗަށް ދެފައި ނަގާ ބާއްވަމުން ލޯމަރާލިއެވެ.
“އަދީލް! އަދީލް!” އަދީލުގެ ކަންފަތުގައި އަދީލަށް ކުއްޖަކު ގޮވާލިއަޑު ޖެހުނުހެން ހީވެގެން ހޭލެވިއްޖެއެވެ. ލޯހުޅުވާ ބަލާލިއިރު އެހިސާބުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ޖީބުގައި އޮތް ފޯނު ނަގައި ގަޑިބަލާލިއެވެ. އޭރު ތިނެއްޖަހާ ގޮސްފިއެވެ. އަވަސް އަވަހަށް އަދީލް ތެދުވިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ހޮސްޕިޓަލް ކުރިމަތީ ހަތަރުއަނގޮޅިއަށް ވާގޮތަށް ހުންނަ ބުރުމަތީގައި އިން އަންހެން ކުއްޖާއެވެ. ދީފައިވާ ރީތި ހަނދުވަރުން އެކުއްޖާ ލައިގެން އިން ހުދުހެދުން ބަބުޅަމުން ދެއެވެ.
“ކީއްވެ ތިތާ ތީނދީ؟ ފިންޏެއްވެސް ނުވޭތަ؟” އަދީލަށް އެކުއްޖާ އިށީންދެ އިން ބުރާހަމައަށް ދެވުނީ ކިހިނެތް ކަމެއް ޚުދު އަދީލަށްވެސް ނޭގުނެވެ. ވާހަކަ ދައްކަން ފެށުނީ ކީއްވެ ކިހިނެތް ކަމެއްވެސް ނޭނގުނެވެ.
“މީ ހަމަ ހޫނުވާވަރުން މިތަނަށް ނުކުމެލީ!” އެކުއްޖާގެ ޖަވާބު ސާދާ ވެފައި ކުރެވެ.
އަދީލްވެސް ލިބުނު ފުރުޞަތުގެ ބޭނުން ބޭކާރު ކޮށްލާކަށް ބޭނުމެއް ނުވިއެވެ.
“މީ އަދީލް… އަހަރެން މީ ކުނަހަންދޫ މީހެއް.” އަދީލް އަމިއްލަ ތަޢާރަފެއް ދިނެވެ.
“މީ ހިޔަލަ… އަހަރެން ގެ ރަށް ބުނާނަން ފަހުން. އެންމެ ރަނގަޅުތަ؟” އަންހެން ކުއްޖާ ޖަވާބު ނިންމާލީ ސުވާލަކުން ނެވެ.
“ހިޔަލަ!… ހާދަ ޔުނީކް ނަމެއް؟ ރަށްވެސް ދެން އެނގިދާނެތާދޯ!” އަދީލް ބޭނުންވީ ގިނައިރު ވާހަކަ ދައްކަން ހުންނާށެވެ.
“ހިޔަލަވެސް ޔުނީކްވާނެ. އެހެންވީމަ ނަންވެސް ޔުނީކްވީ!” ހިޔަލަ ޖަވާބުދިނީ ވަރަށް ފުން މާނައެއްގައެވެ. އަދީލުގެ މުޅި ނަފުސަށް ވެރިވެފައިވާ އާދަޔާ ޚިލާފް މަސްތުގެ ސަބަބުން ވާނުވާއެއް ނޭނގެއެވެ.
“ކާކު ބާއްވައިގެން ހިޔަލަ ތި އުޅެނީ؟” އަދީލް އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. މިފަހަރު ހިޔަލަގެ ޖަވާބު ތަފާތެވެ.
“މުހިންމީ ބާއްވައިގެން އުޅޭ މީހެއް ބެލުންތަ؟ ހިނގާ ބަލަ ހިނގާލަން ދަމާ!” ހިޔަލަ އަދީލްގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ މަސްތީ އަޑަކުން ބުނެލިއެވެ.
އަދީލަށް ހުރެވުނީ އެ ދެލޮލުގެ ތެރެއަށް ބަލާށެވެ. ފުން ކަނޑެއްގެ ތެރެއަށް ޣަރަޤް ވެގެންދާހެން އަދީލްގެ މުޅި ނަފުސު ހިޔަލަގެ މައްޗަށް ލެނބިގެން ދިޔައެވެ.
******
އަދީލަށް ލޯހުޅުވާލެވުނީ ބާރު އަޑެއް އިވުމުންނެވެ. ސިއްސައިގެން ގޮސް ހޭލެވިގެން އެ އަޑު އިވުނު ދިމާއަށް ބަލާލިއިރު ބޮޑު ކާއްޓެއް އޭނާގެ މޫނާއި ދެފޫޓެއްހައި ދުރުގައި އޮތެވެ. ވަށައިގެން ހޯދާ ބަލާލެވުނެވެ. ހަތަރު ފަރާތުން ފެންނަން އޮތީ މަގޫ ގަސްތަކެވެ. ދުރުދުރުން ރުއްތަކެއް ފެންނަން ހުއްޓެވެ. އޮށޯވެގެން އޮވެވުނު ތަނަށް ބަލާލުމާއެކު އިޙްސާސް ކުރެވިގެން ދިޔައީ އޭނާގެ ގައިގާ އެންމެ ފޮތިކޮޅެއްވެސް ނެތް ކަމެވެ. އަދީލަށް ލިބުނު ކުއްލި ހައިރާން ކަމާއެކު ވަށައިގެން ހޯދަންފެށިއެވެ. ކައިރި ހިސާބެއްގައި އޭނާގެ ގަމީސް އޮއްވާ ފެނުނެވެ. އަވަސް އަވަހަށް ގަމީހާ ދިމާއަށް އަތްއެއްލާ އޭނާގެ ގާތަށް ގަމީސް ދަމައިގަތެވެ. ގަމީހުން އައުރަ ނިވާކޮށްލަމުން ތެދުވެ އެހިސާބުގަނޑު ބަލަންފެށިއެވެ. ދާނެދިމާލެއް ނޭގުނަސް ހިނގަންފެށިއެވެ. ކުޑަތަންކޮޅަކަށް ހިނގާލިތަނާ އޭނާގެ ޖީންސް ފެނިއްޖެއެވެ.
******
އަދީލަށް ހޮސްޕިޓަލާއި ހަމައަށް އާދެވުނު އިރު ހިނގާހިނގާ މީހާހުރީ ވަރުބަލި ވެފައެވެ. ދާހިއްލާ ފޯވެފައެވެ. ހޮސްޕިޓަލުގެ ގޯތިތެރޭ ހުންނަ ފާޚާނާއަށް ވަދެ މޫނު ބަލާލިއެވެ. މޫނުމަތިން ފެންނަ ނުތަނަވަސް ކަމުގެ ތެރެއިން ތާޒާކަމެއް ފެންނަން ހުއްޓެވެ. އަވަސް އަވަހަށް މޫނު ދޮވެލާ ބޮލުގައި ފެންފޮދެއް ހާކާލާ އިނގިލިތަކުން ފުނާ އަޅާލިއެވެ.
ވޯޑު ތެރެއަށް ވަތްއިރު އަދީލްގެ މަންމަ އިނީ ސައިބޯށެވެ. ކައިރީގައި އަންހެން ކުއްޖަކު ހުއްޓެވެ. ވޯޑަށް ވަދެގެން ދިޔައިރު އެކުއްޖާގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެކުއްޖާ ހުރީ އަދީލްގެ މަންމައަށް ސައިދިނުމަށް މަންމައާއި ދިމާއަށް ހުއްޓިގެންނެވެ.
“މަންމާ!” އަދީލް މަންމައަށް ގޮވާލިއެވެ. އެވަގުތު ހިޔަލަ ފަސްއެނބުރި އަދީލަށް ބަލާލިއެވެ. ޖާޒްބީ ހިނިތުންވުމަކުން އަދީލަށް މަރުޙަބާ ކިއި ކަހަލައެވެ. އަދީލަށް ލިބިގެންދިޔައީ އަނެއްކާވެސް ކުއްލި ސިހުމެކެވެ.
“ހިޔަލަ ކިހާ ރަނގަޅު… ދަރިފުޅު ނުވެސް ބުނަމެއްނު މާލޭގަ އެއްކުލާހުގަ އުޅުނު ކުއްޖަކު މިރަށުގަ އުޅޭ ވާހަކައެއް… އެކަމަކު ދެން ހެޔޮ ނުބުންޏަސް.. ހިޔަލަ ހުރިހާ ވާހަކައެއް ކިޔައިދީފި” މަންމަ ހިތް ހަމަ ޖެހިފައި އިންވަރުން ފަތިވަރެއް އަމުނާލިއެވެ. އަދީލަށް ބުނާނެ އެއްޗެއް ނޭގި ހާސްވެފައި ހުރެވުނީއެވެ.
“ހުރިހާ ވާހަކައެއް؟” ހިތާހިތާ އަދީލަށް ސުވާލު ކުރެވުނެވެ.
“އަދީލް މަންމަ ގާތު އަހަރެން ބުނީ އެއްކުލާހުގަ އުޅުނު ވާހަކަ. ދެންބުނިން ވަރަށް ރައްޓެހިވާހަކަ!” ހިޔަލައަށް އަދީލް ހާސްވެފައި ހުރިކަން އެނގުމުން ބުނެލިއެވެ.
“ހިޔަލަ ސައިބޮއެފިންތަ؟ ހިނގާ ސައިބޯންދަމާ؟” މަންމައަށް ސައިދީ ނިމެންދެން އަދީލް ހުރީ ހިޔަލަގެ ޙަރަކާތްތަކަށް ބަލާށެވެ. ހިޔަގެ ކޮންމެ އަދާއެއް އަދީލަށް ކަމުދިޔައެވެ. އަދީލްގެ މަންމައާއިމެދު ހިޔަލަ ބަހައްޓަމުން ގެންދިޔަ ގާތްކަމާއި އޯގާތެރިކަން ފެނިފައި އަދީލް ހުރީ ހިތްހަމަ ޖެހިފައެވެ. އެހެންނަމަވެސް އަދީލްގެ ހިތު ތެރޭގައި ހިޔަލާއާއި މެދު އެތައް ބައިވަރު ސުވާލު ތަކެއް ފުނިޖެހެމުން ދިޔައެވެ. އެހެންކަމުން އަދީލް ބޭނުންވީ ހިޔަލައާއި އެކު އެކަނި ވަގުތު ކޮޅެއް ހޭދަކުރުމަށެވެ.
ގަމު ހޮސްޕިޓަލުގެ އުތުރަށް ސިނާޢީ މަގަށް ވާގޮތަށް ހުންނަ ހައިވޭ ކެފޭ އާއި ދިމާއަށް އަދީލާއި ހިޔަލަ ހިނގަމުން ދިޔައެވެ. ދެމީހުންވެސް ތިބީ ހަނުވެފައެވެ. އަނގައިން ބަސްހުސްވެފައި ތިބި ދެމީހުން ފަދައިންނެވެ.
“ރޭގަ ކިހިނެތްވީ؟… ކީއްވެ ހިޔަލަ އަހަރެން އެކަނި އެތާ ބާއްވާފަ ދިޔައީ؟” ދެމީހުންގެ ތެމެދުގައިވާ ހަނުހިމޭންކަން ފޫދުއްވާލީ އަދީލެވެ.
“ސައިބޯން ގޮސްފަވެސް ތިވާހަކަ ދެއްކިދާނެއެއްނު!” ރުންކުރު ރާގަކަށް ހިޔަލަ ޖަވާބު ދިނެވެ.
އަދީލް އެއްވެސް އެއްޗެކޭ ނުބުނެ ހިނގުން އިހުނަށްވުރެން ބާރުކޮށްލިއެވެ.
***********
ހައިވޭ ކެފޭއަށް ވަތްއިރު އެތާނގައި ވަރަށް ގިނަ މީހުން ތިއްބެވެ. އަދީލްއާއި ހިޔަލަ ގޮސް އިށީންނީ ކެފޭގެ ބަގީޗާތެރޭގައި އެންމެ ބިއްދޮށަށް ހުރި މޭޒުގައެވެ.
“ހޫމް.. ރޭގެ ވާހަކަ ދައްކަމާ!” އިށީންދެ ހަމަޖެހިލަމުން ހިޔަލަ ބުނެލިއެވެ. އަދީލް އެއްޗެކޭ ނުބުނެއެވެ. ކެފޭގެ ވެއިޓަރަކު އެތަނަށް އައުމުން ދެމީހުންވެސް އޯޑަރު ދިނެވެ. އަދީލަށް ޑިސްކް މަސްހުނި ކަޅަށް އޯޑަރު ދިންއިރު ހިޔަލަ ބޭނުންވީ ހަމައެކަނި ފްރެޝް އޮރެންޖެކެވެ.
“ހާދަ ކުޑަގޮތަކަށް ސައިބޯން ތި އުޅޭނީ!” އަދީލް އާދައިގެ ރާގެއްގައި ބުނެލިއެވެ.
“ރޭގަ އަހަންނަށް އަދީލްގެ ފަރާތުން ލިބުނު ލޯބި މަތިން އަހަރެން އަބަދުވެސް ހަނދާން ކުރާނަން!” ކުއްލިއަކަށް މަޢުޟޫ ބަދަލުކޮށްލީ ހިޔަލައެވެ.
“ރޭގަ ކިހިނެތްތަ ވީ؟” އަދީލް އަނެއްކާވެސް ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.
“މުހިންމީ ރޭގަ ވީ ކަންތައްތައް އަލުން ރިކޯލް ކުރަން ކަމަށް ވާނަމަ މިރޭވެސް އެ ހިތްގައިމު މާހައުލަށް ދާން އަހަރެން މިހުރީ ތައްޔާރަށް!” ހިޔަލަ ޖެހިލުން ކުޑަކަމާއެކު ލަދުގެ ފަރުދާ ކަހާލަމުން ބުނެލިއެވެ.
“ހިޔަލަ ތީ ހާދަ މިނިވަން ޚިޔާލު ހުންނަ ކުއްޖެކޭ ދޯ!… އަހަރެން މިހެން މި އަހަނީ ރޭގަ ވީ އެއްވެސް ކަމެއް ހަނދާން ނެތީމަ.. އަނެއްކާ ހިޔަލަ އަހަންނަށް މަސްތުވާ އެއްޗެއް ދިނީތަ؟” ހިޔަލަގެ މިޒާޖު ދެނެގަންނަމުން އަދީލް މަޖާވެފައި ބުނެލިއެވެ.
“އަދިވެސް ޔަޤީނެއް ނުވޭތަ ރޭގަ އަދީލް މަސްތުވިކަމެއް؟… އެހެން ނޫނަސް މަސްތުވުމަށް އަހަރެން އޯކޭއެއް ނޫންތަ؟” ހިޔަލަވެސް މަޖާވެލާފައި ބުނެލިއެވެ. ހިޔަލަގެ ވާހަކައިގެ ރާގުގައި ފުންމާނައެއް އެކުލެވިގެންވާކަން އަދީލަށް ވިސްނުނެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާފައި އަދީލް ބޭނުންވާ މަޤުޞަދު ޙާޞިލް ކުރުމަށް މަގު ކޮށަން ފެށިއެވެ.
“އައްދެ. ތީ މަސްތީ ޝަރާބެއްތަ؟ ހަމަ ބޯލާއިރަށް މަސްތުވާން!”
“ތިޔެއް އެނގިދާނެތާ މިރޭ.” އެވަގުތު އެތަނަށް ވެއިޓަރު އައުމުން ދެމީހުންވެސް ހިމޭންވެއްޖެއެވެ. ކާއެއްޗެހި ފެނުމުން އަދީލު އަވަސް އަވަހަށް ކާން ފެށިއެވެ. ހިޔަލަ މަޑުމަޑުން ފޮދު ފޮދުވަރަށް އޮރެންޖް ޖޫސް ބޮމުން ގެންދިޔައެވެ.
“ހިޔަލަ ކީއްވެ ކާނެ އެއްޗެއް ނުގެނުވީ؟” އަދީލް އަނެއްކާވެސް ކުރިން ކުރި ސުވާލެއް ތަކުރާރު ކޮށްލިއެވެ.
“މަންމަ އަށް ކާންދޭން ފެށުމުގެ ކުރިން އަހަރެންވެސް ކެއީމޭ!” ވަރަށް ފަސޭހައިން ހިޔަލަ ޖަވާބު ދިނެވެ.
**********
“ޑޮކްޓަރ ޖަވާބެއް ދެއްވީމަ ފޮނުވާލާނަން އިނގޭ ދައްތާ!” ސުރައްޔާ ކައިރީގައި ތިބި ނަރުހުންގެ ތެރެއިން އިސްކޮށް ހުރި ނަރުސް ކުއްޖާ ބުނެލިއެވެ.
ނަރުހުން ޑޮކްޓަރު އަންނަން ވާއިރަށް ރޭގަނޑު 8 ގެ ރައުންޑަށް ތައްޔާރު ވަމުން ގެންދަނީއެވެ. ސުރައްޔާ ކަންބޮޑުވެފައި އޮތީ ގެއަށް ފޮނުވާލާނެ އިރެއް ނޭނގިގެންނެވެ. އަދީލް އިނީ އެހެން ކަމަކާ ކަންބޮޑުވެފައެވެ. ހެނދުނު ސައިބޮއެ ނިމިގެން އަދީލާއި ހިޔަލަ ހޮސްޕިޓަލަށް އައީ އެކުގައެވެ. ހޮސްޕިޓަލުގެ ބޭރުން ހިޔަލަ އަދީލާއި ވަކިވީ ހޮސްޕިޓަލު ބޭރުގައި ހުންނަ ޢާއްމު ފާޚާނާއާއި ދިމާއަށް ހިނގައި ގަންނަމުންނެވެ. ޢަދީލް ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައީ ކުޑަ އިރުކޮޅެއް ފަހުން ހިޔަލަ އަންނާނެ ކަމަށް ނިންމަމުންނެވެ.
“ކޮބާތަ ހިޔަލަ؟” އެންމެ ފަހުން އަދީލްގެ މަންމަވެސް ހިޔަލަ ނުފެނިގެން ސުވާލުކުރިއެވެ. އަދީލަށް ދޭނެ ޖަވާބެއް ނޭގިފައި އިނދެވުނީއެވެ. ނަސީބު ރަނގަޅުކަމުން މަންމަ ފަހުން އެސުވާލެއް ނުކުރިއެވެ. ނަމަވެސް އަދީލްގެ ހިތުތެރޭގައި ހަމަ އެ ސުވާލު ތަކުރާރު ވަމުން ދެއެވެ.
ހިޔަލަ ކޮބައިހެއްޔެވެ؟ އޭނާ ހޮސްޕިޓަލުގައި އެ އުޅެނީ ކާކުގެ ކައިރީގައި ކަމެއްވެސް ނޭގެއެވެ. ހޯދަންވީ ކޮން ބައެއް ކަމެއްވެސް ނޭނގެއެވެ. ހެނދުނުއްސުރެން މިހާ އިރު ވަންދެން ހިޔަލަ ވީ ކޮންތާކު ބާވައެވެ؟ – މިކަހަލަ ތަފާތު ސުވާލު ތަކެއް އަދީލްގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ.
********************
“އޭތް!” ކުއްލިއަކަށް އަދީލްގެ ކަންފަތުގައި ހިޔަލަގެ އެ ހިތްގައިމު އަޑު ޖެހުނެވެ. އަދީލަށް ތެޅިގަނެވުނެވެ.
“ކޮންތާކު އުޅެ އުޅެފަ ތި އައީ؟” އަދީލްގެ ފުރަގަހުގައި ހުއްޓިގެން ހުރި ހިޔަލަ ކުރެން އަހާލިއެވެ.
“މިސް ވިދޯ ވަރަށް؟” ހިޔަލަވެސް ކުރީ ސުވާލެކެވެ.
“މުޅި ދުވަހު ހަތަރުދަމު އަހަންނަށް ނޭނގެ އުޅެވުނު ގޮތެއްވެސް. ނިދަން އުޅެ ނުވެސް ނިދުނު. ކޮންތާކުތަ މިއަދު އުޅުނީ؟” އަދީލް ކުޑަކުއްޖެއް ފަދައިން ޝަކުވާ ކުރަން ފެށިއެވެ.
“ސާބަހޭ… މަ ގެއަށް ގޮސް ޖައްސާލިތަނުން ނިދުނީއޭ. އަހަރުމެން މިތިބެނީ މިތާ މާހިރި ކައިރިން ގެއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. ނިދުނު ގޮތަށް މި ހޭލެވުނީ ގޮވާނެ މީހަކު ނެތީމަ.” ހިޔަލަ ވަރަށް ލޯބިން ބުނެލިއެވެ.
“މަންމަވެސް ކުޑައިރުކޮޅެއް ކުރެން ދެއްކި ހިޔަލަގެ ވާހަކަ. ދެންމެ މަންމައަށް އެ ނިދުނީ. އެކަމަކު ޑޮކްޓަރު އަންނަ ގަޑި އަށް މަންމަ ނިދައިގެން ކަމަކު ނުދާނެދޯ!” މަންމައަށް ނިދުމުން އަދީލް އިނީ ކަންބޮޑުވެފައެވެ.
“ޑޮކްޓަރު އައިސް ގޮވާނެ އެއްނު. ހިނގާބަލަ ބޭރަށް ނިކުންނަމާ!” ހިޔަލަ އަދީލްގެ އަތުގައި ހިފަމުން އެދުނެވެ.
*************
ހިޔަލައާއި އަދީލް ތިބީ ބޭރު ޖޯލިފަތީގައެވެ. 8 ގެ ޚަބަރު ބެލުމަށް ހަޓް ތެރޭގައި ހުރި ޖޯލީގައި މީހުންތައް ފުނިޖެހިފައި ތިއްބެވެ. އެހެން ރޭރެއާއި ޚިލާފަށް އެތާނގައި މީހުން މާގިނައިން ތިއްބެވެ. އަދީލްމެން ތިބީ ފޯނު ބޫތާއި އެންމެ ކައިރިއަށް ހުރި ޖޯލީގައެވެ.
“ހާދަ މީހުންނެއް ޚަބަރު ބަލަން އެއްވެފައޭ ދޯ އެތިބީ” އަދީލްގެ ސަމާލުކަން ހުރީ ޓީވީ ބަލާ ހަޓާއި ދިމާއަށެވެ.
“ކޮންމެވެސް ސިޔާސީ ކަންތައް ގަނޑެއް އުޅެނީ ކަންނޭގެ” ފަރުވާކުޑަ ރާގެއްގައި ހިޔަލަ ބުނެލިއެވެ.
އެވަގުތު ޓީވީ ބަލަން ހުރި މީހަކު ޖޯލިފައްޗާއި ދިމާއަށް ހިނގަމުން އާދެއެވެ. އެމީހާ އައިސް އިށީނީ އަދީލުމެން ތިބި ޖޯލީގެ އެއްކޮޅުގައެވެ.
“ވަރަށް އާދަޔާ ޚިލާފު ގޮތަކަށް މަރުވެފަދޯ އެމީހާ އޮތީ” ޖޯލީގައި އިށީންނަމުން މެދު ޢުމުރަށްދާ އެމީހާ އަދީލަށް ބުނެލިއެވެ.
“ކާކު މަރުވީ؟ ކޮން އިރަކު؟” ވާނުވާއެއް ނޭނގި އިން އަދީލް ސުވާލުކުރިއެވެ.
“ކޮއްކޮމެން ނުވެސް ދެނެހުރިންތަ؟ ރޭގަ ކަސްޓަމާ ދިމާ ވަލުތެރޭގަ މީހަކު މަރުވެފަ އޮއްވާ ފެނިގެން އެ އުޅެނީ. ޚަބަރުން ކިއީ ބަންގާޅިއެކޭ މަރުވެފަ އޮތީ!” އެމީހާ ކިޔާދިނެވެ.
ޢަދީލް އަވަސް އަވަހަށް ޓީވީ ހަޓާއި ދިމާއަށް ހިނގައި ގަތެވެ. އަދީލަށް އެހިސާބަށް ދެވުނު އިރު އެ ޚަބަރު ކިޔާ ނިމިއްޖެއެވެ. ވާނުވާ އޮޅުން ފިލުވުމަށް އެތާތިބި ބައެއް މީހުނާއި އަދީލް ސުވާލުކޮށް ހެދިއެވެ. އެނގުނުހާވެސް އެއްޗަކީ ރޭ ކަސްޓަމު ހުންނަ ސަރަޙައްދުގެ މަގޫގަސްތައް ތެރޭގައި ބަންގާޅިއަކު މަރުވެފައި އޮއްވާ ފެނުނު ކަމެވެ. އެމީހާ އޮތީ ލޭ ހުސްވުމުން ދޮންފޫޑުވެފައި އޮންނަ ގޮތަށް ކަމަށް ފުލުހުން ބުނާ ކަމަށް ޚަބަރުގައި ކިއިކަމަށް މީހަކު ބުންޏެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އޮތީ ހޮސްޕިޓަލުގެ މޯޗަރީ (ޤަބުރުތައް ބަހައްޓާ ކޮޓަރީ) ގައި ކަމަށް ވެސް އެނގިގެން ދިޔައެވެ.
*********
“އެމީހާ މަރާލި މީހާ އެ ހަށިގަނޑު އެތަނަށް ދޫކޮށްލާފައި ދިޔަކަން އެއީ އެމީހާއަށް ކުރެވުނު މޮޔަކަމެއް!” ކަން ހިނގިގޮތް ކިޔައިދިނުމުން ބޭ އިޚްތިޔާރުގައި ހިޔަލައަށް ބުނެލެވުނެވެ.
“ކީއްވެ ތިހެން ތިބުނީ؟” އަދީލް ހައިރާންވެފައި ސުވާލު ކުރިއެވެ.
“އެއީ އެކަހަލަ މާރޑަރ ކޭސްތަކުގަ އެގޮތަށް ވާތީ!… މިބުނީ ފިލްމު ތަކުން އެހެން ފެންނާތީއޭ!” ހިޔަލަ ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ.
“ހިޔަލަ ވަރަށް ފިލްމް ބަލަންތަ؟” އަދީލް މަޢުޟޫ ބަދަލުކޮށްލުމަށް ނިންމިއެވެ.
“ކޮންމެވެސް ވަރަކަށް ބަލާއުޅެން” ހިޔަލަވެސް ބޭނުންވީ މަޢުޟޫ ބަދަލުކޮށްލާށެވެ.
“އޭ ތިއެއް ނޫނޭ! ހިޔަލަ ތިއުޅެނީ ކާކު ބާއްވައިގެންތަ؟ ހިޔަލަ ކޮން ރަށެއްތަ؟” އަދީލް ބޭނުންވީ ހިޔަލަ އިތުރަށް ދަސްކުރާށެވެ.
“ދުރުތާ ތިމާގެ ބޭބެއެއް ބާއްވައިގެން. އަހަރެން މީ.. އަހަރެން މީ ތ. އަތޮޅު ވޭމަންޑޫ ކުއްޖެއް” ހިޔަލަ ވަރަށް ވިސްނަމުން ބުނެލިއެވެ.
“ބޭބެއާއި ބައްދަލު ނުކުރުުވާނަންތަ؟” ހިޔަލަގެ ބޭބެއާއި ބައްދަލުކުރުމުގެ ޝައުޤުވެރި ކަމުގައި އިން އަދީލް އެދުނެވެ.
“ފަހުންދޯ!…. މިރޭވެސް ދަންކޮށްލާފަ އެތަނަށް ދާންވާނެދޯ؟” އަދީލް އެކަމަކަށް ނުހަނު ބޭނުންވެފައި އިން ކަންތަކަށް ހިޔަލަ އެއްވެސް ޖެހިލުންވުމެއް ނެތި ދަޢުވަތު ދިނެވެ. ހިޔަލަ ބޭނުންވީ އަނެއްކާވެސް މަޢޫޞޫ ބަދަލުކޮށްލާށެވެ.
“ވޭމަންޑޫ އޭ ދޯ ހިޔަލަ ބުނީ.. އެރަށު އުޅޭނެ މަގޭ ފްރެންޑެއް.. ދަންނަންތަ ފާއިދު؟” ފާއިދަކީ ވޭމަންޑޫ ކުއްޖެއްކަން ހަނދާން ވެގެން އަދީލް އަހާލިއެވެ.
“ހޫމް. ދަންނަން!” ހިޔަލަ ވަރަށް އަވަހަށް ބުނެލިއެވެ.
“އެނގޭތަ އޭނަގެ ނަންބަރު؟… އަދި ހިޔަލަވެސް ނަންބަރެއް ނުދެމެއްނު؟” އެއްފަހަރާ ދެސުވާލު ކޮށްލިއެވެ.
“އަހަރެން ފޯނެއް ނުގެންގުޅެން. ދެން ކިހިނެތް ފާއިދުގެ ނަންބަރު އެނގޭނީ!” ހިޔަލަ ޖަވާބު ދިނެވެ.
“ފޯނެއް ހޯދަންވީނު؟.. ހިޔަލަ ރަށަށް ދިޔައިމަ ކިހިނެތް އަހަރުމެން ބައްދަލު ކުރާނީ؟” އަދީލް ކަންބޮޑުވުން ފާޅުކުރިއެވެ.
“ތީ އަދި މާ ފަހުގެ ކަމެއްނު!… މާދަމާގެ ވާހަކަ ދައްކާނީ މާދަމާ ވީމަ. މިހާރު ދައްކަންވީ މިހާރުގެ ވާހަކަ، މިރޭގެ ވާހަކަ.” ކޮންމެވެސް ވަރަކަށް ނުރުހޭގޮތް ދައްކަމުން ހިޔަލަ ބުނެލިއެވެ.
“އޯކޭ! އޯކޭ!.. ސޮރީ!” އަދީލް ޤަޞްދުގައި ހިޔަލަގެ ކިބައިން މަޢާފަށް އެދުނެވެ. ޢަދީލް ބޭނުންވަނީ މިގުޅުން ބޮޑަށް ބަދަހި ކުރާށެވެ. ހިޔަލަގެ ފަރާތުން ލިބުނު ލޯބީގެ އިހްސާސްތައް މިހާރުވެސް އަދީލަށް އިހްސާސް ކުރެވެމުން ދެއެވެ. ރޭގެ އެ ހިނދުކޮޅުގައި ހިނގާދިޔަ ކަންކަން މިހާރު އަދީލުގެ ހަނދާނަށް ކޮންމެވެސް ވަރަކަށް އަތުވެއްޖެއެވެ.
******************
“އަދީލް ވީ އޭނަ މަންމަ ކައިރީގަ. މިރޭވެސް ހަމަ އެ ގަޑިއަށް އެތަނަށް ދާނަން. މިރޭ ބަލާނަން އެކަން ކުރެވޭތޯ.” ހިޔަލަ ވާހަކަ ދައްކަމުން ގެންދިޔަ މީހާގެ ހުރީ ހިޔަލައާއި ދިމާއަށް ކުރިމަތި ލައިގެންނެވެ.
“ކުރިންރޭ ފޮނަދުއަށް ގޮސްއުޅެނިކޮށް ދިމާވި މީހަކާ. އެމީހާ ބުނާގޮތުން އެއީވެސް ހަމަ އަހަރަމެން ކަހަލަ މީހެއް. ކޮފީއަކަށް އަރަން ބުނީމަ ދިޔައިން ކޮފީއަކަށްވެސް. އޭނަގެ ވާހަކަ ހުރިގޮތުން މިހާރު އަހަރަމެންގެ ދިރިއުޅުމަށް އެންމެ އުނދަގޫ ވެފައިވާ ދެކަންތަކަށް ހައްލެއް ހޯދުމަށް މާލޭގަ ތިބި އަހަރަމެންގެ މީހުން މަސައްކަތް ކުރަމުން ގެންދަނީ.” އެމީހާ ގެ އަޑު ޒުވާންވެފައި ނުހަނު ރީއްޗެވެ.
“ތިބުނީ މި ޝިކާރަ ކުރުމުގެ ކަންތަކަށް ހައްލެއް ހޯދަމުންދާ ވާހަކަ ކަމަށް ވަންޏާ ތީ ވަރަށް އުފާވެރި ޚަބަރެއް!” ހިތް ހަމަޖެހުން ފާޅުކުރަމުން ހިޔަލަ ބުނެލިއެވެ.
“އާނ. އެމީހާ ބުނީ މިހާރު އަހަރަމެންގެ މީހުން އެ ޓެސްޓް ކުރަމުން ގެންދާ ވާހަކަ” އުއްމީދުން ފުރިގެންވާ ރާގުގައި ހިޔަލަ ކައިރީގައި ހުރި މީހާ ޖަވާބުދިނެވެ.
“އަސްލު ޔަރަސް ކައިރީގަ ވީމަ ބުނަންތަ ވާހަކައެއް. ޢަދީލް ވަރަށް ނައިސް. އެހެންވީމަ މިއުޅެނީ ހަމަ އެކަން ކުރަން ނުކެރިގެން. އައި ތިންކް އައި ހޭވް ފޯލް އިން ލަވް ވިތް ހިމް” އިގިރޭސި ބަހުން ހިޔަލަ އަދީލް ދެކެ ލޯބިވާ ވާހަކަ ޔަރަސް ކައިރީގައި ބުނެލިއެވެ.
“ތޭންކްސް ފޯރ ޝެއަރިން. އެކަމަކު ހަނދާންކުރާތި. އަހަރަމެންނަށް އެމީހުންނާ ގުޅެވޭނީ އެކަން ކޮށްގެން” ޔަރަސް ހިޔަލައަށް ކަމެއް ހަނދާންކޮށްދޭ ގޮތަށް ބުނެލިއެވެ.
“އެނގެޔޭ ތިކަން. މިރޭ ކުރާނަން. ރޭގަވެސް ނުވީ އެތަނުން ބަންގާޅިއަކަށް އަހަރަމެން ފެނުނީމަ. ކީއްކުރާނީ! ބޭޑް ލަކް ފޯރދަ ބަންގާޅީ!” ނުބައި ހިނިގަނޑެއް ޖަހާލަމުން ހިޔަލަ ބުނެލިއެވެ. ހިޔަލަ ކައިރީގައި ހުރި އޭނާގެ ރަޙްމަތްތެރި ޔަރަސް ވެސް އެ ހިނިގަނޑުގައި ބައިވެރިވިއެވެ.
**************
“އޭނާ މަރާލުމުގައި ބައިވެރިވީ ކޮންބައެއް ކަން އަދި މިހާތަނަށް އެނގިފައި ނުވާކަމަށް ފުލުހުންގެ ސަބް އިންސްޕެކްޓަރ ދި އެފްއެމް އަށް މަޢުލޫމާތު ދެއްވާ.” އަދީލް ކަނުލާ ދި އެފް އެމް އިން ގެނެސްދެމުން ދިޔަ ޚަބަރު އަޑުއަހަމުން ގެންދިޔައެވެ.
އަދީލްގެ މަންމަ ސުރައްޔާ ގަދައަށް ނިދާފައި އޮތެވެ. ވޯޑު ތެރޭގައި ތިބި ގިނަމީހުންވެސް ތިބީ ނިދާފައެވެ. ޖެހިގެން ހުރި އެނދުގައި އޮތް ބަލިމީހާ ކައިރީގައި އިން އަންހެން ކުއްޖަކު ފޯނުން ޗެޓް ކުރަމުން ގެންދެއެވެ.
“އެބަ އަންނަން ބޭރަށް ގޮސްލާފަ. ހޭލާ އިނިއްޔާ މަގޭ މަންމައަށް ބަލާލަދެއްޗޭ!” އަދީލް ތެދުވަމުން ޖެހިގެން ހުރި އެނދުކައިރީގައި އިން އަންހެން ކުއްޖާކުރެން އެދުނެވެ. އަންހެން ކުއްޖާ ބޯ އުފުލާވެސް ނުލައި ޗެޓްކުރަމުން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
********************
“ސޮރީ… މާލަސްވެއްޖެ ދޯ؟” ބޭރު ޖޯލީގައި އިން ހިޔަލަ ކައިރިއަށް ގޮސް ހުއްޓެމުން އަދީލް ބުނެލިއެވެ.
“އަހަންނަށް އަބަދުވެސް އޮންނަނީ ލަސްވެފަ. މިހާރު ކިހާއިރެއް އިންތިޒާރު ކުރާތާ!” ހިޔަލަ ޖޯލިން ތެދުވަމުން ބުނެލިއެވެ. އަދީލް އިށީންނުމަށް އުޅެފައި ހިޔަލަ ތެދުވުމުން މަޑުކޮށްލިއެވެ.
“ހިޔަލަ ބޭބޭ ކައިރީގަ ކޮންބައެއް ބައިތިއްބާފަ ތިއުޅެނީ؟” އަދީލް އަނެއްކާވެސް ހިޔަލަގެ ބޭބެގެ ވާހަކަ ދައްކަން ފެށިއެވެ.
“ބޭބެގެ ކަންތަކާ އެހާވަރަށް ވިސްނާއެއްޗެއްނޫން… ހިނގާބަލަ އަވަހަށް އެތަނަށް ދަމާ!” އަދީލްގެ އަތުގައި ހިފާ ދަމައިގަންނަމުން ހިޔަލަ ބުނެލިއެވެ.
އަދީލާއި ހިޔަލަ މަޑުމަޑުން ކަސްޓަމް ސަރަޙައްދާއި ދިމާއަށް ހިނގައިގަތެވެ.
“އެތަނަށްތަ މިރޭވެސް؟.. ރޭ އެ ބަންގާޅީ މަރާލަފަ އޮތީ އެހިސާބުގައެއްނު!” އަދީލް ޖެހިލުންވެ ހުރެ ބުނެލިއެވެ.
“އެމީހާ މަރުވީ އެމީހާގެ ކުށުން ކަމަށް ވާނީ. އަދީލް އަދި ކުށެއް ނުކުރަމެއްނު!”
“ކީކޭ ތިބުނީ؟” ހިޔަލަ ބުނެލި ޖުމްލައިން އަދީލަށް ކުއްލި ސިހުމެއް ލިބުނެވެ.
” މިބުނީ އެގޮތަށޭ ގިނަފަހަރަށް ވެފައި އޮންނާނީ” ވަރަށް ހުޝިޔާރު ކަމާއެކު ހިޔަލަ ބުނެލިއެވެ.
އެވަގުތު ކުއްލިއަކަށް ހިޔަލައަށް ޒާތެއްގެ އުނދަގޫތަކެއް ވާންފެށިއެވެ. ހިޔަލަ އެކަން ފޮރުވުމަށް މަސައްކަތްކުރަން ފެށިއެވެ.
“ހިޔަލަ އޯކޭތަ؟” ހިޔަލައަށް އައި ބަދަލު އަދީލަށް ފާހަގަކުރެވުނެވެ.
“ހޫމް.. ކުޑަކޮށް ބޮލުގައި ރިއްސާތީ މިރޭ މިއުޅެނީ!” ހިޔަލަ ދޮގުހެދިއެވެ.
އޭރުވެސް ހިޔަލަގެ އަނގައިތެރެއިން ފޭރާދަތަށް ފާޑެއްގެ އުނދަގުލެއް ވަމުން ދިޔައެވެ. ހިޔަލައަށް ވަމުންދާގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެއެވެ. ނަމަވެސް މިރޭވެސް ހިޔަލަ ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރާކަށް ހިތެއް ނޭދުނެވެ. އަދީލް ދެކެ އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް ލޯބިވެވިފައެވެ. އެހާ ލޯބިވާ އިންސާނަކަށް އަނިޔާއެއް ކުރާކަށް ހިޔަލަ ބޭނުމެއް ނުވެއެވެ. އެހެންކަމުން ހިޔަލަ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރެވޭތޯއެވެ.
ކުއްލިއަކަށް ހިޔަލަގެ އަނގައިން ދެދަތް ބޭރަށް ނުކުމެއްޖެއެވެ. ހިޔަލަގެ ދަތް ހީލިކަރުވާފައި ކަރުތެރެ ހިކެންފެށިއެވެ. ދަތްތަކުގެ ބުޑުގައި ރިހެން ފެށިއެވެ. ބަނޑަށް އުނދަގޫވާން ފެށިއެވެ. ހިޔަލައަށް އައި މި ބަދަލު އޭރުވެސް އަދީލަށް ފެންނަވަރެއް ނުވެއެވެ.
“އަދީލް…. އަދީލް އަހަންނަށް މަޢާފްކުރޭ!” ހިޔަލަ ޤަސްދުކުރީ އަދީލަށް ޙަޤީޤަތް އޮޅުންފިލުވައިދޭށެވެ. އަދީލް ހިޔަލަގެ މޫނަށް ބަލާލުމާއެކު ސިއްސައިގެން ދިޔައެވެ. ކުއްލިއަކަށް ފަހަތަށް ޖެހިލެވުނެވެ.
“ތީ ކާކު؟” ބިރުން ފިތްކެނޑިފައި ހުރެ އަދީލް ސުވާލު ކުރިއެވެ. އޭރު ހިޔަލަގެ ދެލޮލުގެ ކައިރި ކަޅުވެ ހަންގަނޑު ކުރަކިވާން ފަށައިފިއެވެ. އޭނާގެ ދެ ފޭރާދަތް ހުރީ ދިގުވެފައެވެ. ދެލޮލުގައިވަނީ ރަތްކުލައިގެ ރެނދަނެއް ލާފައެވެ.
“އަދީލް އަހަންނަށް މަޢާފްކުރޭ… އަހަރެން…”
“ހުއްޓާލާ! ހިޔަލަތީ ކޮންމެ ފަދަ މީހަކަސް ތީ ބޮޑު މަކަރުވެރިއެއް!!” އަދީލް ކިތަންމެ ބިރުން ހުރި ނަމަވެސް ރުޅިއައިސް ރަތްވެއްޖެއެވެ.
“އަދީލް… އަހަރެން އަދީލަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުން… އެކަމަކު، އެކަމަކު އަދީލް ޖެހޭނެ ހިތްވަރު ކުރަން” އަދީލާ ދިމާއަށް ޖެހިލަމުން ހިޔަލަ ބުނެލިއެވެ.
“މަށާ ކައިރި ނުވާތި!” އަދީލް ބާރަށް ހަޅޭއް ލަވައިގަތެވެ. އެއަށްފަހު ބޮޑުމަގާ ދިމާއަށް ބާރަށް ދުއްވައިގަތެވެ. އެވަގުތު ބާރު ވައިރޯޅިއެއް ފަދައިން ކުއްލިއަކަށް ހިޔަލަ އައިސް އަދީލްގެ ކުރިމައްޗަށް ހުއްޓުނެވެ. އަދީލް އަނެއްކާވެސް ދުއްވައިގަތެވެ. ކުރިއަށްވުރެންވެސް ބާރަށެވެ. މިފަހަރުވެސް ހިޔަލަ ބާރުވައިރޯޅިއެއް ފަދައިން އަދީލްގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.
“އަދީލް! އެއްފަހަރު ނަމަވެސް އަހަރެންގެ ވާހަކަތައް އަޑުއަހާބަލަ! އަހަރެން ކިތަންމެ ފަހަރަކު ބޭނުންވި އަހަރެންގެ ޙަޤީޤަތް އޮޅުންފިލިވައިދޭން.. އަހަރެންމީ..!”
“ކީއްވެ؟ ކީއްވެ މަށަށް އޮޅުވާލީ؟” އަދީލް ރުޅިގަދަ ވެފައި ހުރެ ބުނެލިއެވެ.
“އަހަރެންމީ އިންސާނުންގެ ލޭބޯ ހައިވާނެއް. އާއްމުކޮށް ކިޔާއުޅެ ބަހުރުވައިންނަމަ ވެމްޕަޔާއެއް.” ހިޔަލަ އެއްވެސް އޮޅުވާލުމެއް ނެތި ކިޔައިދޭން ފެށިއެވެ.
“އެ ބަންގާޅީގެ ލޭބޮއެއެލީވެސް ހިޔަލަދޯ. މަގޭ ލޭވެސް ބޮއެލަން ދޯ ތިއުޅެނީ!… އާދޭ… އަން! އަވަހަށް ލޭފޮދު ބޮއެލާފަ މަވެސް މަރާލާ!” އަދީލް ހިޔަލައާއި ކައިރިއަށް ޖެހިލާ އޭނާގެ ކަރުދޮށް ދައްކާލިއެވެ.
“އަދީލް. އަހަރެން އަދީލަށް ގޯނާއެއް ކުރާކަށް ނޫޅެން. ކިހިނެތް އަހަރެން އަދީލަށް ގޯނާކުރާނީ. ކިހިނެތް އަހަރެން އަދީލްގެ ލޭ ފޮދު ބޮއެލާނީ. އަހަރެން އަދީލް ދެކެ އެއަށްވުރެން މާބޮޑަށް ލޯބިވޭ!” ހިޔަލަ އަށް ރޮވޭގޮތް ވެއްޖެއެވެ. އޭރުވެސް އަދީލް ހުރީ ރުޅިއައިސް ރަތްވެފައެވެ. ގަތްފައި ހުރި ބިރުވެސް ފިލާދިޔަ ކަހަލައެވެ.
“ލޯބިވެޔޭ!… ލޯބިވާނަމަ ކޮން އޮޅުވާލުމެއް! މަށަށް ތި ދިނީ ކިހާބޮޑު ލަނޑެއް؟” އަދީލް ރުޅިގަނޑު މައިތިރި ކުރަމުން ބުނެލިއެވެ. އޭރު ހިޔަލައަށް ގިސްލެވެން ފަށައިފިއެވެ.
“އަހަރެން އަދީލްގެ ލޭ ބޯން ވަރަށް މަސައްކަތް ކުރިން. އެކަމަކު އަހަންނަށް އަދީލްގެ ތި ރީތި ސޫރަ ފެންނައިރަށް ކޮންމެ ފަހަރަކުވެސް ޚިޔާލް ބަދަލުވޭ. ތެދެއްމެ، އަހަރެން މިރަށަށް އައީ އަދީލްގެ ލޭގެ ދަހިވެތި ކަމުގަ. އަދީލް އަހަރަމެންގެ ތެރެއަށް ބައިވެރި ކުރުމަށް. އެކަމަކު…”
“އެކަމަކު ކިހިނެތްވީ؟” ހިޔަލަ ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލަމުން އަދީލް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
“އަދީލް ހަނދާންވޭތަ ނިދީ ތެރޭގައި އަދީލަށް އުނދަގޫތަކެއް ވާކަން. މީގެ އަހަރެއް ހައިދުވަސް ކުރިން އަދީލް މާލޭގަ އުޅުނު އިރު އަހަރެން އަދީލަށް ފާރަލާން ފަށައިފިން. އެއް ރެއަކު ނިދީ ތެރޭގައި އަދީލަށް ހެދިގޮނޑުދޮށުގެ މޫދަށް އެރި ހުއްޓާ ހޭލެވުނު ހަނދާން ވޭތަ؟ އެރޭވެސް އަހަރެން މަސައްކަތް ކުރީ އަދީލްގެ ލޭ ބޮއެލުމަށް. އެކަމަކު. އެކަމަކު އަހަރެންގެ މިހިތް އޭރުވެސް ވަނީ އަދީލަށް ހަދިޔާ ކުރެވިފައި. އޭރުއްސުރެން އަހަރެން އަދީލް ދާ ކޮންމެ ތާކަށް މިދަނީ” ހިޔަލަ ހުރިހާ ވާހަކައެއް އަމުނާލިއެވެ.
ކުއްލިއަކަށް މުޅި އެހިސާބަށް ބާރަށް ވައިޖެހެން ފަށައިފިއެވެ. މަގުގެ ދެފަރާތުން ވަލުތެރެއިން ދުންތަކެއް ނިކުންނަން ފަށައިއެވެ. ޖެހެމުންދިޔަ ގަދަ ވައިގެ ތެރެއަށް ވަރަށް ގަދަފަދަ ބާރު ވައިރޯޅިއެއް އައިސް އެނބުރެން ފެށިއެވެ. ހީވީ ނަގޫރޯޅިއެއް އެނބުރެން ފެށިހެންނެވެ. ވައިރޯޅީގެ އެނބުރުން ކުއްލިއަކަށް މެދުކެނޑިއްޖެއެވެ.
“އިންސާނުންނަށް ވިސްނައިދޭން އުޅުމަކީ ބޭކާރު ކަމެއް!” ބަރު ފިރިހެން އަޑެއް އެހިސާބުގައި ގުގުމާލިއެވެ. އޭރު ކަޅު ހިޔަންޏެއް މަގުގެ އެއްފަރާތުގައި ހުއްޓެވެ.
“އިންސާނުންނަށް ވިސްނޭނީ ހަމަ އެންމެ ގޮތަކުން. އިއްޔެރޭ އެ ބަންގާޅިއަށް ވިސްނައިދިންގޮތް އެއީ އެންމެ ފަސޭހަ އަދި އެންމެ ރައްކާތެރިގޮތް” އަދީލާއި ހިޔަލައާއި ހަމައަށް އައިސް ހުއްޓުނީ ދެބައި ޢުމުރަށްދާ ފިރިހެނެކެވެ.
“ބައްޕާ މިކަން އަހަރެން އަމިއްލައަށް ހައްލު ކުރިޔަދީ!… ބައްޕަ އަހަންނަށް ފާރަލުން ހުއްޓާލަކަށް ނުވޭތަ! އަހަންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ ކިތައް ފަހަރު ބުނާނީ!” ހިޔަލަ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ފާރަ ލަނީކީ ނޫން. އެކަމަކު ދަރިފުޅަށް ނުވިސްނޭތީ ދަރިފުޅު އުޅޭނޫޅޭގޮތް ބެލެނީ. އިންސާނުންނަކީ އަހަރަމެން ލޯބިވާން ތިބޭ ބައެއް ނޫން. އެއީ އަހަރަމެން ދިރިތިބުމަށް ބޭނުންވާ ކާނާ ހޯދުމުގެ ވަޞީލަތްކަން ކިތައްފަހަރު ދަރިފުޅަށް ހަނދާން ކޮށްދޭނީ!” ހިޔަލަގެ ބައްޕަ އޭނާގެ ބަރު އަޑުން ބުނެލިއެވެ.
ކުއްލިއަކަށް އަދީލްގެ ގައިމައްޗަށް އައިސް އެއްޗެއް ވެއްޓިގަތެވެ. ހިޔަލަ ބާރަށް ހަޅޭއް ލަވައިގަތެވެ. ހިޔަލަގެ ބައްޕަ އަވަސްވެގަތީ އަދީލާ ދިމާއަށެވެ.
“އަޖްވަދު. ހުއްޓާލާ!” ގުގުރިއެއް ފަދައިން ހިޔަލަގެ ބައްޕަގެ އަޑު ގުގުމާލިއެވެ. އެވަގުތު އަދީލްގެ ހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެއެވެ.
*********************
ތިން އަހަރު ފަސް – މާލެ 2010
ރީމަންޑް ހައުސް އަކީ މާފަންނުގެ މެދުތެރޭގައި ހުންނަ ގެއެކެވެ. މިހާރު އެގެއަށް ރީމަންޑް ހައުސް ކިއި ނަމަވެސް ކުރިން އެގެއަށް ކިޔައި އުޅެނީ “ކާރުމަތީގެ” އެވެ. ކާރުމަތީގެއަކީ މާލޭގެ އިހުގެ ޤަދީމީ ގެތައް ފަދަ މުސްކުޅި ގެއެކެވެ. މިހާރުވެސް އެގޭގައި އެންމެ ކުރިންސުރެން މީހުން ދިރިއުޅެމުން އައި ގެ އެ ހުރިގޮތަށް އެބަހުއްޓެވެ. ސަލްޓަން ޕާރކްގައި ހުންނަ ކުރީގެ ދާރުލްއާޘާރު ހުރި ބިނާ ފަދަ މުސްކުޅި ގެއެކެވެ. ގޭގެ ފާރުތައް ހަދާފައި ވަނީ ހުކުރު މިސްކިތުގެ ފައުރުތައް ހަދާފައި ހުރިގޮތަށް ހިރިގަލުންނެވެ. ލަކުޑިއާއި ހިރިގަލުން އިހުގެ ދިވެހިންގެ އަތްތެރި މަސައްކަތް ކިތަންމެހާވެސް ރަނގަޅަށް އެގެއިން ފެންނާން ހުއްޓެވެ. ރީމަންޑް ހައުސްގައި ހުންނަ އިހުގޭގެ މައިދޮރާއި ދިމާ މަތީގައި ހިރިގަލުން ކަނޑާފައިވާ އަކުރުތަކަކުން މިހާރުވެސް “ކާރުމަތީގެ” ލިޔެލައިފައި ހުއްޓެވެ.
ކާރުމަތީގެއާއި އިންވެގެން ރީމަންޑް ހައުސްގެ ގޯތިތެރޭގައި ހުންނަނީ 4 ބުރިއަށް ނަގާފައި ހުރި ގެއެކެވެ. ރީމަންޑް ހައުސްގެ މައި ގެއަކީވެސް އެއީ އެވެ. ނަމަވެސް މިހާރު އެގޭގެ ހުރިހައި ފަންގިފިލާތަކެއްގައިވެސް ދިރިއުޅެމުން އަންނަނީ ރީމަންޑް ހައުސް އަށް ނިސްބަތް ނުވާ ރާއްޖޭގެ ބައެއް އަތޮޅު ތަކުގެ މީހުންނެވެ. އެގޮތުން އެންމެ މަތީ ފަންގިފިލާގައި ދިރިއުޅެނީ އައްޑޫ އަތޮޅު ހިތަދޫ ބައެކެވެ. 3 ވަނަ ފަންގިފިލާގައި ފޯއްމުލަކު ބައެކެވެ. 2 ވަނަ ފަންގިފިލާގައި ކުރިން އުޅުނު ކުޑަހުވަދޫ ޢާއިލާއެއް އެ ބައި ދޫކޮށްލުމުން މިހާރު އެތާނގައި ދިރިއުޅެމުން އަންނަނީ ގދ. ތިނަދޫ ޢާއިލާއެކެވެ. ފުރަތަމަ ފަންގިފިލާގައި ހުންނަނީ އަމިއްލަ މީހެއްގެ އޮފީހެކެވެ. ބިންމައްޗަށް ހުންނަ ފަންގިފިލާގެ ތިރީގައި ހުންނަނީ ބޮޑު ދެ ފިހާރައާއި ގަރާޖެކެވެ.
މިއަދުވެސް އަލީސީދީ އިންނެވީ އޭނާގެ ޒަމާންވީ އުނދޯލިކޮޅުގައި އިށީންދެވަޑައިގެން ދުވަސްވެފައިވާ ޕެނަސޮނިކް ޓީވީއަކުން އިހުގެ ހިންދީ ލަވަތަކެއް ބައްލަވާށެވެ. ކާރުމަތީގޭ ސިޓިންގ ރޫމް ނުވަތަ ބޭރުގޭ ތެރޭގައި ހުންނަ ސަރަންފީ ގޮނޑިތައް އެއްކޮޅެއްގައި އަތުރާލާފައި ހުންނަ އިރު އަނެއްކޮޅުގައި އާދައިގެ ވަރެއްގެ އުނދޯއްޔެއް އެލުވާފައި އޮވެއެވެ. އަލި ސީދީ އަކީ މާލޭގެ އިހުގެ ސީދީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އިހުގެ ގޮތްތަކާއި ކަންކަން މިހާރުވެސް ދޫކޮށްލެއްވުމުގެ ޚިޔާލުފުޅެއް ކުޑަކޮށްވެސް ނުގެންގުޅުއްވައެވެ. ބޭރުގޭގެ ބޭރުން ހުންނަ ފެންޑާމަތީގައި އިހުގެ ހިންދީ ފިލްމްތަކުން ފެންނަވައްތަރުގެ އޮކެސްޓްރާ ހަރުމުނިޔާއެއް ބަހައްޓާފައި ވެއެވެ.
“ބައްޕާ އަޅެ ވިދާޅުވެ ބައްލަވާ ބައްޕަގެ ކޮޓަރިކޮޅުތެރޭގައި އެހަރަ ވަޅުގިފީލީގެ ބިއްދޮށުގައި ތަޅުލާފައި އެހުންނަނީ ކޮންތަނެއްތޯ؟” މިއަދުވެސް ހިޔަލަ އޭނާގެ ބައްޕައާއި މި ސުވާލު ކޮށްލިއެވެ. މިހާރަކަށް އައިސް ހިޔަލަ ވަރަށް ގިނައިން އެސުވާލު ކުރަމުން ގެންދެއެވެ. އެތަނަށް ވަނުން މަނާކޮށްފައި އޮންނަ ސިއްރެއް ހޯދުމުގެ ޝައުޤުވެރިކަން ހިޔަލަގެ ހިތުތެރޭގައި ބޮޑުވާންފެށީ މީގެ މަސްދުވަސްހުރިން ހިޔަލައަށް ކޮންމެވެސް ވަރަކަށް ގުދަނެއް ކަހަލަ އެކޮޓަރިތެރެ ފެނިފައި ވުމުންނެވެ. އެ ކޮޓަރިއަކީ ވަނުންމަނާ، ބެލުންމަނާ ކޮޓަރިއެއްކަމުން ބައްޕާފުޅުގެ ނުރުހުމުގައި އެތަން ބަލަން ހިޔަލައަށް ވަނީ އަދިއަދަށްވެސް ނުކެރިފައެވެ. ބައްޕާފުޅަށް ޤަދަރު ކުރެވޭލެތް ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ.
“ދަރިފުޅު ތިނޫން ހެދުމެއް ލައިގެން ހުއްޓާ ބައްޕައަށް ފެންނާނީ ކޮންދުވަހަކުންތަ؟” ގޮތްނޭނގޭ ކޮޓަރިއާއި ބެހޭގޮތުން ސުވާލުކުރެވޭ ކޮންމެ ފަހަރަކު ހިޔަލަގެ ބައްޕާފުޅު އަބަދުވެސް މަޢުޟޫ ބަދަލުކޮށްލައްވައެވެ. ގިނަފަހަރަށް ފާޑުކިޔުއްވަން ފައްތަވަނީ ހިޔަލަގެ ނިވާކަން ކުޑަ ހެދުމާއި ބެހޭގޮތުންނެވެ.
“ބައްޕާ. އަޅުގަނޑަކަށް ނުވިސްނުނު ކީއްވެގެން ކަމެއް-“
“ކޮންމެ ކަމެއްގެވެސް ހައްދެއް އޮންނަން ޖެހޭނެ. ތި ސިލްސިލާ ކޫސަނި ކަންތައް ހަމަ މިހާރުން މިހާރަށް ހުއްޓާލާ!” އަލީ ސީދީ ހިތްޕުޅާ ނުވާކަން ދައްކަވާލެއްވިއެވެ. “ކީއްވެގެންތަ ދަރިފުޅު ތިކަހަލަ ނިވާކަން ކުޑަ ހެދުންތައް ތިލަނީ. މީކީ ޔޫރަޕްގެ ޤައުމެއް ނޫންވިއްޔަ! އެހެން ނޫނަސް ތިހިރީ ލާފަހުންނަ އެއްޗެހި. ވަށަވަށައިގެން ތަންތަން ވީދާފައި އޮތް ސޯޓުބުރިއަކާ ގަޔަށް މަހާފައި ތިހުންނަ ގަންޖުފަރާހެއް ލާފައި ހުންނައިރު ކުޑަކޮށްވެސް ނުގުޅޭ.” ޙަޤީގަތުގައިވެސް އަލިސީދީގެ ދަރިފުޅު މިޒަމާނުގެ ހެދުން އެޅުމާއި މިކިޔާ ޒަމާނީ ކަންކަމަށް ލޯބިކުރާތީ އެކަމާ ވަރަށް ކަންބޮޑުވެ ފޫހިވެސްވެވަޑައިގަންނަވައެވެ. އިނގިރޭސި ރޮކް ބޭންޑްތަކުގެ މިއުޒިކު އަޑުއެހުމާއި ސިފައަކުން ސިފައެއް ނުޖަހާ ހެދުން އެޅުމާއި އިރުއިރުކޮޅާ ކޮފީއަށް ދިއުމާއި ކާގަޑިތަކުގައި ކާންބޭނުންކުރާ ފާޑުފާޑުގެ ކާނާތަކަށް ދާންދެން އަލިސީދީ ރުހިއެއް ނުލައްވައެވެ.
“ބައްޕާ” ހިޔަލަ ޖަވާބުދޭން ފެށިއެވެ. “މިޒަމާނުގައި އަޅުގަނޑެއް ކަމަކު ލާންޖެހޭނީ މިކަހަލަ ހެދުންތައް. މިއީކީ އަށާރަ ސަތޭކައިގެ އަހަރުތަކެއް ނޫން. ކިހިނެތްތޯ އޭރުގެ ހެދުންތައް މިޒަމާނުގައި ލައި އުޅޭނީ. މިހާރު އޭރުގެ ހެދުމެއް އަޅައިފިއްޔާ މީހުން ޖޯކްޖަހާ މަލާމާތް ކުރާނެ ނޫންތޯ. އެހެން ނޫނަސް އަޅުގަނޑާ އެއްފުރާގެ ކުދިންނާ އެއްގޮތްވުމަށް އެބަޖެހޭ މިކަހަލަ ހެދުންލާން”
ހިޔަލައަށް ބަލާލުމުން އޭނާގެ ޢުމުރުންވާނީ ނަވާރަ ނުވަތަ ވިއްސަކަށް އަހަރުހެން ހީވެއެވެ. ނަމަވެސް ޙަޤީޤަތަކީ އޭނާގެ ޢުމުރުން އެއަށްވުރެން މާގިނަދުވަސް ވެފައި ވާކަމެމެވެ. އޭނާގެ އުޅުން ކިތަންމެ ޒުވާން ނަމަވެސް ގައިގެ ހަންގަނޑުގައި ދޫކަމެއް ހުރުމުން އޭނާގެ ޢުމުރުން ދުވަސްވެފައިވާކަން ވަޒަންކޮށްލަން އެނގޭނެއެވެ.
“ދަރިފުޅު ކިތަންމެ ބަހަނާއެއް ދެއްކިއަސް ތިކަހަލަ ހެދުން ލައިގެން އުޅޭކަށް ބައްޕައަކަށް ނުރުހެވޭނެ”
“އަހަންނަށް ހީވަނީ އަހަރުމެން ހެދުން އަޅަންވީ 1859 ވަނަ އަހަރުގެ ހެދުންތައް ހެން.” ހިޔަލައާއި އޭނާގެ ބައްޕަ ވާހަކަ ދައްކަން ތިބި ބޭރުގޭ ތެރެއަށް އައިސްވަނީ އަމާނީން އެވެ. އަމާނީން އަކީ ހިޔަލަގެ ގާތް އެކުވެރިއެކެވެ. އަލިސީދީގެ ދަރިއެއްގޮތަށް ގެންގުޅުއްވާ ކުއްޖެކެވެ.
“ޖަވާބަކީ އާނއެކޭ ދޮގެއްތޯ އަލީސީދީ؟ ޒަމާން ނުވަތަ ގަޑިވެސް ހުއްޓާލަންވީ. ދިރިއުޅެންވީ ޖިފުޓި ގަނޑެއްގަ. އުޅެންވީ އެހެން މީހުނާ އެކަހެރިކޮށް. އަބަދުވެސް ތިބެންވީ އަންޒަމާނު ކަރައިގެ މުސްކުޅި ކަޓް ހިންދީ ލަވަތައް ބަލަން. އަޅުގަނޑުމެން އަބަދުވެސް އުޅެން މިޖެހެނީ ފުރާވަރުގެ ޢުމުރުގައި އަބަދު ތިބެންޖެހޭ ގޮތަށް. އެހެން ނަމަވެސް އުޅެން މިޖެހެނީ ބައްޕަ ތިބައްލަވާ ކަޓް ހިންދީ ބައެއް ލަވައިގަ އުޅޭ ޕަޕެޓްތަކެއްހެން. ބައްޕަ ވާފަށަށް ދޫދެއްވި ވަރަކަށް ޙަރަކާތް މި ކުރެވެނީ. އަޅުގަނޑަށް މާޒީއަށް އެނބުރިގޮސް ކަންތައްތައް ހައްލަކަށް އެޅުވޭނަމަ މިހާރު ހުންނާނީ އެދުވަހު ތި އަލިސީދީ ނުވަތަ މަގޭ ސޯކޯލްޑް ބައްޕާފުޅާ ބައްދަލުކުރެވުނު ބައްދަލު ކުރެވުމަކީ ނުވާކަމަކަށް ހަދައިގެން. އަޅުގަނޑުގެ މި ދިރިއުޅުމަކީ ބައްޕާފުޅު ދެކިލައްވާ ގޮތުން މާ މަޖާ މާ ފުރިހަމަ ދިރިއުޅުމެއް ނަމަވެސް މިހުރިހާ ގަރުނުތަކެއްގަ އުމުރުފުރާ ކުއްޖެއްގެ ޙަޔާތް ވޭތިކުރުމަށްވުރެން އަހަންނަށް މާރަނގަޅު މަރުވުންވެސް.” އަމާނީން ހިތްހަމަ ނުޖެހިފައި ހުރެ ޖެހިލުންވުމާއެކު ފަތިވަރެއް އަމުނާލިއެވެ.
“ކަލޭ ތިބުނަނީ ގައިގައި ރޫޖެހި މުސްކުޅިވުން ރަނގަޅޭތަ؟ ޤަބުރުސްތާނުގަ ސަންދޯކެއް ތެރޭގައި އޮތުން މާރަނގަޅޭތަ؟ އިންތިހާއަށް ރުޅިދުރުވެފައި އިންނެވި އަލިސީދީ ބާރަށް ހަޅޭފުޅުލެއްވިއެވެ. އިށީންދެ ވަޑައިގެން އިންނެވި އުނދޯލިކޮޅުން ތެދުވަންނަވައި އަމާނީން އާއި ދިމާއަށް ހިންގަވާ ވަޑައިގެންނެވިއެވެ.
“އަހަރެން ކަލެޔާ ބައްދަލުވި ރޭގަ ކަލެއަށް އޮންނާނީ މިދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ ދީފައި. އެއީ އަބަދުވެސް ޒުވާންކަންމަތީގައި ހުރުމުގެ ފުރުޞަތު!”
“ތިޔަ ވިދާޅުވާ ރެޔަކީ އަހަރެން ދިރިހުރި މައްޔިތަކަށް ހައްދަވައިދެއްވި ރޭ!” އަމާނީން ރުޅިގަދަ ވެފައިހުރެ ބުނެލިއެވެ.
“ކީއްވެގެންތަ ކަލޭ ތިކަހަލަ ވިޔާނުދާ ވާހަކަ ދައްކަނީ؟” އަލިސީދީ އިންތިހާއަށް ރުޅިދުރުވެއްޖެއެވެ. އަލިސީދީގެ އަޑުފުޅު ހިރިގަލުން ހަދާފައިވާ އެހަތަރުފާރުތެރޭގައި ގުގުމައިގެން ދިޔައެވެ. އަލިސީދީ އަމާނީން އާއި ކައިރިއަށް ޖެހިލައްވާ އަމާނީންގެ ގައިގާ ބާރަށް ބައްދަވާލެއްވިއެވެ. އަމާނީންގެ މެޔަށް ބާރުވެ ނޭވާލާން އުނދަގޫވާހާވެސް ބާރަށެވެ. އަލިސީދީގެ އަތްޕުޅުން އަމާނީންގެ ބޮލުގެ އިސްތަށިގަނޑުގައި އޯގާތެރިކަމާއެކު ފިރުމާލައްވަމުން އަޑުފުޅު މައިތިރި ކަމާއެކު ވައިއަޑުން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.
“މިހިރަ މޮޔަ އަންހެންކުއްޖާ…. ހިތަށް އަރާ ތިހިރަ ދެ ފޭރާދަތް އުފުރާލަފާނަމޭ!” އަމާނީން އަލިސީދީގެ ވަރުގަދަ މުލައްދަނޑީގެ ތެރެއިން ސަލާމާތްވުމަށް ތެޅެން ފެށިއެވެ. އެ މުލައްދަނޑީގެ ތެރެއިން ލިބެމުން ދިޔަ ތަދުގެ އިތުރުން މުލައްދަނޑީގައި ހުރި ގަދަފަދަ ފިނިކަމުގެ އިޙްސާސުންވެސް އުނދަގޫވަމުން ދިޔައެވެ. އޭރުވެސް ހިޔަލަ ބިރުން ފިތްކެނޑޭވަރު ވެފައި ހުރިގޮތަށް ހުރީއެވެ. ކުއްލިއަކަށް އަމާނީން އޭނާގެ ތޫނު ދެ ފޭރާދަތް ދައްކާލިއެވެ. އާދައިގެ ވަރެއްގައި ހުރި ދެދަތް މަޑުމަޑުން ދިގުވާން ފެށިއެވެ.
“ނިކަން ދައްކާލަބަ މަގޭ ދަރިފުޅުގެ ހުރި ގަދަފަދަކަމެއް! އަލިސީދީ އޭނާގެ ދިގު އިނގިލިތަކުން އަމާނީންގެ ދަތްދޮޅީގައި ހިފާ ގަދަކަމުން އަނގަހުޅުވާލަމުން ބުނެލިއެވެ.އަމާނީން އޭނާގެ ބޯ ދެފަރާތަށް ހޫރާލާފައި އަލިސީދީއަށް އޭނާގެ މޫނު ނުދެއްކުމަށް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
“މިކެހިވެރި ދިރިއުޅުމާމެދު ފަޚްރުވެރިވާށޭ އަލިސީދީ ބުނުއްވިޔަސް ކިހިނެތް އެކަން ކުރާނީ. ދުވަހަކުވެސް ތިކަމެއް ނުވާނެ! އަޅުގަނޑަށް މިކަމާ އިދިކޮޅަށް ވާހަކަ މިދެއްކެނީ ކީއްވެގެންކަން އެނގިލައްވާތޯ؟ އަޅުގަނޑު މި ކެހިވެރި ދިރިއުޅުންމަތިން ފޫހިވެޔޭ މިދަންނަވަނީ ހަމަ ޙަޤީޤަތުގައިވެސް ފޫހިވާތީ. އަޅުގަނޑަށް އަލިސީދީ ދެއްވާފަ މިވާ ކެހިވެރި ހަދިޔާގެ ބޭނުން ކުރެވުނީތީ މިއަދު އެކަމާ ދެރަވެ ހިތާމަކުރަން!”
“ހުއްޓާލާ! މާގިނަ ބޭކާރު ވާހަކަ ދައްކަން ނޫޅޭތި!” އަލިސީދީ ނުހަނުބޮޑަށް ކޯފާއިސްކުރައްވާ އަމާނީން އަށް އިންޒާރު ދެއްވިއެވެ. އަލިސީދީ ކޯފާއިސްކުރެއްވީ އަމާނީންއަށް އަލިސީދީ ކޮށްދެއްވި ކަންތައްތަކުގެ މަތިން ހަނދާން ނެތުނީތީއެވެ. އަމާނީން އަށް މި ބާއްޖަވެރި އަބަދަށް ޒުވާން ދިރިއުޅުން އަލިސީދީ ހޯއްދަވައިދެއްވީ ޚުދު އަމާނީން އެކަމަށް ބޭނުންވެގެންނެވެ.
“އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންމެ ޒައްރާއެއް ދެކެ އަންނަހާ ރުޅި އަހަރެން ކަލޭދެކެ އަންނަން!” އަމާނީން ވަރަށް ބާރަށް ބުނެލިއެވެ. މިފަހަރު އޭނާގެ ވާހަކައިގެ ރާގު ތަފާތުވެފައި ހަރުކައްޓެވެ.
“ހަމަ މިހާރު މިތަނުން ދާންއުޅޭ!” އަލިސީދީ ފަހުގެ އިންޒާރު ދެއްވިއެވެ. އެވަގުތު އަލިސީދީގެ ވަރުގަދަ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ.
“މިތަނުން ދިއުމަށްވުރެން އުފާވެރި އެހެން އެއްވެސް ކަމެއް މަށަށް އޮންނާނެތަ؟” އަމާނީން އަލިސީދީއަށް ބަހެއް އެއްލަމުން ބޭރުގޭތެރެއިން ނުކުނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހިޔަލަވެސް ބޭރަށް ނުކުތެވެ. އިރުކޮޅަކުން ގޭގެ ދޮރާށި ބާރަށް ލައްޕާލިއަޑާއި ކާރެއް ސްޓާޓްކޮށް ދުއްވާލިއަޑު އަލިސީދީއަށް އިވިލެއްވިއެވެ.
އަލިސީދީ އޭނާގެ ބޮލުގެ ނުރަ އިސްތަށިގަނޑުގައި ފިރުމާލެއްވިއެވެ. އަލިސީދީ ހުންނެވީ ހަދާނެ ގޮތް ހުސްވެފައެވެ. މޫނުފުޅުމަތީގައި މީހަކު ބާރުއެތިފަހަރެއް އެޅިކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އަލިސީދީ ގޮސް އުނދޯލީގައި އިށީނދެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު އުނދޯލިން ތެދުވެވަޑައިގެން ވަޅުގިފިލިކޮޅުގައި ހުންނަ ސިއްރު ކޮޓަރިކޮޅާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ.
***************
ރަތްކުލައިގެ އެންމެ މިޒަމާނުގެ ސްޕޯރޓްސް ކާރުގެ ޕެސެންޖަރ ޝީޓްގައި އިން ހިޔަލަ ސިއްރުސިއްރުން އިރުއިރުކޮޅާ އަމާނީން ގެ މޫނަށް ބަލަމުން ދިޔައެވެ. އަމާނީން ކާރުދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ. ބޮޑުތަކުރުފާނުމަގުގެ ޓްރެކް ސަރަހައްދު ފަހަނައަޅައި ދިޔައީ ކާރުގެ ސްޕީޑް އައްޑިހައަށް ވުރެން މައްޗަށް ނަގައިގެންނެވެ.
“ކޮންތާކަށްތަ މިދަނީ؟” ހިޔަލައަށް ނުއިނދެވިގެން ސުވާލުކޮށްލިއެވެ.
“އަހަރެން ބޭނުމެއްނޫން މާލޭގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް.” އަމާނީން އަދިވެސް އިނީ ރުޅިއައިސްފައެވެ.
“ދެން މިހެން ވައިބުރު ޖެހީމަ މާލެއިން ބޭރަށް ދެވޭތަ؟” އަނެއްކާވެސް ހިޔަލަ ސުވާލުކުރިއެވެ.
“ހިޔާ… ދެން މަކީއްތަ ކުރަންވީ؟ މަބޭނުމީ މިނޫން އެހެން ތަނަކަށް ދާން!” އޭނާ ބޭނުންވާގޮތް ބުނެލިއެވެ.
“ހިނގާ ލ. އަތޮޅަށް ދަމާ!” ހިޔަލަ ޚިޔާލެއް ދިނެވެ.
“ހޫމް.. ނޮޓް އަ ބޭޑް އައިޑިއާ!” އަމާނީން ހިޔަލަގެ ހުށައެޅުމަށް ތާއިދުކުރިއެވެ.
************
ހުޅުލޭ ވައިގެ ބަނދަރުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި އޮންނަ ޑޮމެސްޓިކް އޭޕްރަން މަތީގައި އޮތް ‘އެޓޯލް ފްލައި’ ގެ ޑޭޝް އެއިޓްގެ ތްރީހަނޑްރެޑް ސީރީސްގެ މަތިންދާ ބޯޓަށް ޕެސެންޖަރުން އަރަމުން ގެންދެއެވެ.
“ނަސީބެއްނު މިރޭ މިހާ ދަންވަރުގަ ނަމަވެސް ކައްދުއަށް ފްލައިޓެއް އޮތްކަން” އަމާނީން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އޭނާގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި ހިޔަލަވެސް އިށީންދެ ހަމަޖެހިލިއެވެ.
“ނީން މިހެން ދަތުރު ކުރަންޏާ ނަސީބެއް. އެކަމަކު ކީވެގެންތަ އަހަރުން އަމިއްލައަށް އުދުހިފަ ނުދާންވީ؟” ވައިއަޑުން ހިޔަލަ ސުވާލުކޮށްލިއެވެ.
“އިންސާނުންނާ އެކީގަ ދަތުރުކޮށްލުމަކީ އަހަރެން ވަރަށް ކުރާހިތްވާކަމެއް” އަމާނީންވެސް ވައިއަޑުން ޖަވާބުދިނެވެ. ހަމައެއާއެކު ދެމީހުން އެއްފަހަރާ މަޑުމަޑުން ހީނގަތެވެ.
“އޯކޭދޯ މަ އައިޕޮޑް އަޅާލިޔަސް؟” ހިޔަލަގެ އަތްދަބަހުން އައިޕޮޑްނަގާ ހެޑްފޯން އަޅާލަމުން ބުނެލިއެވެ.
“ހޫމް” އަމާނީން ހޫނ އަޅާލިއެވެ. ހިޔަލަ ރޮކް ލަވައެއް ޖަހަން ފެށިއެވެ. ލަވައިގެ މިއުޒިކާއެއްވަރަށް އޭނާގެ ބޯވެސް މަޑުމަޑުން ތަޅުވަމުން ގެންދިޔައެވެ. އަމާނީން އާއި ޚިލާފަށް ހިޔަލަ އޭނާގެ ދިރިއުޅުމާމެދު ހިތްހަމަ ޖެހެއެވެ. ހިޔަލަގެ ބައްޕައާއި ޚިލާފަށް ޒަމާނީ ކަންކަމާއެއްގޮތަށް އޭނާގެ އުޅުން ވަގުތުން ވަގުތަށް ބައްޓަން ކޮށްލަން ދަނެއެވެ. އޭނާގެ ޢުމުރުން ހޭދަވި ގިނަ އަހަރުތަކުގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއިމެދު އޭނާ ވިސްނާ ފިކުރުކުރެއެވެ. އެބަދަލުތައް ކައިރިން ދެކެ ތަޖްރިބާ ކުރަމުން އާދެއެވެ. މުނިފޫހިފިލުވުމާއި، ފެޝަނާއި، ދާޚިލީ ހަމަނުޖެހުންތަކާއި ސިޔާސީ ކޯޅުންތައް ކައިރިން ބަލަމުން ދެއެވެ. މިފަދަ ކޮންމެ ބަދަލަކަށް އޭނާގެ ޙަޔާތް ހާނުވާލަނީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހިޔަލައާއި ބައްދަލުވާ ކޮންމެ މީހަކަށް ހީވާނީ އޭނާއަކީ އިއްޔެމެންދުރުގެ ފުރާވަރު ކުއްޖެއް ހެންނެވެ. އޭނާގެ ޒުވާންކަމާއި ރީތިކަންވެސް އެހާމެ ފުރިހަމައެވެ.
“ނީން… ބަލާލަ ބަލަ އެހެރަ ސަޅި ބިޓެއް؟” ހިޔަލަ އޭނާގެ ކަންފަތުން ހެޑްފޯން ނަގަމުން ބުނެލިއެވެ. ބޯޓްގެ ފްލައިޓް އެޓެންޑެންޓް ޕެސެންޖަރުންނަށް ހިތްގައިމު ހިނިތުންވެމެއް ދެމުން ހިޔަލަމެން ތިބި ގޮނޑިބަރިއާއި ދިމާއަށް އާދެއެވެ. އަމާނީން ކުޑަދޮރުން ބޭރުބަލަން އިނދެފައި ބަލާލިއިރު ހިތްގައިމު ޒުވާން ފިރިހެން ކުއްޖަކު އައިސް އެމީހުންކައިރީގައި ހުއްޓިއްޖެއެވެ.
“ހޭންޑް ބޭގް ކަލިވަރު ތެރެއަށް ލެއްވެވުން އެދެން” ފްލައިޓް އެޓެންޑެންޓް ހިޔަލަގެ އުނގުމަތީގައި ހުރި އަތްދަބަހަށް އިޝާރާތްކުރަމުން ބުނެލިއެވެ.
“އޯހް.. ސަޅި ބިޓެއްދޯ!” ފްލައިޓް އެޓެންޑެންޓް އޭނާގެ ވާޖިބު އަދާކޮށްފައި ފަސްއެނބުރިލި ވަގުތު ހިޔަލަ ބުނެލިއެވެ.
“ސާބަހޭ… އެކުއްޖާއަށް ނޭނގޭ އަޑުވެސް ނުއިވޭނެ ކަމެއް!” އަމާނީން ހިޔަލަގެ އަތުގައި ވިކައިގަންނަމުން ބުނެލިއެވެ.
“އޯކޭ. ތިޔެއްވެސް ބެލިދާނެއެއްނު!” ހިޔަލަ އޭނާގެ ކަންފަތު ވޮށީގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ.
“އައްސަލާމު ޢަލައިކުމް. އެޓޯލް އެއަރ އެއިޓް ފައިވް ތްރީއިން ދަތުރުކުރައްވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ. ތިޔަބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި މިހާރު އަޅުގަނޑުމެން މިދައްކައިދެނީ މިބޯޓްގައި ބޭނުންކުރެވޭ ސަލާމަތީ ވަޞީލަތްތައް. އަޅުގަނޑުމެންގެ ވަޞީލަތްތަކާ އެހެން ބޯޓްތަކުގައި ބޭނުންކުރާ ވަޞީލަތްތަކާ ތަފާތުވެދާނެ ކަމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ ސަމާލުކަމަށް އެދެން-“
“މިއީ ގޮނޑީގެ ކަމަރު. ކަމަރު އެޅުއްވުމަށްޓަކައި މިބައި ބަކަލްގެ ތެރެއަށް މައްސަވާލައްވާ. އަދި ބާރުކުރެއްވުމަށްޓަކައި މިބަޔަށް ދަންމަވާލައްވާ. ކަމަރު ނައްޓަވާލެއްވުމަށް މިބައި ހިއްލަވާލައްވާ.” ފްލައިޓް އެޓެންޑެންޓް ބޯޓުގެ ސަލާމަތީ ކަންތައްތައް ކިޔާދެމުން ގެންދިޔައިރު އޭނާގެ ފަހަތުން ހިޔަލަވެސް ކިޔަމުން ގެންދިޔައެވެ. އަމާނީން ހިޔަލައަށް ބަލަހައްޓައިގެން ހެވިފައި އިނެވެ.
“މިއީ ވައިގެމަގުން ކަނޑުހުރަސްކޮށް ކުރާ ދަތުރަކަށްވާތީ ކޮންމެ ބޭފުޅެއްގެ ގޮނޑިކޮޅުދަށުގައި ލައިފްޖެކެޓެއް އޮންނާނެ. ލައިފްޖެކެޓް ބޭނުންކުރެއްވުމަށްޓަކައި އިސްތަށިފުޅުން މިގޮތަށް ވައްޓަވާލެއްވުމަށްފަހު އުނގަނޑުގައި އަޅުއްވަންޖެހޭ ކަމަރު އަޅުއްވާ ބާރުކޮށްލައްވާ-“
“އިންސާނުން ހާދަކަމަކަށް ވިސްނަންޖެހޭ ދޯ! އަހަރުމެންނަށް ކިހާފަސޭހަ!” ހިޔަލަ ދެމުން ގެންދިޔަ ބްރީފިން މެދުކަނޑާލަމުން ބުނެލިއެވެ. އަމާނީން ހިޔަލައަށް ލޯއަޅާލިއެވެ.
“އޯހް ނޮޓް އަގެއިން ހިޔާ. ހިޔާވެސް ހަމަ އެކަޓް ޚިޔާލުތައް ދޯ!” އަމާނީން ދެކަންފަތުގައި ބާރަށް އަތްއަޅަމުން ބުނެލިއެވެ.
ހިޔަލަ އެއްޗެކޭ ނުބުނެ ހިތްގައިމު ފްލައިޓް އެޓެންޑެންޓަށް ސަމާލުކަން ދިނެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ލޯމައްޗަށް ފެނިގެންދިޔައީ އަދީލްގެ ހިތްގައިމު ސޫރައެވެ.
“….ނުރައްކާތެރި ޙާލަތެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއް. އެފަދަ ޙާލަތެއްގައި ބޯޓްދޫކޮށްލަން ޖެހިވަޑައިގެންފި ނަމަ ހުރިހާ ތަކެތި ދޫކޮށްލެއްވުމަށްފަހު އެންމެ އަރިހުގައި ހުރި ދޮރަކުން ބޭރަށް ނުކުމެވަޑައިގަންނަވާ!…..”
“ނުރައްކާތެރި ޙާލަތެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެކޯ! ހެހެހެހެ!” އަމާނީންގެ ކަންފަތުގައި އަޅާފައިހުރި އަތް ނައްޓުވާލަމުން ހިޔަލަ ބުނެލިއެވެ. “އިންސާނުން ހީކުރަނީ މީ ދެން މާ އެޑްވާންސް ބައެއްކަމަށް. އެމީހުންނަށް ނުރައްކާވީމަ އެނގޭނެތަ! މިހާރުވެސް ދެ ވެމްޕޫޔޯހްހްހް” އަމާނީން ހިޔަލަގެ އަނގަމަތީގައި ބާރަށް އަތް އެޅިއެވެ.
“މޮޔަވީތަ؟.. އަހަރުން ވަށައިގެން މިތިބިމަ މީހުންނެއް ނުފެނޭތަ؟ އަޑުއިވިއްޖެއްޔާޔޯ؟” އަމާނީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“އަޑު އިވުނަސް އެމީހުން ޤަބޫލުކުރާނެތަ؟ އެމީހުން ހިތުން އެއީދެން މާ އެޑްވާންސް ބައެއް. އެމީހުން ބަލަނީ އަހަރުމެން އެގްސިސްޓް ވުމަކީވެސް ނާދިރު ކަމެއްކަމުގަ” ހިޔަލަ މަޖާވެލަމުން ބުނެލިއެވެ.
“ޝޫ…!” އަމާނީން އޭނާގެ އަނގަމަތީގައި އިގިޖައްސާލަމުން ބުނެލިއެވެ. ހިޔަލަ އޭނާގެ ސަމާލުކަން ދިނެވެ. އަޑުއަންނަ ދިމާއަށެވެ.
“ވަރަށް ސަޅި ބިޓެއް ސީޓް ޓޫ-އޭގަ އިނީ.” ފްލައިޓް އެޓެންޑެންޓްގެ ހިތްގައިމު އަޑު ހިޔަލަގެ ކަންފަތުގައި ޖެހުނެވެ. ހަމައެއާއެކު އޭނާގެ ގޮނޑީގެ ނަންބަރު ޗެކްކޮށްލިއެވެ. އެއަށްފަހު ހިނިތުންވަލަމުން އަމާނީންގެ އަތުގައި މަޑުމަޑުން ކޮއްޓާލިއެވެ.
“ކޮބާ ހީވޭ!” ހިޔަލަ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާގެ ފުރިހަމަ ސަމާލުކަން ބޯޓުގެ ކުރީކޮޅާދިމާއިން ފްލައިޓް އެޓެންޑެންޓް ދައްކަމުންދިޔަ ވާކަހަތައް އަޑުއަހަން ފެށިއެވެ.
“އެ ކުއްޖާވެސް އިނީ މަށާ ވަރަށް ލައިކްވެފަ” ފްލައިޓް އެޓެންޑެންޓް އޭނާގެ ރަޙްމަތްތެރިޔާ ކައިރީ ބުނެލިއެވެ.
“ހިޔާ އައިނޯ ހިމް!” ފްލައިޓް އެޓެންޑެންޓްގެ ވާހަކަތައް އަޑުއަހަން އިނދެފައި އަމާނީން ކުއްލިއަކަށް ބުނެލިއެވެ.
“ކީކޭ؟ ކިހިނެތް ނީން އަށް އޭނާ އެނގެނީ؟” ހިޔަލަ އަވަސްއަވަހަށް ސުވާލުކުރަން ފެށިއެވެ.
“ކުރިންރޭ ބީޗަށް ގޮސްފަ ގެއަށް ދިޔައިރު ޓްރެކް ސަރަޙައްދުގަ ފަތަންތިބި ކުދިންތަކާއެކު ފަތަން އޮއްވާ ފެނުނު ހަނދާނެއް ނުވޭތަ؟” އަމާނީން ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.
“ހޫމް… ހަނދާންވެއްޖެ!” ހިޔަލަ އަމާނީންގެ ލޮލަށް ފުންކޮށް ބަލަން އިނދެފައި ބުނެލިއެވެ.
މަތިންދާ ބޯޓު އުދުއްސާލައިފިއެވެ. މާލޭ ކޮންޓްރޯލް ޓަވަރުން ލިބުނު ކްލިއަރެންސާއި އެއްގޮތަށް 18 ހާސް ފޫޓްމައްޗަށް އެރުމަށް އެހިތްގައިމު ހަމަ ހިމޭން ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރަމުން ދެއެވެ. ހިޔަލަ ރޮކް މިއުޒިކް އަޑުއަހަމުން ދެއެވެ. އަމާނީން އިނީ ދާދިފަހުން އެޓޯލް އެއަރ އިން ނެރެންފެއްޓި އެމީހުންގެ އިންފްލައިޓް މެގަޒިން ‘އެޓޯލް އެއަރ ޑައިޖެސްޓް’ ކިޔާށެވެ. ގިނަ ޕެސެންޖަރުން ހަމަޖެހިލައިގެން ތިބީ ނޫހެއް ނުވަތަ އެޓޯލް އެއަރ ޑައިޖެސްޓް ކިޔާށެވެ. ފްލައިޓް އެޓެންޑެންޓުން އަވަދިނެތި އެމީހުންނަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ފަސިންޖަރުންގެ ކަރު ތެންމާލުމަށް އެއްޗެއް ތައްޔާރުކުރަމުން ގެންދެއެވެ.
“ވަރަށް ބިޒީކޮށް އުޅޭ ބައެކޭދޯ ކެބިން ކުރޫއިންނަކީވެސް!” ހިޔަލަ ކަންފަތުން ހެޑްފޯނު ނަގަމުން ބުނެލިއެވެ. ހިޔަލަގެ ހިތް އެދެމުން ދިޔައީ ހިތްގައިމުކަމާއި ސްމާޓްކަމުން ފުރިގެންވާ ފްލައިޓް އެޓެންޑެންޓް ދެކިލުމަށެވެ.
“ކްރަޝް ވެއްޖެދޯ!” އަމާނީން ހިޔަލަ އާއި ދިމާކޮށްލިއެވެ.
“ނޫނެކޭ ނުބުނާނަން، ކޯސް އައި ލައިކް ހިމް އަ ލޮޓް” ހިޔަލަ އޭނާގެ ހިތުގައި އޮތް އެއްޗެއް ފޮރުވާކަށް ބޭނުމެއް ނުވިއެވެ.
ހިޔަލަ އިނީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އިރުއިރުކޮޅާ ކޮންމެވެސް ޖޯކު ވާހަކައެއް ދައްކަމުން ދިޔައެވެ. އަމާނީން ދަތުރަށް އެރިއިރު ފެންނަންހުރި ކުނި މޫނުވެސް ހިޔަލަގެ ވާހަކަތަކުން ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށައިފިއެވެ.
“ކިހިނެތްތަ ތިގޮތަށް ތި އުޅެވެނީ؟ މަށަށް ކީއްވެތަ ތިހެން ނޫޅެވިގެން މިއުޅެނީ؟” އަމާނީން ސުވާލުކޮށްލިއެވެ.
“ތިބުނީ ކޮންގޮތަކަށް އުޅޭ ވާހަކައެއް؟” ހިޔަލަވެސް ކުރީ ސުވާލެކެވެ. އަމާނީން ބުނި އެއްޗެއް ސާފު ނުވެގެންނެވެ.
“މިބުނީ ހިޔަލަ ތި އުޅޭގޮތުން އެއްގޮތޭ ތީ ހަމަ މިޒަމާނުގެ ކުއްޖެކޭ. ހީވަނީ މުޅިން އެހެން ހިޔަލައެއް ހެން!”
“ހޫމް. މުހަންމާ ބުނާހެން އެވާހަކަ ދޯ. އަހަރެން މިއުޅެނީ ހަމަ ދިރިއުޅެންވީ ގޮތަށް. އެއިރަކު ދިމާވި ގޮތަކަށް ހޭނިލައިގެން އުޅެނީނު.” ހިޔަލަ ވަރަށް ފަސޭހަ ކަމާއެކު ފޮނިގޮތަކަށް ޖަވާބު ދިނެވެ.
“އެނގެޔޭ ތިކަން. އެކަމަކު ކިހިނެތްހޭ ތިހެން ތިއުޅެވެނީ؟” އަނެއްކާވެސް އަމާނީންގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“އަހަރެން ދެކެނީ ކޮންމެ ދުވަހަކީވެސް މުޅިން އާދުވަހެއް ކަމުގަ. މިސާލަކަށް އަހަންނަށް މި ލަވަ ވަރަށް ކަމުދޭ. މީ އިއްޔެ މެންދުރުގެ ބޭންޑެއްގެ ލަވަޔަކަސް އަހަންނަށް ހަމަ ވަރަށް ސަޅި.” ހިޔަލަ އަޑުއަހަމުން ގެންދިޔަ މެޓަލިކާގެ ލަވައިގެ އަޑު އިއްވާލުމަށް އަމާނީންގެ ކަންފަތުގައި ހެޑްފޯނުގެ ކަނާތުކިބަ ޖެއްސިއެވެ.
“އެކްސްކިއުޒް! ބޯޓުތެރޭގައި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުން ކުރެއްވުމަކީ މަނާކަމެއް!” ފްލައިޓް އެޓެންޑެންޓްގެ އަޑު ހިޔަލަގެ ކަންފަތުގައި ޖެހުނެވެ. ހިޔަލަގެ ވާތު ކަންފަތުގައި ހެޑްފޯނު އަޅާފައިވާއިރު އަމާނީން ކަނާތު ކަންފަތުގައި ހެޑްފޯނުގެ ކަނާތު ކިބަ އަޅައިގެން އިނެވެ. ދެމީހުންވެސް ތިބީ ވަރުގަދަ ރޮކް ލަވައެއް އަޑުއަހާށެވެ.
“އޯހް. އައިމް ސޮރީ!” ކަންފަތުން ހެޑްފޯނު ނަގަމުން ހިޔަލަ މަޢާފަށް އެދުނެވެ. އެއަށްފަހު އައިޕޮޑް ނިއްވާލިއެވެ. ފްލައިޓް އެޓެންޑެންޓް ބޯޖަހާލަމުން ހިތްގައިމު ހިނިތުންވުމަކާއެކު ބޯޓުގެ ކުރީކޮޅަށް ހިނގައްޖެއެވެ.
“އައްދޭ! ހާދަ ވަރެއް ވެފަ ތީނދީ؟” ހިޔަލަ ފްލައިޓް އެޓެންޑެންޓާއި ދިމާއަށް ކަޅިޖަހާނުލާ ބަލަން އިންތަން ފެނިފައި އަމާނީން ދިމާކޮށްލިއެވެ. “ހިޔާ ތިވަރުވެފަ ނެތްނަމަ ދެންމެ މަޢާފަށް އެދެން ޖެހޭނީ އެކުއްޖާ!.. ހިތަށް އެރި އޭނާގެ ލޮލާ ހަތަރުކަޅި ހަމަކޮށްލާފަ ވާވައްދާލަފާނަމޭވެސް”
“ނަސީބެއްނު ހިތަށް އަރާހާކަމެއް ނުކުރިކަންވެސް. ބަލައްޗޭ މިކަން ކޮށްފަ ދައްކާނަން!” ހިޔަލަ އަމާނީންއާ ބާޖުމެރިއެވެ.
“އެނގިދާނެތާ! މަހުންނާނަން ކުޅިވަރު ބަލަން!” އަމާނީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
****************
“ހޫމް. ދެން ކޮންކަމެއްތަ އޮތީ؟” ކައްދޫ ވައިގެ ބަނދަރަށް ފޭބުމަށްފަހު އަރާ-ގިމަތައާއި ދިމާއަށް ހިނގައިގަންނަމުން އަމާނީން ހިޔަލަ ކުރެން އެހިއެވެ.
“ފުރަތަމަ ދާނީ ފިހާރައަކަށް. އެހެންވީމަ އެންމެ ކުރިން ދާނީ ފޮނަދުއަށް. އަވަސް ކުރަން މިއައީ އެއްވެސް ސާމާނެއް ނުލާ. ވީ ހޭވް ޓު ގެޓް ސަމް ޓޮއިލެޓްރީސް. އިސްންޓް އިޓް” އާދައިގެ މަތިން ހިޔަލަ އިނގިރޭސި ބަހުން ދުއްވާލިއެވެ.
“އޯކޭ. މަ ބޭނުމީ ކޮންމެވެސް ކާއެއްޗެއް ނަގަން؟” ދެމީހުން ޓާމިނަލްއިން ނުކުމެ ޓެކްސީއެއް ހޯދުމަށް މަސައްކަތް ފެށިއެވެ. މެންދަމު އެކެއްޖަހާ ބޮޑުވިނަމަވެސް ފްލައިޓް ގަޑިކަމުން ޓެކްސީ ދުއްވާ ދެތިން މީހަކު ދަތުރެއް ހޯދުމުގެ އިންތިޒާރުގައި ނުވަތަ ދަތުރެއް ލިބިގެން ތިއްބެވެ.
“ދަތުރެއް ކޮށްލެވިދާނެތަ؟” އަމާނީން އެހިސާބުގައި އޮތް ކާރެއްގެ ބިއްލޫރިގަނޑުން އެތެރެއަށް ބޯދިއްކޮށްލަމުން އަހާލިއެވެ.
“މީއޮތީ ދަތުރަކު އައިސް. ތިކަމެއް ނުވާނެ!” ކަސްޓަމަރަކާ ވާހަކަދައްކާނެ އެއްވެސް އަދަބެއް ސަދަބެއް ނުދަންނަ ވައްތަކަށް ޑްރައިވަރު ޖަވާބުދިނެވެ. އަމާނީން ޑްރައިވަރު އިން ފަޅިއަށް ޖެހިލިއެވެ. ޑްރައިވަރުގެ މޫނަށް އޭނާގެ ދެލޮލުން ފުންކޮށް ބަލަންހުރެ އަނެއްކާވެސް ދަތުރު ކޮށްދެވިދާނެތޯ ސުވާލުކުރިއެވެ.
“އާނ. ކީއްވެ ނުކުރަންވީ؟ އަވަހަށް އަރާ!” މިފަހަރު ޑްރައިވަރު ޖަވާބުދިންގޮތުން ހީވީ ދަތުރެއް ކޮށްލަން ނުލިބޭތާ ޒަމާންތަކެއް ވެފައި އިންހެންނެވެ.
“ހާދަ ބަނޑުހައި ވެއްޖޭ!” ކާރަށް އަރާ އިށީންދެ ހަމަޖެހިލަމުން އަމާނީން ބުނެލިއެވެ.
“އަބަދުވެސް ތިއެއްނު ނީންގެ ހާލަކީ! ކޭމާޓް!” ހިނިގަނޑެއް ޖަހާލަމުން ހިޔަލަ ޖޯކު ޖެހިއެވެ.
“ކޮންތާކަށް ދާންވީ؟” ކާރު ސްޓާރޓްކޮށްލަމުން ޑްރައިވަރު އަހާލިއެވެ.
“ދާންވީ ފޮނަދޫ ބޭންކް ކައިރިއަށް!” ޖަވާބު ދިނީ އަމާނީން އެވެ.
ކާރު ބާރު ސްޕީޑްގައި ދުއްވަމުންގޮސް ފޮނަދުއާއި ކައްދުއާއި ދެމެދު އޮންނަ ފާލަމަށް އަރައިފިއެވެ. ޑްރައިވަރު ދެފަހަރަކު ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ.
“މިހާ ދަންވަރު ބޭންކް ކައިރިއަށް ތިދަނީ އަނެއްކާ ބޭންކް ފަޅާލަންތަ؟” އެންމެ ފަހުން ނުއިނދެވިގެން ޑްރައިވަރު ސުވާލު ކުރިއެވެ.
“ބުނަންތަ ވާހަކައެއް، ކަލެޔާ ބެހޭ ކަންކަމާ ބެހިބަލަ! އަހަރުން މިއަށް އެރީ ދަތުރުކުރަން. ކަލޭގެ ޒިންމާއަކީ އަހަރުމެން ބުނިތާކަށް ގެންސޮދިނުން. އެނގިއްޖެތަ؟” އަމާނީން އިނީ ރުޅިގަދަވެފައެވެ. ކާރު ޑްރައިވަރު ވަރަށް ހިތްހަމަ ނުޖެހިފައި އެއްޗެކޭ ނުބުނެ އިނީއެވެ.
“ހާދަ ވަރެއް ތި ދައްކާލީ! އަޅާނުލިނަމަ!” ހިޔަލަ މަޑުމަޑުން ބުނެލިއެވެ. އަމާނީން އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ހޫމް. ވަރަށް ބޮޑަށް ބަނޑުހައިވެފަ ދޯ ތީނދީ؟ ކޭމާޓް ގަނޑު އަބަދުވެސް ނުކެވިގެން ވިއްޔަ ތިއުޅެނީ. ކެއުން ނޫން މަޖާ ކަމެއް ކޮށްލަން ހިނގާބަލަ ނިކަން. ނިކަން އަހަރަމެންނާ އެއް އޭޖްގެ ކުދިން ކުރާކަހަލަ މަޖާކަމެއް ކޮށްލަން ހިނގާބަލަ” ހިޔަލަ ބޭނުންވަނީ ތަފާތު ކަމެއް ކުރުމަށެވެ.
“އަހަރުމެންނާ އެއްފުރާގެ ކުދިންނޭ؟ ކޮންއިރަކުތަ ޤަބުރުސްތާނުން ޤަބުރު ނުކުމެގެން މަޖާ ނަގަންފެށީ؟”
“އޯހް ކަމޯން … ނީން އަށް އެނގޭނެ އަހަރެން މިބުނީ ކީކޭކަން!” އަމާނީން ސަމާސާ ރާގުގައި ކޮށްލި ސުވާލަށް ފޫހިގޮތަކަށް ހިޔަލަ ޖަވާބު ދިނެވެ.
ކުއްލިއަކަށް ކާރު ހުއްޓިއްޖެއެވެ. އޭރު ކާރުއޮތީ ފާލަމުން ނެއްޓި ފޮނަދުއަށް އަރައަރައެވެ. ޑްރައިވަރު ކާރު ސްޓާރޓްކުރެވޭތޯ މަސައްކަތް ފެށިއެވެ.
“ކިހިނެތްވީ؟” އަމާނީން އަނެއްކާވެސް ރުޅިގަދަވެފައި އަހާލިއެވެ. ހިޔަލަ އަމާނީންގެ އަތުގައި ހިފާލަމުން ލޮލުން އިޝާރާތެއްކޮށްލިއެވެ. އަމާނީންގެ ރުޅިގަނޑު މައިތިރި ކުރުމަށެވެ.
“ކާރު ހުއްޓުނީ. ނޭނގޭ ވީގޮތެއް. ސްޓާޓެއްވެސް ނުވި!” ޑްރައިވަރު ކަންބޮޑުވެފައި އިނދެ ބުނެލިއެވެ. އޭރުވެސް ސްޓާޓް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “ކީއްކުރާނީ. އަންހެން ކުދިން ނޫންނަމަތާ ފައިބައިގެން ކާރު ކޮއްޕާލަދޭށޭވެސް ބުނަން ކެރޭނީ!” ޑްރައިވަރު ކަންބޮޑުވުން އިތުރަށް ފާޅުކުރިއެވެ.
“ކިހިނެތްވީ އަންހެން ކުދިންވީމަ. އަހަރުންނަށްވެސް މިވަރުގެ ކާރެއް ކޮއްޕާލެވިދާނެ. ދޯ ނީން!” ހިޔަލަ ވަރަށް ފަޚްރުވެރިކަމާއެކު މިހެން ބުނެލީ ސަމާސާއަކަށް ނޫނެވެ.
“ހިޔާ. ތިއުޅެނީ އަމިއްލައަށް ބޭޒާރުވާންތަ؟” އަމާނީން އިނީ ހިތްހަމަ ނުޖެހިފައެވެ.
“އަޅޭ ދެކުދިންވެގެން ކާރު ކޮއްޕާލަދޭންވީނު!” ޑްރައިވަރު ބޭނުންވީ އެކުދިންގެ ހުރިވަރެއް ބަލާލުމަކަށް ނޫނެވެ. ހިޔަލަ ކާރުން ފޭބުމުން އަމާނީންވެސް ފޭބިއެވެ. ކާރުގެ ފަހަތު ޑިކީ މަތީގައި އަތްއަޅާ ކާރު ކޮއްޕޭތޯ މަސައްކަތް ފެށިއެވެ. ކާރު އޮތްތަނުން ގުޑާވެސް ނުލިއެވެ. ޑްރައިވަރު ސްޓާޓްކުރާކަމަށް ހެދިގެން އިނީއެވެ. ކާރުގެ ގިއަރުވެސް ވަނީ ޤަސްދުގައި ކަނޑާލާފައެވެ. ޑްރައިވަރުގެ ފައިން ބްރެއްކަށްވެސް އޮއްބުނު ވަރަކަށް އޮއްބައިގެން އިނީއެވެ. ކުއްލިއަކަށް ޑްރައިވަރު ކާރުން ފޭބިއެވެ. މަޑުމަޑުން ކާރުގެ ފަހަތުގައި ތިބި ހިޔަލައާއި އަމާނީންގެ ފުރަގަހުގައި ގޮސް ހުއްޓުނެވެ.
“ތިކަމެއް ނުވިއެއްނު!” ޑްރައިވަރު ކާރުކައިރީގައި ހުއްޓިގެންތިބި ހިޔަލަމެންނަށް މަލާމާތް ކޮށްލިއެވެ. ހިޔަލަމެންނަށް ޖަވާބެއްދޭނެ ފުރުޞަތެއްވެސް ނުދީ ޑްރައިވަރު ކާރަށް އެރިއެވެ. ހަމަ އެރުމާއެކު ކާރު ސްޓާރޓްކޮށް ބާރަށް ދުއްވާލިއެވެ. ސަތޭކަވަރަކަށް ފޫޓް ދުރަށް ގޮސްފައި ކާރު މަޑުކޮށްލިއެވެ.
“އޭތް!.. ކަލޭ ހީނުކުރާތި ތިހެން ފިލައިގެން ދެވިދާނެކަމަށް؟” އަމާނީން ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އޭނާ ލައިގެން ހުރި ޖީންސްގެ ވާތްފަރާތު ޖީބަށް ކުރިންވެފައި ހުރި ބާރުކަން ނެތްކަމުގެ އިޙްސާސް ކުރެވުނެވެ. ޖީބަށް ލުއިކަމެއް އިހްސާސް ކުރެވިއްޖެއެވެ. އަވަސް އަވަހަށް ފުރަގަހުގައި ހުރި ޖީބަށް އަތްކޮއްޕާލާ ޗެކްކޮށްލިއެވެ. ޖީބު ހުރީ ހުހަށެވެ. ކުރިން އޭނާގެ އެ ޖީބުގައި ބާމު ފުޅިއެއްވަރުގެ ކުޑަކުޑަ ސަންދަރޯސް ފުޅިއެއް އޮތެވެ. އެފުޅީގައި ހުރީ ދަގަނޑުގެ ބައި ގިނަ ޢަދަދަކަށް ހުންނަ ވިޓަމިން ގުޅަ ތަކެކެވެ. ދަގަނޑުގެ ބަޔަކީ ލޭގައި ފުދޭވަރެއްގެ ގިނަ މިންވަރަކަށް ހުންނަ މާއްދާއެކެވެ. އަދި ދަގަނޑަކީ ވޭމްޕަޔާގެ ލޭގައި އަބަދުވެސް މަދުވެފައި ހުންނަ މާއްދާއެކެވެ. ވޭމްޕަޔާ ލޭބޮއެ އުޅެނީ އެހެން ވެގެންނެވެ. މިހާރު އުޅޭ ވޭމްޕަޔާ ލޭބުއިން ހުއްޓާލާ މިހާރު ބޭނުންކުރަން ފަށާފައިވަނީ ދަގަނޑުގެ ބައި ގިނަ ޢަދަދަކަށް ލިއްބައިދޭ އެ ޚާއްޞަ ވިޓަމިނެވެ.
“މަގޭ ބޭސްގުޅަތަކެއް ނެތް!” އަމާނީން ލިބުނު ޝޮކާއެކު ބުނެލިއެވެ.
“މި ބޭސްގުޅަ ތަކުގެ ވާހަކަތަ ތިބުނީ؟” އަމާނީން އާއި ހިޔަލަގެ ފުރަގަހުން މީހެއްގެ އަޑުއިވުނެވެ. ފަސް އެނބުރި ދެމީހުން އެއްފަހަރާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ކާރު ޑްރައިވަރެވެ. ހިޔަލައާއި އަމާނީން ކާރު އޮތް ދިމާއަށް ބަލައިލިއެވެ. ކާރެއްވެސް ފެންނާކަށް ނެތެވެ. ދެމީހުން އެއްފަހަރާ އަނެއްކާވެސް ކާރު ޑްރައިވަރާއި ދިމާއަށް ބަލައިލިއެވެ. އެމީހުން ބަލަބަލާ ތިއްބާ ދެބައި ޢުމުރަށް ގޮސްފައިވާ ކާރު ޑްރައިވަރުގެ ސޫރަ ޒުވާންވަމުން ޒުވާންވަމުންގޮސް ރީތި ފުރިހަމަ ޒުވާނަކަށް ބަދަލުވެއްޖެއެވެ. ބަލާބެލުމަށް ހީވަނީ ވިއްސަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ކުއްލިއަކަށް އެ ޒުވާނާ ފާލަން މަތިން ކައްދުއާ ވީކޮޅަށް ދުއްވައިގަތެވެ.
“ވަގެއް! ވަގެއް!” އަމާނީން އެ ޒުވާނާގެ ފަހަތުން ދުވަމުން ހަޅޭއްލަވަން ފެށިއެވެ. އަޑު އިވޭނެ މީހަކު އެހިސާބުގައި ނުހުންނާނެކަން އެނގޭ އިރުވެސް އެ ޒުވާނާއަށް ވަގަށް ގޮވަމުން އޭނާގެ ފަހަތުން ދުވަމުން ދިޔައެވެ.
“އަހަރެން އެ ބޭސްގުޅަތައް އަތުލާފަ ހުއްޓާނީ. ހިޔަލަ ދޭ އަހަރުމެން އާއްމުކޮށް ވަގުތު ހޭދަކުރާ ޕްރީސްކޫލަށް. ގަޑިއެއްހާއިރު ވާއިރު އަހަންނަށް އެތަނަށް ނުދެވިއްޖެއްޔާ މަ ހޯދަން އަންނާތި! އަމާނީން އެހެން ބުނިއިރު ފާލަމުގެ މެދުން އޮންނަ އުސް ސަރަޙައްދު ފަހަނައަޅައި ކުރިއަށްވުރެންވެސް ދުވެލި ބާރުކޮށްލައިފިއެވެ.
“މަޑުކޮށްބަލަ. ނީން މަޑުކޮށްބަލަ!” އަމާނީންގެ ފަހަތުން ދުވަމުންދިޔަ ހިޔަލަ ގޮވަމުން ދިޔައެވެ. ފާލަމުގެ މެދުންފެށިގެންގޮސް ކައްދުއާއ ވީކޮޅުން ފުރަތަމަ ޖެހޭ އޮއެވަރު ދައުރު ކުރުމަށް ފާލަމުގެ ދަށުން ހަދާފައި އޮންނަ މަގު ނުވަތަ ފެންދެމޭ ހޮޅިއާއި ހަމައިން ހިޔަލައަށް އަމާނީން އާއި އަރާ ހަމަތަން ކުރެވުނެވެ.
“ބާރަކަށް ދުވާ ގޮލައެއްދޯ!” ހިޔަލަ އަމާނީންއަށް ދޯ އަޅާލިއެވެ.
“ހާސްނުވޭ. އޭނަ އަތުކުރާނަން!” ފޮނިގޮތަކަށް އަމާނީން ބުނެލިއެވެ. އެވަގުތު އެ ޒުވާނާ އެމީހުންނާއި ދިމާއަށް ހުރެ އާދެއެވެ. ހިޔަލައާއި އަމާނީންގެ ކުރިމަތިންގޮސް ފާލަމުގެ މެދުން އޮންނަ ފެންދައުރު ކުރާ މައިހޮޅީގެ ތެރެއަށް ފާލަން މަތިން ފުންމާލެވެން އިންނަދިމާއިން އެ ޒުވާނާ ހޮޅިތެރެއަށް ފުންމާލައިފިއެވެ. އަމާނީންއާއި ހިޔަލަ އަށް ލިބުނު ހައިރާން ކަމުގައި ގަބުވެފައި ތިބެވުނެވެ.
“ކާކު ބުނީ ބާރަކަށް ދުވާ ގޮލައެކޭ؟” ފާލަމުގެ މެދުން ހަދާފައި އޮންނަ ހޮޅީގެ ތެރެއިން އެ ޒުވާނާ ވަރަށް ބާރަށް ބުނެލިއަޑު އިވުނެވެ.
“ތީ ކާކު؟ ތީ ކޮން އެއްޗެއް؟” އަމާނީން ފާލަމުގެ ތިރިން ބާރަށް އޮއެވަރު ދެމެމުން ދިޔަ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
“ތިހާ ހުޝިޔާރު ދެކުދިންވިއްޔާ މަށަކީ ކާކުކަން އަމިއްލައަށް ހޯދަބަލަ ނިކަން!” މިހެން ބުނުމާއެކު ފޫސް އަޑެއް އިވެން ފެށިއެވެ. ދެން ފެނުނީ އެ ޒުވާނާ ފާލަމާ ދިމާއިންމައްޗަށް އަރަން ފެށިތަނެވެ. ފާލަންމަތީގައި ޖަހާފައި ހުރި ދިގު މަގުބައްތިތަކަށްވުރެންވެސް މައްޗަށް އެރިއެވެ. ހީވަނީ ބާރަށް ވައިފޮނުވަމުން ދިޔަ ހޮޅިއެއްގެ ކޮޅުގައި އޮތް ބޯޅައެއް މައްޗަށް އަރަމުން ދިޔަހެންނެވެ.
ކުއްލިއަކަށް އަމާނީންވެސް ފޫސް އަޑު ގޮއްވާލާފައި މައްޗަށް އަރަންފެށިއެވެ. ރޮކެޓެއް އުދުއްސާލީމާ ވާހެން އަމާނީންގެ ހަށިގަނޑުވެސް ވައިގެތެރެއިން މައްޗަށް އަރަމުންގޮސް ހޮޅިދަނޑިތަކަށްވުރެން މައްޗަށް އަރައިފިއެވެ.
“މިވަރުން ހިންޓެއް ދެވިއްޖެކަމަށް ހީކުރަން. އަނެއްކާ ތީ ވިސްނުމުގެ ބާރުދެރަ ވޭމްޕަޔާއަކީތަ؟” އަމާނީން އެ ޒުވާނާ އާއި އަރާ ހަމަކުރުމުން ބުނެލިއެވެ.
“ހާދަ ފޮންޏެއް ތިދައްކަނީ ގޮތެއް ފޮތެއްނެތިގެން!” އަމާނީން ދެރަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަނެއްކާވެސް ހުރި ދިމާއިން މައްޗަށް އަރަންފެށިއެވެ.
“އަހަންނަކީ ލައަކު. ވަރަށް ހައިރާންވެއްޖެދޯ؟” އެޒުވާނާ އޭނާގެ ނަން ބުނަމުން ހުރި ދިމާއިން ތިރިއަށް ފޭބިއެވެ. ފާލަންމަތީ ދެފައި ހަރުކޮށްލަމުން ލައުކު މައްޗަށް ބަލާލިއިރު އަމާނީންވެސް ތިރިކުރަމުން ދެއެވެ. އެވަގުތު އޭނާގެ ރަޙްމަތްތެރި ހިޔަލަ އެހިސާބުގައި ނެތްކަން ފާހަގަ ކުރެވުނެވެ.
“ކަލެއަށް ކޮންމެ ނަމެއްކިޔަސް މަށަށް ހެޔޮ. މަގޭ ވިޓަމިން ފުޅި ދީފާނަންތަ؟” އަމާނީން މިހެން ބުނުމާއެކު ވައިރޯޅިއެއްފަދައިންގޮސް ލައުކު ކައިރީގައި ހުއްޓުނެވެ.
“ހޫމް. މަހީކުރިވަރަށް ވުރެން ހުޝިޔާރު!” ދެއަތް މައްޗަށް އުފުލާލާ އުދުއްސައި ގަންނަމުން ލައުކު ބުނެލިއެވެ. އަމާނީންވެސް ލައުކުގެ ފަހަތުން އުދުއްސައިގަތެވެ.
“މިއަށްވުރެން މާ ސަޅި އެއްޗެއް ދީފާނަން!” ލައުކު އޭނާގެ ފަހަތުން އުދުހެމުން އައި އަމާނީންއަށް ބަލާލަމުން ބުނެލިއެވެ. “އެކަމަކު އައިސްފަ ތިހިރަ ރުޅިގަނޑު މައިތިރި ކުރީމަ އެކަން ކޮށްދެވޭނީ”
“އެންމެ ރަނގަޅު!” އަމާނީން ލައުކާއި އަރާ ހަމަތަން ކުރިއެވެ.
“އޯކޭ. އެންމެ ރަނގަޅު” ވައިގެތޭގައި ހުއްޓެމުން ލައުކު ބުނެލިއެވެ. ހަމަ އެއާއެކު ބިމާދިމާއަށް ގަހަކުން ފަތެއް ވެއްޓޭހެން ލައުކުގެ ހަށިގަނޑުގެ ވާގިދޫކޮށްލުމުން ވެއްޓެންފެށިއެވެ. ވަކިހިސާބަކަށް ދިއުމަށްފަހު ހަށިގަނޑު ސީދާކޮށްލައި ފޮނަދޫން ފާލަމަށް އަރާހިސާބާއި ދާދި ގާތުގައި ހުރި ފަޅު ޢިމާރާތްތަކުން ފުރާޅެއް މަތީގައި ފައި ހަރުކޮށްލިއެވެ. އަމާނީންވެސް ލައުގެ ފަހަތުން އައިސް ފުރާޅުމަތީގައި ފައި ހަރުކޮށްލިއެވެ.
ކައްދޫ-ފޮނަދޫ ކޯސްވޭ ހެދުމަށް މަސައްކަތްކުރި މީހުން އުޅުމަށް ފޮނަދޫ ނިމޭހިސާބުން ފާލަމާ ދާދި ގާތުގައި އޮތް ސަރަޙައްދުގައި ވިރާނާވެ ފަނާވަމުންދާ ގެތަކެއް ހުއްޓެވެ. ހުރިހާ ގެއެއްވެސް ހަދާފައި ހުރީ އެޅިގަލުން ރާނާ ސިމެންތި ނުޖަހައެވެ. އެތަނުން ބައެއް ޢިމާރާތްތަކުގެ ފުރާޅުތައްވެސް ވެއްޓިފައިވެއެވެ. ލައުކާއި އަމާނީން ތިބީ އެތަނުން އެންމެ ދެކުނަށްހުރި ޢިމާރާތުގެ ފުރާޅު މަތީގައެވެ.
“އިށީންދެބަލަ!” ފުރާޅު މަތީގައި އިށީންނަމުން ލައުކު ބުނެލިއެވެ.
“އިށިން. އިށި…. އިށީންދެވިދާނެ އެއްނު!” ވަރަށް ޖެހިލުންވެ ހުރެ ލައުކާއި ދާދި ގާތުގައި އިށީންނަމުން އަމާނީން ބުނެލިއެވެ.
“ހޫމް.” އަމާނީންއާއި ހަނގާކޮށްލަމުން ލައުކު ވާހަކަ ދައްކަން ފެށިއެވެ. “އަދި މިއުޅެނީ އަހަރުން އެކަކު އަނެކަކަށް ރަނގަޅަށް ތަޢާރަފްވެސް ނުވެއެއްނު. އަހަންނަކީ ލައުކު. ތީ ކާކު؟”
“އަމާނީން” ޖެހިލުންވެ އިނދެ އަމާނީން ތަޢާރަފްވިއެވެ.
“މިފަދަ ގޮތަކަށްވެސް ބައްދަލުވީތީ އުފާކޮށްފިން. ހޫމް. މިހާރު މިއޮތީ އެވަގުތު ޖެހިފަ!” އަމާނީން އާއި ހިޔަލައަށް ލައުކު ފާރަލަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެދެކުދިން ބާޒާރުކުރަން ދާވަގުތު ލައުކު ފާރަލާފައިވެއެވެ. ހެދިގޮނޑުދޮށް ސަރަޙައްދަށް ހިނގާލަންދާއިރު ފާރަލާފައިވެއެވެ. އެދެކުދިން ބޭރަށްގޮސް އުޅޭއުޅުމުގައި އިރުއިރުކޮޅުން ޖީބުން ފުޅިއެއް ނަގައި އޭގޭން ބޭސްގުޅައެއް ކައިއުޅޭތަން ފެނުމުން ލައުކަށް އަމާނީން އާއި ހިޔަލަ އަކީ ކޮންހަލަ ދެކުދިންނެއްކަން އެނގިފައިވެއެވެ. ވޭމްޕަޔާގެ ބައިގަނޑުތައް އާއްމުކޮށް އެއްވެ އުޅޭ އެއްވެސް ތާކަށް އެދެކުދިން ގޮސް އުޅޭތަން ދުވަހަކުވެސް ލައުކަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ލައުކަށް ހީކުރެވުނީ އެއީ ވޭމްޕަޔަރުންގެ ދުނިޔެއަށް މުޅިން އާ ދެކުދިންކަމަށެވެ.
“ކޮންވަގުތެއް އައިސް ޖެހުނު ވާހަކައެއް ތިބުނީ؟” ހައިރާންވެ އިނދެ އަމާނީން ސުވާލުކުރިއެވެ.
“އަހަރެން ކިތަންމެ ދުވަހެއްވެއްޖެ އަމާނީންމެންގެ ބޯކޮޅު ބަލަމުން އަންނަތާ. އަހަންނަށް އެނގޭ ތީ ކޮންކަހަލަ ދެކުދިންނެއްކަން. ތިއެއް ނޫނޭ މި ވިޓަމިންއަކީ ކާން އެހާ ރަނގަޅު ވިޓަމިންއެއް ނޫން އިނގޭ.” ލައުކު އަތުގައި އޮތް ވިޓަމިން ފުޅީގެ މަތި ނަގައި އޭގައި ހުރި ގުޅަތައް ފުރާޅުމައްޗަށް އޮއްސާލިއެވެ. ޓިނުތަކުގެ މަތިން އެނބުރެމުންގޮސް ބިންމައްޗަށް ގުޅަތައް ފައިބައިގެން ދިޔައެވެ.
“ކީއް ތިކުރީ؟ އެނގޭތަ ތިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން؟” އަމާނީން ލައުކާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.
“ހަމަޖެހިބަލަ!. މަ ބުނީމެއްނު އެ ގުޅަތަކަށްވުރެން ބޭނުންކުރަން މާރަނގަޅު އެއްޗެއް ދީފާނަމޭ!” މިހެން ބުނަމުން ލައުކުގެ ޖީބުން ހުދުކުލައިގެ ފުޅިއެއް ނަގާ އޭގެ މަތި ހުޅުވާލިއެވެ. ފުޅި އަރިކޮށްލާ އޭނާގެ ވާތްތިލަ މައްޗަށް އޭގެއިން ކެޕްސޫލެއް ވައްޓާލިއެވެ. ކެޕްސޫލްގެ އެތެރޭގައި ހުރީ އަޅިކުލައަކަށްދާ ދިޔާއެއްޗެއްކަން ފެންނަން ހުއްޓެވެ.
“މި ބޭސް ބޭނުންކޮށްބަލަ. ތިވެސް ހަމަ އިންސާނުން ހަދައިގެން ތިގެންގުޅޭ ވައްތަރުގެ ދަގަނޑުގެބައި ލިއްބައިދޭ ބޭހެއް. ތަފާތަކީ އަމާނީން ގެންގުޅު ބޭހުގެ ތިރީހަކަށް ގުޅަ ދުވާލަކު ކާންޖެހޭގޮތަށް މި ކާން ނުޖެހޭކަން. މީގެއިން އެންމެ ކެޕްސޫލެއް ކާލީމަ ފުދޭނެ. އެންމެ ގުޅައެއް ކާލައިގެން އިންސާނެއްގެ ކަނދުރާދޮށުގައި އަނގަނުޖަހާ ކެތްކޮށްލެވޭވަރު ވާނެ. މީ ވެމްޕަޔަރުންނަށް ވޭމްޕަޔަރުން ހަދާފައިވާ ޚާއްޞަ ވިޓަމިން އެއް.”
“އިތުރަށްވެސް އުޅޭނެޔޭތަ ތިބުނީ؟” ކެޕްސޫލް ފުޅީގައި ހިފަމުން ޖެހިލުންވުމާއެކު ސުވާލުކުރިއެވެ.
“އިތުރަށް ކޮންއެއްޗެއް؟” ލައުކުވެސް ކުރީ ސުވާލެކެވެ.
“މިބުނީ އިތުރު ވޭމްޕަޔާ އެބައުޅޭތަ؟” ކެޕްސޫލެއް އަނގަޔަށް ލަމުން އަމާނީން ސުވާލުކުރިއެވެ.
“ނޭނގޭތަ؟ އަހަރުމެންގެ ނަސްލު ރާއްޖޭގެ އެކިހިސާބުގެ އިތުރުން ދުނިޔޭގަވެސް ބައިވަރު އެބައުޅޭ. އެންމެ ކުޑަވެގެން މިގަންފޮނަދޫގަވެސް ބައިވަރު އެބައުޅޭ. މާލޭގަ އަދި ކިހާވަރެއް ހުންނާނެ.” ލައުކަށް ހައިރާން ކަމެއް ލިބުނެވެ. ފަހަރުގައި އަމާނީންއަށް ހީވެފައިވަނީ އަމާނީން ފިޔަވާ އިތުރު ވެމްޕަޔާއެއް ނޫޅެނީކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ލައުކުގެ ހިތަށް އެރިއެވެ.
“ކީއްވެގެން އިތުރު ވެމްޕަޔާ އުޅޭހޭ ތި ސުވާލުކުރީ؟” ލައުކު އޮޅުންފިލުވަން ބޭނުންވިއެވެ.
“ހިޔަލަ ބައްޕަ އަބަދުވެސް ބުނުއްވާނެ އަހަރުމެން ތިންބަފައިން އެކަންޏޭ މިހާރު ދުނިޔޭގައި ތިބި ވެމްޕަޔަރަކީ. އަލިސީދީ ބުނުއްވާ ބަސް ތެދުކޮށްގެން މިހުރެވުނީ. އަހަރެން އެ އަލިސީދީގެ ވާހަކަތައް ޤަބޫލުކޮށްގެން އުޅޭތާ މިހާރު މިވީ 150 އަހަރު!”
“އެހެންތަ؟ އަހަރެންވެސް މިހާތަނަށް ހީކޮށްގެން މިހުރީ ތީ ވަރަށްފަހުން ވޭމްޕަޔާއަކަށް ބަދަލުވި ކުއްޖެއްކަމަށް. އެހެންތާވަނީވެސް. އަމާނީންއަށް ނޭނގޭވިއްޔަ މިދުނިޔޭގަ އެތައް ބައިވަރު ވެމްޕަޔާ އުޅޭކަމެއްވެސް.”
“ނޫނޭ. އަހަންނަކީ 169 އަހަރުގެ ވެމްޕަޔާއެއް. އަހަރެން ވެމްޕަޔާއަކަށް ބަދަލުވީ 1859 ވަނަ އަހަރުގަ” އަމާނީން މާޒީ ހަނދާންކުރަމުން ބުނެލިއެވެ.
“ކިޔައިދީބަލަ!” ލައުކު ޝައުޤުވެރިކަމާއެކު އެދުނެވެ. “ކިހިނެތް އަމާނީން ވެމްޕަޔާއަކަށް ބަދަލުވާން ޖެހުނީ؟ އަމާނީންގެ ވާހަކަތައް ކިޔައިދިނީމަ މަވެސް ކިޔައިދޭނަން މަގޭ ވާހަކަތައް”
“އޯކޭ.” މާޒީގެ ކަޅާއި ހުދުގެ ޞަފްޙާތައް އޭނާގެ ލޯމައްޗަށް ސިފާވާންފެށިއެވެ. އޭނާގެ އުފާވެރި ދިރިއުޅުން ބިރުވެރި ހުވަފެނެއްފަދަ މިހާރުގެ ދުނިޔެއާއި ކުރިމަތިލާން ޖެހުނު ޙާދިޘާއެވެ. އޭނާގެ މުޅި ޙަޔާތް ބަދަލުވެގެން ދިޔަ އެ ބަދުނަސީބު އަހަރުގެ ހަނދާންތަކެވެ.
************
އަމާނީންއަކީ އުތުރު ރަށަކުން ހައްދުންމަތީ ގަމަށް ވަޑާމަށް އައި ތައްޚާނު ކިޔާމީހަކު ހައްދުންމަތީ ގަމުގައި ވަރަށް ކުރިންސުރެން ވަޒަންވެރިވެފައިވާ އަންހެނަކާއި ކައިވެނީގެ ގޮތުން ގުޅިގެން ލިބިފައިވާ ކުއްޖެކެވެ. އަމާނީންގެ ޢުމުރުން 2 އަހަރުގައި އޭނާގެ ބައްޕައާއި މަންމަވަނީ ސިގެއްލާ ރޯގާޖެހިގެން ނިޔާވެފައެވެ. އަމާނީންގެ މަންމައާއި ބައްޕައަކީވެސް ގަމަށް ބީރައްޓެހި ދެމީހުންކަމުން އެރަށުގައި އޭނާގެ ޢާއިލާއަށް ނިސްބަތްވާ ހަމަ އެކަކުވެސް ނެތެވެ. ޢުމުރުން އެންމެ ދެއަހަރުގައި ޔަތީމުވެފައިވާ ކުޑަކުޑަ އަމާނީން އަށް ހިމާޔަތްދިނީ ރަށުގެ ބޮޑުކަތީބުގެ ދެމަފިރިންނެވެ. އޯގާވެރި ދެ އަތެއްގެ ޙިމާޔާތް ލިބުމުގެ ނަސީބު އޭނާއަށް ލިބުނީ 5 އަހަރު ވަންދެނެވެ. އަމާނީންގެ ޢުމުރުން 7 އަހަރުގައި އޭނާ މަންމައެއް ކަމުގައި ދެކެމުންއައި ކަތީބު ގޯތީ ރުޤިއްޔާދީދީ ވެސް މި ދުނިޔެއާއި އަލްވަދާޢު ކިޔެވެ. ޚަރީފް މޫސުމުގެ ހިޔަނި އެޅިފައިވާ ކަތީބުގެ އެކަނިވެރި ޙަޔާތަށް ބަހާރު މޫސުން ހޯދުމުގެ ނިޔަތުގައި ކަތީބު ކައިވެނިކުރީ އެރަށުގައި އުޅުނު ކަޝްބީ އަންހެނަކާއެވެ. މީނާއަކީ 1834 ވަނަ އަހަރު ހައްދުންމަތީގެ ރުއްތަކުގައި ތައްޖެހުމަށް ސަރުކާރުން ފޮނުއްވި ދެބޭފުޅުންގެ އަރިހުގައި ނާޗަރަންގީ ކުޅުމަށް ގެންގުޅުއްވި އަންހެނުންތަކުގެ ތެރެއިން ޚަޞީލަތްނުބައި ނުލަފާ އަންހެނެއްކަން އެނގިހުންނަވައި ކަތީބު އެ އަންހެން މީހާއާއި ކައިވެނި ކުރެއްވީ މުދިންކަލޭގެ މާވަރަކަށް މި ކަތްދައެއްގެ ވާހަކަ މާމޮޅުކޮށްފައި ދެއްކުމުންނާއި ކަތީބުގެ ބެލުމުގައި ދަށުގައި ހުރި ކުޑަކުޑަ މައުސޫމު ދަރިފުޅު އަމާނީންއަށް މަންމައެއް ހޯދައިދިނުމުގެ މާތް މަޤުޞަދުގައެވެ. ނަމަވެސް ކަންތައްތައް ވެގެންދިޔައީ ކަތީބު ހީކުރެއްވި ގޮތަކަށް ނޫނެވެ. ކަތްދަ ވެގެންދިޔައީ މާވަރުގަދަ ނުބައި ނުލަފާ އަންހެނަކަށެވެ. ރަށުގެ އެންމެންގެ ކުރިމަތީގައި އެންމެ އަބުވެރި އަދި ޝަރަފުވެރިކަމާއިއެކު އުޅުއްވަމުން ގެންދެވި ކަތީބު ހުންނަވަން ޖެހުނީ ކަތްދަގެ ދަށުވެފައެވެ. އަމާނީންއަށް ޖެހުނީ އެހައި ޅަ ޢުމުރުގައި އެގޭގައި ނޯކިރީ ކޮށްދީގެން އުޅޭށެވެ. އަމާނީންގެ ހިތްދަތި ދިރިއުޅުން ޚިޔާލަށް ގެންނަން އެންމެ ފަސޭހަވާނީ ޑިޒްނީގެ ސިންޑްރެއްލާ ވާހަކައިގައި އެއުޅޭ ސިންޑްރެއްލާގެ މަތިން ހަނދުމަކޮށްލުމުންނެވެ.
އެދުވަސްވަރު ކޮންމެ ދުވަހަކުވެސް އަމާނީން ވޭތިކުރަމުން ގެންދިޔައީ ނިކަމެތި ދިރިއުޅުމެކެވެ. ކަތީބު ގެއަށް މާލޭން ދުރުވި ސީދީ ޢާއިލާއެއް އެގޭގައި ހޭދަކުރަންފެއްޓި ފުރަތަމަ ދުވަހުން ފެށިގެން އަމާނީންގެ ބަނަވެފައިވާ ޙަޔާތަށް ދިރުމެއް ލިބެން އުޅޭހެން ހީވާން ފެށިއެވެ. އެއީ 1841 ވަނަ އަހަރެވެ. މާލޭގެ ޤަދަރުވެރި ސީދީއާއިލާއެއް ކަމަށްވާ އަލިސީދީގެ ޢާއިލާ ކަތީބުގެޔަށް ދުރުވީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ޒަމާނުންސުރެން ކަތީބާއި އުފެދިފައި އޮންނަ ގާތްގުޅުމުގެ ސަބަބުން އަލިސީދީގެ ޢާއިލާ މަޑުކުރެއްވީ ކަތީބު ގޭގައެވެ. އަލިސީދީ އެގެއަށް ދުރުވަންނަވާފައި އަމާނީން ފެނުމުން ކަތީބު އަރިހުގައި އެއްސެވި ސުވާލުގެ އަޑު އިވިފައި އަމާނީން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ތެރޭގައި ހުރެވޭނެ ކަމަގެ ފޮނި ހުވަފެންތައް ހޭލާހުރެގެންވެސް ދެކޭންފެށިއެވެ. މާލޭގެ ދިރިއުޅުން ދެކިލާހިތްވާން ފަށައިފިއެވެ.
ގޭގެ ބޮޑުއަށި މަތީގައި އަތުރާލާފައި ހުރި ސުފުރާ މަތީގައި ކަތީބާއި އަލިސީދީ އަދި އަލިސީދީގެ ދަރިކަނބަލުން ހިޔަލަވެސް އިނެވެ. އަމާނީން ފެނުމުން އެއްސެވި ސުވާލާއި ގުޅުންހުރި ވާހަކަތަކެއް އެރޭގެ ސުފުރާމަތިން އަލިސީދީ ދައްކަވާނެ ކަމަށް ހީކޮށް އަމާނީންގެ ކަންފަތް ތޫނުކޮށްގެން ހުރެވުނެވެ.
ނަމަވެސް ކަންދިމާކުރީ އެހެންނެއް ނޫނެވެ. އަލިސީދީއަކީ ބަސްފުޅުމަދު ބޭފުޅެއްކަން އެނގިގެން ދިޔައެވެ. އެރޭގެ ކެއުމުގެ ފަހުންވެސް އަލިސީދީ ވާހަކަދައްކަވާ އުޅުއްވިތަނެއް ނުފެނެއެވެ. ނަމަވެސް އަލިސީދީގެ ދަރިކަނބަލުން، އަމާނީން އާއި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވިއެވެ. އަލިސީދީގެ ދަރިކަނބަލުން ހިޔަލަ ގަމުގައި ހުންނަ ހަވިއްތައާއި ބޮޑުފެންގަނޑާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. މޫދަށް ދާން ބޭނުންފުޅު ވާހަކަ ދެއްކެވިއެވެ. އެރޭގެ ކެއުމަށް ތައްޔާރުކޮށްފައިހުރި ހަނާކުރި ކުކުޅުގެ ވާހަކައާއި ބަނބުކޭލު ބޮނޑިބަތް މީރުވާހަކަވެސް ދެއްކެވިއެވެ. އެވަގުތު ކަތީބުގޭ ބޭރުގޭތެރޭގައި އޮތް އުނދޯލީގައި އިންނެވި އުމުރުން 50 އަހަރާއި ގާތްކުރާ އަލިސީދީގެ ސަމާލުކަން ހުއްޓިފައިވަނީ އަމާނީން އަށެވެ. އަލިސީދީގެ އަޅިކުލައަށްދާ ކަޅިރަވައިގެ ތޫނު ނަޒަރުން އަމާނީންގެ ޙަރަކާތްތަކަށް ބައްލަވަމުން ގެންދެވިއެވެ.
އެރޭގެ ކެއުމަށްފަހު ތަށިތައް ދޮވެ އަވަދިވުމުން އަމާނީންގެ މަސައްކަތްތައް ނިމުނީއެވެ. އަމާނީންގެ ދޮންމަންމަ އާދައިގެމަތިން 8 ޖެހިއިރު ނިދައިފިއެވެ. ކަތީބާއި އަލިސީދީވެސް ނިދިކުރެއްވުމަށް އަވަސްވެލެއްވިއެވެ. އަމާނީންވެސް މައި ގެއާއި ވަކިންހުރި ކުޑަކުޑަ ޖިފުޓިގަނޑަކަށް ގޮސްވަނެވެ. އެ ޖިފުޓިގަނޑަކީ އަމާނީންގެ ކޮޓަރިއެވެ. ކޮޓަރިއަށް ވަނުމާއިއެކު އަމާނީންގެ ލޮލުގައި އަޅައިގަތީ އޭނާގެ އެނދުގެ ފަޑިމަތީގައި ބަހައްޓާފައިހުރި އަތްބައްތިއެކެވެ. އެތާނގާއި އަތްބައްތިއެއް ބެހެއްޓި ހަނދާނެއް އަމާނީން އަކަށް ނުވިއެވެ. ޖިފުޓިގަނޑުގެ އެއްކަނެއްގައި ހުރި ކޮޅުފިލާ ގޮނޑިއެއްމަތީގައި މީހަކު އިށީންދެގެން އިންކަން އަމާނީންއަށް އެނގިގެން ދިޔައެވެ. ހިޔަންޏެއްގެ ގޮތަށް ފެންނަން އިން މީހާގެ އަތުތެރޭގައި އޮތް ކޮންމެވެސް އެއްޗެއް ތަޅުވަމުން ދިޔައިރު ގިގުނީގެ އަޑު އިވެމުން ދެއެވެ. އެވަގުތު އެމީހާގެ އަތުތެރޭގައި ތަޅުވަމުން ދިޔަ އެތިން ވިދުވަރެއް އަރައިގެން ދިޔައެވެ. ހަމަ އެއާއިއެކު އަމާނީންއަށް އޭނާގެ ކަރުދޮށުގައި އަތް ޖައްސާލެވުނެވެ. އެހިނދު އެނާ ކުޑައިރުއްސުރެން ކަރުގައި އަޅައިގެންއުޅޭ ރަނުގެ ގިލަފަތި ނެތްތަކަން އެނގުނެވެ.
“ކޮއިފުޅާ މީދޯ ތިހޯދާ އެއްޗަކީ؟” ގޮނޑީގައި އިންމީހާ ތެދުވަމުން އެމީހާގެ މޫނުމަތީގައި ގިލަފަތި ހޫރާލިއެވެ. “މި ގިލަފަތި ރީތިކަމުން ތަންކޮޅެއް ރަނގަޅަށް ބަލާލާހިތް ޖެހުނީ.” މިހެން ބުނުމާއެކު ބާރު ވައިރޯޅިއެއްފަދައިން އެމީހާ އައިސް އަމާނީންގެ ކަރުގައި ގިލަފަތި އެޅުވިއެވެ.
“ކިހިނެތްތޯ ތޮގޮތަށް…..؟” އިންސާނެއްގެ ކިބައިން އެފަދަ ހަލުވިކަމެއް ފެނުމުން އަމާނީން ހުރީ ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. ގައިމުވެސް އާދައިގެ އިންސާނަކަށް އެފަދަ ކަމެއް ނުކުރޭވޭނެކަމަށް އަމާނީންގެ ހިތް ބުންޏެވެ.
“އެކަމާ އެހާ ކަންބޮޑު ނުވޭ!…. އަހަރެން މިތަނަށް މިއައީ ކަނބުލޮއަށް ކަމެއް ހުށައަޅަންވެގެން…. ނޫނީ ބުނެވިދާނެ ކަނބުލޮއަށް ފުރުޞަތެއް ދޭންވެގެނޭވެސް. އަހަރެން އެކަމާ މަޝްވަރާކޮށްފިން ކަތީބާވެސް. ދެން އޮތީ ކަނބުލޮއާ މަޝްވަރާކުރުން. ކަނބުލޮ ވަރަށް މާލެދާހިތްވޭ ދޯ. މިގޭ އެއުޅޭ ނުބައި އަންހެނާގެ ކިބައިން ސަލާމަތްވާން ބޭނުންދޯ!”
“ތި ވިދާޅުވި ދެކަމަކީވެސް އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ދެކަންތައް. އެކަމަކު ބައްޕަ ދޫކޮށްލާފަ ދާކަށް ހިތްހަމައެއް ނުޖެހޭ” އުމުރުން 7 އަހަރުގެ އަމާނީން ވާހަކަދައްކަމުންދިޔައީ ހެޔޮވިސްނޭ އަންހެނަކު ވާހަކަދައްކަމުން ގެންދާނެހާވެސް ފުރިހަމަ ކޮށެވެ.
“ކަތީބު ބުނުއްވީ ކަނބުލޮ ދާންހުރިއްޔާ ފޮނުވާގޮތަށޭ ހުރީ. އެހެންވީމަ ދާނަންތަ؟”
“އާދެ. އެކަމަކު-“
“ތި ގިލަފަތި ތިޔައީ ކަނބުލޮ ބައްޕައާއި މަންމަގެ ހަނދާނެއްތަ؟ ކީއްވެގެން އެމީހުން މަރުވީ؟ ބައްޔެއްވެގެންދޯ! އަނެއްކާ މަށަށް މިބުނެވުނީ ރަނގަޅަށްތަ؟” އަލިސީދީ ބޭނުންފުޅުވެލެއްވީ މަޢުޟޫ ބަދަލުކޮށްލެއްވުމަށެވެ.
“އާދެ!”
“މިސާލަކަށް…” އަލިސީދީ ވިސްނުންތެރިކަމާއެކު ދައްކަވަން އުޅުއްވާ އަސްލު ވާހަކައާއި ދިމާއަށް މިސްރާބު ޖެއްސެވިއެވެ. އަތުގެ އިޝާރާތުން އަމާނީންގެ އެނދުގައި އިށީނުމަށް އަންގަވަމުންނެވެ. އަމާނީން ޖެހިލުންވެ ހުރެގޮސް ރޯނުފުރާފައިވާ އެނދުގެ ވަކަރު ފަޑިމަތީގައި އިށީނިއެވެ. އެވަގުތު އަލިސީދީގެ ކެހިވެރި މޫނު ފެނިގެން ދިޔައެވެ. “…. ކަނބުލޮއަށް ދުވަހަކުވެސް ބައްޔެއް ނުޖެހޭގޮތް ވެއްޖެއްޔާ ނުވަތަ އިންސާނުންނާއި ޚިލާފަށް ވަރަށް ދިގު އުމުރެއް ލިބިއްޖިއްޔާ ކީކޭ ހިތަށް އަރާނެ؟” އަލިސީދީ ކުރައްވަން ފެއްޓެވި ސުވާލު ނިންމަވާލެއްވެވިއެވެ.
“އަޅުގަނޑަކަށް ނޭނގޭ. ހީވަނީ އޭރުން އަޅުގަނޑަކީ ވަރަށް ޖެހިލުންކުޑަ މީހަކަށް ވެގެންދާނެހެން. އެއްވެސް ކަމަކާ ބިރެއް ނުގަންނާނެހެން!” ޖެހިލުންވެ ހުރެގެންވެސް އަމާނީން ދިނީ ފުރިހަމަ ޖަވާބެކެވެ.
“ޔަޤީންތާ!” އަމާނީންއާއި ކައިރިއަށް ޖެހިލާ އޭނާގެ ދެކޮނޑުގައި ހިފަހައްޓާލާ މޫނާއި ގާތްވެލަމުން އަލިސީދީ ކުރެއްވި ސުވާލުގެ ތަފްޞީލަށް ދާން ފެއްޓެވިއެވެ. “….. އަހަންނަށް އަމާނީން އެއްވެސް ބައްޔެއް ނުޖެހޭނެގޮތާއި ފަސޭހައިން މަރުނުވާނެގޮތް ހަދައިދެވިދާނެ”
“އަލިސީދީ އަޅުގަނޑަށް ތިގޮތް ހެއްދެވުމުގެ ބޭނުމަކީ ކޮބައިތޯ؟” އަމާނީން އަށް ނޭނގިނަމަވެސް އަލިސީދީގެ ވާހަކަތައް ޤަބޫލު ކުރެވެން ފެށިއެވެ.
“ނިކަން ވިސްނާލަބަލަ!” އަމާނީންގެ މޫނާއި އިހުނަށްވުރެންވެސް އަލިސީދީގެ މޫނުފުޅު ގާތްކޮށްލައްވަވަމުން ވާހަކަފުޅު ކުރިއަށް ގެންދަވަން ފެއްޓެވިއެވެ. “….. ކަނބުލޮއަށްވެސް އެނގޭނެ މަގޭ ދަރިފުޅު އެކަނިވެރިވެފައި ހުންނަވަރު. އެހެންވީމާ މަގޭ ހިޔަލަވެސް ރަޙްމަތްތެރިއަކު ބޭނުންވާނެ. އެކުގައި ތަންތަނަށް ދާނެ މީހަކު ބޭނުންވާނެ. ދެން ހިތަށް އަރާފާނެ ކީއްވެގެންބާވައޭ އަހަރެން ކަލޭ ބޭނުންވެގެން މިއުޅެނީ. އޭގެވެސް ސަބަބެއް އެބައޮތް. އަހަރުމެންނާއި ބައްދަލުވި ތި އުމުރުގެ އެހެން ކުދިންނާއި ވަރަށް ތަފާތު ކުއްޖެއްތީ. ކަނބުލޮ އުޅެމުންގެންދާ ދަތި ހާލުގެ ވާހަކަތައް ކަތީބު ކިޔާދެއްވީއްސުރެން އަހަންނަށް ކަނބުލޮއާއިމެދު ވިސްނެން ފަށައިފި. އެނގޭ އަހަރުމެންނާއި ކަނބުލޮޔާ އުޑާބިމާހާވެސް ތަފާތުކަން. ނަމަވެސް ކަނބުލޮއަށް އުޅެންޖެހިފައިވާ ހިތްދަތި ދިރިއުޅުމުން ސަލާމާތްވާން ބޭނުންކަން އަހަރެން ދެނަހުރިން. ކަނބޮލޮ މިނޫން އެހެންތަނަކަށް ދިއުމަށް ފެންބޮވައިގެންފައިވާ މިންވަރު އަހަންނަށް ވިސްނޭ. އެހެންވެގެން މިބުނަނީ ތިޔަ ކަރުހިއްކުމާއި ތިޔަ ވޭނީ ޙަޔާތާއި އަލްވަދާޢުކިޔައި މަށާ މަގޭ ދަރިފުޅާއެކު އުޅެން އަންނާށޭ.” އެއް ނޭވަޔަކުން އަލިސީދީ ބޭނުންވެލައްވާގޮތާއި ސަބަބު އޮޅުން ފިލުއްވައިދެއްވިއެވެ.
“އަޅުގަނޑު ދާނަން!”
“ވަރަށް ހިތްހަމަ ޖެހިއްޖެ. މަޑުމަޑުން އެއްވެސް ޙަރަކާތެއް ނުކޮށް ހުންނާތި. އަހަރެން މިއުޅެނީ ކަނބުލޮއަށް ހަދިޔާއެއް ދޭން.” އަމާނީންގެ ކޮނޑުގައި އިހުނަސްވުރެން ބާރަށް ހިއްޕަވާލެއްވިއެވެ. ހަމައެއާއެކު އަލިސީދީގެ ތޫނު ދެ ފޭރާދަތް އަމާނީންގެ ކަރުދޮށުން ކަނދުރާގެ މަސްގަނޑުތެރެއަށް ވައްދަވާލެއްވިއެވެ. އަމާނީންގެ ކަރު ދޮށުގައި އަލިސީދީ އަނގަޖެއްސެވިކަން އެނގިގެން ދިޔައެވެ. ދެންވީގޮތެއް ނޭގުނެވެ. އަމާނީންއަށް ހެއިލެވުނީ ހެނދުނުއެވެ. އޭނާއަށް އޮވެވުނީ ނާލުބައްތެއްޔެއްގެ ހިޔާގަނޑު ތެރޭގައެވެ. މާލެއާއި ދިމާއަށް މިސްރާބުޖަހާފައި ހުރި އޮޑި ފައްސިޔަވައިގައި މޫދުގެ ލޮނުގަނޑު ކަފަމުން ދަތުރުކުރަމުން ދިޔައެވެ. އަމާނީންއަށް ހެއިލެވާއެކު މުޅިން އައު އިހްސާސްތަކެއް ކުރެވެން ފެށިއެވެ. އޭރު އަމާނީންވަނީ ވޭމްޕަޔާއަކަށް ބަދަލުވެފައެވެ.
******************
އަމާނީންގެ ޒަމާންވީ މާޒީގެ ފަތްފުއްތައް ގުނާނިމުނު އިރު އޭނާއަށް އިނދެވުނީ ލައުކް އާއި ހަތަރު ކަޅި ހަމަކޮށްގެންނެވެ.
“އާޗާ. ސަޅި ވާހަކައެއް އިނގޭ. އެކަމު ތި ކިޔައިދިންގޮތުން ހީވަނީ އޭރު އަމާނީންއަށް ނިންމުނު ނިންމުމާމެދު މިހާރު ހިތާމަ ކުރަމުން އަންނަހެން. އަނެއްކާ މިބުނެވުނީ ރަނގަޅަށްތަ؟” ލައުކް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ .
“ތިބުނީ ތެދެއް. އެހެން ހުރިހާ ކަމަކަށްވުރެންވެސް ތިޔަކަމާ މިހާރު ވަރަށް ދެރަވޭ.” އަމާނީން ޙަޤީޤަތް ހާމަކުރިއެވެ. “ހޫމް ދެން ކިޔައިދީބަލަ ލައުކް ގެ ވާހަކަ!”
“މަގޭ ވާހަކަދޯ! … އޯކޭ އަޑުއަހާ!” ލައުކުވެސް އޭނާގެ މާޒީތެރެއަށް ފީނައިގަތެވެ. އިއްޔެ މެންދުރު ވީކަމެއްހެން ލައުކުގެ ހަނދާނުގައިވެސް އެކަންތައް އެބަހުއްޓެވެ.
*************
އެއީ 1844 ވަނަ އަހަރެވެ. އެދުވަސްވަރު ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދެވީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިންނެވެ. އެދުވަސްވަރު މާލޭގައި ކޮލެރާގެ ބޭރަށް ހިންގުމުގެ ރޯގާއެއް ވަރަށް ބާރަށް ފެތުރެމުން ދެއެވެ. ކޮލެރާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ މީހުންގެ ޙާލަތު ވަރަށް ދަށެވެ. އަޅަމުންދާ ވޭނުގެ ސަބަބުން ހިތްވަރުގަދަ ބޮޑެތި ފިރިހެނުންވެސް އަަޑުން އަޑުނަގައި ރޮއެ ހަދާއަޑު ގޭގޭގެ ފުޅައްބުޑާ ހަމައަށް އިވެމުންދެއެވެ. އެމީހުން ބޮޑުކަމުދާއިރު ނަޖިސްތަކާއެކު ކުނިދޮސްވެސް ފައިބަމުންދެއެވެ. މޮޅެތި ހަކީމުންނާއި ފަންޑިތަވެރިންވެސް ތިބީ ގޮތްހުސްވެފައެވެ. ފަރުވާ ލިބެމުންދިޔަ މީހުންވެސް ދުވަސްކޮޅެއްފަހުން މަރުވަމުން ދިޔައެވެ. ތިން ހަތަރު މަހުގެ މާބަނޑު އަންހެނަކަށް މި ބަލިގަނޑު ޖެހުމާއެކު އިސާހިތަކުން ބައިގެންދެއެވެ.
މާލޭގެ ރައްޔިތުން މިފަދަ ޙާލެއްގައި އުޅެމުން ދަނިކޮށް 22 ފެބްރުއަރީ 1844 ވީ ބުރާސްފަތި ދުވަހުގެރޭ ރަށުގެ ހުޅަނގުފަރާތު އުދަރެހުން ދުންތަރިއެއް އެރިއެވެ. ދުންތަރިއަކީ ނަސީބާއި ނުވަތަ ބަދުނަސީބާ ގުޅިފައިވާ އެއްޗެއްކަމަށް އޭރު ދިވެހިން ދެކެމުން އައެއެވެ. މި ދުންތަރި މަސްދުވަސް ވަންދެން އުދަރެހުން ފެންނަން ހުއްޓެވެ. ދުންތަރި ފެނުނުތާ ދުވަސްކޮޅެއްފަހުން މާލެއަށް ބޭރު ގައުމެއްގެ ފަރަންޖީއެއް އައިސް އުޅުނެވެ. އޭނާއަކީ ރޫމޭނިއާގެ ޓްރާންސިލްވޭނިއާ އިން އައިސް އުޅުނު މީހެއްކަމަށް މީހުން ކިޔައި އުޅުނެވެ. ނަމަވެސް އޭނާ ރާއްޖެއަށް، މާލެއަށް އައިނައިގޮތެއް އެނގޭ މީހަކު ނޫޅެއެވެ. ޖޮނެތަން ނަމަކަށް ކިޔާ މިމީހާއަކީ ހަކީމީ ބޭސްވެރިކަން ދަންނަމީހެއްކަމުން ކޮލެރާގެ ރޯގާއަށް ހަކީމީ ބޭސްހަދައިދީ އުޅުނެވެ.
ލައުކުއަކީ ދެމަފިރިއެއްގެ ހުރި އަށާރަ އަހަރުގެ ކުއްޖެކެވެ. އެމީހުންނަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅެވެ. ލައުކަށް ކޮލެރާ ޖެހިގެން ވަރަށް ބޮޑުވަރުވެގެން އުޅެނިކޮށް އެގެއަށް ޖޮނަތަން ގެނެސްދިނީ ލައުކުގެ ބޮޑުބޭބެއެވެ. ޖޮނެތަން އޭނާ ދަންނަ ހަކީމީ ބޭސްތައް ހަދަމުން ގެންދިޔައެވެ. އެހާތަނަށް އައިއިރުވެސް ޖޮނެތަންގެ ބޭސްވެރިކަމުން ފުރިހަމަ ޝިފާއެއް ލިބުނު އެކަކުވެސް ނެތެވެ. ނަމަވެސް ކޮލެރާގެ ގަދަފަދަ ވޭނުން ކުޑަނަމަވެސް ލުޔެއް ލިބެނީ ޖޮނަތަން ހަދަމުންދިޔަ ބޭހެއްގެ ސަބަބުންނެވެ. މި ސަބަބާހުރެ ލައުކު އަށް ފަރުވާދިނުމަށް ޖޮނަތަން ގެނައީއެވެ.
އެއް ރެއެއްގެ ރޭގަނޑެވެ. ގާހަކަ ފަޅިއަކަށް ކާށިތެޔޮ އަޅައިގެން ދިއްލާފައި ހުރި ވޮށަކުން ލައުކު އޮތް ފަތްޖެހި އެނދަށް ފަނޑުފަނޑު އަލިކަމެއް ވެރިވެފައިވެއެވެ. ލައުކުގެ ކައިރީގައި ޖޮނަތަން އިނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ ޖޮނަތަންގެ ވާހަކަތައް ތަރުޖަމާކޮށްދޭ މީހާއެއް ނާދެއެވެ. ލައުކުގެ ބައްޕައާއި މަންމައާއި އިޝާރާތުގެ ބަހުރުވައިން ޖޮނަތަން މުޢާމަލާތުކުރަމުން ގެންދިޔައެވެ. އެމީހުން ލައުކު އޮތްތަނުން ނުކުތުމާއެކު ޖޮނަތަން ވާހަކަ ދައްކަންފެށިއެވެ. ސާފު ދިވެހިބަހުންނެވެ. ލައުކަށް މާބޮޑު ހައިރާންކަމެއް ލިބިގެންދާވަރަށްވުރެން އޭނާގެ ހާލުދެރައެވެ.
“ލައުކު! ލައުކު! އަހަރެން ބޭނުންވޭ ލައުކަށް އެހީތެރިވާން!” ލައުކުގެ ކަންފަތްދޮށަށް ގުދުވެލަމުން ޖޮނަތަން ދިވެހިބަހުން ބުނެލިއެވެ.
“އޫން!” ކުކުރާލުމަކުން ލައުކު އާއެކޭ ބުނެލިއެވެ.
“ހަޤީޤަތަކީ މިފަދަ ކޮލެރާއަށް މިހާތަނަށް އައިއިރު ފަރުވާއެއް ހޯދިފައެއް ނެތް. އަހަރެން މިހަދާ ބޭހުންވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނީ. މުޅިން ރަނގަޅެއް ނުކުރެވޭނެ. ދެން އޮތީ އެންމެ ގޮތެއް!” ވިސްނުންތެރިކަމާއެކު ޖޮނެތަން ބުނެލިއެވެ.
“ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ. ހާދަ ވޭނެކޭ މިއަޅަނީ! ކޮންމެ ކަމެއް ކޮށްގެންވެސް އަހަރެން ބޭނުން ދިރިހުންނަން!” ކުކުރަމުން ލައުކު ބުނެލިއެވެ.
“އެހެން ހުރިހާ ކަމަކަށްވުރެންވެސް ލައުކު ބޭނުންތަ ދިރިއުޅެން؟” ޖޮނަތަން ދަނޑިވަޅުގެ ބޭނުން ހިފަމުން ސުވާލުކުރިއެވެ.
“ކޮންމެ ގޮތަކުންވެސް ބޭނުން ދިރިހުންނަން. އެހެން ގޮތެއް އޮތީތަ؟” އުއްމީދުން ފުރިގެންވާ ބަލާލުމަކާއެކު ލައުކުވެސް ކުރީ ސުވާލެކެވެ.
“ލައުކު ބޭނުންނަމަ އެބައޮތް ގޮތެއް! ލައުކަށް ވެސް ފާހަގަ ކުރެވޭނެ މިރޭ މިހާރު މިވަގުތު އަހަރެން މިވާހަކަ ދައްކަނީ ދިވެހިބަހުންކަން. މިކަމުންވެސް އެނގޭނެ އަހަންނަކީ ތަފާތު މީހެއްކަން. އެހެން ނޫންތަ؟” ޖޮނަތަން އޭނާގެ ޕްލޭނާއި އެއްގޮތަށް ވާހަކަ ބައްޓަންކުރަން ފެށިއެވެ.
“މަގޭވެސް ހިތަށް އެބައަރާ ކިހިނެތްބާއޭ ޖޮނެތަން ކުއްލިއަކަށް ދިވެހިބަހުން ތިހާ ފަރިތަކޮށް ވާހަކަދައްކަން ތިފެށީ!” ލައުކުގެ ހަށިގަނޑަށް އަޅަމުންދިޔަ ގަދަވޭނުގެ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.
“ހައިރާންވެއްޖެދޯ؟ އަދި މާ ހައިރާންވާނެ އަހަރެން އިންސާނުންގެ ލޭބޯވާހަކައާއި ދުވާލު ގަޑީގައި ބޭރަށް ނުކުމެ ނޫޅެވޭ ވާހަކަ ބުނީމަ. އެކަމަކު ޙަޤީޤަތަކީ އެއީ. އިރުގެ ދޯދިތައް އަހަރެންގެ ހަންގަނޑުގައި ޖެހިއްޖެނަމަ ފިހި މަރުވެދާނެ. މިހާރު ފަންސާހަކަށް އަހަރު މިވަނީ އަހަރެންގެ ހަށިގަނޑަށް ބަދަލެއް ނައިސް މިޒުވާން ކަމުގައި ހުންނަތާ. އަދި އަބަދުވެސް ހުންނާނީ މިގޮތުގައި. އަހަންނަކީ އިންސާނުންގެ ލޭބޯ އިންސިއެއް. ވޭމްޕަޔާއެއް! މިހެން ބުނަމުން ޖޮނަތަން އޭނާގެ މަތީ ތުންފަތް އުފުލާލާ ދިގުވެފައިހުރި ދެ ފޭރާދަތް ދައްކާލިއެވެ.
“ޔާރައްބީ!” ލައުކުގެ ލޮލަށް ފެނުނު މަންޒަރާއި އިވުނު އަޑުތަކުން ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައެވެ. “ދެން ތިކަމާ މަގޭ މިބަލީގެ ދާއިމީ ރަނގަޅުވުމާ އޮތީ ކޮންގުޅުމެއް؟”
“އަހަންނަށް ލައުކުގެ ފުރާނަ ސަލާމަތް ކުރެވިދާނެ. ތި ބަލި ފަސޭހަކޮށްދެވިދާނެ. އަހަރެން ޖެހޭނީ ކަލޭގެ ލޭފޮދެއް ބޯން. އަދި ކަލޭވެސް ޖެހޭނެ މަގޭ ލޭފޮދެއް ބޯން. މާދަން ހެނދުނު ހޭލާއިރު އެންމެ ކުޑަވެގެން ލަކުނެއްވެސް ނުހުންނާނެ. އަދި މާދަމައަށްފަހުން މުޅި އުމުރަށްވެސް ލައުކު ހުންނާނީ 18 އަހަރުގެ ޒުވާނެއްގެ ގޮތުގަ. އެއީތަ ލައުކު ބޭނުންވާ ގޮތަކީ؟”
“މިބަލީގައި މަރުވެ ދިއުމަށްވުރެން ތިގޮތްވެސް މާ ރަނގަޅު!” ލައުކަށް އަޅަމުންދިޔަ ވޭނުގެ ސަބަބުން ހެޔޮބުއްދިއަށް ވިސްނުނު އެންމެ ރަނގަޅުގޮތް ހާމަކުރިއެވެ.
“އެންމެ ރަނގަޅު. ކުޑަކޮށް ތަދުވާނެ އިނގޭ!” ލައުކުގެ ކަރުދޮށުގައި އަނގަޖަހަމުން ޖޮނަތަންގެ ފޭރާދަތް ވައްދާލިއެވެ. ހަމަ އެއާއެކު ލައުކުގެ ހޭބުއްދި ފިލާދިޔައެވެ.
ޖެހިގެންއައި ދުވަހު ހެނދުނު ލައުކަށް ހޭލެވުނުއިރު ބަލިގަނޑު މުޅިން ރަނގަޅުވެއްޖެއެވެ. އޭގެ ފަހުން ފާހަގަކުރެވުނު އެއްކަމަކީ އެއްޗެހި ހަފާ އުޅުމުގައި ކުރިއަށްވުރެން ފަސޭހަކަމެއް އިހްސާސް ކުރެވެމުން އަންނަކަމެވެ.
*************
ލައުކުގެ ވާހަކަތައް ޝައުޤުވެރިކަމާއެކު އަޑުއަހަން އިން އަމާނީންއަށް ބަލާލިއެވެ.
“އެހެންވީމަ ލައުކުގެ ރައްޓެހި ޑޮކްޓަރު އަދިވެސް އެބައުޅޭތަ؟” އަމާނީން ސުވާލުކުރިއެވެ.
“އާން. ޖޮނަތަން އުފެއްދި ކެޕްސޫލެއް އަހަރެން މިދިނީ. މީގެ އިތުރަށްވެސް މިޒަމާނުގެ ވޭމްޕަޔަރުންނަށް އެއާއި ނުލައި ނޫޅެވޭނެ ބައެއްކަހަލަ ޕްރޮޑަކްޓްސްތައް ޑޮކް އުފައްދާފަ އެބަހުރި.”
“މިސާލަކަށް؟” އަމާނީން އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.
“މިސާލަކަށް ވޭމްޕަޔަރުންނަށް ޚާއްޞަ ސަންސްކްރީން ލޯޝަން ހިމެނޭ. އަދި މިހާރު އިރުގެ އަލިން ރައްކާތެރިކޮށްދޭ ޗިޕެއްވެސް ޓެސްޓްކުރަމުންދަނީ. މިހާރުވެސް މަށަށް ރޯމާދުވާލު ގަޑީގައި އަތްވަށް ނުކުމެ އުޅެވޭނެ. ބަލާލަބަލަ މަގޭ ކަންފަތްދޮށް” ލައުކުގެ ވާތުކަންފަތު ވޮށި ފޭކޮށްލަމުން އަމާނީންއަށް ދެއްކިއެވެ. އެރޭގެ ހަނދުވަރުގެ އަލިކަމުގެ ތެރެއިންވެސް ލައުކު އެބުނާ ކަޅުލައިގެ ކުޑަކުޑަ އިލެކްޓްރޯނިކް ޗިޕްން ބައެއް ފެންނަން ހުއްޓެވެ. “މީގެ އިތުރުންވެސް އަހަރުމެންގެ ދިގު ފޭރާދަތް ފޮރުވުމަށް ޚާއްޞަ ދަތްޕިލައެއްވެސް ހަދާފަވޭ. މަށެއް އެ ދަތްޕިލައެއް ބޭނުމެއް ނުކުރަން” ލައުކު އޭނާއަށް ލިބުނު އައު ރަޙްމަތްތެރިއާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.
އަމާނީންގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެރެއާއި ހަމައަށް އަމާނީން ހީކޮށްގެން އެހުންނަނީ ރާއްޖޭގައި މާގިނަ ވޭމްޕަޔަރުން ނޫޅޭ ކަމަށެވެ. ނަމަވެސް ލައުކުގެ ވާހަކަތަކުން އަމާނީންގެ ފޫހި ޙަޔާތަށް އިތުރު ދިރުމެއް ގެންނުވި ކަހަލައެވެ.
ކުއްލިއަކަށް އެމީހުން އިށީންދެތިބި ފުރާޅުމައްޗަށް ލައުކު ކޮޅަށް ތެދުވިއެވެ. އަމާނީންއަށް އިތުރު ސަޕްރައިޒެއް ދިނުމަށް ވިސްނަމުން އޭނާއާއިއެކު ދިއުމަށް އެދުނެވެ.
“އަޅެ ކޮންތާކަށްތަ؟” އަމާނީން އޮޅުންފިލުވަން ބޭނުންވިއެވެ.
“ހިނގާބަލަ! ވަރަށް މަޖާވާނޭ!” އަމާނީންގެ އަތުގައި ހިފާ ބާރުވައިރޯޅިއެއްފަދައިން މައްޗަށް އުދުއްސައިގަންނަމުން ލައުކު އެދުނެވެ. ފޮނަދޫގެ އިރުމަތީފަރާތުން ދެމީހުން އެކުގައި އުދުހެމުންގޮސް ކައްދުއާއި ފޮނަދުއާއި ދެމެދު އިރުމަތީފަރާތުގައި އޮންނަ ގާމަތީ ރަށެއްކަމުގައިވާ ހުރާގެ ގޮނޑުދޮށަށް ތިރިކޮށްލިއެވެ. ހަމައެއާއެކު ހިޔަލަ މަތިން ހަނދާންވެގެން ލައުކު ސުވާލުކުރިއެވެ. “ކޮބާ އަމާނީންގެ ފްރެންޑް؟”
“އޯހް ނޯ! ހިޔަލަދޯ! މަވެސް ހަނދާން ނެތުނީއޭ ހިޔަލަ މަތިން. ގުޅާފަ އަހަރުން މިތިބިތަން ބުނެލާނަން!” އަމާނީން ފޯނު ނަގައި ހިޔަލައަށް ގުޅާލިއެވެ.
*******************
“ކޮން މިއުޒިކެއްގެ އަޑުތަ އެ އިވެނީ؟ މިރަށުގަ މީހުން އުޅޭތަ؟” ހުރާގެ ހޭޅިފަށުގައި ބޯކޮށް ހެދިފައިވާ ކުރެދިގަސްތަކުގެ ތެރެއިން ރަށުތެރެއަށް ހިނގަމުންދިޔަ ލައުކުގެ ފަހަތުގައި ހުރި އަމާނީން ސުވާލުކުރިއެވެ.
“މިރޭ މީ މިރަށަށް ވަރަށް ޚާއްޞަ ރެއެއް. މީހުން ނޫޅޭ ފަޅުރަށަކަސް މިރޭ މިރަށުގެ ފަޅުކަން ފިލުވަމުންގެންދާ ޒުވާން ގްރޫޕެއް ރަށުގެ އިރުމަތީ ފަރާތުގައި އެބައުޅޭ.” ލައުކު އޮޅުންފިލުވައިދިނެވެ.
“އިންސާނުންތަ؟ ނޫނީ އަހަރުންކަހަލަ އިންސާނުންތަ؟” ލައުކު ދިންޖަވާބުން އަމާނީން އަށް އިތުރު ހައިރާން ކަމެއް ލިބުމުން އަނެއްކާވެސް ސުވާލުކުރިއެވެ.
“ހާދަ ސުވާލު ގިނައޭދޯ! އެމީހުން ކައިރިއަށް ދިޔައިމަ އެނގިދާނެތާ!” ލައުކު ފަސްއެނބުރި ހުއްޓެމުން އަމާނީން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
*********************
“ލާމުގަ އުޅޭ އެންމެ ޒުވާން އެންމެ މަޖާނަގާ ވެމްޕަޔާ ގްރޫޕް!” ހުރާގެ އިރުމަތީފަރާތު ހޭޅިފަށަށް ފޭބިއިރު އެހިސާބުގައި ދިހަވަރަކަށް ޒުވާނުން އަލިފާންގަނޑެއް ރޮކޮށްގެން މަޖާނަގަމުން ގެންދެއެވެ. ހޭޅިފަށުން ތަންކޮޅެއް އެއްގަމުގައި ހަތަރު ޓެންޓް ޖަހާފައި ހުއްޓެވެ. ޓެންޓްތަކާއި ކައިރި ހިސާބެއްގައި އަޅާފައިއޮތް ކުނަލެއްގެ މަތީގައި ކާބޯތަކެތި އަތުރާފައިވެއެވެ.
“ވާހް!” މަޖާ ނަގަމުންދިޔަ ގްރޫޕްގަނޑުފެނިފައި އަމާނީން އުފަލުން ފޮޅުނެވެ. އަމާނީންގެ ކުރިމަތިން ފެންނަމުންދަނީ ހަމަ އޭނާކަހަލަ ވޭމްޕަޔާތަކެއް ނެށުމާއި މަޖާނެގުމުގައި ޙަރަކާތްތެރި ވަމުން އަންނަތަނެވެ. ލައުކު ގްރޫޕްކައިރިއަށް ޖެހިލާ އަމާނީން ތަޢާރަފްކޮށްދިނެވެ. ގްރޫޕްގައި ތިބި ވޭމްޕަޔާތައްވެސް އަމިއްލައަށް ތަޢާރަފްވަމުން ގެންދިޔައެވެ. ކާބޯތަކެތި ހުރި ކުނާމަތީގައި ބަހައްޓާފައިހުރި ފުޅިތަކުން ފުޅިއެއް ނެގުމަށް ލައުކު އެދިމާއަށް ދިޔައެވެ. އަމާނީންވެސް ކުޑަކޮށް އެއްފަރާތަކަށް ޖެހިލާ ހިޔަލައަށް ގުޅިއެވެ. ރަތްލޭ ކުލައިގައި ހުރި އެއްޗެއް އަޅާފައިހުރި ދެފުޅި ހިފައިގެން ލައުކު އައިއިރު އަމާނީންގެ ފޯނުކޯލުވެސް ނިމިއްޖެއެވެ.
“ތާޒާ ލޭ!” ފުޅިއެއް ދިއްކޮށްލަމުން ލައުކު ވާހަކަދައްކަން ފެށިއެވެ. “ހާސްނުވައްޗޭ! ތީ އަސްލު ލެއެއްނޫން. އެހެން ބުނީ މަޖަލަކަށް…. ކޮބާތަ ހިޔަލަ؟”
“އޭނަ އެބަހުރީމޯ ފާލަން ކައިރީގަ. ކޮންތާކު އުޅެއުޅެފަހޭ އަހާލީމަ ބުނި ކުނަހަންދުއަށް ގޮސްސަޔޯ އެ އައީ.” އަމާނީން ހުރީ ހިތްހަމަޖެހިފައެވެ. ހިޔަލަ އެތަނަށް ނަޔަސް ފަރުވާލެއް ނެތްކަހަލައެވެ. “އޭނާ ވަރަށް ފޭކްވާނެ! އުޅޭނެހާތަނެއްގަ އުޅެފަ އައިސް މިހާރު އެބައުޅޭ ރެސްޓްކޮށްލަން ނުދެވިގެން. އަހަރުން ރެސްޓްކުރަންދާ ތަނުން ވިޓަމިން ގުލަ ނަގަންވެގެންނޯވެސް ބުނި”
“އެހެންތަ؟ އެހެންވިއްޔާ ހިނގާ ދަމާ! މަގޭ އަތުން ވިޓަމިން ކެޕްސޫލް ދޭނީ ހިޔަލައަށްވެސް.” މިހެން ބުނުމާއެކު ދެމީހުން ވައިރޯޅިއެއްފަދައިން ގޮސް ހުއްޓުނީ ފާލަން ކައިރިއަށެވެ. އޭރު ފާލަމުގެ އަރިމަތީ ޖަހާފައިހުރި ހިލަގާތަކުގެ މަތީގައި އިށީންދެގެން ހިޔަލަ އިނެވެ. އެހިސާބުން ކުދިކުދި ގާކޮޅުތަކެއް ހޮވައިގެން ފަހަރަކު ގާކޮޅެއް މޫދަށް އުކައުކާ އިނީއެވެ.
“އަދިވެސް މިހިރަ މީހާގެ ކިބައިން ސަލާމަތް ނުވެވިގެންތަ ތިއުޅެނީ؟” ރުޅިވެރިކަމާއެކު ހިޔަލަ ސުވާލުކުރިއެވެ.
“ހާސްނުވޭ! މީވެސް ވެމްޕަޔާއެއް. ނަމަކީ ލައުކު. އެނގޭތަ؟ އަހަރުން ނޫނަސް ބައިވަރު ވޭމްޕަޔާތައް ރާއްޖޭގަވެސް އެބައުޅޭ!”
“އަސްލުވެސްތަ؟…. ތިބުނީ ހަމަރަނގަޅަށްތަ؟ އަހަރުން ނޫނަސް އެހެން ވެމްޕަޔަރުންވެސް ހަމަ އަސްލުވެސް އުޅެނީތަ؟” ލިބުނު ހައިރާންކަމާއެކު ހިޔަލަ ސުވާލު ފައްޗެއް އަމުނާލިއެވެ.
“އަހަނ އާނއެކޭ. އަހަރުން ނޫނަސް ބައިވަރު ވޭމްޕަަޔާތައް އެބައުޅޭ.” އަމާނީންވެސް ހުރީ އުފަލުން ފޮޅިފައެވެ. ހިޔަލައާއި އަމާނީން ނޫނަސް ވޭމްޕަޔާތައް ރާއްޖޭގައިވެސް އުޅޭކަން އެނގުނު ހިނދުންފެށިގެން އޭނާ އެހުންނަނީ އެވާހަކަތައް ހިޔަލައާއި ހިއްސާކުރާހިތުން ކެތްމަދުވެފައެވެ.
‘އެހެންވީމަ ސަޅިއެއްނު!” ހިޔަލަ އުފާފާޅުކުރަން ފެށިއެވެ. ކުޑަކުއްޖަކުހެން ފުންމަން ފެށިއެވެ.
“ވަރަށް ސަޅި. މިއޮށް ހުރިހާދުވަހު އަހަރުންނަށް މިއުޅެވުނީ ކެހިވެރިއެއްގެ ޤައިދުގައޭ ބުންޏަސް ދޮގަކަށް ނުވާނެ ދޯ ހިޔާ!” އަމާނީން ހިޔަލައަށް ދޯ އަޅާލިއެވެ.
“މަޑުކޮށްބަލަ!” ކުއްލިއަކަށް ހިޔަލަގެ މޫނުމައްޗަށް ވެރިވެފައިހުރި އުފާވެރިން ފަނޑުވެގެން ދިޔައެވެ. “ތިހެން ބުނީމަ ކަމެއް ހަނދާންވެއްޖެ!…. އަހަރެން އެބަ ބޭނުންވޭ އަމާނީން ކައިރީގަ ވާހަކައެއް ބުނަން. އެއީ ބައްޕަގެ ވާހަކައެއް. ބައްޕަގެ ސިއްރު ކޮޓަރިކޮޅުގެ ވާހަކައެއް. ބައްޕަ އަހަރެން ލައްވާ ވަޢުދު ކުރުވާފަ ވަނީ އެތާނގެ ވާހަކަ ނުދެއްކުމަށް. ދައްކައިފިއްޔާ އަހަރުމެން ދެމީހުން ގެއިން ނެރެލާނެ ކަމުގެ ބިރުވެސް ދައްކާފަވަނީ. އަދި އެދުވަހުވެސް ބުނި އަހަރުމެންކަހަލަ ވޭމްޕަޔާއަކަށް ދިރިއުޅެވޭނެ އެހެން އެއްވެސް ތަނެއް މިރާއްޖެއަކު ނުހުންނާނެޔޭ!”
“ބުނެބަލަ! ކީކޭތަ ތިކިޔަނީ؟” އަމާނީން ވަރަށް ސީރިއަސް ވެއްޖެއެވެ.
“މިތާ ހުރެ ނުވެއް ބުނެވޭނެ. އެތަން ދައްކަން ބޭނުންވަނީ. ހިނގާ އަހަރުން ގެއަށްދަމާ!” މިހެން ބުނުމާއެކު ތިން ވެމްޕަޔަރުން އުދުއްސައިގަތެވެ. އުދުހެމުން ދިޔައިރު އިރުއިރުކޮޅުން އަމާނީން ހިޔަލަގެ މޫނަށް ބަލަމުން ދިޔައެވެ. އޭރު އަމާނީންގެ ލޭވަނީ ހޫނުވެފައެވެ. ރުޅި މައިތިކުރަން ކިތަންމެ މަސައްކަތް ކުރިއަސް އިތުރަށް ރުޅިގަދަވަމުން ދިޔައެވެ. ފަސްވަރަކަށް މިނެޓްގެ އުދުހުމަކަށްފަހު އެމީހުންނަށް މާލޭ ހެދިގޮނޑުދޮށާހަމައަށް އާދެވިއްޖެއެވެ. މާލެ މަތިން އެމީހުންނަށް ލިބިފައިވަ ޚާއްޞަބާރާއި ހުނަރު ބޭނުންކޮށްގެން ގެއަށް ދިއުމަކީ ބުއްދިވެރިކަމަކަށް ނުވާތީ ތިންމީހުން އެކުގައި ހެދިގޮނޑުދޮށުން އެއްގަމަށް އަރާ މަޖީދީމަގަށް ނުކުތެވެ. އޭރު އަމާނީންވަނީ ޓެކްސީ އަކަށް ގުޅާފައެވެ. މާގިނައިރު ޓެކްސީއަށް އިންތިޒާރުކުރަން ނުޖެހެނިސް އެމީހުންގުޅި ސެންޓަރުން ބުނި ނަންބަރުގެ ކާރުއައިސް މަޑުކޮށްލުމުން ކާރަށް އެރިއެވެ.
ކާރުގޮސް މަޑުކޮށްލީ އަމާނީންމެން ގޭ ކައިރިއަށެވެ. ކާރު މަޑުކޮށްލުމާއެކު ހިޔަލަ ކާރުން ފައިބާ ގޯތިތެރެއަށް ވަނެވެ. އަމާނީންއާއި ލައުކުވެސް ހިޔަލަގެ ފަހަތުން ވަނެވެ. ސިއްތު ފިޔަވަޅުތަކެއް އަޅަމުންގޮސް އެމީހުންވަނީ ކާރުމަތީގޭ ސިޓިންގ ރޫމަށެވެ. ޢާއްމުގޮތެއްގައި އަލިސީދީ ފަތިސް ދަޅައިގައި ނިދިކުރައވާފައި އޮންނަވަނީ ސިޓިންގ ރޫމުގައި އޮންނަ އުދޯލިކޮޅުގައިކަން ހިޔަލައާއި އަމާނީން ދަނެއެވެ.
“ކީއްކުރަންތަ މިއުޅެނީ؟” އަލިސީދީ ނިދިކުރައްވާފައި އޮންނެވިތަން ފެނިގެން އަމާނީން ވައި އަޑުން ސުވާލުކުރިއެވެ. އަލިސީދީ ހޭފުޅުލައްވައިފި ނަމަ އެމީހުންގެ ދުވަސް ދިޔައީކަން އެނގެއެވެ.
“ސިއްރު ކޮޓަރީގެ ދޮރުފަތުގެ ތަޅުދަނޑި އޮންނަނީ އޭނަގެ ބޯލާކޮޅުގައެއްނު!” އަލިސީދީއާއި މުޚާޠަބުކޮށް ފުރަތަމަ ފަހަރަށް ހިޔަލަ މިމޭރުމުން ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ. “އަހަރެން ތަޅުދަނޑި ނަގައިގެން މިދަނީ. ނީންމެން ވަދޭ ވަޅު ގިފިއްޔަށް” ވައި އަޑުން ހިޔަލަ އިރުޝާދު ދިނެވެ.
އަމާނީން އަދި ލައުކު ވަޅުގިފިއްޔަށް ވަނެވެ. އޭރުވެސް އަލިސީދީ އުނދޯލިދާން ކޮޅުގައި ގަދަ ނިދީގައި ނިދިކުރައްވަން އޮންނެވިއެވެ. ތަޅުދަނޑި ނަގަން ގުދުވެލި ވަގުތު އެއްފަހަރަކު އަލިސީދީ ފުރޮޅިލެއްވިއެވެ. އެނޫނީ އެއްވެސް އެހެން ޙަރަކާތެއް ނުކުރައްވާކަން ހިޔަލަ ޔަޤީން ކުރިއެވެ. މަޑުމަޑުން އަލިސީދީގެ ބޯދަށުގައި އޮތް ބާލީހުގެ ދަށަށް ހިޔަލަގެ އަތް ކޮއްޕާލިއެވެ. ފަރުވަތެރިކަމާއެކު އެއްވެސް އަޑެއްބަޑެއް ނުއިއްވާ ތަޅުދަނޑިނެގިއެވެ.
ތަޅު ދަނޑި ނަގައިގެން އަޑެއްބަޑެއް ނުއިއްވާ ހިޔަލަވެސް ވަޅު ގިފިއްޔަށްވަނެވެ. އޭރު އަމާނީންއާއި ލައުކު ތިބީ ވަޅުގިފިލީގައި ހުންނަ ސިއްރު ކޮޓަރީގެ ދޮރުމަތީގައެވެ. ހިޔަލަ މަޑުމަޑުން ދޮރުފަތުގެ ތަޅަށް ތަޅުދަނޑި ޖެހިއެވެ. ދެފަހަރަކު އަނބުލާލިއިރަށް ތަޅު ހުޅުވުނު އަޑު އިވުނެވެ. ދޮރުފަތް ހުޅުވާލުމާއެކު ދޮރުފަތުގެ ހުޅުތައް ހިކިފައި ހުރުމުން ކުރަކި އަޑެއް އިވިގެން ދިޔައެވެ.
“ޔާރައްބީ!” ފެނުނު މަންޒަރުން ލައުކަށް ބުނެލެވުނެވެ. އެމީހުންގެ ކުރިމަތީގައި ހުރީ ދަގަނޑު ތޭރިން ހަދާފައިވާ ކޮށި ތަކެކެވެ. ކޮންމެ ކޮށްޓެއްގައި ދެތިން މީހުން ބަންދުކޮށްފައި ތިއްބެވެ. އެއިން ކޮންމެ މީހެއްގެ އަތަށް ހޮސްޕިޓަލުގައި ލޭނަގަން ބޭނުންކުރާކަހަލަ ހޮޅިއެއް ގުޅާފައި ހުއްޓެވެ. އެމީހުންގެ ނާރުތަކަށް ގުޅާފައިވާ ހޮޅިތަކުން އައި.ވީ ކޮތަޅު ތަކަކަށް ލޭ ޖަމާވަމުން ދެއެވެ. ޤައިދުގައި ތިބި އެންމެންވެސް ވަނީ މިލާ މޯޅިވެފައެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވަރުބަލިކަމާއި ނިކަމެތިކަން ފެންނަން ހުއްޓެވެ. ކޮންމެ މީހެއްގެ ހުދުހުދު ދެލޯވަނީ ތަންމިނަށް ހުޅުވިފައެވެ. އަމާނީން މެންނަށް އެ ލޯތަކުން ފެނިގެންދިޔައީ އާދޭހުގެ މެސެޖް ތަކެކެވެ.
“ކިހާދުވަހެއް ވެއްޖެ ހިޔާ އަށް މިކަންތައްގަނޑު އެނގުނުތާ؟” ކުރިމަތިން ފެންނަމުން ދިޔަ ހިތްދަތި މަންޒަރަށް ބަލަމުން އަމާނީން އަހާލިއެވެ.
“މަސްދުވަސްވަރު ވެދާނެ. އަހަރެން މިމީހުން މިތަނުން ސަލާމަތް ކުރެވޭނެ ގޮތަކާއިމެދު ވަރަށް ވިސްނައިފިން. ބައްޕައަށް ނޭނގޭ ގޮތަކަށް މިކަން ކުރަން ބޭނުންވަނީ. މިބުނީ މިކަން ކުރީ ކާކުކަން ނޭނގޭ ގޮތަކަށް ކުރާށޭ ބޭނުންވަނީ. އެކަމަކު އެގޮތަށް އެކަން ކުރާނެ ގޮތެއް ވިސްނާ ވިސްނާވެސް ނޭގުނު. އެކަމަކު މިހާރު އަހަރުން ނޫން އެހެން ވޭމްޕަޔާ އުޅޭކަން އެނގުމުން މިކަން ކުރަން ނިންމީ. އަހަރެން ނިންމައިފިން މިމީހުންތައް ސަލާމަތް ކޮށްދީފަ ފިލަން. ބައްޕަގެ ހިޔަނިވެސް ނޭޅޭ ހިސާބަކަށް ދާން.” ހިޔަލަ އައިސްފައި ހުރި ރުޅިގަނޑު ގަދަ ކަމުން ވާހަކަ ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ.
“ތިޔައީތަ ދަރިފުޅުގެ ނިންމުމަކީ؟” ފުދޭވަރަކަށް އަނދިރިކޮށް އޮތް އެ ކޮޓަރިއަށް އަލިސީދީ ވެންނެވީ ސިއްރުސިއްރުންނެވެ. އަލިސީދީ ފެނުމުން އަމާނީންގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ.
“ކަލޭތީ ބޮޑު ދޮގުވެރިއެއް!” އަމާނީން ހަޅޭއްލަވައިގަތެވެ. “ކަލޭ ނުބުނަންތަ އަހަރުމެން ތިންމީހުން އެކަންޏޭ މި ރާއްޖޭގަ ވޭމްޕަޔާއަކަށް އުޅެނީ. އޭނ އަލިސީދީ. ކަލޭ ހާދަ ގޮތްކުޑައޭ. ކަލެއަށް ހީވީތަ މުޅި އުމުރަށް އަހަރަމެން ލޮލުގަ އަނދުން އަޅުވައިގެން އުޅެވިދާނޭ!. އޭނ!.”
“އަހަރެން ތިޔަ ދެކުދިންގެ ލޮލުގަ އަދުން އަޅުވައިގެނެއް ނޫޅެން. އަހަރެން ބޭނުންވަނީ ތިޔަ ދެކުދިން ހިމާޔަތް ކުރަން. ތިޔަ ދެކުދިން ނަށް އަޅާލައި އޯގާތެރިވީމަ ތިޔައީތަ ކަންތައް ކުރަންވީ ގޮތަކީ؟” އަލިސީދީ މޮޅިވެރި ރާގަކަށް ބުނެލިއެވެ.
“އަހަރުން ހިމާޔަތް ކުރީއޭ؟ ކޮން އެއްޗަކުން؟ ކާކުގެ ކިބައިން؟” ހިޔަލަވެސް ހަޅޭއްލަވައިގަތެވެ.
“ކަލޭމެން ކައިރީ ތިހިރަ މީހާ ކަހަލަ މީހުންގެ ކިބައިން!” އަލިސީދީ އިނގިލި ދިއްކުރެއްވީ ލައުކުއާއި ދިމާއަށެވެ.
“ކަލޭ. އަލިސީދީ. ކާރުމަތީގެ ކ. މާލެ ރަނގަޅަށް އަޑުއަހާތި. ކަލޭ އެތިބަ މީހުން ބަންދުކޮށްގެން ގެންގުޅެމުން ތި އަންނަ ގޮތަށް އަހަރުން ބަންދުކޮށްގެން އުޅޭތާ މިހާރު ޤަރުނެއްވަނީ. ކަލޭ ތީ އިބްލީހަށްވުރެން ނުބައި ޝައިތޯނެއް. އަޑު އިވިއްޖެތަ އަލިސީދީ!” ބާރު ވައިރޯޅިއެއް ފަދައިން އަލިސީދީ އައިސް ހުއްޓުނީ އަމާނީން ކައިރީގައެވެ. އަލިސީދީގެ ބާރުގަދަ އަތްޕުޅުން އަަމާނީންގެ ވައިނޮޅީގައި ބާރަށް ހިފަ ފިއްތާލިއެވެ. އަމާނީންއަށް ނޭވާލާން ދަތިވެގެން ތެޅެން ފެށުނެވެ.
“ކަލޭގެ އުނދަގޫ ބޮޑުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ!” އަލިސީދީ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ކަލޭ ތިހާބޮޑަށް އެދޭނަމަ އަހަންނަށް ޖެހޭނީ ކަލޭގެ ފުރާނަ ދުއްވާލަން! ދިރޭ ރަހައިގެ އިންޖެކްޝަނެއްތަ ޖަހަންވީ؟ ނޫނީ ލޮނުމެދު ދިޔައިގެ އިންޖެކްޝަނެއްތަ؟ ނޫނޭ. އޭރުން މަރުގެ ހިތިރަހަ މާގަދަވާނެ ދޯ!” އަލިސީދީ މޮޔައެއްފަދައިން ވާހަކަ ދައްކަވަން ފެއްޓެވިއެވެ.
“ބައްޕާ، އަޅުގަނޑަށް މަޢާފް ކުރައްވާ!” އަލިސީދީ އަމާނީންގެ ކަރުގައި ހިފިވަގުތު ހިޔަލައާއި ލައުކު އެއްފަރާތަކަށް ޖެހިލީ އެމީހުންގެ ދެވަނަ ޕްލޭނަށް ޢަމަލުކުރަން ފެށުމަށްޓަކައެވެ. ސިއްރު ސިއްރުން އެމީހުން ނުކުތީ ބޭރުގެއަށެވެ. ބޭރުގޭތެރޭގައި އުނދޯލިދާންކޮޅުގެ ބިއްދޮށުގައި ހުރި ބޮޑުސިންގާ ހައިވަކަރު ފޮށި ހުޅުވާލާ އޭގެތެރެއިން ބަޑިއެއް ނެގިއެވެ. އެއީ އަލިސީދީ ޒަމާނުއްސުރެން ގެންގުޅުއްވާ ބަޑިއެކެވެ. 19 ވަނަ ޤަރުނުގެ ދުވަސްވަރު ގެންގުޅުނު “ކޮގްސްވެލް ޕެޕާރބޮކްސް ޕާރކަޝަން ޕިސްޓޮލް” ނަމަކަށް ކިޔާ ދުވަސްވީ ބަޑިއެކެވެ. ބަޑިއާއެކު އެތާހުރި ޚާއްޞަ ވަޒަންތަކެއްވެސް ނިގިއެވެ. ލައުކުގާތުގައި ހިޔަލަ ކިޔައިދިން ގޮތުން އެވަޒަންތަކަކީ ލޮނުމެދު ދިޔައިގެ ބާރުގަދަ ތާސީރެއް އަޅައިގެން ހަދާފައިވާ ޚާއްޞަ ވަޒަނެކެވެ. މިހާރު ހިޔަލަ އެހުރީ އެ ވަރުގަދަ ވަޒަން ލައްވާފައިވާ ބަޑި އޭނާގެ ބައްޕަގެ މެޔާދިމާއަށް އަމާޒުކޮށްގެންނެވެ.
ކުއްލިއަކަށް ބަޑީގެ ބާރު އަޑާއެކު ވަޒަންގޮސް އެރީ އަލިސީދީގެ މެޔަށެވެ. މޭމަތިން ވާތްފަރާތަށް އެރި ވަޒަން އަލިސީދީގެ ހިތް ތޮރުފާލިއެވެ.
“މަގޭ އުފަ… އުފަ.. އުފަން ދަރިފުޅާ،” އަލިސީދީގެ ނޭވާ ކުރުވާން ފެށިއެވެ. ގައިގެ ހަންގަނޑު ފިހެން ފެށިއެވެ. ފައިކޮޅުން ވާގިދޫވެގެން ކަކޫތާފަތް މައްޗަށް އިށީންދެވަޑައިގެންނެވިއްޖެއެވެ. “ދަރިފުޅަށް އެހާ ރަނގަޅު ދިރިއުޅުމެއް ފަހިކޮށްދިނީމާ… ދަރިފުޅާ… ތީތަ؟ ތީތަ ބައްޕަ.. ބައްޕަ އަށް އާހް… ބައްޕަ އަށް ދިން ހަދިޔާއަކީ؟” މިހެން ބުނުމާއެކު އަލިސީދީގެ ނޭވާ އަވަސްވާން ފެށިއެވެ. ތަޅުންގަނޑުމައްޗަށް އޭނާގެ ހަށިކޮޅު އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. ހަމައެއާއެކު ނޭވާހޮޅިއަށް އެޅި މިކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.
“އަޅުގަނޑަށް މަޢާފްކުރައްވާ ބައްޕާ!” އެއްވެސް ދިރުމެއް ނެތް ގޮތަކަށް އަމާނީން ބުނެލިއެވެ. ހިޔަލަގެ ދެކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތިކިތައްވެސް ހުއްޓިފައި ހުރިކަހަލައެވެ. ހިޔަލަގެ ހަށިގަނޑުވެސް ވަނީ ގަނޑުވެފައެވެ.
“މަށަށް ތިކަން ހަވާލުކުރިނަމަ!” ހިޔަލަ ހުރި ހާލުފެނިފައި ލައުކަށް ބުނެލެވުނެވެ.
“ނޫނޭ. އެކަހަލަ ނުލަފާ މީހެއްގެ މަރުހިފުން އެންމެ ޙައްޤުކަން ބޮޑީ ހަމަ މަށަށް!” މިހެން ބުނުމާއެކު ހިޔަލަގެ އަތުގައިއޮތް ބަޑި ވެއްޓިއްޖެއެވެ.
“މިމީހުންތައް ދޫކޮށްލަން އުޅެމާ!” އަމާނީން އަވަސް ވެގަތީ ކޮށިތަކާ ދިމާއަށެވެ. އަލިސީދީގެ ތަޅުދަނޑި ފަތީގައި ހުރި ތަޅުދަނޑިތަކުން ފަހަރަކު ތަޅެއް ހުޅުވަން ފެށިއެވެ. ޤައިދުކޮށްފައި ތިބި މީހުންގެ ގަޔަށް ގުޅާފައިހުރި ހޮޅިތައް ނައްޓަމުން ހިޔަލަގެންދިޔައެވެ. ލައުކު އެމީހުންނަށް އެހީތެރިވަމުން ކޮށިތަކުން ބޭރަށް ނެރެން ފެށިއެވެ. އަމާނީންވެސް އެންމެ ފަހު ކޮށި ހުޅުވާ ނިމިގެން ލައުކާއި ބައިވެރިވިއެވެ.
**************
އަލިސީދީގެ ގޭގައި މިއަދު ހެނދުނުގެ ނާސްތާ އެހެން ހުރިހާ ދުވަހަކާ ތަފާތެވެ. ސުފުރާމަތި ފަޅުފިލުވާލެވިފައިވަނީ ތަފާތު ވައްތަރު ވައްތަރުގެ ޕެކެޓް ޖޫސްތަކުންނާއި ޕާނާއި ބަޓަރާ ޖޭމާ އަދި ކްރަމްޕީފަދަ ތަކެތިންނެވެ. އަލިސީދީގެ ކާގޭގައި ހުންނަ ދިގު މޭޒުދޮށުގައި 16 މީހުން ނާސްތާކުރަމުން ދިޔައެވެ. ހިޔަލަ އާއި އަމާނީން އަދި ލައުކު ތިބީީ ނާސްތާކުރަމުން ގެންދިޔަ މެހެމާނުންގެ ޚިދުމަތުގައެވެ.
އެމީހުން ނާސްތާކޮށް ނިމުމުން ހަތަރު ޓެކްސީ ގެނެސް ޓެކްސީތަކަށް މީހުން އެރުވިއެވެ. ޑްރައިވަރުންގެ އަތަށް ލާރިދިނީ އަމާނީންއެވެ. އެމީހުން ކާރަށް އެރީ ހިނިތުންވުމަކާއެކު އަމާނީން މެންނަށް ޝުކުރު އަދާކުރަމުންނެވެ.
“ހޫމް. މިކަންވެސް މިނިމުނީ! މިރޭ ނޫނިއްޔާ ތި ނީން މެންނަށް ދެން ނުނިކުމެވޭނެ ދޯ ބޭރަކަށް؟ ތީ ވަރަށް ކަޑަވީ. އެތަނަށް ނުދެވުނީ ތިވީގޮތުން. ދެންއޯކޭ، މަވެސް މަޑުކުރާނީ. އޯކޭތަ އަނެއްކާ؟” ލައުކު ސުވާލުކުރީ ހިޔަލައާއެވެ. ހިޔަލަ ހިނިތުންވެލަމުން ލޯމަރާލިއެވެ.
“ކޮންތާކަށްތަ ނުދެވޭނޭ ތިބުނީ؟” އަމާނީން ސުވާލުކޮށްލިއެވެ. “ލާމަށް ގޮސް ހުރަޔަށްތަ؟”
“ނޫނޭ! އެތަން ނޫނަސް ދާނެ ބައިވަރު ތަންތަން ހުންނާނެދޯ ހިޔާ! ރޭގަވެސް ހިޔާ އުޅުނީ އެތާނގައޭ ދޯ!” ލައުކު ހިޔަލައާ ދިމާކުރަން ފެށިއެވެ.
“ހޫމް. ހޫމް. މިހާރު އެނގިއްޖެ. ކުނަހަންދުއަށްދޯ! އަދިވެސް ހިޔާ ކިޔައެއްނުދެމެއްނު ތިހާވަރަށް ކުނަހަންދުއަށް ދަނީ ކީއްވެގެން ކަމެއް!” އަމާނީން ޝަކުވާގެ ރާގުގައި ބުނެލިއެވެ.
*************
އިރު އޮއްސިއްޖެއެވެ. ކުނަހަންދޫގެ ގޮނޑުދޮށަށް ބީއްސަމުން ގެންދިޔަ ރާޅުގެ އަޑުވެސް ކުޑަކޮށް މައިތިރި ވިހެން ހީވިއެވެ. ފަނިފަޚްސަ ގޮވާއަޑުން އިރުއޮއްސިއްޖެކަން ޔަޤީން ކޮށްދޭން އުޅޭ ކަހަލައެވެ. ވެރިވަމުންދިޔަ އަނދިކަން އުޖާލާކަމަށް ބަދަލުވާނީ އަނެއްކާވެސް މާދަމާގެ އިރު އެރުމުންނެވެ. ނަމަވެސް އަދީލްގެ ޙަޔާތަށް ވެރިވެފައިވާ އަނދިރިކަން އުޖާލާވެ ރޯޝަންވާނީ ކޮންދުވަހަކުން ކަމެއްވެސް ނޭނގެއެވެ.
ރަށުގެ އަތިރިމަތީގައި ހުރި އަކިރިވެލި ފުނިމަތިން އަދީލް ތެދުވިއެވެ. ގެއަށް ދިއުމަށް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިގަތްތަނުން އަދީލަށް މީހަކު ގޮވާލިހެން ހީވެގެން ފަސް އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލައިގެން ހުރި ޖީންސްގައި ހޭކިފައިހުރި ވެލިތައް ފޮޅާލިއެވެ. އަނެއްކާވެސް އިވިގެންދިޔައީ ހަމަކުރިން އިވުނު އަޑެވެ. މިފަހަރު މާ ކައިރިންނެވެ. ފަސް އެނބުރި ބަލާލިއިރު ކައިރީގައި ހުރީ އަދީލް އިންތިޒާރު ކުރަމުން ގެންދިޔަ ކުއްޖާއެވެ. އެތަކެއް ދުވަހެއްގެ ދިގު އިންތިޒާރަށްފަހު މިއަދު ހިޔަލަ އެހެރީ އަނެއްކާވެސް ޢަދީލްގެ ކުރިމަތީގައެވެ.
” އަދީލް…. އަހަންނަށް އެނގޭ އަދީލް އަހަރެން ދެކެ ލޯބިވާކަން … އަދީލް ރޯ ރުއިންތައް އަހަރެން އަބަދުވެސް އަޑު އަހަން… އަދީލަށް ވެފައިވާ ވަޢު….”
“ހުއްޓާލާ!!… ވަޢުދުވީ އަހަރެން ހިތުގައި ޖައްސަންތަ؟ ވަޢުދުވީ އަހަންނަށް މި ވޭންދެނިވި ޙަޔާތް ދޭންތަ؟” ހިޔަލަގެ ވާހަކަތައް މެދުކަނޑާލަމުން ޢަދީލް ބުނެލިއެވެ. އެ އަޑުގައިވަނީ ފުން އަސަރު ތަކެކެވެ. ހިޔަލަގެ އަޑުގައި ހުރި ރިހުމާއި ހިތާމަޔަށްވުރެން ކުޑަތަންފުކެއްވެސް އަދީލްގެ އަޑުން މަދު ހެނެއް ހިއެއް ނުވެއެވެ.
“އަދީލް…. ތިހެން ނުބުނޭ!…. ޢަދީލްގެ ހިތުގައި ޖައްސަން އަހަންނަށް ކެރޭނެހެން ހީވަނީތަ؟ އަހަރެން ޢަދީލަށް އެރޭ ކަމެއް ކުރިންތަ؟ ނޫނީ ދުވަހަކުވެސް އެއްވެސް ގޯނާއެއް ދިނިންތަ؟ އަހަރެން އަދީލް ދެކެ އިންތިހާއަށް ލޯބިވަން … އަހަރަމެންގެ ދެމެދުގައިވާ ދުރުކަމަކީ އަދީލް އަމިއްލައަށް ހޯދި ދުރުކަމެއް!” މިފަހަރު ހިޔަލަގެ އަޑު ތަފާތުވެފައި ހަރުކަށިކަމެއް ހުރިހެން ހީވެއެވެ.
“ހިޔަލަ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނަށް އޮޅުވާލައިގެން ނޫންތަ އުޅުނީކީ؟… ފުރަތަމަވެސް ހިޔަލަގެ ޙަޤީޤަތް ކިޔާދިންނަމަ!”
“ނަމަ، ނަމަ، ނަމަ، ބަލަ އަދީލު މެނެއްނޫންތަ ބަހަކު ދެކޮޅު ބުނަނީ ނަމަޔަކުން ރިހައެއް ނުކެއްކޭނޭ …. ބުނިނަމަ، ކިޔާދިންނަމަ، އަހަންނަށް އަދީލްގެ ލޯބި ހިނދުކޮޅަކަށް ނަމަވެސް ލިބޭނެތަ؟ … މި ސުވާލަށް އަދީލު ދޭނެ މާގިނަ ޖަވާބެއް ނޯންނާނެ!” ހިޔަލަގެ އަޑުގައި ހުރި ހަރުކަށިކަން އިތުރު ވަމުން ދިޔައެވެ. އަޑު ބަރުވެފައި ކުރަކި ވަމުން ދިޔައެވެ.
“މިއަދު ހިޔަލަ އަށް ދެވޭނެ އެއްވެސް ލޯތްބެއް ނެތް…. އަހަރެންގެ ހިތް، އެ ހިތުގައިވާ ހުރިހާ ލޯތްބަކާއިއެކު އެރޭގެ އެ ވަގުތުގައި ހިޔަލައަށް ދިނީމެއްނު؟” އަދީލް އަސަރާއިއެކު ބުނެލިއެވެ.
“ހިތް ދިނީމޭ ކިޔައިގެންވެސް ތިކަހަލަ ބަހަނާތައް ދައްކަނީ ކަލޭމެން އިންސާނުން …. އަހަރެން އަދީލު ތިވާ ލޯތްބަށްވުރެން މާވަރުގަދަ ލޯތްބެއް ވަން… ދެން ކޮން ހިތެކޭ ކިޔާކަށް! ދެން ތިޔަބުނާ ހިތް ދޯ!” މިހެން ބުނެލަމުން ހިޔަލަ ޢަދީލާއި ކައިރިއަށް ޖެހިލިއެވެ.
ކުއްލިއަކަށް ހިޔަލަގެ މޫނު ދެފަރާތަށް އިރެން ފެށިއެވެ. ހަށިގަނޑުގެ މަސްތައްވެސް އިރަ އިރައިގެން ދާން ފެށިއެވެ. އޭރު ހިޔަލަގެ އަނގައިން ބޭރުވަމުންދިޔަ ގަދަ ހަޅޭކުގެ އަޑާއިއެކު އެހާ ނުބައިވަހެއްވެސް ދުވަން ފެށިއެވެ. ޢަދީލުގެ ގަޔަށް ލެއިތިކިތައް ބުރަމުން ދިޔައިރުވެސް އެންމެ ފިޔަވަޅެއް ފަހަތަށް ޖައްސާ ނުލާ ހުރިގޮތަށް ހުރީއެވެ. އިރުކޮޅަކުން ޢަދީލުގެ ކުރިމަތިން ފެންނަން ހުރީ ނުބައި ސިފައަކަށް ހުރި ސޫރައެކެވެ.
“އަދީލުގެ ހިތް އަހަންނަށް ދީފައި އޮތޭ ކިޔައިގެން ބައިސާ ކަނޑާއިރު، ހީކުރީތަ އަހަންނަކީ އިންސި އަންހެންކުދިން ފަދަ މޮޔައެކޭ…. މިރޭ ތިޔަ ބުނާ ހިތެއް އަދީލަށް ދައްކާފަ އަހަރަމެންގެ މިގުޅުން އަބަދުގެ އަބަދަށް ނިންމާލަން އަހަރެން ބޭނުން…” ރުޅިއައިސް ރަތްވެ ފައިވާ ހިޔަލަ ހަޅޭއްލަވަމުން ދިޔައެވެ. ދެލޯ އަނގުރު އަލިފާންހެން އަނދަމުންދިޔަ އިރު އެ ސޫރައިގެ ހަށިގަނޑުން ދުން އަރަމުން ދިޔައެވެ.
އިވެމުންދިޔަ ގަދަ ހަޅޭކުގެ އަޑު އަދީލްގެ ކަންފަތުގައި ނުޖެހެނީކަމެއް ނޭގެއެވެ. އަދީލް ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލައެވެ. ކުއްލިއަކަށް އަދީލުގެ މޭގެތެރެއަށް ވަދެގެން އެދިޔައީ ހިޔަލަގެ ތޫނު އިނގިލިތަކެވެ. އަދީލަށް ލިބުނު ވޭނާއި ތަދުގެ ސަބަބުން ކަރުތެރެއިން އަޑެއް ލައްވާލިއެވެ. ހިޔަލަގެ އަތް ވައްދާލުމާއިއެކު އެ އަތްތިލަ ނެގީ އަދީލުގެ މޭ ނޮޅާލަމުންނެވެ. ހިތާއި ގުޅިފައިވާ ނާރުތައް ބުރިބުރިކޮށްލަމުންނެވެ. ލޭ ފައިބަން ފެށިއިރު ހީވީ ފެންއަޅާފައި އޮތް ފުއްޕާހަމެއް ކުއްލިއަކަށް ފަޅައިގެން ދިޔަހެންނެވެ.
“ފެނޭތަ ހިތް… އޭން …. މީތަ ތިބުނާ ހިތަކީ؟ އޭން… އޭތް … އާނނނނ ހޫން.” ހިޔަލަގެ މުށުތެރޭގައި އޮތް ހިތް އަދީލަށް ދައްކަމުން ދިޔައެވެ. އޭރު އަދީލުގެ ހަށިގަނޑު ބިންމައްޗަށް ވެއްޓި ރޯމަހެއް ތެޅޭހެން ދެފަހަރަކު ތެޅިލާފައި މައިތިރި ވެއްޖެއެވެ.
ހިޔަލަ ބާރު ހިނިގަނޑެއް ޖަހާލަމުން އެނބުރެން ފެށިއެވެ. އަތުގައި އޮތް އަދީލުގެ ހިތުން ލޭތިކިތައް ބުރަމުން ދެއެވެ. ބާރު ވައިރޯޅިއެއްފަދައިން އެނބުރެން ފެށުމުން އެހިސާބުގައި އޮތިއްޔާ އޮތް ފަތްތަކެއްވެސް އެނބުރެން ފެށިއެވެ. ނަގޫރޯޅިއެއް އަރައިގެން އުޅެނީއޭ ހީވާ ކަހަލައެވެ. އިރުކޮޅެއްފަހުން އެ ގަދަ ވައިރޯޅި މައިތިރި ވެއްޖެއެވެ. އޭރު ވައިރޯޅީގެ ތެރެއިން އެނބުރެމުން ދިޔައީ އަންހެން ކުއްޖެކެވެ. ކުރިން ފެނިގެން ދިޔަ ހިޔަލައާއި ކުޑަކޮށްވެސް ވައްތަރު ކަމެއް ނެތް ކުއްޖެކެވެ. އަތުގައި ބްރީފްކޭހެއް އަދި ކޮނޑުގައި ދަބަހެއް އަޅުވާލާފައި އޮތެވެ. އޭނާގެ އަތުގައި އޮތް ރަތްކުލައިން ކަޅިވެފައިވާ އެއްޗަކުން ތިކިތަކެއް ޖަހަމުން ދިޔައެވެ. އެތިކިތަކާއި ދުރު ނޫންހިސާބެއްގައި އަދީލް ހުއްޓެވެ. އަދީލު ހުރީ މޭމަތީގައި އަތްއަޅައިގެންނެވެ. އޭނާ ހުއްޓިހުރި ފިޔަވަޅުގެ ވަށައިގެންވަނީ ލޭގެ ކޯރެކެވެ. ކަޅި ޖަހާނުލާ އަދީލް ބަލަމުން ގެންދިޔައީ އަދީލްގެ ހިތް ހިފައިގެންދާ ކުއްޖާއަށެވެ. ފަރި ހިނގުމެއްގައި ކުނަހަންދޫ ބަނދަރާއި ދިމާއަށް ހިޔަލަ ހިގަމުންދިޔައިރު ޢަދީލް ރާގުއަޅުވާފައި ލަވައެއް ކިޔަން ފެށިއެވެ.
“ހިތް ހަދިޔާ ކޮށްފައިވާތީ ދާން އެކުގާ ބޭނުންވީމޭ”ބާރު ވައިރޯޅިއެއް ފަދައިން ޢަދީލްގޮސް ހިޔަލަގެ އަތުގައި ހިފިއެވެ. ހަމަ އެއާއެކު ބާރުވައިރޯޅިއެއް ފަދައިން ޢަދީލް އާއި ހިޔަލަ ކުނަހަންދޫ ބަނދަރާއި ދިމާ މައްޗަށް އަރަން ފެށިއެވެ.
ސީޒަން 1 ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!