ކުލަގަދަ ރަތްދޫލަ ހަފުލާއާއެކު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި)ގެ ފުރަތަމަ ފީޗާ ފިލްމު “ބަވަތި” އޮލިމްޕަހުގައި ރޭ ޕްރިމިއާ ކޮށްފި އެވެ.

ހައުސްފުލް ޝޯ އަކާއެކު ޕްރިމިއާކުރި އައި ފިލްމްސްގެ “ބަވަތި” ބެލުމަށްފަހު ގިނަ ބައެއްގެ ތައުރީފު ފިލްމުގެ މަސައްކަތާމެދު އަންނަނީ އޮހެމުންނެވެ. ފިލްމު ބެލި ބައެއް މީހުން ބުނީ މިއީ ކޮންމެހެންވެސް ބަލައިލަން ޖެހޭ، މުޖުތަމަޢަށް ރަނގަޅު މެސެޖްތަކެއް ދޭ ފިލްމެއް ކަމަށެވެ.

އިލްޔާސް ލިޔެ، ޑައިރެކްޓްކުރި ސައިކޮލޮޖިކަލް ތުރިލާ “ބަވަތި“ގެ ލީޑް ކުޅެފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ތަރި ނުޒުހަތު ޝުއައިބް އާއި އަލަށް ފީޗާ ފިލްމަކުން ފެނިގެންދާ އަހްމަދު އިފްނާޒް ފިރާގެވެ. މި ދެ ތަރިންގެ އެކްޓިން އަށްވެސް ފިލްމު ބެލި ގިނަބަކު އަންނަނީ ތަޢުރީފުކުރަމުން ނެވެ.

“ބަވަތި”ގެ ލީޑް ނުޒުހަތު، ޑައިރެކްޓަރ އިލްޔާސް އަދި ފިރިހެން ލީޑް އިފްނާޒް- ފޮޓޯ: އައި ފިލްމްސް

ބަވަތި“ގައި ދައްކުވާދެނީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ރޫހާނީ ބާރެއް އައިސް ދިމާވާ ކަންކަތަކެކެވެ. މިއީ ބިރުވެރި، އިޝްޤީ ލޯބި، މައިވަންތަކަމުގެ ލޯބި އަދި ހެއްވާ މަޖާ ބައިކަކާއެކު ވަރުގަދަ ސަސްޕެންސެއް ހިމެނޭ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މި ފިލްމު ކެމެރާކުރީ ހުނަރުވެރި ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) އެވެ. “ބަވަތި” ގައި ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްތައް ހިމަނާފައިވާއިރު، އިފެކްޓްތައް ހެދީ ވީޑިއޯ އުފެއްދުމުގައި ތަފާތުތަކެއް ދައްކަމުން އަންނަ އޯކޭޒް އިންކް އިންނެވެ. މީގެ އިތުރުން ފިލްމުގެ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރީވެސް އޯކޭޒް އިންނެވެ. މިއުޒިކް ހަދާފައިވަނީ މިސްޓީ އެވެ.

“ބަވަތި”ގެ ޕްރޮޑިއުސަރ އާސިމް، އިލްޔާސް ވަހީދު އަދި އަޙްމަދު ވަހީދު – ފޮޓޯ: އައި ފިލްމްސް

ބަވަތި“ގެ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ (ސިމްބެ) އާއި އަޙްމަދު ވަހީދުގެ އިތުރުން އިލްޔާސް ވަހީދު އެވެ.

ފިލްމް “ބަވަތި“ގެ ޖުމްލަ 21 ޝޯވ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ. ފިލްމު “ބަވަތި“ރިލީޒް ވުމުގެ ކުރިން، މި ފިލްމުގެ ސްކްރީނިންގ ރައިޓްސް ދިރާގުން ގަނެފައިވާކަން ފާހަގަކޮށްލެވެއެވެ.

“ބަވަތި” ބެލި ގިނަ ބައެއްގެ
ކޮމެންޓްތައް ހުރީ މިފަދަ ގޮތަކަކަށް – ޓްވީޓެއްގެ ސްކްރީން ޝޮޓް

މި ފިލްމަކީ މި އަހަރު ދިވެހި ސިނަމާ އަށް އައި 8ވަނަ ފިލްމެވެ. އޮލިމްޕަހުން “ބަވަތި” ނެގުމާއެކު މިމަހު 24ގައި ‘މީ ޕްރޮޑްކަޝަން’ގެ ބިރުވެރި ފިލްމު “ކާކު؟” ރިލީޒްކުރުމަށް ތައްޔާރަށް އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.

ބަވަތި“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ