ހިޖުރީ އާ އަހަރަ ފެށުނޫމާ އަފޭން ކުޑައިރު އެންމަ އިންތިޒާރު ކެރަނޫ އާސޫރަދޮހަޔަށް. އެދޮހާ އެޔޯ މުޙައްރަމް މަހު 10ވަނަ ދޮހާ. އާސޫރަދޮހާ އެޔޯ ރޯދަ ހިފަން ދޮހައެއް ކަމަށް ވިޔަސް އެދޮހަޔަށް އޭރު އަފޭން އިންތިޒާރު ކެރަނޫ އެހެންވެއެއް ނޯން.

އާސޫރަދޮހާގެ ކުރޫ ދޮހާ ފިރިހެން ކުދުވެރީން ހޯދާޅަ ދުނބުރިފަތާ، ރޯ ކަށުކޭފަތާ ހިކިފަނާ. އެ ހޯދައިގެން އަތިރި މައްތު ހަދާޅަ ‘ބޮޑަބޭ.’ ބޮޑަބޭ އެޔޯ ބިންމައްތަށް މުޑުވެއް ޖަހާފާ އޭގެ ވަށައިގެން ހިކިފަނުން ފަށަލައެއް އައްސާފާ، އޭގެ މައްތުން ކަށުކޭފަތާ، ދުނބުރިފަތު ފަށަލައެއް ލާފާ، އަނިއްކާވެސް ފަނުން ފަށަލައެއް ލާފާ، މެހެން ތަކުރާރު ކެރަމުން ގޮހޮ އެތެއް ފަށަލައެއް ލައިގެން ހަދަން އެއްޗެއް. ބޮޑަބޭ ހަދާ ނިމެންއިރު އެ ފަލަކަމުން އޭގެ ވަށާ އަތްގުޅިވެސް ނުކާޅަ. މިހާރު އީދަށް ގަހަ ރޮޔެކެރާން ގަހަ ހަދާ އެ އޮޅެނޫ ބޮޑަބޭ ހަދަން ގޮތަށް. ކޮންމެޔަކަސް، ބޮޑަބޭ ހަދާ ނިމީގެން ފޮރުވާފާ ބާއްވާނޫ ފަތިސް ވަންދެކަށް.

ފަތިސް ވޫމާ އަތިރިއަށް ބޮޑަބޭ ގެންގޮހޮ ވެލިރެހާ ކާރީ ޖަހާފާ ބަހައްޓަނޫ. ދެން ބޮޑަބޭ ރޮޔެކެރުން އޮންނާނޫ ފަތިސް ނަމާދަށްފަހު. އެރޭ ފަތިހު ފަތިސް ނަމާދަށް ތެދުވާމު އެކަކަށްވަނީން ކުރޫން އަނިކަކު. އެޔޯ އަވަހާ ފެންވަރާން. އެދޮހާ ފަތިހު އެ ވަރަން ފެނަށް ކިޔަނޫ ‘އާރާ ފެން.’ އެދޮހާ އެންމަ ކުރޫން ފެންވަރަން މީހަކަށް ލިބޭނޫ ދޮން ފެނޭ މާމޭމެން ބޮނަނައިތި އެންމަ ކުރޫން ފެންވެރޭތޯ އެންމޭންވެސް އަވަހާ ތެދުވާޅެތް.

ފަތިސް ނަމާދަކޮށްލައިގެން އެންމެންވެސް ދާނޫ އެގެއަކު މަގު އަތިރިއަށް ބޮޑުބޭ ރޮޔެކެރަން ތަނަށް. ބޮޑުބޭ ރޮޔެކޮށް، އެ އެއްކޮށް އަނދާ ނިމެނޫމާ އަރާނޫ ގޭށަށް.

ގޭށަށް އަރާ ސައި ބޮއެ ނިމެން އިރު އޮންނާނޫ އެދޮހާ އެންމަ އިންތިޒާރު ކެރަން ކަންތެއް ފެށެންހައި އިރަ ވެފާ. އެޔޯ އާސޫރަދޮހާ ކިރަން ގޭގޭށަށް ދިޔުން. އާންމުކޮށް ކިރާނޫ ހަތް އަހަރުން ދަށު ކުޑަކުދޫންނާ މާބަނޑުމީހުން ކަމަށް ވިޔަސް ނަދިރަ ބޮނެގެން އެބުނީ އަހަރެއް ވަންދެކަށް ކިރަން މީހުން އޮޅޭ.

އޭރޭ އާންމުކޮށް އެންމަ ކުރޫން ކިރާ އޮޅެނޫ ދޮންކޭލާ ފާދަލާ ކަންޖާ. ތަންކޮޅެއް ފަހުން އަލަނާސި ފަންޏުވެސް ކިރާން ފެށިޔާ. އޭގެ ތަންކޮޅެއް ފަހުން އަފޫ ކޯކުފުޅިޔާ، ކިރަ ޕެކްޓާ ޖޫސް ޕެކެޓް ކަހަލަ އެއްޗިއްސާ ކުދޫން ކިރާ އޮޅެނާ. ބައެއް މީހުން ރުފިޔާވެސް ބަހާ އޮޅެތް.

ކިރަންތަނަށް ބައިހަދާފާ ރައްޓިހި ކުދޫން އެއްކޮށްގެން ގޮހޮ އެއްބަޔަކަށްވަނީން ގެނާން އެއްޗެހި ހޯދޭތޯ ދުވެ އޮޅެނަ ދޮހާ މިހާރު މާޒީވެ ހިނގިއްޖަ.

އާސޫރަ ދޮހާ ކިރުުމަކޫ ބިދުއައެއްކަން ގަބޫލުކޮށްގެން މި ފޮނަދޫވެސް މިހާރު ކިރާ ނޯޅެނެއްކަމަކު މީގެ ހަތް ވަރަކަށް އަހަރަކުރުވަށް ބަލާލަންއިރުވެސް މިކަން ކެރަމުން ދިޔަޔާ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.