މިމަހު ދެވަނަ ދުވަހުގެރޭ ރިލީޒްކުރި އިލްޔާސް ވަހީދުގެ ފިލްމު “ބަވަތި“ގެ ކާމިޔާމު ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުންދާއިރު، ފިލްމުގެ އައު ޓްރެއިލާއެއް، މޮޅު އެފްއެކްސްތަކަކާއެކު ދައްކާލައިފިއެވެ.

‘އައި ފިލްމްސ’ް އިން ރޭ އާއްމުކޮށްފައިވާ “ބަވަތި“ގެ ދެވަނަ ޓްރެއިލާއިން ގިނަ ސްޕެޝަލް އިފެކްޓާއި ވިޒުއަލް އިފެކްޓްތައް ދައްކާލާފައިވެއެވެ. މީގެ އިތުރުން ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާވެފައިވާ ކަންތައް ކޮންމެވެސް ވަރަކަށް ތިލަވެގެންދާ ފަދަ ވާހަކަތަކެއް އިވިގެންދެއެވެ.

ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުން އަންނަ “ބަވަތި” އަކީ އިލްޔާސް ލިޔެ ޑައިރެކްޓްކޮށްފައިވާ ސަސްޕެންސް ތުރިލާ އެވެ. ފިލްމު ބެލި ގިނަ ބައެއްގެ ތަޢުރީފާއި ތަރުހީބު އޮހެމުންދާ މި ފިލްމުގެ ލީޑް ކުޅެފައި ވަނީ ފިލްމީ ދާއިރާގައި މިހާރު އެންމެ ގަދައަށް ވިދާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ފީޗާ ފިލްމަށް އަލަށް ތައާރަފުވި އަހުމަދު އިފްނާޒް ފިރާގެވެ.

ބަވަތި” އަކީ އިލްޔާސް ވަހީދުގެ 20 އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް އޭނާ ބުނެއެވެ. މި ފިލްމުގެ ޕްރިމިއަރ ނައިޓްގައި ވާހަކަ ދައްކަމުން ޑައިރެކްޓަރު އިލްޔާސް (އިއްލި) ބުނީ ފޮނި އުންމީދުތަކަކާއެކު ފެށި މި މަސައްކަތް މިހާ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމާލެވުނީ މުޅި ޓީމުގެ އެއްބާރުލުމާ އެކުގައި ކަމަށެވެެ.

މި ފިލްމަކީ މިހާތަނަށް ފެނިފައި ނުވާފަދަ ތަފާތު، މޮޅު ދިވެހި ފިލްމެކެވެ. ފިލްމުގައި ދައްކައިދެނީ އަތޮޅު ތެރޭގެ ރަށެއްގައި ހާސްކަމާއި ހަމަނުޖެހުމުގެ ދިރިއުޅުމެއް އުޅެމުންދާ ޒުވާން އަންހެން ކުއްޖަކާއި މާލެއިން އެ ރަށަށްދާ ޒުވާނަކު ކައިވެނިކޮށް، މާލެ އަށް ދިރިއުޅުން ބަދަލުކުރުމަށްފަހުވެސް ދިމާވާ އާދަޔާހިލާފު ކަންތައްތަކެވެ.

ފިލްމުގައި ފެނިގެންދާ ހިތްގައިމު މަންޒަރުތައް ނަގާފައިވަނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި ކެމެރާމަނުންގެ ތެރެއިން ވިދާލާ ކެމެރާމަން ވިސާން (ކަނޑި)އެވެ. ކަނޑިގެ މަންޒަރުތަކަށް އިތުރު ދިރުމާއި ފުރިހަމަކަމެއް ގެނެސްދީފައިވަނީ ފިލްމީ ދާއިރާގައި ތަފާތުތަކެއް ދައްކަމުން އަންނަ ‘އޯކޭޒް އިންކް’ގެ ހުނަރުވެރި ޓީމުގެ ފުރިހަމަ މަސައްކަތުންނެވެ. ފިލްމުގެ ހިތްގައިމު މިއުޒިކް ހަދާފައިވަނީ މިސްޓީއެވެ.

ބަވަތި“ގެ ޝޯތައް މިމަހު 21ގެ ނިޔަލަށް އޮލިމްޕަހުގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައިވެސް ފިލްމު ދެއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ‘އައި ފިލްމްސް’ އިން ބުނެއެވެ.

ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.