ކަނޑުތަކުން ޕްލާސްޓިކް ކެއުމަށްފަހު ފެނަނަށް ބަދަލުކޮށްލާ ބެކްޓީރިއާއެއް ދެ ދަރިވަރުން އީޖާދުކޮށްފިއެވެ.

ދުނިޔޭގެ ކަނޑުތައް ތަޣައްޔަރުވުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. 2050ވަނަ އަހަރު ކަނޑުގައި އުޅޭ މަހަށްވުރެން ގިނަވާނީ ޕްލާސްޓިކް ކަމަށް ދާދިފަހުން ކޮށްފައިވާ ދިރާސާއެއް ބުނެއެވެ. މި ސަބަބަށްޓަކައި މި މަައްސަލައަށް ހައްލެއް ލިބޭތޯ އެތަކެއް ބަޔަކު އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ވަރަށް އުފެއްދުންތެރި ކަންކަމެވެ.

މިއަދު މިކަމަށް އަލަށް އިތުރުވެފައި މިވަނީ ބެކްޓީރިއާއެކެވެ. ދެ ދަރިވަރުން ކަމަށްވާ ޖިޔާނީ ޔާއޯ އާއި މިރަންޑާ ވޮންގް އީޖާދުކުރި ބެކްޓީރިއާއެކެވެ. މިއީ މި ދެ އަންހެންކުދިންގެ މަދަރުސީ ދައުރުން ފެށިގެން ކުރަމުން އައި މަސައްކަތުގެ ފޮނި މޭވާ ލިބިގެންދިޔަ ފުރިހަމަ އީޖާދެކެވެ. އުމުރުން 20 އަހަރުގެ ޖިޔާނީ ޔާއޯ އާއި މިރަންޑާ ވޮންގް ގެ މިއުފެއްދުން އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުއްދައާއި 400 ހާސް ޑޮލަރުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

މި އީޖާދާއެކު މި ދަރިވަރުންނަށް މިހައިތަނަށް ފަސް އެވޯޑެއް ލިބިފައިވެއެވެ. އެމީހުން މަޝްހޫރުވެފައިވަނީ އެންމެ ޅަ އުމުރުގައި ޕާރލްމަން ސައިންސް ޕްރައިޒް އެވޯޑް ހާސިލުކުރެވިފައި ވުމުންނެވެ.

ޖިޔާނީ ޔާއޯ އާއި މިރަންޑާ ވޮންގް އުފެއްދި ކުޑަކުޑަ ބެކްޓީރިއާ މަސައްކަތްކުރާ ގޮތަކީ އެސޮރުމެން ޕްލާސްޓިކް ކެއުމުން، ޕްލާސްޓިކްގައި ހިމެނޭ ކީމި މާއްދާތައް (ކެމިކަލް ކަމްޕައުންޑްސް) ރޫޅާލައި ބަދަލުކޮށްލަނީ ކާބަންޑައިއޮކްސައިޑް ގޭހާއި ފެނަށެވެ. މި ފަންނިއްޔާތު (ޓެކްނޮލޮޖީ) ބޭނުންކުރަނީ ދެ ގޮތަކަށެވެ. އެއީ ފަންނުތައް (ބީޗްތައް) ސާފުކުރުމަށާއި ފޮތި އުފެއްދުމަށް ބޭނުންވާ މައިގަނޑު މާއްދާތައް އުފެއްދުމަށެވެ.

“އިންސާނުން، ޕްލާސްޓިކް ބޭނުންނުކުރާ ގޮތް ހެދުމަކީ ކުރެވޭނެކަމެއް ނޫން، އެހެންކަމުން ޕްލާސްޓިކް އެއްކޮށް ހަލާކުކޮށްލުމަށް ފަންނިއްޔާތެއް އަހަރުމެން ބޭނުންވޭ. އޭރުން ހުރިހައި އެއްޗެއްސަކީވެސް ގުދުރަތީގޮތުން ފީވެ ހަލާކުވެގެންދާ ތަކެއްޗަށް ބަދަލުވީ.” މިރަންޑާ ވޮންގް ބުންޏެވެ.

މި ފަންނިއްޔާތު ތަރައްޤީކުރުންވެސް ބަހައިލެވިފައިވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ކަމަކަށް ޕްލާސްޓިކްތައް މި ޖެހެނީ އެންޒައިމް އަކާއި އެއްކޮށްލައި ކުދިކުދި އެތިކޮޅުތަކަކަށް ބަދަލުކޮށްލާށެވެ. އެއަށްފަހު، މި އެތިކޮޅުތައް ‘ބަޔޯޑައިޖެސްޓަރ މަރުކަޒަކަށް އަޅާލައެވެ. އެހިނދު އެތަކެތި މަސައްކަކަތް ކުރާނީ ކާބޯތަކެތިން އުކާލާ ބައިތަކެއްގެ ގޮތަށެވެ. ކޮންމެއަކަސް މި ތަކެތި އެ މަރުކަޒުގައި 24ގަޑިއިރު ބެހެއްޓުމުން ޕްލާސްޓިކުތައް، ފެނަށް ބަދަލުކޮށްލައެވެ.

މަސްދަރު: http://www.thescienceandspace.com/

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.