އައި ފިލްމްސްގެ ނަމުގައި ފިލްމު ޕްރޮޑަކްޝަން ހައުސް އެއް ޓީވީ ޕްރޮޑިއުސަރ އިލްޔާސް ވަހީދު ހެދީ އޭނާ މީގެ 20 އަހަރު ކުރިން ދެކެންފެށި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައެވެ. އައި ފިލްމްސް އިން ރިލީޒްކޮށް، ކާމިޔާބުކަމާއެކު މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ސަސްޕެންސް ތްރިލާ “ބަވަތި” ޑައިރެކްޓްކުރީ ފީޗާ ފިލްމު ޑައިރެކްޝަނަށް އަލަށް ނިކުތް އިލްޔާސް ވަހީދެވެ.

ފިލްމު “ބަވަތި”ގެ ޑައިރެކްޓަރު އިލްޔާސް، ފިލްމު ޕްރޮމޯޓްކުރުމަށް އެތަކެއް އިންޓަވިއުތަކެއް އެކިއެކި މީޑިއާތަކަށް ދިނެވެ. ނަމަވެސް އެއިން އެއްވެސް އިންޓަވިއުއެއްގައި އިލްޔާސް ވެސް އަދި އެއްވެސް އެކްޓަރެއް ނުވަތަ ޓެކްނިކަލް ކްރޫގެ އެއްވެސް މީހަކު ނުބުނާ ޖުމްލައެއް އެބައޮތެވެ.

“މި ފިލްމު ތަފާތުވާނެ، މިއީ ތަފާތުކަމެއް ފެންނާނެ ފިލްމެއް.”- މިއީ ހަމަ ގައިމުވެސް “ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އިން ކުރަމުން މި އައި އައުމުގައިވެސް ފިލްމުގައި ހިއްސާވާ އެއްވެސް ފަންނާނެއް ބުނެފައިނުވާ ޖުމްލައެކެވެ. އެހެން ނަމަވެސް “ބަވަތި” ޓީމުން ތަފާތު ދެއްކީ މިއީ ތަފާތު ފިލްމެކޭ ނުބުނެއެވެ.

“ބަވަތި” ތަފާތުވީ ކީއްވެ؟

– ފިލްމު ބަލައިލުމުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކުރެވުނީ މިއީ އިޝްތިހާރުތައް ބަލާފައި ހީކުރެވުނު ގޮތަށް ބިރުވެރި ފިލްމެއް ނޫންކަމެވެ. މިއީ ވަރުގަދަ ސަސްޕެންސެއް ހިމެނޭ މޮޅު ސައިކޮލޮޖިކަލް ތްރިލާއެކެވެ. ފިލްމު ފެށިގެންގޮސް ނިމެންދެން އިންނަން ޖެހުނީ ދެންވާނީ ކިހިނެއްބާއޭ؟، މިވަނީ ކިހިނެއްބާއޭ؟ ހިތަށްއަރާ ހާލުގައެވެ. ފިލްމު ޕްރިމިއާ ކުރުމުގެ ދެތިން ދުވަހެއް ކުރިން ޑައިރެކްޓަރު އިލްޔާސް މުނިއަވަސް އަށް ބުނި ފަދައިން ފިލްމުގައި ހިފަހައްޓާފައިވާ ‘ޝޮކިން” ސަސްޕެންސްގެ ފޫދުއްވައިލަނީ ފިލްމުގެ އެންމެ ފަހު ފަސްވަރަކަށް މިނެޓް ތެރޭގައެވެ.

– ފިލްމު ގެ ވާހަކައަކީ އިލްޔާސް ލިޔެފައިވާ މޮޅު، ތަފާތު ވާހަކައެކެވެ. މިއީ ދިވެހި މުޖުތަމަޢުގައި މިހާރުވެސް ހިނގަމުން އަންނަ މުހިންމު ކަމެއްގެ މައްޗަށް އަލިއަޅުވައިލާ ލިޔެފައިވާ ވާހަކައެކެވެ.

– އިލްޔާސްގެ އަލަތު ފިލްމަށް ރިސްކް ނެގީ އާ ތަރިން ހިމަނައިގެންނެވެ. ފިލްމުގެ ލީޑް ނުޒުހަތު ޝުއައިބް ގެ އިތުރުން މުޙައްމަދު ރަޝީދު (ދަރާބެ) ފިޔަވައި “ބަވަތި”ގައި ހަރަކާތްތެރިވަނީ ދިވެހި ފީޗާ ފިލްމަށް އައު ފަންނާނުންނެވެ. ފިލްމުގެ ފިރިހެން ލީޑް އިފްނާޒަކީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުންނާއި ބައެއް އިޝްތިހާރާއި ޑްރާމާ ކުޅެ ތަޖުރިބާތަކެއް ހޯދާފައިހުރި ފަންނާނެއް ނަމަވެސް އޭނާއަކީވެސް ފިލްމީ ދާއިރާއަށް އައު ފަންނާނެކެވެ. ނަމަވެސް “ބަވަތި” ފިލްމު ބަލައިލުމުން އައު ތަރިންގެ ފަރާތުން ފެނިގެންދިޔަ ތަފާތަކީ އެ ތަރިންނަކީ ފިލްމީ ދާއިރާއަށް އައު ބައެއްކަން ކުޑަކޮށްވެސް އިހްސާސްނުވާހާ މޮޅު އެކްޓިންއެއް ދައްކާފައިވުމެވެ. މި ތަފާތު، އެ ފަންނާނުން ދެއްްކީ އެކްޓިން ކްލާސްތަކާއި ޝޫޓިން ޖެއްސުމުގެ ކުރިން، އެތަކެއް ޕްރެކްޓިސްތަކެއް ކޮންމެ ސީން އަކަށް ކުރެވިފައިވުމުންނެވެ.

– ފިލްމުގައި ވާގޮތްވެސް ވަރަށް ތަފާތެވެ. ފިލްމުގައި ނުޒޫ އަކީ ޝެހެނާޒް އެވެ. އަތޮޅުތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ވަޒީފާ އަދާކުރަނީ ރަށު ސްކޫލުގައެވެ. އިފްނާޒަކީ ފިޓްނަސް އިންސްޓްރަކްޓަރ އިބޫއެވެ. ޝެހެނާޒްގެ ރަށަށް އިބޫ ދަނީ ކަސްރަތު ކުލާސްތަކެއް ހިންގުމަށެވެ. އެރަށަށް ދިއުމާއެކު އިބޫއަށް ޝެހެނާޒް ފެނެއެވެ. ޝެހޭ ފެނުމާއެކު އިބޫއަށް ނުއެނގި ނަމަވެސް އިބޫގެ ހިތް ޝެހޭއަށް ދެވެއެވެ. ޝެހޭ އާ ވާހަކަދައްކަން ހިތްއެދި ގޮތައެވެ. ރަށުތެރޭގައި ޝެހެނާޒޭ ކިޔައިގެން މީހުން ދައްކާ ވާހަކަތައް އިބޫއަށްވެސް އިވެއެވެ. ނަމަވެސް އެ ވާހަކަތަކަށް އިބޫ ސަމާލުކަމެއް ނުދެއެވެ. ޝެހެނާޒުގެ ހިތް އަތުލުމަށް އިބޫ ފަށާ މަސައްކަތް ކާމިޔާބުކުރެއެވެ.

ޝެހެނާޒޭ ކިޔައިގެން ރަށުތެރޭގައި ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް ވަރަށް ތަފާތެވެ. ޝެހެނާޒްގެ ބައްޕައަކީ ވާގިނެތޭބަލި ޖެހިފިފައި އިންނަ މީހެކެވެ. އެއްގޭގައި އުޅުނު ނަމަވެސް ޝެހެނާޒްގެ މަންމައާ ބައްޕައާ ގުޅުމެއް ނެތެވެ. ގުޅުން ނޯންނަ ސަބަބުވެސް ފިލްމުގެ ސަސްޕެންސާހަމައިން އެނގޭނެއެވެ. ޝެހެނާޒުގެ ބައްޕަ ބެލެހެއްޓުމަށް ބޭރުމީހެއް ހަމަޖައްސާފައި ހުރެއެވެ.

ޝެހެނާޒްގެ މަންމަ އުޅެނީ ހިލޭ ފިރިހެނަކާއެކު އެވެ. އެކަމާ ގުޅިގެން ދެމައިންގެ ގުޅުން ވެސް ގޯހެވެ. ނަމަވެސް އެއީވެސް އަސްލު ހަގީގަތެއް ނޫނެވެ. ޝެހެނާޒްގެ މަންމަ (ފާތުން) އާއި އެކުގައި އުޅޭ ހިލޭ ފިރިހެން މީހާ (ދަރާ ރަޝީދު) އާއި ދެމެދުގައި އޮންނަ ގުޅުމުގެ ޙަގީގަތް އެނގޭއިރު އެއީވެސް މުޅިން ތަފާތު ހަގީގަތެކެވެ.

ޝެހެނާޒަށް ލިބެމުން އަންނަ ހިތްދަތިކަމުން ސަލާމަތްވާނެކަމުގެ އުއްމީދު ލިބެނީ އިބޫ އޭނާއާއި ކައިވެނިކުރާ ހިސާބުންނެވެ. ކައިވެނިކޮށްގެން ޝެހޭ ގޮވައިގެން އިބޫ މާލެދެއެވެ. އިބޫގެ ގޭގައި ޝެހެނާޒަށް ގޮތް ނޭނގޭ ވަރަށް ގިނަ ތަފާތު ކަންތައްތަކަކާ ކުރިމަތިލާން ޖެހެއެވެ. އެކަންކަމުގެ ހައްލު ހޯދުމަށް މަސައްކަތް ފަށައެވެ. ފަންޑިތަ ހައްދާ ހިތްނުވިޔަސް ފަންޑިތަވެސް ހައްދައެވެ. އޭގެ ފަހުން ޑޮކްޓަރީ ފަރުވާ ވެސް ހޯދައެވެ.

އިބޫ ވަރަށް މަސައްކަތްކޮށްގެން ޝެހޭ އަށް ކުރިވަމުން އަންނަ މައްސަލަތަކަށް ހައްލު ހޯދައެވެ. ޝެހެނާޒަށް ދިމާވަމުންދާ ކަންތައްތަކުގެ ޙަޤީޤަތް ތިލަވާއިރު، އެއީ ހީވެސް ނުކުރާފަދަ ތަފާތު ހިތި ޙަޤީޤަތެކެވެ. ޝެހެނާޒަށް ކުރިން ކުރެވިފައިވާ ހީތައް އެނގޭއިރު ތިލަވެގެންދަނީ ތަފާތު ހަގީގަތެކެވެ.

– “ބަވަތި”ގެ ވީޑިއޯ މަސައްކަތް ވަރަށް ތަފާތުވެފައި ކޮލިޓީ އެވެ. މިއީ ގިނަ ސްޕެޝަލް އިފެކްޓަކެއް އެކުލެވޭ ފިލްމެކެވެ. ސްޕެޝަލް އިފެކްޓްގެ މަސައްކަތް ވަރަށް ފުރިހަމައަށް ކޮށްފައިވަނީ އޯކޭޒް އިންކް އިންނެވެ. ރާއްޖޭގައި އުފެއްދި ފިލްމެއްގައި މިވަރުގެ ފެންވަރު ރަނގަޅު، ތަފާތު މަސައްކަތްތަކެއް ފެނިފައެއް ނުވެއެވެ.

– ރުތުބާގެ މޭކަޕްވެސް މޮޅުވެފައި ކިތަންމެހާވެސް ތަފާތެވެ. ޝެހޭގެ ކެރެކްޓަރަށް ނުޒޫ ފިޓްކުރުމަށް، މޭކަޕެއް ނުކޮށް ހުންނައިރު ފެންނަގޮތަށް، ތަފާތު މޮޅު މޭކަޕެއް ކޮށްދިނުމުން ފެށިގެންގޮސް، ޒަޚަތްވެފައިވާ މޭކަޕްވެސް ކޮށްފައިވަނީ އަސްލާއި އެއްވެސް ތަފާތެއް ނެތްހައި މޮޅަށެވެ.

– ހަމަ ގައިމުވެސް އިލްޔާސްގެ ޑައިރެކްޝަން މޮޅުވެފައި ތަފާތުތަކެއް ނުދެއްކުނުނަމަ، “ބަވަތި” މިއީ ދިވެހި ފިލްމީ ދާއިރާއަށް ގެނެސްދިން ތަފާތު، މޮޅު ފިލްމެކޭ ބުނެވޭކަށް ނޯންނާނެއެވެ.

“ބަވަތި” ރިލީޒްކުރީ މިމަހު 02ގައެވެ. ފިލްމުގެ ޝޯތައް މިމަހު 21ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތަފާތު މޮޅު ދިވެހި ފިލްމެއް ބަލައިލަން ބޭނުންނަމަ، އަދިވެސް ވަގުތު އެބައޮތެވެ. “ބަވަތި” އަކީ ދިވެހި ފިލްމު ބެލުމަށް ފޫހިވާކަމަށް ބުނާ މީހުންވެސް މި ފިލްމު ބެލުމަށްފަހު، މިއީވާ ތަފާތު މޮޅު ފިލްމެކޭ ބުނާނެ ފިލްމެއްކަމުގެ ޔަޤީންކަންދެމުން އެގެންދަނީ މި ފިލްމު ބެލި މީހުންކަންވެސް ފާހަގަކޮށްލެވެއެވެ.

”ބަވަތި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ