ކީރިތި ޤުރުއާން އުނގެނިވަޑައިގަތުން

އެންމެ ތުއްޕުޅުއިރުގައި ވެސް ލިލީއަށް ކިޔަވައިވިދާޅުވުމުގެ ފުރުޞަތު ވަރަށްބޮޑަށް ފަހިވެލައްވައިފައިވެއެވެ. ލިލީގެ މަންމައާއި ބައްޕަ ލިލީއަށް އެ ފުރުޞަތު ވަރަށް ބޮޑަށް ތަނަވަސްކޮށްދެއްވެވިއެވެ. ލިލީގެ އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންނަށްވުރެ ވެސް ބޮޑަށް ލިލީއަށް އެ ފުރުޞަތު ލިބިވަޑައިގެންދިޔައެވެ.

ތުއްޕުޅުއިރުގައި ބައްޕައާއެކީ އެދުރުދައިތަ ދޮންމަނިކައްތަގެ ގެއަށްވަޑައިގަންނަވާ ހަނދާންވެލައްވާކަމަށް ލިލީ ވިދާޅުވިއެވެ. ބައްޕައަކީ މާކެޔޮޅެއް ކަމަށް ވުމުން ގިނަ ވަގުތު ހޭދަކުރައްވަނީ ކަނޑުމަތީގައެވެ. އެހެން ކަމަށް ވުމުން ދިރިއުޅުމުގެ ހުރިހައިކަމެއްވެސް ޢާންމުގޮތެއްގައި ބަލަހައްޓަވަނީ މަންމައެވެ. ކަން މިހެން ހުރުމުން ދޮންމަނިކައްތަގެ ގެއަށް ގިނައިން ގޮސްއުޅުއްވަނީ މަންމައާ އެކީގައެވެ. އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން ގިނިކަންޏާ ވަޑައިގަންނަވަން ވެސް ޖެހިވަޑައިގަނެއެވެ.

ދޮންމަނިކައްތައަކީ ރަށުގެ ވަރަށްގިނަ ކުދިންނަށް ކީރިތި ޤުރުއާން އުނގަންނަވައިދެއްވެވި ބޭކަނބަލެކެވެ. އެހެންނަމަވެސް ދޮންމަނިކައްތަގެ އަރިހުގައި ލިލީގެ މަޤާމަކީ ކޮބައިތޯއެވެ. އާދެ! ލިލީގެ ބައްޕަ ގާތުގައި ދޮންމަނިކައްތަ ނަންގަނެފައިވަނީ ކީކޭތޯ ބައްލަވާލައްވަމާ ހިންގަވާށެވެ. “އަޝްރަފަކީ އަޅުގަނޑުގެ މިތުރެވެ.”

އާދޭހެވެ. ޢިލްމު އުނގަންނަވައިދެއްވާ ބޭކަނބަލަކު މި މޭރުމުން ވިދާޅުވާނީ، ދަރިވަރަކީ ވަރަށް ބަސްއަހާ
ކުއްޖަކަށްވުމުންކަން ޔަޤީނެވެ. ލިލީއަކީ އެދުރުދައިތައަށް ނުހަނު ޤަދަރުކުރައްވާ ކުއްޖެކެވެ. ޤަވާއިދުން ފިލާވަޅުތައް ދަސްކުރައްވާ ކުއްޖެކެވެ. ޢުމުރުން އަށް އަހަރުތެރޭގައި ކީރިތި ޤުރުއާން ފަރިތަކޮށް ކިޔުއްވަން ދަސްފުޅުކުރައްވައި ޚަތިމު ކުރެއްވެވިއެވެ. ކަންމިހެންހުރުމާއެކީ އެދުރުދައިތަ ވެސް ލިލީދެކެ ނުހަނު ލޯބިވެއެވެ.

ކީރިތި ޤުރުއާން ޚަތިމުކޮށް ނިމުނު ދުވަހު، މަންމަ ފަރިވަޅު ކައްކަވައިގެން އެދުރުދައިތަގެ ގެއަށް ގެންދެވި ހަނދާންވެލައްވާކަމުގައި ލިލީ ވިދާޅުވިއެވެ. އެދުރުދައިތަގެ ހާޒިރުގައި، މި ފަރިވަޅު ހިފައިގެން މަންމަ ދުރުވީ “ކަރައުނާ ވަލު ޒިޔާރަތާ”ގެ ނަމުން ނަންދެވިފައިވާ ޒިޔާރަތްދޮށަށެވެ. މި ޒިޔާރަތަކީ، އޭރު ގއ.ނިލަންދޫގައި ހުންނަ ޒިޔާރަތެއްކަމަށް ލިލީ ވިދާޅުވިއެވެ.

ކޮންމެ ހުކުރުދުވަހަކީ، އެ ޒިޔާރަތްދޮށުގައި ޞަލަވާތްކިޔެވުން އޮންނަދުވަހެކެވެ. މި ޞަލަވާތްކިޔަވާއިރު އެދުރުދައިތައާއި، އެދުރައިތަގެ ދަރިވަރުން ޒިޔާރަތްދޮށުގައި ހާޒިރުވެތިބޭނެއެވެ. އެދުރުދައިތަގެ އަޑުދަށުން ހުރިހާކުދިން ވެސް ޞަލަވާތް ކިޔަވަމުންދާނެއެވެ.

ދިވެެހިބަހާއި ތާރީޚުގެތެރެއަށް ވަދެވަޑައިގަތުމާއެކު، “ކަރައުނާ” މި ލަފުޒާއިމެދު ފުންކޮށް ފިކުރުކުރެއްވިކަމަށް ލިލީ ވިދާޅުވިއެވެ. މި ލަފުޒު އުފެދިފައިވަނީ “ކަރަ” އާއި “ނާ” މި ދެ ލަފުޒު އެކުވެގެންކަމަށް ވެސް ވެދާނެކަމުގައި ލިލީ ވިދާޅުވިއެވެ. ދަންނައެ، “ކަރަ”އަކީ، ރާއްޖެއިން ބޭރު ބޮޑެތި ބައެއް ބައްރުބައްރަށް ކިޔައި އުޅޭ ނަމެކެވެ. “ނާ” އަކީ، ނަވެވެ.

އާދެ! “ކަރައުނާ ވަލު ޒިޔާރަތާ”ގައި ފަސްދާނުލެވިފައިވާ ބޭކަލަކީ، ބޭރު ކަރައަކުންއައި ނަަވަކުން ރާއްޖެ ޒިޔާރަތްކުރެއްވި ބޭކަލެއްތޯ، ނުވަތަ ނިޔާވެގެން ލެއްގި ބޭކަލެއްތޯ ވިސްނިވަޑައިގެން، އެ ޒިޔާރަތް ހުންނަތަން ބައްލަވާލެއްވޭނެ ގޮތެއްވޭތޯ ބެއްލެވިކަމުގައިވެސް ލިލީ ވިދާޅުވިއެވެ. ނަމަވެސް އޭރު އެ ހިސާބުން ގެވަޅު ދޫކޮށް މީހުން ދިރިއުޅެން ފަށައިފިއެވެ. މިއީ އެ ޒިޔާރަތާއިމެދުގައި ކުރެއްވެވުނު ދޭހައެއްކަމުގައި ލިލީ ވިދާޅުވިއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.