13 ސެޕްޓެމްބަރ 2019 ގެ ލިޔުމާއި ގުޅޭ…..

ތަޢުލީމީ ޙަޔާތްޕުޅު

ލިލީގެ އެންމެ ފުރަތަމަ އެދުރަކީ، މައިފުށުގެ ބޮޑުދައިތަ ކައިދާގެ ފާޠިމަތު އިބްރާހިމްދީދީ(ދީދިއައްތާ)ގެ ވަލީދު ޢަލީއެވެ.

ވަލީދު މާލެއިން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ރަށަށްވަޑައިގެން، ރަށުގައިތިބި ކުޑަކުދިން ގެއަށް ގެންދަވައިގެން އަކުރު އުނގަންނަވައިދެއްވާން ފެއްޓެވިއެވެ. އޭގެތެރޭގައި ތާނައަކުރާއި، ޢަރަބިއަކުރާއި، ވިޔައަކުރުތައް ހިމެނެއެވެ. ވިޔައަކުރުތައް އެއްކޮށް، ކަނޑައި، ގުނަކުރާން ދަސްކޮށްދެއްވެވިއެވެ. ހިސާބު ޢިލްމުގެތެރޭގައި ހިމެނޭ “ކަސްރު” އުނގަންނަވައިދެއްވެވިއެވެ. މީގެއިތުރުން ކުދިންގެ އަތުލިޔުން ރީތިކުރުމަށް ތާނައިގެ ރިވެތި ފޮޅުވަތްތައް ލިޔަން ދެއްވެވިއެވެ.

ހަމައެހެންމެ ޅެންބައިތުތައް ލިޔަން ކުދިން ޝައުޤުވެރި ކުރެއްވެވިއެވެ. އާދެ!

“ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެ ފަހަރަކު ދޭހުގާ،
ގިސްލުމައި ހިތިކަރުނަ އޮހޮރަންޖެހިދެޔޭ މުޅި ޢުމުރުގާ،” މި ޅެންބައިތަކީ، އަތުލިޔުން ރީތިކުރެއްވުމަށް ލިޔުއްވާ އުޅުއްވި ޅެންބައިތެއްކަމަށް ލިލީ ވިދާޅުވިއެވެ.

ވަލީދުގެ އަރިހުން ތަޢުލީމް ޙާޞިލްކުރެއްވުމަށްފަހު، ލިލީ ދެން ވަޑައިގެންނެވީ “އެދުރުގެ” ކިޔާ ގެއަކަށެވެ. ވަލީދުގެ އެއްބަނޑު އުޚުތެއްކަމުގައިވާ އާމިނަތުގެ ފިރިމީހާ ލުޠުފީގެ އަރިހުން ހިސާބު ޢިލްމު އުނގެނިވަޑައިގަތުމަށެވެ. މިގޮތްމަތިން ދުވަސްތަކެއްވަންދެން ލުޠުފީގެ އަރިހަށް ވަޑައިގަންނެވިއެވެ.

އާދެ! މީލާދީ ސަނަތުން އޮނަވިހި ސަތޭކަ ސަޔާހިވަނަ އަހަރަކީ، މާލްދީބުގައި ނިޒާމީ ތަޢުލީމެއްގެ ދަށުން ކިޔަވައިދިނުމަށްޓަކައި، މަކުތަބުތައް އުފެއްދެވި އަހަރެވެ. މަކުތަބުތަކަށް ކުދިން ވެއްދުމަށްޓަކައި، ސަރުކާރުން ވަކި އުޞޫލުތަކެއް ކަނޑައެޅުއްވިއެވެ. ސަރުކާރުގެ ފަރާތުން، ރަށުއޮފީހަށް ކުދިން ގެންދަވައިގެން އަނގަބަހުގެ އިމްތިޙާނުތަކެއް ކުރެއްވެވިއެވެ.

އޭރު ގއ.ނިލަންދޫ ރަށުއޮފީސް ހިންގަވަނީ، “އަށިގެ” ކިޔާ ތަނެއްގެ ތެރޭގައެވެ. މި އަށިގެއަކީ ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދައުރުގައި ހެއްދެވި ބޮޑު އަށިގެތަކުގެ ތެރެއިން ގއ.ނިލަންދޫ ގައި ހައްދަވައިފައިވާ އަށިގެއެކެވެ.

އިސްވެ މި ދެންނެވި އަށިގޭގައި ރަށު އޮފީސް ހިނގަމުންއައި ދުވަސްވަރު ކުދިން އިމްތިޙާނުކުރެއްވީ، ގއ.ނިލަންދޫގައި އޭރު މުދިމަކަށް ހުންނެވި އަލްމަރުޙޫމް ޢަބްދުލް ޣަފޫރެވެ. މި އިމްތިޙާނުގައި ކުދިންނަށް އިސްލާމްދީނުގެ ކަންތައްތައް އެނގިފައިހުރީ ކިހާވަރަކަށްތޯ ބެއްލެވިއެވެ. ކުދިންނަށް ޝަހާދަތާއި، ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެއްލެވިއެވެ. ތާނައަކުރު އެނގިފައިހުރީ ކިހާމިންވަރަކަށްތޯ ބެއްލެވިއެވެ. އެއްކޮށް، ކަނޑައި، ގުނަކުރާން އެނގޭތޯ ބެއްލެވިއެވެ.

މިގޮތަށް އިމްތިޙާނުކޮށް ކުދިންގެ ފެންވަރުހުރި މިންގަނޑަކުން ގުރޭޑުތައް ކުރެވެމުންދިޔައެވެ. އޭރުގައި އުފެއްދެވީ ގުރޭޑު އެކެއް، ދެއެއް، ތިނެއް، ހަތަރެއް، ފަހެއް މި ގުރޭޑުތަކެވެ. މިގޮތްމަތިން އަޅުގަނޑުމެންގެ ލިލީއަށް ގުރޭޑު ތިނަކަށް ވަދެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންދިޔައެވެ. ދަންނައެ! އެއިރު ލިލީގެ ޢުމުރުފުޅަކީ، ދޮޅަސް އަހަރެވެ.

މިހާ ހިސާބުން މަކުތަބުގެ ކަންތައްތައް ހުރިގޮތަށް ކަޅިއެއް އެއްލަވަމާ ހިންގަވާށެވެ. މަކުތަބުގެ ނާޒިރޭތޯއެވެ. އެއިރު ނިލަންދޫ މަކުތަބުގައި ނާޒިރަކަށް ހުންނެވީ އަލްމަރުޙޫމް އިބްރާހިމް ތައްޚާންއެވެ. ޒިންމާދާރު ބޭފުޅެކެވެ. ހިންގުންތެރި ބޭފުޅެއްމެއެވެ. މަކުތަބުތެރޭގެ ކަންތައްތައް ބެލެހެއްޓެވުމުގެ އިތުރަށް، ދަރިވަރުން ބޭރުގައި އުޅޭއިރުވެސް، އެ ދަރިވަރުންނަށްޚާއްސަ ނަޒަރެއް ދެއްވަވައެވެ. މަކުތަބުގެ ޤަވާއިދުތައް އޮންނަގޮތުން، ނާޒިރުކުރެން ހުއްދަ ނުހޯދާ މޫދަށްއެރުމަކީ ވެސް މަނާކަމެކެވެ. ކުދިން މޫދަށްއެރި ތިބިކަމުގެ އަޑުއިވިވަޑައިގެންފިނަމަ އެ ތަނަކަށް ވަޑައިގެން ޚަބަރު ބައްލަވާ ހައްދަވައެވެ. ޖެހިގެންއަންނަ ދުވަހު މޫދަށް އެރުނު ކުދިންނަށް އަދަބުދެއްވައެވެ. އެއިރު މޫދަށް އެރުމުގެ ހުއްދައޮންނަނީ، ހަމައެކަނި ހުކުރު ދުވަހުއެވެ.

އާދެ! މީލާދީ ސަނަތުން އޮނަވިހި ސަތޭކަ ސަތާހި ވަނައަހަރު ފެށިގެންއައީ އިންޤިލާބަކާއި އެކީގައެވެ. އެ އަހަރަކީ، އަލްމަރުޙޫމް މުޙައްމަދު ޖަމީލް މާލެއިން ތަޢުލީމް ހާސިލުކުރައްވައިގެން ނިލަންދުއަށް ވަޑައިގެންނެވި އަހަރެވެ. މި ދެންނެވި މުޙައްމަދު ޖަމީލްދީދީއަކީ، ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދައުރުގައި ބަޑިޖަހައި މަރައިލެވުނު މަޝްހޫރު ފަންޑިތަވެރިޔާ ނިލަންދޫ ޙަކީމްދީދީގެ ހަގު ދަރިފުޅެވެ.

އާދޭހެވެ. މި ދެންނެވި މުޙައްމަދު ޖަމީލު ކަންކަން އިންތިޒާމުކުރެއްވީ ނުހަނު ފުރިހަމައަށެވެ. މަކުތަބުގެ ދަރިވަރުންނަށް ކަސްރަތު ޕުރޮގުރާމުތައް ހިންގަވައިދެއްވިއެވެ. ދުވުމުގެ މުބާރާތްތައް ކުރިއަށް ގެންދެވިއެވެ. އަދަބީ ކަންކަމަށް ދަރިވަރުންގެ ހިތުގައި ލޯބި އުފެއްދެވިއެވެ. ދަރިވަރުންގެ މެދުގައި ތަމްސީލުތައް ކުޅުވާ ހެއްދެވިއެވެ. ބަހުސް މުބާރާތްތައް ކުރިއަށް ގެންދަވައި، މިފަދަ ކަންތައްތަކަށް ދަރިވަރުން ހޭނުއްވެވިއެވެ.

މިގޮތުން ބޭއްވުނު އެއް ބަހުސް މުބާރާތް ކުރިއަށްދިޔައީ، ނިލަންދޫ އޮފީހުގެ ކަންމަތީގައި ހުންނަ މާސިންގާ ބަނބުކެޔޮގަސްދޮށުގައެވެ. މި މުބާރާތް ޝަރަފުވެރިކޮށްދެއްވަން ވަޑައިގެންނެވީ އަތޮޅުވެރިންނެވެ. ބަހުސް ކުރިއަށްދިޔައިރުގައި އެ ތަނަށް ރަށުގެ ރައްޔިތުންވެސް ޖަމާވެފައި ތިއްބެވެ. ކޮންމެއަކަސް ވާދަވެރި ބަހުސް މުބާރާތުގެ ބަހުސްކުރުންތައް ފެށިއްޖެއެވެ.

އާދެ! “އިންސާނުންނަށް ބޮޑަށް ފައިދާކުރާނީ ދުލުންހޭ ނުވަތަ ގަލަމުންހޭ!” މި މައުޟޫޢުއަށް އިންސާފުކުރައްވާ، އެ މުބާރާތުގެ އެންމެ މޮޅު ފިރިހެން ބަހުސްކުރުންތެރިޔާގެ މަޤާމް ހޯއްދެވީ އަޅުގަނޑުމެންގެ އެކުވެރި ލިލީއެވެ.

އާދޭހެވެ. މިއީ ލިލީގެ ދިވެހިބަހުގެ ޢިލްމުގެ ބިންގާއެޅިގެންދިޔަ ހިސާބެވެ. އޭރުވެސް ލިލީއަކީ ހުނަރުވެރި ކުއްޖެކެވެ. ލަފުޒުތައް ދަސްކުރެއްވުމުގައި ވެސް އެންމެ މޮޅު ކުދިންގެތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.