ފީޗާ ފިލްމު ޑައިރެކްޝަނަށް އަލަށް ނުކުމެ، ރެކޯޑެއް މުގުރައިލުމަކީ ކޮންމެ ކޮންމެ ޑައިރެކްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. 1994 ވަނަ “ދެރިޔާ”ގެ ނަމުގައި ފީޗާ ފިލްމެއް ނެރުނީ މަޝްހޫރު ޑައިރެކްޓަރު މުޙައްމަދު ނިޔާޒް (ޓެޑްރީ) އެވެ. އެ ފިލްމުން ދިވެހި ފިލްމީ ދާއިރާގެ މަލަމަތި އުޖާލާކޮށްދިނީ އާ އުއްމީދުތަކެއް ގެނެސްދެމުންނެވެ. އެއަށްފަހު، 2006 ވަނަ އަހަރު، ދިވެހި މުޖުމަތަޢަށް ވަރުގަދަ މެސެޖެއް ދެމުން، ފަނޑުފަނޑު ނިންޖަކަށް ތާއްޔަށް ޖެހިޖެހި އޮތް ދިވެހި ފިލްމީ ދާއިރާ ‘ހެއިލައްވައިލީ’ ޑައިރެކްޝަނަށް އަލަށް ނުކުތް މޫމިން ފުއާދު ގެނެސްދިން “ހޭލާ” ފިލްމުންނެވެ.

އަހަރުތަކެއް ފަހުން، އަނެއްކާވެސް މިވަނީ ދިވެހި ފިލްމީ ދާއިރާއަށް އަލަށް ނެރުނު ފީޗާ ފިލްމާއެކު، ދިވެހި ފިލްމީ ސިނާއަތް އިތުރު މޭލުގަލަކަށް ވާޞިލްކޮށްދީފައެވެ. މިފަހަރު، މި މަސައްކަތުގައި އިރުޝާދުދޭން ހުރީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި) އެވެ. “ބަވަތި”ގެ ނަމުގައި މި މަހު ދަވަނަ ދުވަހުގެރޭ ރިލީޒްކުރި ފިލްމަކީ ދިވެހި ފިލްމީ ހަޔާތަށް އައު އިންގިލާބެއް ގެނެސްދިން މޮޅު ފިލްމެކެވެ.

“ބަވަތި”ގެ މޮޅުކަމުގެ ވާހަކަތައް ފަތުއަޑުކިޔާފައި ރަސްމީ މީޑިއާ ތަކާއި މީސްމީޑިއާގައި ފެތުރެމުންދިޔައީ ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވާފައެވެ. “ބަވަތި” ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުންއަންނައިރު ދެން އޮތީ ބާކީ ހަ ޝޯއެވެ.

“ބަވަތި”ގެ ޝޯތައް އަތޮޅުތެރެއަށް މިސްރާބު ހިފާފައިވާއިރު ހދ. ހަނިމާދޫ އާއި ކުރިނބީގައި ކާމިޔާބު ޝޯތަކެއް ދައްކާފައިވެއެވެ.

މީގެ އިތުރުން ރ. ރަސްގެތީމު، ދުވާފަރު އަދި އަނގޮޅިތީމުގައި ވެސް މިހާރު ވަނީ “ބަވަތި” ދައްކާފައެވެ.

އިލްޔާސް ލިޔެ، ޑައިރެކްޓްކުރި ސަންސްޕެންސްފުލް ސައިކޮލޮޖިކަލް ތުރިލާ ”ބަވަތި”ގެ ލީޑް ކުޅެފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ތަރި ނުޒުހަތު ޝުއައިބް އާއި އަލަށް ފީޗާ ފިލްމަކުން ފެނިގެންދާ އަހްމަދު އިފްނާޒް ފިރާގެވެ. ފިލްމުގައި މި ދެތަރިން ދައްކާފައިވަނީ ފެންވަރު ރަނގަޅު އެކްޓިންއެކެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.