އިންޓަރނޭޝަނަލް ފަންޑު ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާގް)ގެ ލޯނު އެހީއާއި ދިވެހިސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންދާ “މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕޮރޮޖެކްޓް”ގެ ދަށުން ފައިނޭންޝަލް އަދި މާރކެޓިން ތަމްރީނު ޕޮރޮގްރާމް އަދި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ ޕޮރޮގްރާމެއް ލ. އަތޮޅު ބައެއް ރަށްރަށުގައި ހިންގައިފިއެވެ.

2019 އޮގަސްޓް އަދި ސެޕްޓެމްބަރު މަސް ތެރޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލ. އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫގައެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އަމަލީ ގޮތެއްގައި ދަނޑުވެރިކަމުގެ ދާއިރާގައި ޝާމިލުވާ ބޭފުޅުންނާއި އަލަށް މިދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެނެވެ.

މި ޕްރޮގްރާމްގައި މައިގަޑުގޮތެއްގައި ތަމްރީނު ކުރެވިފައިވަނީ އަތޮޅުވެއްޓެއްގައި ދަނޑުވެރިކަން ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތަކާއި އެކަމަށްދެވޭ ބޭސްފަރުވާއާއި ގުޅޭގޮތުންނެވެ. މި ޕްރޮގްރާމްގައި ލ.އިސްދޫން 40 ބޭފުޅުން، ލ.ދަނބިދޫން 20 ބޭފުޅުން އަދި ލ.ކަލައިދޫން 18 ބޭފުޅުންނާއެކު ޖުމްލަ 79 ބޭފުޅުން ތަމްރީން ކުރެވިފައި ވާކަމަށް މިނިސްޓްރީން މަޢުލޫމާތު ލިބެއެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ އިތުރުންވެސް މި ޕްރޮޖެކްޓާއި ސައުތު އޭޝިއަން ވިމަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ފައިނޭންޝަލް އަދި މާރކެޓިން ޕްރޮގޮރާމެއްވެސް، މި ތިން ރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 2019 އޮގަސްޓް 27 އިން 2019 އޮގަސްޓް 31 ގެ ނިޔަލަށެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން ނަފާ އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ ގޮތްތައް އުނގަންނައި ދިނުންކަމުގައި މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ޕްރޮގްރާމްގައިވެސް މި ތިންރަށުގެ ގިނަބޭފުޅުންވަނީ ބައިވެރި ވެފައެވެ.

މިނިސްޓްރީން ވިދާޅުވާގޮތުގައި މި މަޝްރޫޢުގެ ދަށުން ލ.އަތޮޅުގެ ތިން ސަރަހައްދެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސަތްކަތްވެސް ދަނީ ކުރިއަށްގެންދަވަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާތިމަތު ފަޔާޒާ