މާލޭގެ ކާރޫބާރޫ ބޮޑު މަގުމަތިން އަރީޝާ ހިގާފައި ދިޔައީ ވަރަށްވެސް ބާރަށެވެ. ސައިކަލްތަކާއި ކާރުތަކަށް ބެލުމެއްނެތި ދުވާރު މަތިންދާ މީހުންނާއި ލައިގަންނަމުންވެސް މަސައްކަތް ކުރަމުން ދިޔައީ އަވަހަށް ގެޔަށް ދެވޭތޯއެވެ. މުޅި މީހާ ހުރީ ގުނބުހިލިފައެވެ. ގެއަށް ވަދެވުމާއެކު އަވަސް އަވަހަށް ފާހާނާއަށްވަދެ ހުރީއެވެ. އޭރުވެސް އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކުރެވުނު ކަންތަކާމެދު ވިސްނާ ފިކުރުކޮށް އަވަދިވަނީއެވެ. އަމިއްލަ ނަފުސު ދެކެ ރުޅިއާދެވެނީއެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު ގޮތެއް ނިންމިއެވެ. އެއްވެސް މީހަކާ މިވާހަކަ ހިއްސާ ނުކުރުމަށެވެ. އަދި ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރު ނުކުރުމަށެވެ. ފެންވަރައި ވުޟޫކޮށްލައިގެން އައިސް ދެރަކުޢަތް ނަމާދެއްކޮށް ތަޢުބާވިއެވެ. ފާފަ ފުއްސަވާތޯ ﷲގެ ހަޟުރަތަށް ދުޢާ ކުރުމުގައި ރޮއެލަރޮއެލާ އިންދައި ނިދުނުއިރެއްވެސް ނޭގެއެވެ.

އޮފީހުގައި އިދެގެންވެސް އަރީޝާއަށް އެނޫން ކަމަކާމެދު ނުވިސްނެއެވެ.

“އަރީ.. އަރީ” ދޮރުގައި ޓަކި ޖަހަމުން ނަވީން އަރީޝާއަށް ގޮވަމުން ދިޔައެވެ.

“އަހަނ .. ނަވީން މިތާ ކީއްތިކުރަނީ” އަރީޝާ އިސްޖަހާލިއެވެ.

“ބަލަ މީ އަހަރެންގެ ވެސް އޮފީސް ވިއްޔަ” ހެނމުން ކަހަލަ ގޮތަކަށް ނަވީން ބުނެލިއެވެ.

އަރީޝާ ނަވީންއާ ކުރިމަތިލާން ލަދުގަނެއެވެ. އެއީ އޭނާގެ މެނޭޖަރެވެ. “އަހަރެން ވަރަށް ލަދުގަނޭ.. ނަވީން މިތަނުން އަވަހަށްދޭ.. އެހެންނޫނީ” އަރީޝާގެ އަރު ބެދޭގޮތް ވިއެވެ. ނަވީންއަށް އަރީޝާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ފެނެއެވެ. އަދި އަރީޝާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އަރީ ހުއްޓާލަބަލަ.. އަދިވެސް ރޭގެ ކަންތަކާތަ ތި ވިސްނަނީ … އެއީ އެހާވަރު ކަމެއްތަ”.. އެމީހަކު ހިތްހަމަ ޖެހޭކަމެއް ކުރީމަ ހުންނާނީ ރަގަޅަށް.. އެހެން ނޫނަސް ތިރީތި ދެލޯ މިހާރުވެސް ތިހުރީ ދުޅަވެފަ.. ހަމަޖެހިބަލަ.. މީ މިހާރު އާ ކަމެއް ނޫނެއްނު.. އަހަރުމެން ދެމީހުން މިއުޅެނީ އިންނާކަށް ނޫނެންނު..”

ނަވީންގެ ބަސްމަގު ފެނި އިތުރަށް ބުނާނެ އެއްޗެއް އަރީޝާއަކަށް ނުވިސްނުނެވެ. އިތުރަށް ހާސްވެ ކަންބޮޑުވުން ފިޔަވައިއެހެން ކަމެއް ނުވިއެވެ.

“ނަވީން ހަމަ އެއްވެސް ވަރަކަށް ދެރައެއް ނުވޭތަ؟.. އަހަރުމެންނަށް މިކުރެވުނީ ކިހާބޮޑު ފާފައެއް ކަމެއް އިހްސާސެއް ނުކުރެވޭތަ؟.. ބިރެއް ވެސް ނުގަނޭތަ؟. ނަވީން އަހަރެންދެކެ ލޯތްބެއް ނުވޭތަ؟” އަރީޝާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.

“ލޯތްބޭ…..އެހާ ފަސޭހައިން ލޯބި ވެވޭތަ؟ އަރީ ތީދެން ދައްކާ ކަހަލަ ވާހަކަތަ؟ ތިކަމާ ނުވިސްނާބަލަ، މިއަދު ދެން ގެއަށްގޮސް އަރާމުކޮށްލަބަލަ… އަހަރެން މިއަދު ވަރަށް ބީޒީއޭ، 10 ޖަހާއިރު މީޓިންގް ވެސް އެބައޮތް؟”

އަރީޝާ އެއްޗެއް ބުނަން އަނގަހުޅުވާލަންވާއިރަށް ނަވީން ނުކުމެގެން ހިނގައްޖެއެވެ.

އަރީޝާއަށް ނަވީންއަކި މީހެއްގެ ފިރިއެއްކަން ނޭގެނީއެއް ނޫނެނެވެ. ނަމަވެސް އެގުނުއިރު އަރީޝާއަށް ނަވީންދެކެ ވަނީ އިންތިޙާއަށް ލޯބިވެވިފައެވެ. ނަވީންވެސް އަރީޝާއާ ވަރަށް ގާތްކޮށް އަބަދުވެސް އުޅޭތީ އަރީޝާ ހީކުރީ ނަވީން ވެސް އޭނާދެކެ ލޯބިވަނީ ކަމަށެވެ. ކަންތައް ދިމާވީ ހީކުރި ގޮތަކަށް ނޫނެވެ. ނަވީން އަރީޝާ ބޭނުންކުރީ ވަގުތީ އުފާތަކެއް ހޯދުމަށެވެ. އަރީޝާގެ މައުސޫމު ހިތަށް އެވަރު ނުވިސްނުނީ ނަވީން ދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. އެޅުނު ޅައެއްޗަކުން އަރީޝާ މުޅި ދުނިޔެއަށް ފަޟީޙަތްވީއެވެ. ނަވީންގެ ދަރިއަކަށް ބަލިވެ އިނީއެވެ. މުޖްތަމަޢުގައި އޭނާއަކީ ކުށްވެރިއަކަށްވީއެވެ. އަރީޝާގެ ބަނޑުގައިވަނީ ނަވީންގެ ދަރިއެއްކަމަށް ނަވީން އެއްބަހެއްނުވިއެވެ. ހުރިހާ ބަދުނާމެއް ބޮލުގައި އެޅި މަގުމައްޗަށް ނުކުތުމަށް ނުކެރޭ ވަރުވެ ވަޒީފާއިން ވެސް ވަކިވާން ޖެހުނީއެވެ. އަރީޝާގެ މަންމަފިޔަވައި އޭނާއަށް އޯގާތެރިވި ދެވަނަމީހަކު ނުވިއެވެ.

***********************

“ނަވީން”

ދުރުން މީހަކު ގޮވާލި އަޑު އިވިގެން ސައިކަލް މައްޗަށް އަރަން ހިއްލާލި ފައި ތިރިކުރުމަށްފަހު ފަހަތް ބަލާލިއެވެ. އޭރު ނަޒީރު އައިސް ނަވީންއާއި އަރާ ހަމަވަނީއެވެ.

“ނަޒީރު ކޮން ދަތުރެއް… ހާދަ ވަރުބަލިވެފަ ތިހުރީ ” ނަޒީރުއާއި ސަލާމް ކޮށްލަމުން ނަވީން ވާހަކަ ދެއްކިއެވެ.

“ވަރުބަލި ވާނެ އެންނު .. ހެންވޭރުން ފެށިގެން މާފަންނަށް މިއައީ ހިނގާފަ.. ކާރެއް ލިބުނީކީ ނޫން…ފެހި ކުލައިން ބޯޑް ދިއްލައިގެން ކޮންމެ ކާރެއް ވެސް ދަނީ ތިން ހަތަރު މީހުން ގޮވައިގެން..” ނަޒީރު ފައްޗަކަށް އަމުނާލިއެވެ.

“އަސްލު އަންހެނުންގެ މަންމަ ބަލިވެގެން ހޮސްޕިޓަލްގަ ބާއްވާފަ އޮތީމަ އެދިމާއަށް މިދަނީ” ނިތްކުރިމަތިން ދާފޮހެލަމުން ނަޒީރު ވާހަކަ ދެއްކިއެވެ.

“އެހެންތަ.. ހިނގާ އަހަރެން ގެންގޮސްދޭނަން” ނަވީން ނަޒީރަށް ސައިކަލް ފަހަތަށް އިޝާރާތްކުރަމުން ބުނެލިއެވެ.

ދެމީހުން އޮލަވާހަކައިގައި ހޮސްޕިޓަލްއާއި ހަމައަށް ދެވުނުކަންވެސް ނޭގުނެވެ.

“ބަލަ ނަވީން މަޑުކޮށްބަލަ މިހާރު މާދުރަށޭ ތިދަނީ… މިހިރީނު ހޮސްޕިޓަލް…” ނަޒީރު އައި.ޖީ.އެމް.އެޗަށް އިޝާރާތްކުރަމުން ނަވީންގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ނަޒީރު ސައިކަލުން ފޭބުމުން ފަހުން މަންމަގެ ހާލު ބަލާލަން މިރޭ އަންނާނެކަމަށް ބުނެ ނަވީން ދިޔައއީއެވެ.

 

“ދަރިފުޅާ އެލީން .. އަވަސްކޮށްބަލަ،، މިހާރު ބައްޕަ އިންނާނެ ލަސްވެފަ ދަރިފުޅު ދިޔައީމަ ދޯ ބައްޕައަށް ގެއަށް އާދެވޭނީ… ޖިޔާން ވެސް މިހާރު ކޮން އިރެއް ދަރިފުޅު ބަލާ އައިސް ހުންނަތާ؟” އަރީޝާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ކޮޓަރީގައި ޓަކި ޖަހަމުން ގޮވިއެވެ. އެލީން އަވަސް އަވަހަށް ކޮނޑުގައި ދަބަސް އަޅުވަމުން ކޮޓަރިން ނުކުތެވެ.

“ދަރިފުޅާ.. އަން ،.. މިހުރީ ބަތްޕެންފޮދު، މި ހިފައިގެން ދޭ” އަރީޝާ ކާމޭޒުމަތީ ހުރި ކޮތަޅު ނަގައި އެލީން އަށް ދިއްކޮށްލިއެވެ.

“ޖިއާން ހިނގާ އަވަހަށް ދާން” އެލީން ގޭގެ ދޮރު ހުޅުވަމުން ސޯފާގައި ފޯނަށް ގެއްލިފައި އިން ޖިޔާން އާއި ވާހަކަ ދެއްކިއެވެ.

 

“މާމާ… މިހާރު ކިހިނެތް ؟ އެލީން އޭނާގެ މާމާ ގައިގައި ބައްދާލުމަށްފަހު އަހާލިއެވެ.

“މާމަ މިހާރު ރަގަޅޭ.. ދަރިފުޅު ރަގަޅުތަ؟.. އާމިރާ އޭނަގެ މާމަ ދަރިފުޅު ކޮލުގައި ހިފާ ލިއެވެ.

“ދަރިފުޅު ފެނުނަސް މާމަ ރަގަޅުވާނެ …. ރަށުގައި އުޅޭ އިރުވެސް އަބަދު ދައްކަނީ އެލީންގެ ވާހަކަ… އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްލަ ކޮށްލަ އިންނަނީ” ނަޒީރު ބުނެލިއެވެ. އެލީން ހީލަމުން އާމިރާގެ އަތުގައި ހިފާލިއެވެ. އަދި އޭނާ ކިޔަވައި ނިމުނުހާ އަވަހަކަށް ރަށަށް ބަދަލުވާނެ ކަމަށާއި ދެން ވަރަށް އަވަހަށް ނިމިދާނެ ކަމަށް އޭނާގެ މާމައަށް ވިސްނައިދިނެވެ.

“އޯކޭ .. އެހެންވީމަ ބައްޕަ ދެން މިދަނީ ނިދާލަން އިނގޭ.. ދެކުދިން މާމަ ރަގަޅަށް ބަލައްޗޭ” އެހެން ބުނުމަށްފަހު ނަޒީރު ނުކުތެވެ. އާމިރާއަށް ޖިއާން ހުރިކަން އެގުނީވެސް ދެނެވެ.

“ދަރިފުޅާ މީ ކޮންކުއްޖެއްތަ؟” އާމިރާ ސުވާލުކުރިއެވެ. އެލީން މާމައަށް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ތައާރަފުކޮށްދިނެވެ.

“މާމަ ހީކުރީ އަދި…” އާމިރާ އެލީން އާއި ދިމާކޮށްލިއެވެ.

“ދެން.. މާމާ… އަހަރެން އަދި އެކަހަލަ ކަމެއް ނުކުރަމޭ” ލަދުން ހުރެ އެލީން ބުނެލިއެވެ. ޖިއާންގެ ހިތުގައި އެލީން އަށް ހާއްސަ ލޯތްބެއް އޮތްކަމުގައިވިޔަސް އެލީން ދެކެނީ ޖިއާން އަކީ ހަމަ އެކަނި ރަޙުމަތްތެރިއެއްގެ ގޮތުގައެވެ.

ޖިއާންގެ ފޯނު ރިންގްވާން ފެށުމާއެކު ކުޑަކޮށް ދުރަށް ޖެހިލިއެވެ.

“ބައްޕަ އެގުޅީ.. ސައިކް ހަން ފަޅައިގެން ގޮސްގެންނޯ، މިހޮސްޕިޓަލްގައި އޮތް ރައްޓެއްސެއްގެ މަންމަ ކައިރިއަށް އަންނަންވެގެން، ބަލާ ދާށޯ…..އަންނާނަން އިނގޭ” އެލީން ހީލާފައި ބޯޖަހާލިއެވެ.

“ދަރިފުޅަށް ޖިއާން ކަމުދޭތަ؟” އާމިރާ ޝައްކުގެ ނަޒަރަކުން އެލީން އާއި ސުވާލުކުރިއެވެ.

“އަނެއްކާ މާމަ… އަހަރެން ބުނީމެންނު ތިކަހަލަ ކަމަކާ އަދި ނުވިސްނަމޭ.. ތިހެން ކިޔަނިކޮން ޖިއާން އަށް އާދެވިދާނެ” އާމިރާގާތު ދެން އެވާހަކަ ނުދެއްކުމަށް އެލީން ބުންޏެވެ.

ޖިއާން ނަވީން ގޮވައިގެން އައިސްވަނީ އާމިރާ އޮތް ކޮޓަރިއަށެވެ.

“މީތަ ނަޒީރު އަންހެނުންގެ މަންމަ އަކީ” ނަވީން ސުވާލު ކުރިއެވެ. އާމިރާ ފެނިފައި ނަވީން ދިއައީ ސިއްސައިގެންނެވެ. އާމިރާ އަށް ނަވީން މާ ބޮޑަކަށް ނޭގުނެވެ. ނަމަވެސް ދަންނަ މީހަކާއި ވައްތަރުވިއެވެ.

“ތީ ކާކު؟.. އެއްވެސް އިރެއްގަ އަހަރެންނާއި ދިމާވިތަ؟. އާމިރާ ސުވާލުން ފުރިގެންވާ ނަޒަރަކުން ނަވީންއަށް ބަލަން ފެށިއެވެ.

“މާމާ .. އެއީ އަހަރެންގެ ބައްޕަ ނަވީން” ޖިއާން އާމިރާއަށް އޭނާގެ ބައްޕަ ތަޢާރަފް ކޮށްދިނެވެ. ނަޒީރު އާއި އަރީޝާ އައިސް ވަނީ އެވަގުތުއެވެ.

“ނަވީން” އަރީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“މަންމަ ދަންނަންތަ ޖިއާންގެ ބައްޕަ؟” އެލީން ސުވާލުކުރިއެވެ. އަރީޝާއަށް ދޭނެ ޖަވާބެއް ނޭގުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށިއެވެ. އެންމެން ތިބީ ވާނުވާގައެވެ. ހަގީގަތް އެގެނީ އަރީޝާ އާއި ނަވީން އަށް އެކަންޏެވެ. އާމިރާއަށް ވީ ޝައްކު ފިލީ އެހާ ހިސާބުންނެވެ.

މާޒީގައި ހިނގާ ދިޔަ ހުރިހާ ކަމެއްގެ ފަރުދާ އެހިސާބުން ކަހާލަން ޖެހުނެވެ. އެލީން އަކީ ނަޒީރުގެ ދަރިއެއް ނޫންކަން އެގި ހުރެވެސް އަރީޝާއާއި ކައިވެނި ކުރިއެވެ. ނަމަވެސް އޭނާއަށްވެސް ނޭގޭ ކަމަކީ އެއީ ކާކުގެ ދަރިއެއްކަމެވެ. އަރީޝާ، ނަޒީރު އާއި ކައިވެނި ކުރީ ދުވަހަކުވެސް އެއީ ކާކުތޯ ނާހާ މަތިންނެވެ. ނަވީން އިސްޖެހި ގޮތަށް އުފުލާލަން ނޭގިފައި ހުއްޓެވެ. އެންމެ ބޮޑަށް އަސަރުކުރީ އެލީން އާއި ޖިއާން އަށެވެ. އެލީންގެ ނަޒަރު ހުއްޓެމުންދިޔައީ އެއްފަހަރު އަރީޝާއަށް އަދި އަނެއްފަހަރު ނަވީން އާއި ދިމާލާށެވެ. ޖިއާން އަށް ލޯބި ވެވުނީ އޭނާގެ އަމިއްލަ ކޮއްކޮ ދެކެކަން އެނގުމުން ލަދުން ވިރޭވަރުވިއެވެ. ދެރަވިއެވެ. އަދި އޭނާ އެންމެ ލޯބިވާ އެންމެ އޯގާތެރިވި ބައްޕަގެ ފަރާތުން އެފަދަ މަކަރުވެރި ކަމެއް ފެނިދާނެ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ނަމަވެސް މިއަދު ހުރިހާ ހަޤަގަތެއް އެނގި ނަވީން އެންމެން ގާތުން މާފަށް އެދެން މަޖުބޫރުވިއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.