މި އަހަރު ތަކުގައި ދަރިފުޅު ކަރަން އާއި އެކީގައި ވަރަށް ގާތްކޮށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިއްޖެކަމަށް ސަނީ ޑިއޯލް ބުނެފިއެވެ.

ފިލްމުތަކާއި ޑްރާމާތަކުގައި އެކްޓްކުރުން ފަދަ ޑިމާންޑް ބޮޑު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ އެމީހުންގެ މަސައްކަތުގެ ތާވަލުގައި އާއިލާއަށް ދެވޭ ވަގުތު ވަރަށް ކުޑަ މީހުންނެވެ. ތިބާގެ ބައްޕައަކީ ސަނީ ޑިއޯލް ފަދަ އެކްޓަރެއްނަމަ މި ކަމަކީ އަދި މާ އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ބޮޑުވެގެން އައިއިރު އެދަރިފުޅަށް ދޭން ޖެހޭ ވަގުތު އެކަށީގެންވާ ވަރަށް ސަނީ ޑިއޯލަށް ވަނީ ނުދެވިއެވެ. އެހެންނަމަވެސް ‘ޕަލް ޕަލް ދިލް ކޭ ޕާސް’ ގެ އެކްޓަރެއްގެ ގޮތުގައި ކަރަން މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގައި ދެ އަހަރެއްހާ ދުވަސް ކަރަން އާއެކު ހޭދަކޮށްލުމުގެ ފުރުޞަތު ސަނީ ޑިއޯލަށް ލިބުމުން ދެބަފައިންގެ ގުޅުމަށް ވަނީ އިތުރު ތަޒާކަމެއް ގެނެސްދީފައެވެ.

“މި ދެއަހަރު ތެރޭގައި ދަރިފުޅާއެކު ވަރަށް ކައިރިން ވަގުތު ހޭދަކުރުމުގެ ފުތުޞަތު ލިބުމުން މި ގުޅުމަށް އިތުރު ގާތްކަމެއް ވަނީ އައިސްފަ. އަދި ފިލްމުގެ މަސައްކަތުގައި ދެބަފައިން އެކުގައި ބޮޑެތި ބުރަ އެތައްކަމަކާ ވަނީ ކުރިމަތި ލެވިފަ.” ދަރިފުޅާއެކުގައި މަސައްކަތްކުރެވުމުގެ ހިތްހަމެޖެހުން ލިބުމުން އުފަލުންހުރި ސަނީ ޑިއޯލް ބުންޏެވެ.

“އަހަރެން އެންމެ ގާތްވާނީ އަހަރެންގެ މަންމައާ، ބައްޕަ އަބަދުހެން އެޅެނީ މަސައްކަތުގައި އަވަދި ނެތި، ތިބާއަށްވެސް ތިބާގެ މަންމައާއެކު ޙަޔާތް ހޭދަކުރަން ފުރުޞަތު ލިބިފައިވާނަމަ، މަންމައާއެކު ވަރަށް ގާތް ގުޅުމެއް އުފެދިގެންދާނެ. ބައްޕައާއެކު މަސައްކަތްކުރަން ފުރުޞަތު ލިބުމުން ވަރަށް ގާތްކަން އިހުސާސްކުރެވޭ، އަދި ބައްޕައާ މެދު އޮތް ލޯތްބާއި އިޙްތިރާމް އިތުރުވެގެން ދިޔަ.” ކުޑައިރުން ފެށިގެން މަންމައާއި އެކު މުޅި ޙަޔާތް ކަހަލަ ގޮތަކަށް ހޭދަކުރި ކަރަން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.