މިމަހު ދެއަކުން ފެށިގެން އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ އައި ފިލްމްސްގެ ފުރަތަމަ ފިލްމު ”ބަވަތި“ގެ އަސަރުގަދަ ޓްރެއިލާއާއެކު ވަދާޢީ ޝޯތަކަށް ތައްޔާރުވެއްޖެއެވެ. މިމަހު 21 ގައި އެންމެ ފަހު ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި “ބަވަތި” ބެލުމުގެ ފޯރި ގަދަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“ބަވަތި” އަކީ އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުމެ، އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ ސަންޕެންސް ތުރިލާއެކެވެ. ފިލްމުގެ އެންމެ ފަހު ވަގުތާހަމައަށްވެސް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހޭ މި ފިލްމުގެ ލީޑް ކުޅެފައިވަނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ނުޒުހަތު ޝުއައިބު އާއި އަލަށް ފީޗާ ފިލްމެއްގައި ފެނުނު ނަމަވެސް ހައިރާންވާހާ ރަނގަޅު އެކްޓިންއެއް ދައްކައިދީފައިވާ އަޙްމަދު އިފްނާޒް އެވެ.

މި ފިލްމަކީ ސަސްޕެންސް ތްރީލާއެކެވެ. ތްރިލާ ފިލްމެއްގެ ގޮތުގައި ޑައިރެކްޓަރ އިލްޔާސް ވަހީދު ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި“ން ދައްކައިދޭނީ މާލޭ ފިރިހެން ކުއްޖެއް، އަތޮޅުތެރޭގެ ރަށަކަށް ގޮސް އެރަށުން ކުއްޖަކާ ކައިވެނިކޮށްގެން މާލެ ގެނައުމަށްފަހު އެ ކުއްޖާއަށް އެ ގޭތެރެއިން ކުރިމަތިވާ އާދަޔާޚިލާފު ކަންތައްތަކެއް ކަމަށް އިލްޔާސް ވަހީދު ބުންޏެވެ.

މިއަދު އާއްމުކޮށްފައިވާ ޓްރެއިލާއިން ޝެހެނާޒްގެ ހަޔާތުގެ ހިތާމައާއި ކެކުޅުންތައް ދައްކާލާފައިވާއިރު، ޝެހެނާޒަށް ދިމާވާ އާދަޔާޚިލާފު ކަންތައްތައް ސިފަކޮށްދިނުމަށް ހަދާފައިވާ މޮޅު ސްޕެޝަލް އިފެކްޓްގެ ބައެއް މަންޒަރުތައްވެސް ހިމަނާފައިވެއެވެ.

ބަވަތި“ ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާއެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ހަރަކާތްތެރިވާއިރު، ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.

މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.