އަނގަތާފައި ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ގައިންގަޔަށް އަރާ، އަވަހަށް ފެތުރޭ ބައްޔެކެވެ. މިބަލީގެ ސިފަތަކަކީ އަނގަތެރޭގައާއި އަތްފައިގެ ތަންތަންގަނޑު ރަތްވުމާއި ފޮޅުނެގުމެވެ. މިބަލި އާންމުކޮށް ޖެހެނީ ކޮކްސްސެކީ ވައިރަސް އިންނެވެ. މިބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަވަސް އަވަހަށް އަތްދޮވުމާއި މިބަލި ޖެހިފައިވާ މީހުންނާ ދުރުގައި އުޅުމަކީ މިބަލިން ރައްކާތެރި ވެވިދާނެ ކަންކަމެވެ.

އަލާމާތްތައް:
އަނގަތާފައި ބަލި ޖެހިފައިވާ ކުދިންގެ ކިބައިން ފެންނަ އަލާމާތް ތަކުގެ ތެރޭގައި ތިރީގައި މި ބަޔާންކުރާ ހުރިހާ ކަމެއް ނުވަތަ މީގެ ތެރެއިން ބައެއް ކަންކަން ހިމެނެއެވެ. އެއީ:
– ހުންއައުން
– އަރުތެރެ ހިރުވުން
– ދުލާއި ހިރުގަނޑާއި ދެކޮލުގެ އެތެރޭގައި ރަތްކުލައިގެ ފޮޅުތަކެއް ނެގުން.
– އަތްތިލައިގައާއި ފައިތިލައިގައި ރަތްކުލައިގެ ބިހިތަކެއް ނެގުން. މިބިހިތައް ނަގާހިސާބު ނުއެއް ކަހާނެއެވެ. މިބިހިތައް ބައެއްފަހަރު ފޮޅަށް ބަދަލުވެއެވެ.
– އުނދަގޫވާތީ ބޮޑާހޭކުން
– ކާހިތް ނުވުން

މިބަލި ޖެހުމާ އަލާމާތްތައް ފެންނަން ފެށުމާ ދެމެދު ތިން ދުވަހާއި ހަދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ފުރަތަމަ އަލާމާތަކީ ހުންއައުމެވެ. އެއަށްފަހު އަރުތެރެ ހިރުވުމާއިވަރުދޫވުމާއި ކާހިތްނުވާން ފަށައެވެ.

ހުން އަންނަތާ އެއްދުވަސް ނުވަތަ ދެދުވަހުގެ ތެރޭގައި އަނގައާއި އަރުތެރެ ރަތްވެ ރިއްސަން ފަށައެވެ. އެއަށްފަހު އަނެއްކާވެސް އެއްދުވަސް ނުވަތަ ދެދުވަހުގެ ތެރޭ އަތްތިލައާއި ފައިތިލަ ރަތްވެ ހިރުވަން ފަށައެވެ. އަނގައިގެ ފުނުގައާއި އަރުތެރޭގައި ރަތް ބިހިތަކެއް ނަގައި ތަދުވާނަމަ އެހެރީ ވައިރަލް ބައްޔެއް ކަމަށްވާ ހާޕެންޖީނާ ޖެހިފައެވެ. މިބަލީގެ އަލާމާތް ތަކުގެ ތެރޭގައި ކުއްލިޔަކަށް ގަދަހުން ޖެހުމާއި ފިޓްޖެހޭގޮތް މެދުވެރިވެއެވެ.

ޑޮކްޓަރަށް ދައްކަންވީ ވަގުތު:
އަނގަތާފައި ބައްޔަކީ ގިނަފަހަރަށް އާދައިގެ ކުޑަ ބައްޔެކެވެ. ދެތިން ދުވަހަކު ހުންއައިސްފައި ކުޑަކޮށް ބަލީގެ އަލާމާތްތައް ފެނިލާފައި ފަރުވާއެއް ނުކުރިއަސް އަމިއްލައަށް ރަނގަޅުވެއެވެ. ނަމަވެސް އަނގަތެރެ މާބޮޑަށް ރަތްވެފައި ދިޔާއެއްޗެހި ދިރުވަން އުނދަގޫނަމަ ޑޮކްޓަރަށް ދައްކާށެވެ. ބަލި ރަނގަޅުނުވެ ދެދުވަހަށްވުރެ ގިނަވެއްޖެނަމަވެސް ޑޮކްޓަރަށް ދައްކާށެވެ.

ބަލި ފެތުރޭ ގޮތް:
މިބަލި ފެތުރެން ދިމާވަނީ އަނގައިގެ ތެރެއަށް ބަލީގެ ޖަރާސީމު ވާސިލުވެގެންނެވެ. މީގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖާގެ އަރިދަފުހާއި އަނގައިގެ ދަވައާއި ކުޅާއި ފޮޅުތަކުން ނުކުންނަ ދިޔައާއި ބޮޑުކަމުދާ ތަކެއްޗާއި ކިނބިހި އެޅުމުން ބުރައިގެންދާ ތިކިތައް ހިމެނެއެވެ.

އަނގަތާފައި ބަލި އެންމެގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށް ވުމާއެކު އެކުދިންނާމެދު ފަރުވާތެރި ވުމަކީ އެންމެ މުހިންމު ކަމެވެ. ކުޑަކުދިންނަށް ވަރަށް ފަސޭހައިން އަނގައަށް އަތްލެވެއެވެ. މިއީވެސް މިބަލި ފެތުރެން ދިމާވާ އެއްކަމެވެ.

މިބަލި ގައިން ގަޔަށް އަރަނީ ބަލި ޖެހޭތާ ހަފުތާއެއް ވަންދެން ކަމަށް ބެލެވިފައި ވީނަމަވެސް ބަލީގެ އަލާމާތްތައް ފިލާފަހުންވެސް އެތައް ހަފުތާއެއް ވަންދެންވެސް މިބަލި ފެތުރޭގޮތް ދިމާވެދާނެއެވެ. ބައެއް މީހުން، އާންމުކޮށް ބޮޑެތި މީހުންގެ ކިބައިގައި މިބަލީގެ އެއްވެސް އަލާމާތެއް ނުފެނިވެސް ބަލިފެތުރޭ މެދުވެރިއަކަށް ވެފައި އެބަހުއްޓެވެ.
މޫސުމުގެ ތަފާތު ބޮޑު ގައުމުތަކުގައި މިބަލި ފެތުރެނީ ހޫނު މޫސުމުގައި ކަމުގައިވިޔަސް ޓްރޮޕިކްގެ ގައުމުތަކުގައި މިބަލި ފެތުރޭކަށް ވަކި ދުވަސްވަރެއް ނުވެއެވެ.

އަތްފަޔާއި އަނގައިގެ ބައްޔާއި މޮއްގަނޑާއި އަނގައިގެ ބައްޔަކީ މުޅިން ތަފާތު ދެ ބައްޔެވެ. ގެންގުޅޭ ޖަނަވާރަށް ޖެހޭ މޮއްގަނޑާއި އަނގައިގެ ބަލި އިންސާނުންނަކަށް ނުޖެހޭނެއެވެ. ހަމައެފަދައިން އަތްފަޔާއި އަނގައިގެ ބަލި ޖަނަވާރަކަށް ނުޖެހެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް:
އަނގަތާފައި ބަލިން ރައްކާތެރިވެ ތިބޭން މި ބަޔާންކުރާ ކަންކަމަށް ފަރުވާތެރިވާށެވެ.

އަތްދޮވުން: ރަނގަޅަށް ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮންނާށެވެ. ޚާއްސަކޮށް ފާޚާނާ ކުރުމުގެ ފަހުގައާއި ނެޕީ ބަދަލު ކުރުމުގެ ފަހުގައާއި ކާތަކެތި ތައްޔާރު ކުރުމުގެ ކުރީގައާއި ކެއުމުގެ ކުރީގައެވެ. ސައިބޯންޏާއި ފެން ލިބެން ނެތް ތަންތާނގައި އެކަމަށް ތައްޔާރުކޮށްފައި ހުންނަ ޖެލް ބޭނުންކުރާށެވެ.

އާންމު ތަންތަން ޖަރާސީމުން ރައްކާތެރި ކުރުން: އާންމުކޮށް އަތްޖެހޭ ތަންތަން، ދޮރުގެ ގޮބު ފަދަ ތަންތަން، ސައިބޯންޏާއި ފެނުން ސާފުކުރުމަށްފަހު ކްލޯރިން ފެނުން ދޮންނާށެވެ. ކުޑަކުދިން ބަލަހައްޓާ ތަންތަނުގައި ގެންގުޅޭ އެކުދިންގެ ކުޅޭ ތަކެއްޗާއި އަތްޖެހޭ ތަންތަން އިސްވެ ބުނެވިފައިވާ ގޮތަށް ސާފު ކުރާށެވެ. ތުއްތު ކުދިން ބޯން ގެންގުޅޭ ތުން، އެކަމަށް ކަނޑައެޅިފައިވާ ބޭސްއެޅި ފެނުން ގިނަގިނައިން ދޮންނާށެވެ.

ސިއްޙީ ރަނގަޅު އާދަތައް ދަސްކޮށްދިނުން: ކުދިންނަށް ސިއްޙީ ރަނގަޅު އާދަތައް ކިޔައިދީ ސާފުތާހިރުކަންމަތީ އުޅެން ބުނެދޭށެވެ. ކުޅެން ގެންގުޅޭ ތަކެއްޗާއި އިނގިލި އަނގަޔަށް ލުމަކީ ރަނގަޅު ކަމެއް ނޫންކަން ބުނެދޭށެވެ.

ގައިންގަޔަށް ބަލިއަރާ ހާލަތުގައި ތިބޭ ކުދިން ވަކިން ގެންގުޅުން: މިބައްޔަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ މިބަލީގެ އަލާމާތްތައް ފެންނަ ކުދިން އެހެންކުދިންނާ ވަކިކުރާށެވެ. ބަލިޖެހިފައިވާ ކުދިން، އެކުދިންގެ އަނގައިގެ ރަތްކަން ނުކެނޑެނީސް ސްކޫލަށް ނުފޮނުވާށެވެ.

ނޯޓު: އަނގަތާފައި ބަލި: މިއީ ‘ފުޓް ހޭންޑް މައުތު ޑިޒީސް’ އަށް ބޭނުންކުރުމަށް ހަދާފައިވާ އައު ލަފުޒެކެވެ. ނަމަވެސް މި ލަފުޒަކީ ބަހުގެ އެކެޑަމީން ފާސްކުރައްވާފައިވާ ލަފުޒެއް ނޫނެވެ. މި ލިންކުން އިތުރު މަޢުލޫމާތު ވިދާޅުވެލައްވާ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.