ކުށެއްގެ އިސްލާޙު: “ލިލީ” ގެ ހަތަރުވަނަ ބައިގައި “އޮނަވިހި ސަތޭކަ ސަޔާނަވައި” ލިޔެވިފައި ހުރި ތަންތަނުގައި އޮންނާނީ، “އޮނަވިހި ސަތޭކަ ފަންސަޔާނަވައި” އެވެ.

17 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ލިޔުމާއި ގުޅޭ….

އީ.ޕީ.އެސްއެސް ގައި…

ބަހުސަކަށް ޖާގައެއްނެތެވެ. ލޯބިވާ މީހުންނާއި ވަކިވާންޖެހޭ ވަގުތު ވެސް އާދެއެވެ. ލޯބިވާ އެއްޗެހި އަތުން ބީވެގެންދާ ފަހަރު ވެސް އާދެއެވެ. އަދި ކިއެއްތަ! ލޯބިވާ މާޙައުލާއި އަލްވަދާޢު ކިޔަންޖެހޭ ދަނޑިވަޅު ވެސް އާދެއެވެ. ކިތަންމެ ބޭނުންވިޔަސް ޙާލަތު އެކަމެއް ޢިއުލާނުކޮށްފިނަމަ، އިޖާބަދޭންޖެހެއެވެ.

ކޮންމެއަކަސް މަދަރުސަތުލް ޢާލިޔާގައި ގުރޭޑް ދިހައެއް އުފެއްދެން ނެތުމާއި ގުޅިގެން، ލިލީ ވަޑައިގެންނެވީ އީ.ޕީ.އެސް.އެސް އަށެވެ. އާދޭހެވެ. މަދަރުސަތުލް ޢާލިޔާ ދޫކުރައްވައި އީ.ޕީ.އެސްއަށް ވަޑައިގަތް ނަމަވެސް، ލިލީގެ ޢަޒުމެއް ދުލެއްނުކުރައްވައެވެ. މާޙައުލު ބަދަލުވެފައިވީ ނަމަވެސް، ލިލީ ބަދަލެއްނުވެއެވެ. އާދެ! ފަނޑުވުމެއްނެތް ހަނދާންތަކެއް މަދަރުސަތުލް ޢާލިޔާއަށް ދޫކުރެއްވުމަށްފަހު، އީ.ޕީ.އެސްގެ ދަތުރު ފެއްޓެވީ، ލަނޑުދަނޑިއަށް ވާސިލުވުމުގެ ފޮނި އުއްމީދާއިއެކީގައެވެ.

މިހާ ހިސާބުން އީ.ޕީ.އެސްގެ ގުރޭޑު ދިހައެއްގެ ކިލާހެއްގެ މަންޒަރަކަށް ނަޒަރެއް ދެއްވަމާތޯއެވެ. އާދޭހެވެ. އީ.ޕީ.އެސްގެ ގުރޭޑު ދިހައަކަށް، ދިވެހިބަސް އުނގަންނަވައިދެއްވާ މުދައްރިސޭތޯއެވެ. މުދައްރިސަކީ، ދިވެހިން އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވުން ޙައްޤު ބޭފުޅެކެވެ. އާދެ! އަޅުގަނޑުމެންގެ އެކުވެރި، އަލްފާޟިލް ޢަބްދުﷲ ޞާދިޤު(ސޯދުބެ) އެވެ.

އާދޭހެވެ. އަލްފާޟިލް ޢަބްދުﷲ ޞާދިޤު ގުރޭޑު ދިހައެއްގެ ކިލާހަށް ވަޑައިގެންނެވިހިނދު ފެނިވަޑައިގަތީ، ވޭތުވެދިޔަތަނުގައި މަދަރުސަތުލް ޢާލިޔާގެ ޔުނިފޯމު ތުރުކުރައްވައިގެން ހުންނެވި ލިލީއެވެ. އަލްފާޟިލް ޢަބްދުﷲ ޞާދިޤަށް، ލިލީ ފެނިވަޑައިގަތުމާއިއެކު، މަދަރުސަތުލް ޢާލިޔާ ދޫކުރައްވައިފައި ތިޔަވަޑައިގެންނެވީ ކީއްވެތޯ ސުވާލު ކުރެއްވެވިއެވެ. ކަންހުރިގޮތް ލިލީ ކިޔައިދެއްވެވިއެވެ. މަދަރުސަތުލް ޢާލިޔާ ދޫކޮށްލައްވަން ޖެހިވަޑައިގަތުމުން، ވަރަށް ހިތާމަފުޅު ކުރައްވާކަމުގައި ލިލީ ދެންނެވިއެވެ. މީގެ އިތުރަށް ދެ ބޭފުޅުންގެ ދޭތެރޭގައި ދެކެވުނު ވާހަކަތައް ލިލީ ކިޔައިދެއްވެވިއެވެ.

ޢަބްދުﷲ ޞާދިޤު: އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މިތާގެ ޖަމުޢިއްޔާއަށް އަޝްރަފް ވާނީ ވަންނަން.

ލިލީ: (މޮޅިވެލައިފައި) ނޫން.. ކަމަކުނުދާނެ. އަޅުގަނޑު ދަންނަ ބަޔަކު މިތަނުގައި ވެސް ނޫޅޭ. މިތަނުގެ ކުދިންނަކަށް ވެސް އަޅުގަނޑެއް ނޭނގޭނެ.

ޢަބްދުﷲ ޞާދިޤު: އެހެން އަދި ކަމަކުނުދާނެ. އަޝްރަފަކީ، ކޮންކަހަލަ ކުއްޖެއްކަމާއި، ކިހިނެއް އުޅުނު ކުއްޖެއްކަމާއި، މިތަނަށް ވަރަށް ޚިދުމަތްކޮށްދެވޭނެ ކުއްޖެއްކަން، ޕުރިންސިޕަލް ޙަސަން މާހިރު ގާތުގައި ދަންނަވައިދޭނަން. މިތާގެ ޖަމްޢިއްޔާއަށް އަޝްރަފް ވަންނަންވާނެ.

ލިލީ: މުދައްރިސަށް ފެނިވަޑައިގަންނަވާނަމަ އެންމެ ރަނގަޅު.
ތިޔައީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް.

އާދެ! ކަންހުރިގޮތް ބެއްލެވިއިރު އިނގިރޭސި ސެކުރެޓަރީގެ މަޤާމު ފިޔަވައި، ހުރިހައި މަޤާމަކަށްވަނީ ކުދިން ޢައްޔަން ކުރެވިފައިކަމަށް ލިލީ ވިދާޅުވިއެވެ. “ދެން އަޅުގަނޑު ދެންނެވީ މުދައްރިސްއޭ ނޫނެކޭ. ދެންނެވީމާ ވިދާޅުވީ، މަޤާމުގެ ނަން އަދި އެހެން އޮވެދާނެ ނޫންހޭ. މިއަށް ވަންނާށޭ.” އާދެ! މިގޮތް މަތިން އީ.ޕީ.އެސްގެ އަދަބީ ޖަމުޢިއްޔާ އެލް.ސީ.އެސް( ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީ ) އަށް ލިލީ ވަދެވަޑައިގަތެވެ. ޖަމުޢިއްޔާއަށް ވަދެވަޑައިގެން ރަންވަނަތައް އީ.ޕީ.އެސް އަށް ހޯއްދަވައިދެއްވިއެވެ.

އީ.ޕީ.އެސްގައި އުޅުއްވިއިރު ވެސް، ސުކޫލު ކުދިންގެ ލަވަ މުބާރާތުގައި ލިލީ ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން އެ ފަހަރު އީ.ޕީ.އެސް އިން ލަވަމުބާރާތުގައި ބައިވެރިވި ވަރަށް ގިނަ ކުދިންނަށް ލަވަ ހައްދަވައި ދެއްވިއެވެ. ލިލީ ކިޔުއްވި ލަވަ ހެއްދެވީ ވެސް ޚުދު ލިލީއެވެ. ލިލީ ވިދާޅުވި ގޮތުގައި އެ ލަވައަކީ، މަންމަގެ ހަނދާނުގައި ކިޔުއްވި ލަވައެކެވެ.

ޢާލިޔާ ސްކޫލުގައި އުޅުއްވިއިރު އަޝްރަފް ޢަލީ (ލިލީ) ކިޔުއްވި ލަވަ – ސްކޫލްކުދިންގެ ލަވަމުބާރާތް 1993ގެ ފޮތުން

އާދެ! އޮނަވިހި ސަތޭކަ ސަޔާނަވައި ވަނަ އަހަރު ގުރޭޑު ދިހައެއް ނިންމައި “އޯލެވެލް” ހެދުމަށްފަހު ލިލީ ވަޑައިގެންނެވީ އުފަން ރަށަށެވެ. އިމްތިޙާނުގެ ނަތީޖާ ލިބެނީ، އޭގެ ދެތިން މަސް ފަހުން ކަމަށްވާތީއެވެ. ރަށަށް ވަޑައިގެން ޢާއިލާއާއި އެކީގައި އުފާވެރި ދުވަސްތަކެއް ވޭތުކުރައްވައިފައި އަނެއްކާ ވެސް އެނބުރި މާލެ ވަޑައިގަތީއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.