[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]

ޝަރީފާ އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާސިރާގެ މަރާއި ގުޅިގެން ޝަރީފާ ކުރަމުން ދިޔަ ހިތާމަވެސް ފަޅި ސިކުންތެއްގައި ގެއްލިގެން ދިޔަ ކަހަލައެވެ. ޝަރީފާ އެންމެ ހައިރާންވީ ޒާރާ ކައިރީގައި ކިންޒާ ހުރީމައެވެ.
“މަންމަ ދަންނަންތަ މިކުއްޖާ؟” ޝަރީފާ ޒާރާގެ ނަމުން ގޮވާލުުމުން ކިންޒާވެސް ވީ ހައިރާނެވެ. ކިންޒާ ޝަރީފާއަށް މަންމާ އޭ ކިޔާފައި ގޮވާލުމުން ޒާރާވެސް ވީ ހައިރާނެވެ. އެކަކު އަނެކަކުގެ މޫނަށް އެންމެންނަށްވެސް ބަލަހައްޓައިގެން ތިބެވުނީ ކުށްވެރިންތަކެއް ފަދައިންނެވެ.
“މީ- ޒާރާ އެއީ މަންމަގެ ރައްޓެއްސެއްގެ ދަރިއެއް. ދޯ ޒާރާ.” ކިންޒާއާ ދިމާއަށް ހިނިތުންވެލަމުން ޝަރީފާ ޒާރާއަށް ދޯ ދިނެވެ. ނަމަވެސް ޒާރާއަށް އެއަޑު އިވުނު ހެނެއް ހިއެއްނުވެއެވެ. ގޭގެ އެތަން މިތަނަށް ކަޅި އުކެނީއެވެ. މަލަކާ ފެނޭތޯއެވެ. ހަމަގައިމުވެސް ޝަރީފާގެ ފާލިހް ފިޔަވައި އިތުުރު އެއްވެސް ދަރިއެއް ނުހުންނާނެއެވެ. ވީއިރު ކިންޒާ ޝަރީފާއަށް މަންމަ ކިޔަންވީ ކީއްވެ ހެއްޔެވެ؟ ސުވާލުތައް ގިނަވި ވަރަކަށް ޒާރާގެ ސިކުނޑި ހާސްވެ މުޅި މީހާ ދާހިތްލާ ފޯވަމުން ދިޔައެވެ.
“އެހެންތަ؟ މާރަނގަޅަކަށްނު މިދިމާވީ. މަންމަ އަޅެ ގުޅާލަންވީނު ޒާރާގެ މަންމައަށް. ހީވަނީ ޒާރާ ވަރަށް ބަލިހެން.” ކިންޒާ ޒާރާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.
ކިންޒާ ގެ ވާހަކަ އަޑުއަހާފައި އަނެއްކާވެސް ޝަރީފާާ ހާސްވެއްޖެއެވެ. އެއްދޮގު ފޮރުވަން އެތައް ހާސް ދޮގެއް ހަދަން ޖެހިއްޖެއެވެ.
“ދަރިފުޅާ. މަންމަ އަށް ގުޅޭނެ ނަމަތާ ގުޅާނީ. ތިކަމެއް ވާކަށް ނެތް؟” ޝަރީފާ ލޮލުގެ ހިމަކަޅިން ޒާރާ އަށް ލޯ އަޅާލަމުން މޮޅު ދޮގެއް ހަދާލިއެވެ.
“އެއީ؟” ކިންޒާއަށް ހައިރާންވެފައި ޒާރާގެ މޫނަށް ބަލާލެވުނެވެ.
“އެއީ ޒާރާގެ އެއްވެސް މީހެއް މިހާރަކު މިދުނިޔެއަކު ނެތް؟” ޝަރީފާގެ އަނގައިން ނިކުތް އާހް ގެ އަޑާއެކު އޭނާ ފުން ނޭވާއެއްލިއެވެ.
ހަމަ ދާ ގޮތަށް ގޮސް ޝަރީފާގެ ކުޑަ ދޫ ދަމައިގެންފާނަމޭ ޒާރާގެ ހިތަށް އެރިއެވެ.
“ފިރިމީހާ ވެސް ތަ؟” ކިންޒާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާާ އަށް ޒާރާ ގެ އަތުގައި ހިފާ ބާރުކޮށްލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“ކިހިނެއްވީ ޒާރާގެ ފިރިމީހާއަށް؟ ކޮބާ އޭނަ؟” ކިންޒާ އޭނާގެ ފެންކަޅިވެފައިވާ ދެލޯ ޒާރާއަށް ހުއްޓާލިއެވެ.
“ދަރިފުޅު ދެން ތިވާހަކަތައް އިތުރަށް ޒާރާ ކައިރީގައި ނާހަބަލަ. ނުފެނޭތަ މިހާރުވެސް އޭނަ އިން ހާާލު. ޑޮކްޓަރަކަށްވެ ހުރެވެސް ކިންޒާއަކަށް އެވަރެއް ނުވިސްނުނު ދޯ.” ޝަރީފާ ހަތިޔާރު ބެހެއްޓީ އިތުރަށް ކޮނުނު ވަރަކަށް އަޅަން ޖެހޭނެ ފަސް ގިނަވާނެތީއެވެ.
“ސޮރީ. މަޑުކޮށްލައްޗޭ އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން.” ޒާރާގެ ބޮލުގައި ފިރުމާލަމުން ކިންޒާ ތެދުވެ ހިނގައިގަތީ ބަދިގެ ފަރާތާއި ދިމާއަށެވެ. ނޭނގިނަމަވެސް ކިންޒާ އެފަހިކޮށްދިނީ ޒާރާގެ ހިތް އެދިއެދި ހުރި ފުރުސަތެވެ.

“އޯވަރ ޓައިމްގަ ދިރިއުޅެމުން ދާ އިރުވެސް ކަލޭ ހާދަ އީމާންތެރިކަން ކުޑައޭ ދޯ. މަލަކާގެ ވަސްވެސް މިދުނިޔެއިން ފޮހެލީތަ؟” ތީ ހަމަ އިންސާނެއްގެ ސިފައިގައި މިދުނިޔެއަށް ފޮނުއްވާފައި ހުރި މުސީބާތެއް. ބޮޑު ވަބާއެއް.” ކިންޒާ ލޮލު ކޮޅަށް ގޮސް ގެއްލުމުން ޒާރާ ޝަރީފާ އާ ދިމާއަށް ހިތުގައި ހުރިހާ އެއްޗެއް ފައްޗެއްހެން އަމުނާލިއެވެ. މިއަދު ޒާރާ ދެރަވަނީ މަލަކާއާ މެެދުގައެވެ. ޝަރީފާގެ ބަހަށް ހެއްލިގެން ޚުދު އަމިއްލަ ދިރިއުޅުން ވެސް ހަލާކުކޮށް ލެވިއްޖެއެވެ.
“ނިމުނީތަ ކިޔަން ހުރި ހުރިހާ އެއްޗެއް ކިޔާ؟ އީމާންތެރިކަމޭ! ކަލޭ ތީ ވަކި ތާހިރު މީހެއްތަ؟ މިހާރުވެސް ބަނޑުގަ ތިއޮތީ ފާފައެއް. ނޭނގެ ކާކުގެ ކަމެއްވެސް. ތީ މުސީބާތަކީ. ބަނޑުގަ ތިއޮތީ ވަބާއަކީ.” ޝަރީފާ އެންމެ ތަންކޮޅެއްވެސް ދުލެއް ނުދިނެވެ. ޒާރާ އާ ދިމާއަށް މަލާމާާތުގެ ގޮތަކަށް ހީލަމުން ޝަރީފާ ނިތް އަރުވާލީ އިތުރަށް ޒާރާ ދަށް ކޮށްލުމުގެ ނިޔަތުގައެވެ.
“މި ވަބާ އޭ ކިޔާފަ ގޮވި އެއްޗަކީ ކަލޭގެ ލޭ. ފާފަ ކުރީ ކަލޭގެ ދަރި. އަހަރެން އެކަންޏެއްނޫން. ބޭނުންވިނަމަ މިލަދުންވެސް މަށަށް ސަލާމަތް ވެވުނީސް. އެކަމަކު މަށަކީ ކަލެއެއް ނޫނޭ. އިރާދަކުރެއްވިއްޔާ އަހަރެން މިހުރީ އަހަރެންގެ ކުށަށް ތައުބާ ވެގެން. އެކަމަކު ކަލޭ ތައުބާ ވެފަ ނުވާނެ ކަމެއް ނޭނގިފަ ތިހުންނަނީ. ކޮށްފައި ހުރީވެސް ހުސް ފާފަ ވިއްޔާ” ޒާރާގެ ރުޅި ހުރީ ކޮންޓްރޯލުން ނައްޓާފައެވެ. މުޅި މީހާގެ ހަށިގަނޑުވެސް ތުރުތުރުލައެވެ. އައިސްފައިވާ ރުޅިއެއްގެ ސަބަބުންނެވެ.
“އައްޗީ.ކަލޭ ހީކުރީ-” ޝަރީފާގެ އަނގަ ބަންދުވީ ކިންޒާ ފެނުމުންނެވެ. އޭރު ކިންޒާ އަށްވެސް ހުރެވުނީ ޝަރީފާއާއި ދިމާއަށް އަނގަ ހުޅުވިފައި ބަލަހައްޓައިގެންނެވެ.
“މަންމާ. ކަލޭއޭ. ހާދަ ހަޑިކޮށް ޒާރާ އާ ތިވާހަކަ ދައްކަނީ.” ކިންޒާ ހުރީ ނުރުހިފައެވެ. އަދި ވާނުވާ ވެސް އެނގެން ބޭނުންވެފައެވެ.
ކުއްލިއަކަށް ޝަރީފާ ހޭން ފެށިއެވެ. ޒާރާ އާ ކިންޒާ ހީކުރީ ޝަރީފާ މޮޔަވީ ކަމަށެވެ.
“ސާބަސް ދަރިފުޅަށް. ޒާރާގެ މަންމައަކީ ނިކަން މަޖާ މީހެއް. އަބަދުވެސް ފިލްމުތަކުގެ ޑައިލޮގް ޖެއްސުން ކުރާ ކަމަކީ. އެހެންވެ އެވާހަކަ ދައްކަމުން ގޮސް ޑައިލޮގެއްވެސް ޖައްސާލީ.” ޝަރީފާ އަދިވެސް ހެނީއެވެ.
“ނޭނގޭނެއެއްނު. ސޮރީ.” ޝަރީފާގެ ހުނުމުގައި ކިންޒާވެސް ބައިވެރިވެލިއެވެ.
“ވަރަށް ލަސްވެއްޖެ. ދެން ދަނީ.” ޒާރާ އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނަން ބޭނުމެއްނޫނެވެ. ކިންޒާ އެގެނައީ އެގެއަށް ކަން އެނގުނު ނަމަ ޒާރާ ނުވެސް އައީހެވެ.

“އެއްޗެއް ނުކައި ދަނީތަ؟ މަޑުކޮށްލަންވީނު.” ކިންޒާ ޒާރާ އާ ހަތަރުކަޅި ހަމަކޮށްލަމުން ހިިނިތުންވެލިއެވެ.
“ނޫނޭ. ދެން އެހެން ފަހަރަކުންދޯ.” ކިންޒާ އިތުރަށް އާދޭސް ކުރުމުގެ ކުރިން ޒާރާ ތެދުވެ ހިނގައިގަތެވެ. ޝަރީފާ ހަމަ ޖެހުމުގެ ނޭވާއެއް ލީ ވެސް ޒާރާ އެގެއިން ބޭރަށް ނިކުތީމައެވެ.
“އަން ދެން މި ޖޫސްތަށި މަންމަ ބޯލާ.” ކިންޒާ ޝަރީފާ ކައިރީގައި ޖޫސްތަށި ބަހައްޓާލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

 

ޒާރާ އަށް މަގުމައްޗަށް ނިކުމުވެނު އިރު ހަމަރަނގަޅަށްވެސް އޭނާގެ ދިގު އެސްފިޔަތައް ތެމިއްޖެއެވެ. އަމިއްލަ ހާލު ހިތަށް އެރުމުންނެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އިތުރަށް ދެން ރުއިމުގެ ބޭނުމެއްވެސް ނެތެވެ. ޒާރާގެ ސިކުނޑި ތެރޭގައި އޭރުވެސް މަލަކާ ގެ ޚިޔާލުތައް އެނބުރެމުންދެއެވެ. މަލަކާ އަށް ވީގޮތް ބަލަން ޒާރާ އިންތިހާއަށް ބޭނުމެވެ. ނަމަވެސް އަހާނީ ކާކުގެ ކައިރީގައި ހެއްޔެވެ؟ ހުރިހާ ކަމަކާއި ބޯ ގޮއްވާނެ ހާ ހިތްވަރު ޒާރާގެ ގައިގައި ނެތްއިރުވެސް އޭނާ ބޭނުންވަނީ އަދިވެސް މަލަކާ ކޮބައިތޯ ބަލާށެވެ.

 

މެންދުރުގެ ހޫނުން މުޅި ޖައްވު ފިހެމުން ދާއިރުވެސް ނުހާ އޮތީ ނިދާފައެވެ. އޭސީގެ ފިނީގެ ސަބަބުން ފަޒާގައިވާ ހޫނުކަމުގެ އަސަރެއް ނުހާ އަށް ނުކުރަނީއެވެ. ނީތާ ދެފަހަރަކު ކޮޓަރީގެ ދޮރު ހުޅުވާފައި ބަލާލައިފިއެވެ. ނުހާ ކާންވެސް ނުތެދުވާތީއެވެ. އެކަމަކު އެންމެ ފަހަރަކުވެސް ނުހާއަކަށް ގޮވާކަށް ނީތާއަކަށް ނުކެރެއެވެ. ނުހާގެ އުޅުމާއި މިޒާޖު ނީތާއަށް ރަނގަޅަށް އެނގޭތީއެވެ.
“ނީތާ. ހާދަ ހާސްވެފަ ތިހުރީ.” ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނީތާގެ ފިޔަވަޅު ހުއްޓުވާލީ މީތަންގެ އަޑެވެ.
“ނުހާ ކާން ނާންނާތީ ބަލާލީ.” ނީތާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. މީތަން ހިނިތުންވެލުމަށްފަހު އެތަނުން ހިނގައިގަތެވެ. ނުހާ އާއި ގުޅުން ހުރި އެއްވެސް ވާހަކައެއް އޭނާ ދައްކަންވެސް އަދި އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. ނީތާގެ ވާހަކައާއި ގުޅުވައިގެން މީތަން އެއްވެސް އެއްޗެއް ނުބުނީވެސް އެހެންވެއެވެ.

އޮފީސް ނިންމާފައި ފާލިހް އާއި އަޔާން އަށް ނިކުމެވުނީ އެކުއެކީގައެވެ. ފާލިހް ފަނޑު ހިނިތުންވުމެއް އަޔާން އަށް ހަދިޔާ ކޮށްލި ނަމަވެސް އަޔާން ގެ މާބޮޑު ޝައުޤެއް ނެތެވެ.
“އަޔާން. ކީއްވެގެންތަ މަ ދެކެ ތިހާ ރުޅި ތިއަންނަނީ.” އަޔާން ގެ ނުރުހުންވެފައިވާ މޫނަށް ބަލާލަމުން ފާލިހް އިސްޖަހާލިއެވެ.
“ކާކުތަ ބުނީ އަހަރެން ފާލިހްދެކެ ރުޅި އާދެޔޭ.” ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް އަތް ޖަހާލަމުން އަޔާން ފުން ނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލިއެވެ.
“މީހަކު ބުނާކަށް ނުޖެހޭނު. އަޔާންއަށްވެސް އެނގޭނެ އަޔާން ޗޭންޖްވެފަ ހުރިވަރު.” ފާލިހް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“ޗޭންޖެއް ނުވަން. އެކަމަކު ކަޑަވޭ ފާލިހް އެގޮތަށް ކަންތައްކުރީމަ. މަލަކާ ވީމައެއް ނޫން. ކުށެއްނެތި ކޮންމެ މީހަކަށް އެހެން ހެދި ނަމަވެސް ހަމަ އަހަރެންނަށް ފާލިހް ދެެކެ ހިތްހަމައެއް ނުޖެހެވޭނެ.” އަޔާން ދެއްކި ވާހަކައަށް ދޭނެ ޖަވާބެއް ފާލިހްއަށް ނޭނގޭތީ އޭނާ ހިނގައިގަތެވެ.

 

“މަޑުކޮށްބަލަ.” ނުހާގެ ފިޔަވަޅު ހުއްޓުވާލީ އާހިލްގެ އަޑެވެ. ނުހާ ކުޑަކޮށް ހުއްޓިލާފައި އަނެއްކާވެސް ހިނގައިގަތެވެ. ދުވާލުގެ ގިނަވަގުތު ނިދުމުގެ ސަބަބުން ނުހާގެ އޮމާން މޫނު ވަނީ ބޯވެފައެވެ. ދެލޯވެސަ ހީވަނީ ވަޅުވަދެފާ ވާހެންނެވެ.
“މަޑެއް ނުކުރާނަންތަ؟” އާހިލް ދުވެފައި ކަހަލަ ގޮތަކަށްގޮސް ނުހާގެ ކުރިމައްޗަށް އެރިއެވެ.
“ކިހާ ބޮޑު ކަމެއްތަ؟ ކަލޭ މަށާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ.” ނުހާގެ އަޑު ބާރުވެގެން ދިޔައެވެ. އާހިލް އަށް ވަށާ ހޯދާލެވުނެވެ. ހަވީރުގެ ވަގުތުކަމުން މަގުމަތީގައި ވަރަށް ގިނަ މީހުން ހޭލަމޭލަވެ އުޅެއެވެ. ނުހާ ގެ އަޑަށް ބައެއް މީހުންގެ ލޯތައް ވަނީ އާހިލް އަށް އަމާޒުވެފައެވެ.
“ކަލޭ.-” އާހިލް އުޅުނީ ނުހާގެ އަތުގައި ހިފާށެވެ. ނަމަވެސް އެ ދެމެދަށްވަނީ އަޔާން އެވެ. ކުއްލިއަކަށް އަޔާން ފެނުމުން އާހިލް އަށް ވުރެ ބޮޑަށް ހާސްވީ ނުހާއެވެ. ފަހަރެއްގައިވެސް އާހިލް ގެ އަނގައިން ހަޤީޤަތް ފަޅާއަރާފާނެތީ އެވެ.
“ކަލޭ ކޯއްޗެއް؟ ކޮބާ ކަލޭގެ މައްސަލައަކީ؟” އަޔާންގެ ރާގު ގައިވާ ހަރުކަށިކަމުން އާހިލް ހުރީ ބަސް ހުއްޓިފައެވެ.
“ކަލެއަށް ކީއް؟ މި ކަލޭގެ އަންހެނުންނެއް ނޫނެއްނު.” އާހިލް ބޭނުންވީ ގަދަ ކޮށްލަން ކަމުގައި ވިޔަސް އާހިލް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އާނ. ރަނގަޅު ވާހަކައެއް. ކަލޭގެ ވެސް އަންހެނުންނެއް ނޫނެއްނު. އެކަމަކު މަގޭ މީހެކޭ މީ.” އަތުގައި އޮތް ސިގެރެނޓް ތުބުގައި ޖަހާލަމުން އަޔާން ނުހާގެ އަތުގައި ހިފިއެވެ.
އަޔާންގެ ބަސްތައް ނުހާ ގެ ހިތުގައި ފިރުމާލިކަހަލައެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ނުހާ އަށް އަޔާން ގެ އަތަށް ފިތާލެވުނެވެ.
“ސޯ. ކަލޭގެ މައްސަލައަކީ ކޮބާ؟ ކަލޭގެ މީހެއްނަމަ ކަލޭ ރަނގަަޅަށް ބަލައިގެން ދޯ ގެންގުޅެންވާނީ. ތީ ހުވަފަތް އަންހެނެއް.“ އަނގައިން ދެރަވަން އާހިލް އަށް އާދަވެފައިނެތް ކަހަލައެވެ.
“މީ މަގޭ މަންމަ. ދެން ކިޔާާބަލަ އެއްޗެކޭ.” އަޔާން ނުހާ ގެ އަތުގައި ހިފައިގެން ހިނގައިގަތީ އާހިލް ގެ މޭގައި އަޅާ ކޮށްޕާލަމުންނެވެ. އަޔާން ސައިކަލަށް އެރުމުން ފާނޑަކަށް ދެކޮނޑު އަރުވާލަމުން އާހިލް ހިނގައިގަތީ ނުހާއަށް މަލާާމާތުގެ ފާނޑަކަށް ހީލާފައެވެ.
“އަރާ ސައިކަލަށް؟” އަޔާން އަމުރު ކުރި ކަހަލައެވެ.
“މަމީ ކަލޭގެ މަންމަތަ؟ ނުޖެހޭނެ އަރާކަށް. އެނގިއްޖެތަ؟” ނުހާ ޝަހާދަތް އިނގިލި އަޔާން އާ ދިމާއަށް ދިއްކޮށްލި އެވެ. ހީކުރި ގޮތަށް އަޔާން ވާހަކަ ނުދެއްކުމުން ނުހާ އަށް ރުޅިއާދެވުނީ އިންތިހާއަށެވެ.
“ނާރަންޏާ ހުރޭ. އަނ. މީގަ ހިފާ.” އަޔާން ވާހަކަ ދެއްކީ ނުހާ އާ ދިމާއަށް ބަލާވެސް ނުލައެވެ. ނުހާއަށް ބޭއިޚްތިޔާރުގައި އަޔާން ދިއްކޮށްލި ކަރުދާސްކޮޅުގައި ހިފުނެވެ. އަދި ލޮލުގެ ހިމަކަޅިން އަޔާންއަށް ބަލާލަމުން ނުހާ އެކަރުދާސްކޮޅު ނިއުޅުވާލިއެވެ.
“ދަރި ވައްޓާ ބޭސް.” ނުހާ އަޔާންގެ މޫނަށް ސުވާާލުގެ ނަޒަރަކުން ބަލާލުމުން އަޔާން ބުނެލިއެވެ.
“ވަޓް. ތި އުޅެނީ ބޯދަމައިގަންނަންތަ؟ ނުވާނެ ތިކަމެއް. އަޅެ ތިނޫން ގޮތަކަށް ކަންތައްކުރަން ނޭނގުނީތަ؟” އައިސްފައި ހުރި ރުޅިއާއި ވެފައި ހުރި ދެރައިން އެންމެ ފަހުން ނުހާއަށް ރޮވުނެވެ.
“ބަނޑު ބޮޑު ނަމަތާ. ކެރޭނެތަ ޓެސްޓް ހަދަންދާން މަށާއެކު.” ނުހާ ގެ މޫނަށް ނުބަލަން އަޔާން ހުރީ އިސްޖަހައިގެންނެވެ. އަދިވެސް ނުހާ ރޯތަން ބަލަން އަޔާން ގެ ހިތަށް އުނދަގޫވާކަހަލައެވެ.
“އައްޗީ. ނުޖެހޭ އިތުރަށް އަލުންބަލުން ޓެސްޓް ހަދާކަށް. އަދި މި ބޭސް ވެސް އަޔާންއަށް. މިކަންތައް ވަރަަށް ރަނަގަޅަށް ނިންމާލާނަން. ބަލަން ހުންނަންޗޭ.” ނުހާ އުޅުނީ ގަދަބަސް ބުނެފަ ހިނގައިގަންނާށެވެ. ނަމަވެސް އަޔާން ސައިކަލުން ފޭބިގޮތަށް ނުހާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.
“ކަލެއަށް ކީއްކުރެވޭނީ. މިއަދު ކަލޭ ހަމަ ރަނގަޅަށްވެސް ސާބިތު ކޮށްދީފި ކަލޭތީ އެއްވެސް ގޮތެއްނެތް އަންހެނެއްކަން. މަގޭ އަންހެނުންގެ ހިޔަންޏާ ހަމައަށްވެސް ކަލެއަށް ކައިރި ނުވެވޭނެ.” އަޔާން ނުހާ އާއި ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވަމުން ގޮސް ނުހާގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ. ނުހާ އަށް ހީވީ ކަރަންޓްގައި ޖެހުނުހެންނެވެ. އެއްވެސް ބެލުމެއްނެތި އަޔާންގެ ގައިގައި ތަޅައިގަތެވެ. ނަމަވެސް އަޔާން އެޔަށްވުރެ މާ ހުޝިޔާާރެވެ. އަތަށް ބާރުލަމުން ނުހާ އޭނާއާއި ދުރަށް ކޮށްޕާލިއެވެ.
“މަރުވަން ނޫނީ ދެން ކައިރިނުވައްޗޭ މަށާ. ނުދަންނަ މީހެއް ނުހުރޭ. ދެންމެވެސް ބޮޑު ޕާޓޭއެއް ކައިރިކޮށްލައިގެން ތިއުޅުނީ. އެހެންވީމަ ލައްކަ ސިއްރު ހުންނާނެ އަދި އޮޅުން ނުފިލާ. ދެންވެސް މައިތިރިވެގެން ހުރޭ.” މިހާ ތަނަށް ނުހާއަށް ފެނިފަވަނީ އަޔާންގެ މަޑުމައިތިރި ކަމެވެ. ނަމަވެސް މިހާރު އޭގެ އިދިކޮޅެވެ.
“ހައިރާން ނުވޭ. މަގޭ މި ސިފަތައް މިހާރު ފެންނަން ހުރުމުގެ ސަބަބަކީ ހަމަ ތި ނުހާ.” އަޔާން ސައިކަލަށް އަރާ ދުއްވާލިއެވެ. ނުހާގެ ފޯނުވެސް ހިފައިގެންނެވެ. ނުހާއަށް ހީވީ އުޑު ވެއްޓި ބޮލުގަ ޖެހުނު ހެންނެވެ.

 

އިރު އޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވަށާލިއިރުވެސް ފާލިހް އިނީ ގޭގެ ގޯތި ތެރޭގައެވެ. އޮފީހުން އައި ގޮތަށް ގޭތެރެއަށް ވަންނަ ހިތްވެސް އޭނާގެ ނެތީއެވެ.
“ދަރިފުޅު ކިހިނެއްވެފަތަ ތިއިނީ.” ޝަރީފާ ފާލިހްގެ ކައިރިއަށް ހުއްޓި ފާާލިހްގެ ބުރަކަށީގައި ފިރުމާލީ ވަރަށް ލޯބިންނެވެ. ފާލިހް އަނގަޔަކުން ނުބުނެއެވެ.
“މިއަދު ޒާރާ އައި މި ގެޔަށް. ކިންޒާ އާއެކު.“ ފާލިހް ހަމަ ރަނގަޅަށްވެސް ސިހުނެވެ.
“ކިހިނެއް؟ ކޮން އިރަކު؟” ފާާލިހްއަށް އިންތަނުން ތެދުވެވުނީވެސް ބޭއިޚްތިޔާރުގައެވެ.
“ދަރިފުޅު ހާސްނުވެބަލަ. މަންމަ އެއްވެސް ކަމެއް އެނގުނަކަ ނުދެމޭ. ދެން ފަހުން ވާހަކަ ދައްކާނީ. އޭނަ އަކީ ކިންޒާގެ ޕޭޝަންޓެއް. މަގުމަތިން ދިމާވެގެން އައީ. އެޔަށް އަންނަނީ ކިންޒާ.” ޝަރީފާ ވާހަކަ ދައްކަމުން ގޮސް އެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ކިންޒާ ލޮލުގެ އިޝާރާތުން ފާލިހްއަށް ދައްކާލިއެވެ.
“ވަރަށް އިރުވެއްޖެތަ އައިސްގެން؟ ސޮރީ ނިދުނީ. ކީއްވެތަ ނުގޮވީ.” ކިންޒާ ފާލިހް ގެ އަތުގައި ހިފާލީ ލޯތްބާއި އެކުގައެވެ. ޝަރީފާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ފާލިހް އަށް އެއްވެސް އެއްޗެއް ނުބުނެ ގަނޑުވެފައި ހުރެވުނީއެވެ.
“ވަރަށް ޓަޔަޑް ދޯ. ދޭބަލަ ފްރެޝްވެލަން. މިދަނީ ކާން ހަދަން..” ކިންޒާ ފާލިހް ގެ ނޭފަތުގައި ހިފާ ދަމާލުމުން ފާލިހް ހިނިތުންވެލީ ގަދަކަމުންނެވެ.

 

އިރާކޮޅު ވެހެން ފެށި ވާރޭ ހުއްޓާލަން ހިތަށްވެސް ނާރައެވެ. އަޔާން ނުހާގެ ފޯނު ސައިލެންޓް ކޮށްލާފައި މީތަން އަށް ނުފެންނަހެން ކަބަޑު ތެރެއަށް ލާ ފޮރުވިއެވެ. ދާދި ދެންމެއަކު ވީ ކަމެއްހެން އަދިވެސް ނުހާ އާއި ދެބަސްވެވުނު މަންޒަރު އަޔާންގެ ލޯމަތީގައި ސިފަވަމުން ދެއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަޔާން ބެލްކަންޏަށް ނިކުމެ ދަގަނޑު މަތީގައި އަތް އަޅުވާލިއެވެ.
“ހިނގާ ކާން. އަދި ފެންވެސް ނުވަރަންދޯ.” މީތަން ބެލްކަނި ދޮރުކައިރީގައި ހުއްޓި ހިނިތުންވެލިއެވެ.
“އެއްވެސް ސުވާލެއްނުކޮށް އަހަރެން ބުނާ ކަމެއް ކޮށްދީފާނަން.” މީތަންއާ ވާހަކަ ދެއްކި ކަމުގައި ވިޔަސް އަޔާންގެ ނަޒަރު ހުއްޓިފައިވަނީ ބޯކޮށް ވެހެމުންދާ ވާރެ އަށެވެ.
ހިތުގައި އެތައް ސުވާލެއް އުފެދުނު ނަމަވެސް މީތަން އާއެކޭ ބުނަމުން ޖަވާބު ދިނެވެ. ކޮންފަދަ ކިޔަމަންތެރި އަތްބެއް ހެއްޔެވެ.؟ އެއްވެސް ގޮތްދެއްކުމެއް ނެތެވެ.
“މާދަމާ ހެނދުނަށް ފުރަން ރެޑީވޭ. މީތަންގެ މަންމައާ ވެސް ވާހަކަ ދައްކާފަ މިއައީ. މަންމައާއެކު ދޭ.” އަޔާން މީތަން އަތުގައި ހިފާ ގާތަށް ދަމާލިއެވެ.
ނުހާގެ ކުޅިގަނޑުގެ ތެރޭގައި މީތަންއަށް އެއްވެސް ދެރަގޮތެއް ވާާކަށް އަޔާން ނޭދެއެވެ.
“ކޮންތާކަށް ފޮނުވާލަނީތަ؟ އަޅެ ނުހުރެވޭނެ އަޔާން ނުފެންނަ ހިސާބެއްގަ. ދެން ނުލިބޭނެ ލޯބި ކޮޅެއްވެސް.” މީތަން ތުން ދަމާލުމުން އަޔާން އަށް ހެވުނެވެ.
“ސިންގަޕޫރަށް. އެންމެ ހަފްތާއެކޭ. އަދި އެކަކު ކައިރީގަވެސް ނުދައްކާތި މިވާހަކަ.” އަޔާން މީތަންގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.
“ތިވަރަކުން ނުވާނެ ދޯ އެއް ހަފްތާއަކަށް.” މީތަން ރަކި ގޮތަކަށް ހީލަމުން އިސްޖަހާލިއެވެ. ޖެހެމުންދާ ފިނި ވައިރޯޅި މީތަން ގެ އިސްތަށިކޮޅާ ސަމާސާ ކޮށްލާތަން ބަލަން ހުރި އަޔާން މީތަން ނަގާ އަތްމައްޗަށް އުފުއްލާލި އެވެ. އަޔާންގެ އެހަރަކާތް މީތަން އަށް ވިސްނުނުކަހަލައެވެ. އެހެންވެ އަޔާންގެ އަތު ތެރޭގައި އޮވެ އެނދާ ދިމާއަށް ދަމުން ކޮޓަރީގެ ލައިޓް މީތަން ނިއްވާލިއެވެ.

 

ހެނދުނު ވިއިރުވެސް ވާރޭ ހުއްޓާނުލައެވެ. އޮފީސް ބަންދު ދުވަހަކަށް ވުމުން ކިންޒާ ބޭނުންވީ ބަގީޗާ ތެރެ ސާާފުކޮށްލާ އާ ގަސްތައް އިންދާށެވެ.
“ފާލިހް. ސައިބޮއެވެސް ނިމިއްޖެއެއްނު. ހިނގާާބަލަ ގަސްއިންދަން ދާން.” ކިންޒާ ތުއިވެލަމުން ފާލިހްގެ އަތުގައި ހިފައި ދަމައިގަތެވެ.
“ދެންމެ މިއައީ ފެންވަރައިގެން. އަނެއްކާ ނުތެމެވޭނެ.” ފާލިހް މަނާކުރިއެވެ. ނަމަވެސް ކިންޒާ އާދޭސް ކުރުމުން ފާލިހްއަށް ޖެހުނީ އެންމެ ފަހުން ކިންޒާ އާއި އެކީ ދާށެވެ.

“ބޭބީ. މިތަން ކޮނެލަބަލަ. މިތާގަ މަގޭ ގާާޑަން ހަދާނީ.” ކިންޒާ ގެ އަތުގެ އިޝާރާތުން ދައްކާލި ތަން ފާލިހް ކޮންނަން ފެށިއެވެ. ކުއްލިއަކަށް ފަސްގަނޑު ތެރެއިން ފާާލިހް ގެ ލޮލުގައި އަޅައިގަތީ މަލަކާގެ ހެދުމުގެ ފޮތިކޮޅެކެވެ. އެހެދުމުގެ ކުލަ ފާލިހް އަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ ފާލިހް އެންމެ ފުރަތަމަ މަލަކާއަށް ގަނެދިން ހެދުމުގެ ފޮތިކޮޅެކެވެ. އެހެދުން ގެއްލިގެން މަލަކާ އެތައް ފަހަރަކު އޭނާ ކައިރީގައި ވެސް އެވާހަކަ ވަނީ ދައްކާފައެވެ. ބަލާކަށް ނުހުރެ ފާލިހް އެފޮތިކޮޅުގައި ހިފައި ދަމައިގަތެވެ. އެފޮތިކޮޅު ތެރޭގައި ކޮންމެވެސް އެއްޗެއް ލާފައި ވަނީ އައްސާ ބާރުކޮށްފައެވެ.
“ކޯޗެއްތަ؟” ކިންޒާގެ އަޑަށް ފާލިހް ދިޔައީ ސިއްސައިގެންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް