މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. އަދިވެސް ކިޔާން ގެއަކަށް ނާދެއެވެ. އެތައް ފަހަރަކު ފޯނަށްވެސް ގުޅައިފިއެވެ. ނަމަވެސް ފޯނު އޮތީ ނިންވާލާފައެވެ. އެކަމާ ހާސްވެގެން މަންމަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަ ހާސްވެފައި ހުރުމުން އަހަރެންނަންވެސް ނިދާކަށް ނުކެރުނެވެ.  “ދަރިފުޅާ، ކޮއްކޮގެ ރައްޓެހި އަލީ އަށް ގުޅާބަލަ.. އެބައޮތްތަ ނަންބަރު؟”

ކޮއްކޮއާއި އެންމެ ގާތްކޮށް އުޅޭ ހުރިހާ ރައްޓެހިންނަށް ގުޅިއްޖެއެވެ. އެއިން އެއްވެސް މީހަކަށް މިރޭ ކޮއްކޮއާއި ބައްދަލު ނުވާ ކަމަށް ބުންޏެވެ.

“އިރޫ އަށް ގުޅާބަލަ ދަރިފުޅާ” ކޮއްކޮގެ އަންހެނުންނަށް ގުޅުމަށް ތަކުރާރުކޮށް މަންމަ އެދުނެވެ. ނަމަވެސް މިދަންވަރު އޭނާ ހާސް ކުރުވަން އަހަރެން ބޭނުމެއް ނުވެއެވެ.

“މަންމާ ކޮއްކޮ އެއީ ކުޑަކުއްޖެއް ނޫނެއްނު.. އެހެން ނޫނަސް ކޮއްކޮ އިނދެދާނެ މިސްކިތުގަވެސް.. ވަރަށް ގިނައިން މިސްކިތުގަ އިނދެއެއްނު” މަންމަގެ ހާސްކަން ފިލުވައިދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ” ކޮއްކޮ ދާނެހެން ހީވާ ހުރިހާ މިސްކިތެއް ބޮޑުބޭބެ ލައްވައި ބަލައިފިން .. އަހަރެންގެ ހިތް ވަރަށް އެބަތެޅޭ.. އަނެއްކާ އަހަރެންގެ ދަރިފުޅުވެސް މަ” އަހަރެން މަންމަ ގެ އަނގަމަތީ އަތް އެޅީމެވެ. އަދި އެކަހަލަ ވާހަކަ ނުދެއްކުމަށް އެދި މަންމަ ގައިގަ ބައްދާލީމެވެ. ބައްޕަ ނިޔާވި ފަހުން މަންމަގެ ހުރިހާ ވަގުތެއް ހޭދަކުރަމުން ދަނީ އަހަރެންނާއި ކޮއްކޮއަށެވެ. ކުޑަ ހިނދުކޮޅަކަށްވެސް މަންމަގެ ލޮލަށް ނުފެންނަ ހިސާބަށް ދަންޏާ ވަރަށް ހާސްވާނެއެވެ. މީހަކާއި އިދެގެންވެސް އެހެންތާކު އުޅޭކަން މަންމަ ގަބޫލެއް ނޫނެވެ. އަހަރެންނާއި  ކޮއްކޮވެސް މަންމަ ދޫކޮށް ދާކަށް ބޭނުމެއް ނުވެއެވެ.  އެހެންގޮތެއް ނެތުމުން އަހަރެން އިރޫއަށް ގުޅީމެވެ.

“އާނ .. އަހަރެންނަށް ގުޅި.. އިޝާ ނަމާދުފަހުން.. ބުނި ވަރަށް ވަރުބަލި ވާހަކަ .. ނިދާލާށޯ ބޭނުމީ…އެހެންވެ އުނދަގޫވެދާނެތީ ފަހުން ނުގުޅީ” އެހާ ދަންވަރު ގުޅުމުން އިރޫ ހުރީ ވަރަށް ހާސްވެފައެވެ. އެންމެ ފަހުން ފުލުހުންގެ އެހީ ތެރިކަން ހޯދަން ނިންމީމެވެ. އެބޭފުޅުންވެސް ވަރަށް މަސައްކަތް ކުރެއްވިއެވެ. އެއްވެސްތާކުން ނުފެނުނެވެ. ކަނޑުއުޅަނދަކުން ދަތުރުކުރިތޯ ބެލިއެވެ. ބޭރުގެ އެއްވެސް ޤަޢުމަކަށް ފުރިތޯ ބެލިއެވެ. އެއްވެސް ތާކަށް ފުރާފައެއްވެސް ނުވެއެވެ. ހުއްޓައިނުލައި ހަފުތާއެއް ވަންދެން މަސައްކަތް ކުރިއެވެ. ޓީވީންނާއި ރޭޑިއޯ އިންވެސް އިޢުލާންކުރިއެވެ. ނަމަވެސް ކިޔާންގެ ޚަބަރެއް ނުވިއެވެ. އިރޫ އާއި މަންމަގެ ހާލަތު ވަރަށްދަށެވެ. އަބަދު ރޮނީއެވެ. ރަގަޅަކަށް ނުވެސްކެވެއެވެ. އަހަރެންނަށްވެސް ކިރިޔާ ހުރެވޭކަމެވެ. ބޮޑުބޭބެގެ އެހީތެރިކަން ވަރަށް ލިބެއެވެ. އިރޫވެސް ރަށުގައި ހުރެފައި މާލެއައެވެ.

ކޮއްކޮ ގެއްލުނުތާ 10 ވަނަ ދުވަހު ދަންވަރު ދެގަޑި ތިރީސްހާއިރު ފޯނު ރިންގުވާ އަޑަށް އަހަރެންނަށް ހޭލެވުނެވެ. އަންނަނީ ބޭރު ނަމްބަރަކުން ވީޑިއޯ ކޯލެކެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެވެ.

“ދޮންތާ.. ދޮންތާ މީ…ކިޔާން… މިހުރީ ސީރިޔާގައި.. މަންމަ ކައިރީ ބުނެލަދޭތި .. މަންމައަށް ވީ ސިޓީއެއް އޮންނާނެ އަހަރެން ނިދާ އެނދު ބާލީހުގެ އުރަ ތެރޭގައި” މަންޒަރު ސާފު ނޫނަސް އަހަރެންނަށް ރީއްޗަށް އަޑު އިވުނެވެ. ނަމަވެސް ވާހާކަ ދައްކާނެ ފުރުސަތެއް ނުދީ ފޯނު ކަޑާލައިފިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ގިސްލަ ގިސްލާފައެވެ. ވާންވީ އުފާ ކަމެއް ދެރަކަމެއް އަހަރެންނަކަށް ނޭގުނެވެ. މަންމަ ގާތުގައި މިވާހަކަ ބުނާނެ ގޮތަކާމެދު ވިސްނާ ވިސްނާ ބޯ ގޮވައިފިއެވެ. އަހަރެންގެ ވާހަކަތައް އަޑުއަހާނެހާ ހިތްވަރު އެ މަންމަގެ ހުންނާނެބާއެވެ. އެ މައިލަގޮނޑިއަށް ކެތްވާނެބާއެވެ.

ކޮއްކޮ ބުނިހެން އެސިޓީ ބާލީހުގެ އުރަތެރޭގައި އޮތެވެ. ސިޓީއުރައަކަށް ލައި ބަންދުކޮށްފައި އޮތް އެސިޓީ ހިފައިގެން އަހަރެން މަންމަ ގާތަށް ދިޔައީމެވެ. ނުނިދިގެން އެދުގައި ފުރޮޅިލަފުރޮޅިލާ މަންމަ އޮތެވެ. އަހަރެން ފެނުމުން މަންމަޔަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އަހަރެން މަންމަގާތު ދެރަ ނުވުމަށް އެދުނީމެވެ. އަދި ކިޔާން ސަލާމަތުން ދުނިޔޭގައި ހުރިވާހަކަ ބުނީމެވެ.

“ކޮންތާކު؟… ކޮންތާކު އަހަރެންގެ ދަރިފުޅު ހުރީ؟.. ހިނގާ އަހަރެން ގޮވައިގެންދާން… އައިރާ .. އައިރާ ހިނގާބަލަ..!!” މަންމަ އެނދުން ތެދުވެ އަހަރެންގެ އަތުގައި ހިފިއެވެ. މަންމަގެ އަތަށް އަހަރެން ސިޓީ ދިނީމެވެ. އެސިޓީ ކިޔައި ދިނުމަށް އަހަރެންގާތުގައި މަންމަ އެދުނެވެ.

“ލޯބިވާ މަންމައަށް… ހެޔޮ ދުޢާ ސަލާމް… މި ސިޓީ މަންމައަށް ލިބޭއިރު އަހަރެން ހުންނާނީ މަންމައާއި ވަރަށް ދުރުގައި.. އެހެނަސް އެކަމާއި މަންމަ ހިތާމަ ނުކުރާތި.. މަންމަ ބުނަމުން އައިމެންނު! އަބަދުވެސް ސުވަރުގެ ހޯދުމަށް މަސައްކަތް ކުރާށޭ.. އަހަރެން މިހުރީ މަންމަގެ ބަސް އަހައިގެން އެންމެ ފަސޭހައިން ސުވަރުގެ ދެވޭނެ މަގު އިޚްތިޔާރުކޮށްގެން… މަންމާ. މާތްﷲގެ މަގުގައި ޖިހާދުކުރަން އައިސް އަހަރެން މިހުރީ.. ﷲ ގެ އިރާދަފުޅާއެކު ސުވަރުގެއިން މަންމައާއި ބައްދަލު ކުރާނަން… އަހަރެންނަށް ހެޔޮދުޢާ ކޮށްދޭތި.”

މަންމަ އިނީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ.

ކިތަންމެ ދެރަވިޔަސް މިއަދު އެ ހަޤީޤަތް މިވަނީ ޤަބޫލު ކުރަން ޖެހިފައެވެ. ކޮއްކޮއެއް ދެން އެނބުރި ނާންނާނެއެވެ. ކިޔާން ދިޔަތާ ދެމަސް ފަހެވެ. އަދިވެސް ކޮއްކޮގެ އަންހެނުން އުޅެނީ މަންމައާއި އަހަރެންގާތުގައެވެ. ކިޔާން ދިޔަފަހުން އެއްވެސް ޚަބަރެއް ނުވާކަމަށް އިރޫ ބުނެއެވެ. ނަމަވެސް ފަހުން ފަހުން އައިސް އިރޫ އެކަމާ ދެރަވާ ހެނެއް ހިޔެއް ނުވެއެވެ. އަބަދުހެން އުޅެނީ ކޮންމެވެސް މީހަކަށް ފޯނުކޮށްގެންނެވެ. ގަޑިކިޔައިގެން ކޮންމެސް މީހަކާ ބައްދަލު ކުރަން ދާހެންވެސް ހީވިއެވެ. ކަމުގެ ހަޤީގަތް ބަލަން އަހަރެން ބޭނުންވިއެވެ.

އިރޫއަށް އަހަރެން ފާރަލީމެވެ.

“ކިޔާން…. އަހަރެން ދާނަން.. އަހަރެންނަށް ކިޔާންއާ ނުލާ ނޫޅެވޭނެ.. އަހަރެންވެސް މަރުވާނީ ކިޔާން އާއިއެކު… އަހަރެން މިރޭ ބައްދަލު ކުރާނަން… ލެމަން ގްރާސް އަށް ދޯ” އަހަރެންނަށް ހަމައެކަނި އަޑުއިވުނީ އިރޫ ދެއްކި ވާހަކައެވެ. ވާހަކަ ދައްކަނީ ކިޔާންކަންވެސް އެގުނެވެ. އިރޫ ބޭރަށް ނުކުންނާނެ ގަޑިއަކަށް އަހަރެން ބެލީމެވެ. މަންމަވެސްވީ ބޮޑުދައިތަ ގެއަށް ގޮހެވެ.

އިރޫ ގެއިން ނުކުންނަށް ހިނގައި ގަތުމުން އަހަރެން ދެލޯ މަރާލަފައި އިރޫގެ ބޮލުގައި ލަކުޑި ގަނޑަކުން ޖެހީމެވެ. އިރޫ ހޭނެތިގެން ވެއްޓުނެވެ. އަހަރެން އިރޫ ދަމާފައި ކޮޓަރިއަށް ވެއްދީމެވެ. ތަޅުދަނޑިން ދޮރު ތަޅުލުމަށްފަހު ގެއިން ނުކުތީމެވެ. އަހަރެންވެސް، އިރޫވެސް ހުންނަނީ މޫނު ބުރުގާ އަޅާފައި ކަމަށްވާތީ މީހުންނަށް މާ ބޮޑަށް ފާހަގަ ނުވާނެކަން އަހަރެންނަށް އެގެއެވެ. އަހަރެން ކާރަށް އެރުމަށްފަހު އިރޫގެ ފޯނު ހުޅުވަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭގެ ޕާސްވޯޑް އަހަރެންނަކަށް ނޭގެއެވެ. އިރުކޮޅަކުން އެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅިއެވެ. ވާހަކަދެއްކީ އަންހެނެކެވެ. އިތުރު ވާހައެއް ނުދައްކާ އޭނާ ހުރިތަނާއި ލައިގެން ހުރި ހެދުމުގެ ކުލަ ކިޔައިދިނެވެ. ލެމަން ގްރާސްގެ ދޮރުން ވަދެވުމާއެކު އަހަރެންނަށް އޭނާ ފެނިއްޖެއެވެ.

މަޑުމަޑުން އޭނާގެ ފަހަތުން އަހަރެން ދިޔައީމެވެ. އޭނާ ގޮސް މަޑުކުރީ މީހުން މަދު އެކަހެރިކޮން ހުރި މޭޒެއްގައެވެ. އަހަރެންވެސް ގޮސް މޭޒުކައިރީ އިށީނީމެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސް ކަމެވެ. ދެފަރާތަށް ބަލާލުމަށްފަހު ވައި އަޑުން އޭނާ ވާހަކަ ދެއްކިއެވެ.

“ކީއްކުރަން ދާން ތިއުޅެނީ؟..” ފިރިމީހާ ބުނެގެން އޭނާ ކައިރިއަށް ދާން ބޭނުންވަނީ ކަމުގައި އަހަރެން ބުނީމެވެ. އޭނާ އަހަރެން އަތަށް ބޮޑު ސިޓީ އުރައެއް ދިނެވެ. އޭގެ ތެރޭގައި އިރޫ އަށް އެހެން ނަމެއްގައި ހަދާފައި އޮތް އައިޑީ ކާޑަކާއި ޕާސްޕޯޓެއް އޮތެވެ. އަދި އިތުރު އެހެނިހެން ލިޔުންތައްވެސް ހުއްޓެވެ.

އޭނާ އަނެއްކާވެސް އަހަރެންނާއި ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން މިކިޔައިދޭ ވާހަކަ އަޑު އަހާ ފާނަންތަ؟..” އަހަރެން ބޮލުގެ އިޝާރާތުން އާއެކޭ ބުނީމެވެ. “އަހަރެންވެސް މީ ކުރިން އެތަނަށް ދިޔަމީހެއް… އެތަނަށް ގޮސްފިއްޔާ ފަސޭހަ ރަޙްމަތެއްގަ އަނބުރާ ނާދެވޭނެ” އޭނާގެ ލޮލުން ވަނީ ކަރުނަ ފޭދިފައެވެ. ވަރަށް އުނދަގުލުން ހިންދިރުވާލުމަށްފަހު ކިޔައި ދިނެވެ. “އަހަރެންނާއި އެކު އެހެން ކުއްޖެއްވެސް އެތަނަށް ދިޔަ… ވަރަށް ދުރު ދަތުރެއް ކުރަން ޖެހެނީ … އަހަރެމެންނާއިއެކު އެމީހުންގެ ހަތިޔާރު އެޅި ސިފައިންގެ މީހަކު ހުރޭ… އަހަރުމެންދިޔައީ ވަކިން ބަހެއްގައި… އެ އަންހެން ކުއްޖާވެސް ދިޔައީ އޭނާގެ ފިރިމީހާ ކައިރިއަށް ދާންވެގެން… ދިޔަ މަގުމަތީ އެ ފިރިހެންމީހާ-” އޭނާ އަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. ނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. “އޭނަ އަހަރެމެން ދެމީހުންނާއި ގަދަކަމުން ބެހުނީ.. ރޭޕް ކުރީ… އަހަރެމެން ދާން ހަމަޖެހިފައިވާ ކޭމްޕާއި ހަމައަށް ދެވުނުފަހުން އެގުނީ އޭނަގެ ފިރިމީހާ މަރުވެއްޖެކަން.. އަދި އޭގެ އެއްމަސް ފަހުން އެގުނީ އޭނަ ރޭޕް ކުރި ސިފައިންގެ މީހާގެ ދަރިއަކަށް ބަލިވެ އިންކަން…. ސިފައިންގެ މީހާ އައިސް އޭނަގެ ބޮލަށް ބަޑި ޖަހާ މަރާލީ.. އަހަރެންގެ ކުރިމަތީ…. އަހަރެންގެ ނަސީބު ރަގަނޅު ކަމުން ފިލުނީ.” ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކާއެކު ވެސް އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެތަނުގައި މީހުން އުޅެނީ ވަރަށް ހާލުގައި … އެތައް ކުޑަކުދިންނެއްގެ މަންމަ އާއި ބައްޕަ މަރުވެފަ.. ޔަތީމުވެފަ އެބަތިބި… ފިރިމަރުވެފަ ތިބި އަންހެނުން އެބަތިބި.. ވަރަށް ނާދިރު ޙާލަތެއްގައި ނޫނީ އެތަނުން ނުފިލޭނެ.. އަހަރެންގެ ވާހަކަ ގަބޫލު ކުރަންޏާ ތިކަން ނުކުރޭ” ކުރެހިފައިވާ އަޑަކުން އޭނާ ވާހަކަ ދެއްކިއެވެ. “ހިތަށް އަރާފާނެ އަހަރެން ކީއްކުރަންހޭ ދެން މިތަނަށް އައީ… އަސްލު އަހަރެންނެއް ނޫން މިތަނަށް އަންނަން ހަމަޖެހިފަ އޮތީ… އަހަރެންގެ އެއްމާބަނޑު ކޮއްކޮ.. އަހަރެންނަށް އެނގިގެން އެއްވެސް މީހަކު އެތަނަށް ދިޔަ ދޭކަށް އަހަރެން ބޭނުމެއް ނޫން.. އެހެންވެ އޭނަ ކޮޓަރީގަ ބަންދުކޮށްފަ އަހަރެން މިއައީ..” ސުވާލު ކުރުމުގެ ކުރިން އޭނާ ޖަވާބު ދިނެވެ.

އަހަރެންނަށް އޭނާގެ ގައިގައި ބައްދާލެވުނެވެ. އަދި ހުރިހާ އެއްޗެއް ކިޔައިދިނީމެވެ. އޭނާޔަށް އެނގޭ ހުރިހާ މަޢުލޫމާތެއް ފުލުހުންނާއި ހިއްސާކުރުމަށް އެދުނީމެވެ. އެކަމުގައި ޝާމިލްވި އެންމެން ފުލުހުން ހައްޔަރުކުރިއެވެ. އެ އަންހެން ކުއްޖާ މެދުވެރިކޮށް ހުރިހާ ކަމެއް އިރޫއަށް ކިޔައިދިނީމެވެ. އިރޫ އެވާހަކަތައް ގަބޫލުކޮށް ދެން ނުދާނެކަން ކޮއްކޮއަށް އެންގުމަށް ގުޅިއެވެ. ނަމަވެސް އޭރު ކޮއްކޮވެސް ވަނީ އަބަދުގެއަބަދަށް މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.