​ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ…” އަށް ބިނާކޮށް ކުޅެފައިވާ ވެބް ސީރީޒް “އެހެނަސް” ގެ ފުރަތަމަ ސީޒަންގެ ފިނާލޭ މިރޭ ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

ސީޒަން ފިނާލޭގައި ގިނަ ކަންތައްތަކެއް ހާމަވެގެންދާނެ ކަމަށް “އެހެނަސް”ގެ ލިޔުންތެރިޔާ/ޕްރޮޑިއުސަރު އަޙްމަދު އިޤްބާލް(އައި.ކިޔޫ) މުނިއަވަސް އަށް ހާމަކޮށްފައިވެއެވެ.

އިޤްބާލް ބުނީ ސީރީޒްގެ ކޮންމެ އެޕިސޯޑެއް ފެށޭއިރު ފެންނަ ރަޔާންގެ ކެރެކްޓަރާއި މި ސީރީޒްގެ މައިގަނޑު ވާހަކައާއި ހުރީ ކޮން ގުޅުމެއްކަންވެސް ފިނާލޭއިން ހާމަވާނެ ކަމަށެވެ.

މީގެ އިތުރުން، ”އެހެނަސް“ގެ މެެއިން ލީޑް ނިޔާޒްއަށް އޭނާގެ ގޭތެރެއިން ލިބެމުންދާ ޖިންސީ އަނިޔާތައް ނިޔާގެ މަންމަ އަށް މިރޭ ފަޅާއަރާނެކަމަށްވެސް އިޤްބާލް ބުންޏެވެ. ހަމަ އެހެންމެ ނިޔާއަށް ކުރިމަތިވަމުން އަންނަ ޖިންސީ އަނިޔާއާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ތެދުވާތަންވެސް މިރޭގެ އެޕިސޯޑުން ފެނިގެންދާނެއެވެ.

އެހެނަސް“ގެ ބެލުންތެރިންގެ ހިތުގައި އެންމެ ބޮޑަށް ސުވާލު އުފެދިފައިވާ ބޮޑު ސުވާލުގެ ޖަވާބުވެސް ފިނާލޭ އެޕިސޯޑުން މިރޭ އެނގިގެންދާނެއެވެ.

މީގެ އިތުރުން މިރޭ ދައްކާ ފިނާލޭއިން މި ސީރީޒްގެ ދެވަނަ ސީޒަންގެ މެއިން ކާސްޓެއްވެސް ތަޢާރަފުވެގެންދާނެ ކަމަށް އިޤްބާލް ބުންނެވެ.

ވެބްސީރީޒް ”އެހެނަސް“އިން ދައްކައިދެނީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކައެކެވެ.

’އައި ކިޔު ޕްރޮޑަކްޝަންސް‘ އިން ’އާރް ޓޫ ޒީ‘ އާއި ’އާރް ސްކޮޔާޑް‘ އާއި ގުޅިގެން އުފައްދާ ވެބްސީރީޒް ”އެހެނަސް“ ގެ ޑައިރެކްޓަރަކީ ޒުވާން ޑައިރެކްޓަރ ރަވީ ފާރޫޤް އެވެ.

މި ސީރީޒުން ފެނިގެންދާ ގިނަ ފަންނާނުންނަކީ ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ނަމަވެސް ’ޓިކް ޓޮކް’ގައި އެންމެ ކުރީ ސަފުގައި އުޅޭ ފަންނާނުން ތަކެކެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކު ފިޔަވައި ”އެހެނަސް“ ގެ ކާސްޓްގެ 99 ޕަސަންޓަކީ އަލަށް ތައާރަފުވާ އެކްޓަރުންނެވެ.

މީގެ އެންމެ މުހިއްމު ކެރެކްޓާ އިން ފެންނާނީ މީގެ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ މުހައްމަދު ވިޝާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ފިލްމު ”ބޮސް“ އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، ޝަރާ އާދަމް، އާމިނަތު ޝަމާނާ، އަހުމަދު ޝާރިފް، އާމިނަތު ސިލްނާ، މިއަދު ނޫހުގެ ނޫސްވެރިޔާ މަރިޔަމް ވަހީދާ (ޔަމް)، އަދި އަލީ އުސާމް ހިމެނެ އެވެ.

އެހެނަސް“ އަކީ ދެ ސީޒަނަކަށް ޖުމްލަ 20 އެޕިސޯޑާ އެކު ގެނެސް ދޭނެ ސީރީޒެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ. ކޮންމެ ސީޒަނެއްގައި ހިމެނޭނީ 10 އެޕިސޯޑެވެ.

އެހެނަސް“ގެ ސީޒަން ފިނާލޭ ދައްކާނީ މިރޭ09:00 ގައި ބައިސްކޯފުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ