ހިންދީ ކްލެސިކަލް ލަވަތަކުގެ ތެރެއިން ލަތާ-މަދަން މޯހަން ގެ ލަވަ ތަކަކީ ފާހަގަކޮށްލެވޭފަދަ އަގުބޮޑު ޖަވާހިރު ތަކެއްފަދަ ހިތްގައިމު އުފެއްދުން ތަކެކެކެވެ.

‘ލަގްޖާ ގަލޭ ކެ ފިރް ޔެ ހަސީން ރާތު ހޯ ނަ ހޯ’ –  އަހަރެންގެ ގައިގައި ބައްދާލާށެވެ. އެހެނީ، މިހާ ރީތި ރެޔެއް ނައިސް ހިނގައިދާނެއެވެ. މި ހިތްގައިމު ލަވައަކީ ލަތާ-މަދަން މޯހަންގެ ލަވައެކެވެ. 1964 ގައި ނެރުނު ފިލްމު ‘ވޯހް ކޯން ތީ” ގެ ލަވައެކެވެ. ރާޖާ މެހްދީ އަލީ ޚާން މި ޅެން ހަދާފައިވާ ފުރިހަމަ ކަމުން ތަޢުރީފް ޙައްޤެވެ. އެހެނީ މިއީކީ ހަމައެކަނި ލަވައެއް ނޫނެނެވެ. މިއީ ޅެންވެރިކަމުގެ ފެންވަރު ރަނގަޅު އުފެއްދުމެކެވެ. މަދަން މޯހަންގެ މިއުޒިކަށް ލަތާގެ އަސަރުގަދަ އަޑުން މި ލަވަ ގެނެސްދީފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ.

ހިތަށް ތަރަސްވުރެއް ގެންނަވާށެވެ. ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ ހަޔާތުގައި ބާކީ އެތައް ދުވަސްތަކެއް އޮތް ކުއްޖަކަށް ޝިފާއެއް ނެތް ބައްޔެއް ޖެހި ޙަޔާތުގައި ދެން ބާކީ އޮތީ މަދު ދުވަސްކޮޅެއްކަން އެނގުމުން އެކަމުގެ ހިތާމައާއި ހިތްދަތިކަން ވެރިވާހިނދު ހިތަށް ވެރިވާނީ ކޮންފަދަ ހިތްދަތި ޝުޢޫރުތަކެއް ހެއްޔެވެ. އެފަދަ އަންހެން ކުއްޖަކު ދެން ހަދާނީވެސް ކިހިނެތް ހެއްޔެވެ؟ އެ އަންހެންކުއްޖާގެ ހިތަށް އަރައި ފައިބަމުންދާނީ ކޮންފަދަ އިޙްސާސްތަކެއް ހިމެނޭ ޝުޢޫރުތަކެއް ހެއްޔެވެ؟

ރާޖާ މެހްދީ ވަނީ މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ޙާލަތުގައި ހުންނާނެ ކުއްޖެއްގެ އިޙްސާސްތައް މި ލަވައިގެ ޅެމުގައި ވަރަށް ރަނގަޅަށް ސިފަކޮށްދީފައެވެ. މި ލަވަ ‘އަގުބޮޑު މުތަކަށް’ ވެފައިވަނީ ރާޖާ މެހްދީގެ މިހާ ފުރިހަމަ ޅެމަކަށް މަދަން މޯހަން އާއި ލަތާ މަންގޭޝްކަރް ކޮށްފައިވާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. ލަވައިގެ ވީޑިއޯގައި ސާދްނާގެ އެކްޓިންގ ދައްކާފައިވާ ފެންވަރަކީވެސް މި ލަވައިގެ އަސަރު އެތައް ގުނައަކަށް އުފުލިގެންދިޔަ ސަބަބެކެވެ. ސާދްނާ އާއި އެކު މި ލަވައިގައި ހަރަކާތްތެރި ވެފައިވަނީ މަނޯޖް ކުމާރް އެވެ.

މި ލަވައިގެ ލިރިކްސްގެ މާނަ ނުވަތަ ތަރުޖަމާ ވަރަށް ފުރިހަމައަށް ކޮށްދެއްވާފައިވަނީ ‘ދިމާނަ – ޔޫޓިއުބް ޗެނަލް’ ހިންގުމުގައި އަޅުގަނޑާއި އެކު ޙަރަކާތްތެރިވަމުން ގެންދަވާ، އަޅުގަނޑުގެ ގާތް ރަޙްމަތްތެރިޔާ ޑޮކްޓަރ ޝަމްސުލް ފަލާޙް އެވެ.

ލަވަ: ލަގް ޖާ ގަލޭ (ފިލްމް: ވޯ ކޯންތީ – ޅެންވެރިޔާ: ރާޖާ މެހްދީ)    ތަރުޖަމާކުރީ: ފަލާޙް

އަހަރެންގެ ގައިގައި ބައްދާލާށެވެ.

އެހެނީ، މިހާ ރީތި ރެޔެއް ނައިސް ހިނގައިދާނެއެވެ.

ނޫނީ، ފަހަރެއްގައި އަހަރުމެންގެ ޙަޔާތުގައި ދެން މިފަދަ ބައްދަލުވުމެއް ނުވެވެސް ހިނގައިދާނެއެވެ.

އަހަރެންގެ ގައިގައި ބައްދާލާށެވެ.

އަހަރުމެންގެ ނަސީބުން، މި ހިނދުކޮޅުތައް (ބައްދަލުވުން) ލިބިއްޖެއެވެ.

(ތަޤްދީރު، މި ހިނދުކޮޅުތައް އަހަރުމެންނަށް ގެނެސްދީފިއެވެ.)

ކަލާ ހިތްފުރެންދެން އަހަންނާ ވަރަށް ގާތުން ބަލާށެވެ.

ކަލާގެ ނަސީބުގައި، ދެން މިފަދަ ފުރުޞަތެއް ނުލިބިވެސް ހިނގައިދާނެއެވެ.

ނޫނީ، ފަހަރެއްގައި އަހަރުމެންގެ ޙަޔާތުގައި ދެން މިފަދަ ބައްދަލުވުމެއް ނުވެވެސް ހިނގައިދާނެއެވެ.

އަހަރެންގެ ގައިގައި ބައްދާލާށެވެ.

އަހަންނާ ކައިރިއަށް އަންނާށެވެ. އެހެނީ، ގިނަގިނައިން އަހަރެން ނައިސް ހިނގައިދާނެއެވެ.

ކަލާގެ ގައިގައި ބައްދާލައިގެން އަހަރެން ރުޔަދޭށެވެ. ހަމަ ރުޔަދޭށެވެ.

އެހެނީ، ދެން ލޯބީގެ ކަރުނަތައް ލޮލުން ނުއޮހޮރިވެސް ހިނގައިދާނެއެވެ.

ނޫނީ، ފަހަރެއްގައި އަހަރުމެންގެ ޙަޔާތުގައި ދެން މިފަދަ ބައްދަލުވުމެއް ނުވެވެސް ހިނގައިދާނެއެވެ.

އަހަރެންގެ ގައިގައި ބައްދާލާށެވެ.

އެހެނީ، މިހާ ރީތި ރެޔެއް ނައިސް ހިނގައިދާނެއެވެ.

ނޫނީ، ފަހަރެއްގައި އަހަރުމެންގެ ޙަޔާތުގައި ދެން މިފަދަ ބައްދަލުވުމެއް ނުވެވެސް ހިނގައިދާނެއެވެ.

އަހަރެންގެ ގައިގައި ބައްދާލާށެވެ.

4 މާޗް 2011

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.