ދިވެހީން މިއަދު ކުރި އަރައިފިއެވެ. ގެންގުޅޭ ފޯނެވެ. އަތުގައި އަޅާފައި އޮންނަ ގަޑިއެވެ. ދުއްވަން ގެންގުޅޭ ސައިކަލް ނުވަތަ ކާރެވެ. އިތުރު ތަރައްޤީ ކަމެއް ގެނުވަން ބޯން ގެންގުޅޭ ވޭޕެވެ. ރަނގަޅެވެ. މި ސަރަހައްދުގެ ހުރިހައި ޤައުމެއްގެ ތެރެއިން، ކޮންމެ ޤައުމަކުން އެކަކު ނަގައިގެން އަޅުގަނޑުމެން ސާވޭއެއް ކޮށްފިނަމަ، ދެންމެ މި ދެންނެވި ފަދަ ކަންކަމުން ދިވެހިރާއްޖެއާ ކައިރިކުރެވޭނެ އެހެން ޤައުމެއް އޮންނާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ނަމަވެސް މިއީ ބޭރު ފުށުން ފެންނަ މަންޒަރެވެ. އަސްލަށް ބަލާލަމާ ހިނގާށެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މި ގެންގުޅެނީ އެންމެ ފަހުގެ ފޯނެވެ. އެޕަލް ނޫނީ ސެމްސަންގ ފޯނެވެ. އެ ފޯނު މި ގަންނަގޮތޭ ތޯއެވެ. ކޮންމެވެސް ތާކުން އިންސްޓޯލްމެންޓަށް ނަގަނީ އެވެ. މުސާރަ 10000 ރުފިޔާ ވަރު ލިބޭ މީހާގެ މުސާރައިން ކޮންމެ މަހަކު މަދުވެގެން 1500 ވަރަކަށް ރުފިޔާ ހޭދަކޮށްލަން ޖެހެނީ ފޯނަށް އަގު ދެއްކުމަށެވެ. ދެން އޮތީ ދުއްވަން ގެންގުޅޭ އެންމެ ފަހުގެ ސައިކަލްގެ ވާހަކައެކެވެ. ސައިކަލު ނެގި ގޮތަށް ބަލައިލިއަސް ފެންނަން އޮންނާނީ ހަމަ މި ހާލަތެވެ. ސައިކަލަށް ދައްކަން އަނެއްކާ 2000 ވަރަކަށް ރުފިޔާ ހޭދަކޮށްލަން ޖެހެއެވެ.

ޚަރަދުބަރަދުކުރުން އިންތިހާއަށް ގޮސްފައިވާ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅޭ ގިނަ ދިވެހީން ފެންބިލު ބޮޑުވެ، ކަރަންޓް ބިލު ބޮޑުވެގެން އެއިރަކު އޮންނަ ސަރުކާރަކަށް ހިތުހުރި އެއްޗެއް ގޮވަމުން ދާނެއެވެ. ރަނގަޅު ވިސްނުމަކުން ވިސްނާމީހާ ކުރިން އަޅުގަނޑު އިޝާރާތްކުރި ފޯނާއި ސައިކަލަށް އިސްކަން ނުދީ ބިލްތަކަށް ބަލައިގެން އުޅޭނަމަ، ޚަރަދުބަރަދު ހަމަ ޖައްސައިނުލެވޭނެތޯއެވެ؟ އޭރުން ހަމަ ގައިމުވެސް، އެއްކަލަ 10000 ރުފިޔާ ލިބޭ މީހާގެ މުސާރައިން 3500 ވަރަކަށް ރުފިޔާ ޚަރަދުކޮށްނުލައި އެހެން ކަމަކަށް ބޭނުންކުރަން އޮންނާނެއެވެ.

އިންތިހާއަށް ޚަރަދުކުރުމުގެ އާދަ ހިފައިފައިވާ ގިނަ މީހުންގެ ހާލަތަކީތޯއެވެ. ބޭރަށް ނުކުންނަ ގޮތަށް ދަނީ ކޮފީ އަކަށެވެ. ކޮންމެ ކޮންމެ ތާކަށް ކޮފީ އަކަށް އެރޭ ވަރެއް ނުވެއެވެ. ޝީޝާ ބޮވެން ޖެހެއެވެ. ގޮސް ނަގަން ކަމުދަނީ ރެޑްބުލް އެކެވެ. 30 ރުފިޔާ ރެޑްބުލް އަށް ހޭދަކޮށްލައެވެ. ޝީޝާ ބުއިމަށް 150 ރުފިޔާއެވެ. ރެޑްބުލް އާއި ޝީޝާއަށް 180 ރުފިޔާ އެރީ އެވެ. ދުވާލަކަށް ޝީޝާ އަކާ ރެޑްބުލް އެއް ނެގިޔަސް މަހެއްގެ މައްޗަށް އެ ހޭދަކޮށްލެވެނީ 5400 ރުފިޔާއެވެ. އެއްކަލަ 10000 ރުފިޔާ މަހު މުސާރައަށް ލިބޭ މީހާގެ މުސާރާގައި ބާކީ އޮންނާނީ އެންމެ 1100 ރުފިޔާ، އެހެންނޫންތޯއެވެ.

މި ދެންނެވި ޚަރަދުތައް ކޮށް ނިންމައިލިއިރު އަދި ފޯނު ބިލު އޮތީ ނުދައްކައެވެ. ކޮސްމެޓިކްސް ގަތުން ވެސް އޮތީ އެވެ. އެއްކަލަ ފަހުގެ ސައިކަލަށް އަޅާ ފެޓްރޯލް ގަންނަންވެސް ކޮންމެވެސް ވަރެއްގެ ބަޖެޓެއް ބަހައްޓަން ޖެހެއެވެ. ބިޓު ގޮވައިގެން ކާން ދާން މަޖުބޫރެވެ. މަހުގެ 10ވަނަ ދުވަހާއި ހަމައަށް އަރާއިރު މުސާރަ އޮންނާނީ އެއްކޮށް ހުސްވެފައެވެ. ދެން އެއްކަލަ ޝީޝާ ބޮއެފައި ބިލް އައިމާ ކޮންމެސް ރައްޓެސަކަށް ގުޅާފައި ޓްރާންސްފާއެއް ހަދައިދޭން އާދޭސް ކުރާ މަންޒަރު އާންމުކޮށް ފެނެއެވެ.

‎ދިވެހިން ގެ ތަރައްޤީ ގެތެރެއަށް ފީނާލީމާ އަމިއްލަ އަކަށް ވެސް ލަދު ގަނެއްޖެއެވެ. މިއީ އަދި އެންމެ އާދައިގެ މީހާ ވެފައި ހުރި ތަރައްޤީގެ ވާހަކައިން ކުޑަމިންވަރެކެވެ. ބޮޑު މުސާރަ ލިބޭ މީހުންގެ ތަރައްޤީ ހުންނާނެ ހިސާބެއް ދަންނަވަންވެސް އަޅުގަނޑަކަށްވާ ނޭނގެއެވެ. ދިވެހީންގެ ނާތަހުޒީބު ތަރައްޤީ ހުރީ ލަދުގަތަސް، ހިނިއަޔަސް އަދި ރުޅިއަޔަސް އަޅުގަނޑު މި ދެންނެވި ގޮތަށް ނޫންތޯއެވެ. އެކަމަކު އެނގިލައްވާތޯއެވެ. ހަގީގީ ތަރައްޤީއަކީ ތިމާގެ ނަފުސު ތަރައްޤީ ނުކޮށް ކިތަންމެ މަންޒަރެއް ދެއްކިޔަސް އަންނާނެ އެއްޗެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.