‎ކާމިޔާބު އެތައް ފިލުމުތަކެއް މިހައިތަނަށް އުފައްދާފައިވާ ހުނަރުވެރި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ބިރުވެރި ފިލްމު “ކާކު؟” އޮލިމްޕަހުގައި ރޭ ޕްރިމިއާކޮށްފިއެވެ.

ކާކު؟” ބަލައި ނިންމާލެވުނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ހަގީގަތުގައި ވެސް މި ފިލްމަކީ މިހައިތަނަށް ބަލައިލެވުނު ބިރުވެރި ފިލްމުތަކުގެ ތެރެއިން އެންމެ ކޮލިޓީ ރަނގަޅު އެއް ފިލްމުކަމުގައި އަޅުގަނޑު ފާހަގަ ކުރަމެވެ. ފެށިގެން ނިމެންދެން ސިނަމާހޯލު ތެރޭގައި އޯޑިއެންސްގެ އަޑު ކަނޑުވައިލާނެ ވަގުތެއް ނުދީ ފިލްމުގެ ބިރުވެރިކަން ދައްކުވައިދީފައިވާ މޮޅު ފިލްމެކެވެ. އެންމެ ފާހަގަކޮށްލެވެނީ ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ ފުރިހަމަކަމެވެ.

‎ކާސްޓުންގެ ތެރޭގައި ފިލްމީ ދުނިޔެއަށް އެހާ އާންމު ނޫން މޫނުތަކެއް ފެނިގެންދިޔަ ނަމަވެސް އެކްޓިން އަށް އަލޭ ބުނާނެ ޖާގައެއް ނެތެވެ. ބެލުންތެރިންނަށް ފިލްމާއި މެދު އެންމެ ބޮޑު ޝައުގުވެރިކަމެއް ގެނެސްދިނީ ހުނަރުވެރި އެކްޓަރު، އޭރުވެސް އަދި މިހާރުވެސް ދެވަނައެއް ނުވާ ހާމިދު ޢަލީގެ ފުރިހަމަ ރޯލުގެ ސަބަބުންނެވެ. ހާމިދުގެ ޢަލީ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައި ވާ ހުނަރުވެރި މޮޅު އެކްޓަރެކެވެ.

‎ބެލުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަން ބޭނުންވަނީ “ކާކު؟” މި ފިލްމަކީ، ބިރުވެރި ފިލްމެއް ބަލަން ބޭނުންވާ ފަރާތްތަކުން ކޮންމެހެންވެސް ބަލައިލަން ޖެހޭ ފިލްމެކެވެ. ފިލްމުގެ އެންމެ ތަފާތު ކަމަކީ ހަގީގީ ހާދިސާއެއް ކަމުގައި ވުމެވެ. ހަގީގީ ބިރުވެރި ހާދިސާއެއް ބަލާއިލަން ބޭނުންވާ ނަމަ “ކާކު” ކޮންމެހެން ވެސް ބަލާއިލަން ޖެހެއެވެ.

‘މީ ޕްރޮޑަކްޝަންސް’ގެ “ކާކު؟” މި ފިލްމަކީ މިހާރުވެސް ހިނގަމުން އަންނަ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މާއެނބޫ ލިޔެފައިވާ މި ވާހަކައިގެ ސްކްރީން ޕްލޭ ތައްޔާރު ކޮށްފައި ވަނީ މަޙުދީ އަޙްމަދުއެވެ. ފިލްމުގެ ސްޕެޝަލް އިފެކްޓާއި ޑްރޯން މަންޒަރުތައް ނެގީ ކުޑަ ސޮބާއެވެ. މިއުޒިކް ތައްޔާރުކުރީ ’ސޮލް ސީރީޒް‘ އިންނެވެ. ފިލްމުގެ ވިޝުއަލް އެފެކްޓްސް ހަދާފައިވަނީ ބޮޑުރިޔާއެވެ.

ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް ’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަލީ ނިހާސް
އަލީ ނިހާސް އަކީ
އަދަބީ އަދި އިޖްތިމާޢީ މައުޟޫތަކަށް ލިޔުމުގައި ކުޅަދާނަ ލިޔުންތެރިއެކެވެ.