ލ. ގަން ރީޖަނަލް ހޮސްޕިޓަލަކީ ޓާރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކުރުމަށް، މަސައްކަތްކުރާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމާއި ހޮސްޕިޓަލް އައު ފިޔަވަހި ފަރުމާކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމާއި އެ ހޮސްޕިޓަލުގައި އިންޖީނުގެއެއް އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަައް ހަވާލުކޮށް މިއަދު ސޮއެކޮށްފައިވެއެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ވޯޑްތައް އެއަރ ކޮންޑިޝަން ކުރުމުގެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ ޕްރޯ އޭސީ އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އެވެ. އެފަރާތުން މަސައްކަތް ނިންމުމަށް ދީފައިވަނީ 120 ދުވަހެވެ. މި މަސައްކަތުގެ ދަށުން ހޮސްޕިޓަލުގެ ހުރިހައި ވޯޑުތައް އޭސީކުރުން ހިމެނެއެވެ.

އެ ހޮސްޕިޓަލުގެ އައު ފިޔަވަހި ފަރުމާކޮށް، ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމުގެ ޕްރޮޖެކްޓް ކޮންޓްރެކްޓަރަކީ ރިޔަން ޕްރައިވެޓް ލިމިޓެޑް އެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 40 ދުވަހެވެ. މިޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގެ އައު ފިޔަވަހި ފަރުމާކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދަން ހަވާލުކޮށްފައިވެއެވެ.

މީގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި އިންޖީނުގެއެއް އިމާރާތްކުރުމުގެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓުގެ ދަށުން 67 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ޕްރޮޖެކްޓައް ސޮއެކުރުމާއި ހަވާލުކުރުމުގެ މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަމީން އާއި ލ. ގަން ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ވިސާމް އާއި ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޢަލީ ނަޝީދު ބައިވެރިވެލެއްވިއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޢަލީ ނަޝީދު މުނިއަވަސް އަށް ވިދާޅުވީ މިއީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތް ފެށުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.