ތްރިލާ ފިލްމު “އިނގިލި”ން މޮޅު އެކްޓިންއެއް ދެއްކި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އަލަށް ޑައިރެކްޓްކޮށް އުފެއްދި ފީޗާ ފިލްމު “ލީނާ” އަންނަ އޮކްޓޫބަރު މަހު ތިނަކުން ހަޔަކަށް އައްޑޫ ސިޓީގައި ދައްކަން ނިންމާފައިވާކަމަށް މުއާ ބުނެފިއެވެ.

ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައިވާ ފިލްމު”ލީނާ“ އައްޑު ސިޓީ މަރަދޫ އާއި ހިތަދޫގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މަރަދޫ ބޮންޑަގޭ ސިނަމާގައި އޮކްޓޫބަރު 03 އަދި 04ވަނަ ދުވަހުގެ ރޭ ދައްކާނެއެވެ. މީގެ އިތުރުން ހިތަދޫ ބިލަބޮންގ ސްކޫލް ހޯލުގައި އޮކްޓޫބަރު 05 އަދި 06ވަނަ ދުވަހުގެރޭވެސް “ލީނާ” ދެއްކުމަށް ނިންމާފައިވެއެވެ.

އައްޑޫ ސިޓީން ފިލްމު “ލީނާ” ބަލަން ބޭނުންވާ ފަރާތްތަކުން ޓިކެޓަށް ނަންނޯޓުކުރުމަށް ގުޅާނެ ނަންބަރަކީ 9499676 އަށެވެ. ޓިކެޓް ގަންނަން ލިބެން ހުންނާނީ ފޭދޫއާއި ހިތަދޫގައި ހުންނަ ‘ކޮންޓްރޯލް ޕީ’ އިންނެވެ.

”ލީނާ“ އަކީ އަންހެންކުއްޖެއްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން މުއާ ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ ޒަރީރުއެވެ. ފިލްމު ޑައިރެކްޓްކޮށް، ލީނާގެ ގާތިލުގެ ރޯލު ކުޅެފައިވަނީ މުއާއެވެ.

ފިލްމުގެ ކާސްޓަށް ބަލައިލާއިރު، މިވަގުތު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު، ހުނަރުވެރި ބަޠަލާ މަރިޔަމް އައްޒަ ކުޅެނީ ލީނާގެ ކެރެކްޓަރ އެވެ. ޢަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވަނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. ކުރިއަރަމުން އަންނަ ހުނަރުވެރި ނުޒުހަތު ޝުޢައިބް (ނުޒޫ) އަކީ ލީނާގެ ބެސްޓް ފްރެންޑެވެ. ލީނާގެ މަންމަގެ ރޯލުން ފެނިގެންދަނީ މަރިޔަމް ހަލީމް އެވެ. މި ފިލްމުގައި އަޙްމަދު ސައީދު އަދާކުރާނީ ކައުންސިލް ރައީސްގެ ރޯލެވެ. އަޙްމަދު ނިމާލުވެސް މި ފިލްމުން ފެނިގެންދެއެވެ.

ފިލްމު ބަލަމުންދާއިރު، ނޭވާ ހިފަހައްޓައިލަން ޖެހޭ އެތަކެއް މަންޒަރުތަކެއް ފެނުމުގެ އިތުރުން، ކައުންސިލްގައި ނުޒޫ ވަޒީފާ އަދާކުރާއިރު ސައީދު އާއި ނުޒޫގެ ކުރިމަތިލުންތަކުން ސިނަމާ އެއްކޮށް ހެއްވައިލާ، ފިލްމުގެ ރަހަ ވަރަށް ބޮޑަށް ހެޔޮވަރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.