​ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ ޑްރާމާ ‘ކަސޯޓީ ޒިންދަގީ ކޭ’ ގައި ކޮމޮލިކާގެ ރޯލް ކުޅުމަށް އާމްނާ ޝަރީފް ސޮއިކޮށްފައި ވާކަމަށް އޭނާ ކަށަވަރު ކޮށްދީފިއެވެ. މިކަން އާމްނާ ކަށަވަރު ކޮށްދީފައި ވަނީ ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައެވެ.

އާމްނާ އަކީ “ކަސޯޓީ” ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް މީގެ އަހަރުތަކެއް ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާ “ކަހީ ތޯ ހޯގާ” ގައި ކަޝިޝްގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ އެވެ.

އޭނާ ބުނީ ކޮމޮލިކާގެ ރޯލަށް އެއްބަސްވީ ތަފާތު ކެރެކްޓާއެއް ކުޅެލަން ބޭނުންވާތީ ކަމަށެވެ. “އަހަންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާކުރަން ބޭނުންވާ މީހެއް، އަދި އެ ރޯލަކީ ހަގީގަތުގައި އަހަރެންގެ ޙަޔާތް އަލުން ބައްޓަންކުރަން ލިބުނު ފުރުސަތަކަށް ވާނެ.” އާމްނާ ބުންޏެވެ. މީގެ އިތުރުން ބެލުން ތެރިން އާޝޯޚް ކުރުވާފަދަ ރޯލެއް ކުޅެން ބޭނުންވާ ކަމަށާއި ކޮމޮލިކާއަކީ އެފަދަ ރޯލެއް ކަމަށް އާމްނާ ވަނީ ފާހަގަ ކޮށްފައެވެ. 

އޭނާ ބުނިގޮތުގައި އެ ރޯލް ވާނީ މިހާތަނަށް އެކްޓަރެއްގެ ގޮތުގައި ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖަށެވެ. އެގޮތުން ކޮމޮލިކާގެ ރޯލް ކުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ބުންޏެވެ. އެ ރޯލު ހުށައެޅި ހިސާބުން މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ދެކުނު ކަމަށާއި، އަދި އެކަމާ ވަރަށް އުފާކުރާ ކަމަށްވެސް އިންޓަވިއުގައި އާމްނާ ވަނީ ބުނެފައެވެ.

“ކަހީ ތޯ ހޯގާ” އިން މަޝްހޫރުވި އާމްނާ، ބޮލީވުޑްގެ ބައެއް ފިލްމު ތަކުގައި މަސައްކަތް ކޮށްފައި ވާއިރު އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޖާންވީ ކަޕޫރުގެ ބިރުވެރި ކޮމެޑީ ‘ރޫހީ އަފްޒާ’ ގެ ރޯލަކުން ވެސް އާމްނާ ފެންނާނެއެވެ. އާމްނާ މަސައްކަތް ކޮށްފައިވާ ބޮލީވުޑްގެ ފިލްމް ތަކަށް ބަލާލާއިރު އާއޯ ވިޝް ކަރޯ (2009)، އަލޫ ޗާޓް (2009) އަދި އޭކް ވިލަން (2014) ހިމެނެ އެވެ.

‘ކަސޯޓީ’ ގެ އާ ސީޒަންގައި ކުރިން ކޮމަލިކާގެ ރޯލް ކުޅުނީ ހީނާ ޚާނެވެ. ނަމަވެސް ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން އޭނާ ވަނީ އެ ރޯލް ދޫކޮށްލާފަ އެވެ.

އާމްނާ ‘ކަސޯޓީ’ އަށް ސޮއިކުރިތާ މާ ގިނަ އިރެއް ނުވެ އެކްތާ ކުރި ޓްވީޓެއްގައި މާ ލަސްތަކެއް ނުވެ އާ ކޮލަމިކާ ދައްކައިލާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ސިލްސިލާގެ މުހިއްމު ރޯލްތަކަށް ބަލާލާއިރު ޕްރޭނާގެ ރޯލް އެރިކާ ކުޅޭއިރު އަނޫރާގް އަދި ބަޖާޖުގެ ރޯލް ކުޅެނީ ޕާތު އަދި ކަރަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.