ފަހި އެތައް ކަމަކާއެކު ދިވެހި ބަސްފޮތުގެ އައު އެންޑްރޮއިޑް އެޕް ދިވެހިބަހުގެ އެކެޑަމީން އާއްމުކޮށްފިއެވެ. މި އެޕް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑްކޮށްލެވެން އެބަހުއްޓެވެ.

ދިވެހިބަހުގެ އެކެޑަމީން މިއަދު ބުނީ ދިވެހި ބަސްފޮތް އެންޑްރޮއިޑު އެޕުގެ އައު އިސްދާރު މިހާރު އަޅައިލެވޭނެ ކަމަށެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ދިވެހި ބަސްފޮތުގެ ‘އައި އޯއެސް’ ވާޝަންވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

އަލަށް ނެރެފައިވާ ބަސްފޮތުގައި ގިނަ އައު ފީޗާތަކެއް ހިމަނާފައިވެއެވެ. އެގޮތުން ދިވެހިބަހުގައި ބޭނުންކޮށް އުޅޭ އަދަބީބަސްތައް ވެސް ވަރަށް ފަހިގޮތަކަށް ބަލައިލެވެން ހުރިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަލަށް ހަދާފައިވާ ލަފުޒުތަކާއި މީގެ ކުރިން ބަސްފޮތުގައި ހިމަނާފައިނުވާ ލަފުޒުތައްވެސް މިފަހަރުގެ ވާޝަންގައި ހިމަނާފައިވެއެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ބޭނުންކޮށް އުޅޭ ލަފުޒުތަކުގެ ތެރެއިން މީގެ ކުރިން ހިމަނާފައިނުވާ ލަފުޒުތައް ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.

އައު ބަސްފޮތުގައި ފަހި ފީޗާތަކެއް ހިމަނާފައިވޭ

ދާދިފަހުން މުނިއަވަސްގައި ޖެހި ލިޔުމެއްގައިވާ ‘ގެންގެރެން’ އަދި ‘ގެންގެރަން’ މި ދެ ލަފުޒުފަދަ އެތައް ލަފުޒެއް ވެސް އައު ވާޝަންގައި ހިމަނާފައިވެއެވެ.

ދިވެހި ބަސްފޮތުގެ އައު ވާޝަން އެއް ނެރުމަކީ ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެއްކަން ފާހަގަކޮށްލެވެއެވެ.

އަލަށް ނެރުނު ބަސްފޮތް، އެންޑްރޮއިޑްގެ ބައެއް ފޯނުތަކަށް އަޅަން މަސައްކަތްކުރުމުން ‘ކޮމްޕެޓިބަލް’ ނޫންކަމަށް އެޕް އަރާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އެންޑްރޮއިޑް ބައެއް ފޯނުތަކަށް “ދިވެހި ބަސްފޮތް” ކޮމްޕެޓިބަލްއެއް ނޫން

“އަޅުގަނޑު ތިން ފޯނަށް އެޕް އެޅޭތޯ މަސައްކަތްކޮށްފިން. އަރަނީ ކޮމްޕެޓިބަލް ނޫންކަމަށް. ކޮމްޕެޓިބަލް ނޫންކަމަށް އަރާ އެޕް އަޅަން ބޭނުންކުރާ ހުރިހައި ގޮތަކަށްވެސް މަސައްކަތް ކޮށްފިން. ކާމިޔާބެއް ނުވި.” އައު ބަސްފޮތް އެޅުމަށް މަސައްކަތްކުރި މީހަކު މުނިއަވަސް އަށް ބުންޏެވެ.

ދިވެހި ބަސްފޮތުގެ އައު އެންޑްރޮއިޑް އެޕް މި ލިންކުން އަޅައިލެވޭނެއެވެ. އެޕް އެޅުމަށް ޝަރުތުހަމަވަނީ އެންޑްރޮއިޑް 4.1 އަށްވުރެން މަތީގެ ވާޝަންތައް ކަމަށް އެޕްގެ އިތުރު މަޢުލޫމާތު ބައިގައި ހިމަނާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.