ސްކޫލް މަދަރުސާތަކުގެ ކުދިން ގޭގައި ހަދަން ހަވާލުކުރާ މަސައްކަތުން ނުވަތަ ‘ހޯމްވޯރކުން’ އެއްވެސް ދިރާސީ ފައިދާއެއް ނުކުރާއިރު، ހޯމްވޯރކް ހަވާލުކުރަނީ ކީއްވެގެންތޯ ވިދާޅުވެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިއަސްޓަރ ޢާއިޝަތު ޢާޠިޔާ ނަޞީރު ސުވާލު އުފައްދަވައިފިއެވެ.

ޢާތިޔާ މި ސުވާލު އުފެއްދެވީ ‘ސެލޮން ޑޮޓް ކޮމް’ގައި ޝާޢިއުކޮށްފައިވާ ލިޔުމެއް ޓްވިޓަރުގައި ހިއްސާކުރައްވަމުންނެވެ. “ހޯމްވޯރކް އިޒް ރެކިންގ އަވަރ ކިޑްސް: ދަ ރިސާރޗް އިޒް ކްލިއަރ، ލެޓްސް ބޭން އެލިމެންޓަރީ ހޯމްވޯރކް” (ގޭގައި ހަދަން ހަވާލުކުރާ މަސައްކަތުގެ ސަބަބުން އަހަރެމެންގެ ދަރިން ހަލާކުކޮށްލަނީ: ދިރާސާތައް ސާފު، އެލިމެންޓަރީ ނުވަތަ އަސާސީ ކުދިންނަށް ހޯމްވޯކް ދިނުން މަނާކުރަމާ)، މި ލިޔުން ހިއްސާކުރައްވަމުން ޢާތިޔާ އިތުރަށް ވިދާޅުވީ ސްކޫލްގައި ހޭދަކުރާ ވަގުތު ނިމުމަށްފަހު، ދެން އޮންނަ ވަގުތުތުތައް މާބޮޑަށް މޭވަވެތިކޮށް ބޭނުންކުރެވިދާނެ ގޮތްތަކަކަށް ބަދަލުކޮށްލެވިދާނެ ކަމަށާއި، އެގޮތުން ފޮތްކިޔުން، ކުޅުން ފަދަ ކަންތައްތަކަށް ހޭދަކޮށްލެވިދާނެ ކަމަށެވެ.

ޢާތިޔާ އާއި ސަޢީދު ކުރެއްވި ޓްވީޓްގެ އިސްކިރީނު ޝޮޓެއް

ޢާތިޔާ ކުރައްވާފައިވާ ޕޯސްޓަށް ރައްދު ދެއްވަމުން ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ގަހާ ސަޢީދު ވިދާޅުވެފައިވަނީ “ދަރިވަރުންނާއި ބެލެނިވެރިންނަށް ‘ދިރިއުޅުނަ ދޭށޭ'” މިހެންނެވެ. ސަޢީދު އިތުރަށް ވިދާޅުވީ “ސްކޫލް މަސައްކަތް ނުވަތަ ކުލާސް މަސައްކަތަކީ ގޭގައިހަދާ މަސައްކަތަށް ވެގެން ނުވާނެ” ކަމަށާއި “އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަކީ މިފަދަ ‘ހިތާމަ’ތަކާއި ދުރަށް ދިއުމަށް ކޮށައިލެވޭ މަގެއް” ކަމަށެވެ.

އެއްވެސް ޝައްކެއް ނެތެވެ. ތަޖުރިބާކާރު މާހިރުން ކުރައްވާފައިވާ ދިރާސާތައް ހެކިދެނީ ހޯމްވޯކް ގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންނަށް އެންމެ އެދެވޭ ފައިދާތަކެއް ނުކުރާކަމެވެ. އޭގެ ބަދަލުގައި ދަރިވަރުން، ގެއަށް އައުމަށްފަހު، ގޭގައި ހަދަން ހަވާލުކޮށްފައި ހުންނަ މަސައްކަތްތައް ކުރުމާއި ފިލާވަޅުތައް މުޠާލިޔާ ކުރުމަށް ވަގުތުތައް ހޭދަކުރަން ޖެހުމުން ރޭގަނޑު ނިދަންވާއިރަށް ކިރިޔާ މަސައްކަތް ނިންމައިލެވޭވަރު ވަނީކަން މިއީ އަޅުގަނޑުމެންނަށް ފެންނަ ހަޤީޤަތެކެވެ. މިކަންކަމުގައި ބެލެނިވެރިޔާވެސް މަސްޢޫލުވެ އުޅެން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ދަރިންނާއި އެކުގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މިހާރު މި އޮންނަނީ ވަގުތެއް ނުވެފައެވެ.

ކަން އޮތްގޮތް ވަރަށް ސާފެވެ. ތަޢުލީމީ ވުޒާރާގެ ބޭފުޅުންނަށް މިކަންކަން އަދި މާބޮޑަށް ސާފުވާނެއެވެ. އެހެންކަމުން މި ދިވެހިރާއްޖޭގެ ތަޢުލީމީ އޮނިގަނޑުގެ ތެރެއަށް މިފަދަ އިންޤިލާބީ ބަދަލެއް ގެންނަން އަދިވެސް ނުވަނީތޯއެވެ؟ ހެލްމެޓް އަޅައިގެން ދުއްވަން މަޖުބޫރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު ނެންގެވިފަދަ ހަރުދަނާ ފިޔަވަޅެއް އަޅުއްވަން ތަޢުލީމީ ވަޒީރަށް ކެރިވަޑައިނުގަންނަވާންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީތޯއެވެ. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ޅަ ދަރީންގެ ވާހަކައެވެ. ޒުވާން ޖީލެއް ބިނާކުރުމަށް އަޅާ ބިންގާ ވަރުގަދަކުރާ ވާހަކައެވެ.

ސްޓޭޓް މިނިސްޓަރ ޢާތިޔާގެ ވާހަކަފުޅަށް ދެބަސްވެވޭކަށް ނެތެވެ. ޢާއިޝަތު ޢާޠިޔާ ނަޞީރު މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން ނެވެ. ތަޢުލީމީ ދާއިރާގައި ޢާތިޔާއަކީ ތަޖުރިބާކާރު ބޭފުޅެކެވެ.

ޢާތިޔާގެ ވާހަކަފުޅެކޭ އެއްގޮތަށް ސަޢީދުގެ ވާހަކަފުޅަކީ ވެސް އާދައިގެ ވާހަކަފުޅެއްކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. ހޯމްވޯރކް ދިނުން ރާއްޖޭގެ ސްކޫލުތަކުގައި މަނާކުރުމަކީ މިހާރުން މިހާރަށްވެސް ކުރާން ވެއްޖެ ކަމެއް ނޫންތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.